މާލީ ސުލޫކިއްޔާތާ (ބިހޭވިއަރަލް ފައިނޭންސް) ބެހޭ ލިޔުންތެރިޔާ މޯގަން ހައުސެލް އޭނާގެ 2023 ގެ ފޮތް "ސޭމް އޭޒް އެވަރ" ގައި ފާހަގަކުރައްވާ ގޮތުގައި، ޓެކްނޮލޮޖީއާއި މުއައްސަސާތަކާއި އިޤްތިޞާދުތަކަށް ބަދަލު އައި ނަމަވެސް، އިންސާނީ ސުލޫކާއި އެ މީހުން ކަންކަން ކުރުމަށް ދަހިވެތިވާ މަޤްޞަދުތަކަކަށް ބަދަލެއް ނާދެއެވެ. އެ ފޮތުގެ ‘އެންމެ މޮޅު ވާހަކަ ކާމިޔާބުވާނެ’ މި ބާބުގައި ބުނެދެނީ، ހިސާބުތަކާއި ތަފާސްހިސާބުތަކަށް ވުރެ، މީހުންގެ ހިތްދަމައިގަންނަ ފަދަ ވާހަކައެއް ހުށަހެޅުމުން މީހުން ޤަބޫލުކުރުވުމުގައި މާ ކާމިޔާބު ކަމަށެވެ. މީހުން ތަބާވަނީ ހިސާބު އަކުރުތަކަކަށް ނޫނެވެ؛ އެ މީހުން ތަބާވަނީ ދައްކާ ވާހަކައަށެވެ.
ދިވެހިރާއްޖޭގައި މި ތަކުރާރުވަނީ ކުރިންވެސް އިވިފައިވާ ވާހަކައެކެވެ. 1880 ގެ އަހަރުތަކުގައި، ސިޔާސީ ވާދަވެރިކަމާއި، ބޭރުގެ ވިޔަފާރިއާއި، ތަނަވަސްކަމުގެ ފޮނި އުންމީދުތައް ވެރިންގެ މެދުގައި އުފެދި، ވިސްނުމެއްނެތް ދަހިވެތި ނިންމުންތަކެއްގެ ސަބަބުން، ޤައުމުގެ ޚާރިޖީ ސިޔާސަތާއި ދިފާޢުގެ ބާރު ޤައުމަށް ގެއްލިގެން ދިޔައެވެ. 2026 ގައި މި ތިން ބާރު އަނެއްކާވެސް މިސްރާބު ޖަހާފައި މިވަނީ ހަމަ އެއް ދިމާލަކަށެވެ؛ އެއީ ރަސްމާލެއާ ދިމާލަށެވެ. މަންޒަރުގެ ބައިވެރިން އައު ވެދާނެއެވެ. ނަމަވެސް ޢަމަލުތައް ހުރީ ހަމަ އެއްގޮތަކަށެވެ.
ބޯރާ ވިޔަފާރިވެރިން ފެށިގެން އިނގިރޭސި ހިމާޔަތާ ހަމައަށް
ޢަބްދުލްޙަކީމް ޙުސައިން މަނިކު ‘އިއްޔެ’ (1997) ގައި ލިޔުއްވާފައިވާ ތާރީޚީ މަޢުލޫމާތުތަކަށް ބަލާއިރު، ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނު ބޯރާ ވިޔަފާރިވެރިން މާލޭގައި ވަޒަންވެރިވުމަށް ހިތްވަރު ދެއްވީ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގައި ހަތިޔާރެއްގެ ގޮތުގައެވެ. 1860 ގެ އަހަރުތަކުގައި ހުޅަނގު އިންޑިއާގެ ބޯރާ ވިޔަފާރިވެރިން މާލޭގައި ގުދަންތައް ހެދި ކަމަށާއި، އޭގެ ތެރެއިން އެކަކު ރަދުންގެ ޚަރަދުތައް ފައިނޭންސްކޮށްދީގެން ނުފޫޒުގަދަ މީހަކަށް ވެގެން ދިޔަކަން 1980 ގެ ވޯލްޑް ބޭންކުގެ ރިޕޯޓު ("ދަ އިކޮނޮމީ އޮފް ދަ މޯލްޑިވްސް: އެން އިންޓްރޮޑަކްޝަން") ގައި ވެސް ވަކިން ފާހަގަކޮށްފައިވެއެވެ.
ތާރީޚީ ލިޔުންތަކުން ދައްކާ ގޮތުގައި 1886 ވަނަ އަހަރާ ހިސާބަށް އައިއިރު، ގާލީ (ސްރީލަންކާ) ގެ ވިޔަފާރިވެރިން ހިންގާ ކުދި 10 ފިހާރައެއްގެ އިތުރުން ބޯރާއިންގެ ބޮޑު 7 ފިހާރަ ހުއްޓެވެ. ބޭރުގެ ވިޔަފާރިވެރިންނާއި ދިވެހިންނާ ދެމެދު ދެބަސްވުންތައް އިތުރުވެ "ބޮޑުހުޅު"ގެ ނުރައްކާ ކުރިމަތިވެ، އެތެރޭގެ ސިޔާސީ ވާދަވެރިކަމާއި އިނގިރޭސިންގެ އިސްތިރާޖީ މަސްލަހަތުތަކާ ގުޅި ލާމެހިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، 16 ޑިސެމްބަރު 1887 ގައި ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށަށް ގޮސް، ޤައުމުގެ ޚާރިޖީ ކަންކަމާއި ދިފާޢީ ބާރު އެމީހުންގެ އަތްމައްޗަށް ދޫކޮށްލަން ޖެހުނެވެ.
މި ޙިމާޔަތް މެދުވެރިވީ ހަމައެކަނި ބޯރާ ވިޔަފާރިވެރިންގެ ސަބަބަކުން ނޫނެވެ؛ މި ގެއްލުން ދިނީ އަޅުގަނޑުމެންގެ އަމިއްލަ ވެރިންނެވެ: އެތެރޭގެ ސިޔާސީ ވާދަވެރި އަރާރުމުގެ ތެރެއަށް ބޭރުގެ ވިޔަފާރީގެ ނުފޫޒު ވެއްދީއެވެ. ދައުލަތުގެ ޚަރަދުތައް ބޭރުގެ ފައިސާއަށް ބަރޯސާކުރީއެވެ. އަދި ވިޔަފާރީގެ ދެބަސްވުމެއް ސިޔާސީ ކާރިސާއަކަށް ބަދަލުވާން ފުރުޞަތު ދިނީއެވެ. ބޭރުގެ ބާރުން ހަމައެކަނި ހިފީ އެމީހުންނަށް ލިބުނު ފުރުޞަތުގެ ބޭނުމެވެ.
ހަނގުރާމައާއި ބޮޑުތަދާއި ޤައުމީ ވިޔަފާރި އަލުން އަނބުރާ ހޯދުން
ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ބޮޑުތަދު ކުރިމަތިވިއެވެ. އޭރުވެސް ރާއްޖެއަށް މުދާ އެތެރެކުރުމާއި، މަސް ބޭރުކުރުމާއި، ބޭރުގެ ވިޔަފާރި ކޮންޓްރޯލް ކުރަމުން ދިޔައީ ބޯރާ ފިހާރަތަކުންނެވެ. ތާރީޚީ ލިޔުންތަކުގައިވާ ގޮތުން، ހިކިމަސް ހަންދަރަކަށް މަސްވެރިންނަށް ލިބެމުން ދިޔައީ އެންމެ ހައެއްކަ ނުވަތަ ހަތެއްކަ ރުފިޔާއެވެ.
މަސްވެރިންގެ އަތުން ސީދާ މަސް ގަތުމަށާއި އަސާސީ މުދާ އެތެރެކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 1942 ގެ ޑިސެމްބަރު މަހު މުޙައްމަދު އަމީން ދީދީ 'ދިވެހި ރައްޔިތުންގެ ބޮޑު ސްޓޯރު' އުފެއްދެވިއެވެ. ހަނގުރާމައިގެ ދުވަސްވަރުގެ އަމިއްލަ ބަޔާނުގައި އަމީން ދީދީ ވިދާޅުވެފައިވަނީ، މެދު ރާއްޖެތެރޭގައި މަސް ހަންދަރަކަށް ސަރުކާރުން ގާތްގަނޑަކަށް 25 ރުފިޔާ ދެއްވި ކަމަށެވެ. އެއީ ކުރިން މަސްވެރިންނަށް ލިބެމުން ދިޔަ މިންވަރަށް ވުރެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. އެ ތަފާތަކީ ބޭރު މީހުންނަށް ބަރޯސާވުމުގެ ގެއްލުމެވެ؛ އަދި އެ އަގު ދައްކަން ޖެހުނީ އެންމެ ނިކަމެތި ދިވެހި ރައްޔިތުންނަށެވެ.
ޢަބްދުލްޙަކީމް ޙުސައިން މަނިކު 'އިއްޔެ' ގައި ބަޔާންކޮށްފައިވާ ގޮތުގައި، އަމީން ދީދީގެ ‘ގިލް-އަމީން’ ވެންޗާއިން ދެ ބޯޓު ހޯދިއެވެ؛ އެއީ ސެލާ މާގްރެޓް އަދި މާގްރެޓް ރޯޒް އެވެ. 1953 ގައި އޭނާގެ ވެރިކަން ވައްޓާލުމަށްފަހު، އައު ސަރުކާރުން ގިލް ދަޢުވާކުރި ދަރަނީގެ މައްސަލައިގައި ލަފާ ހޯދީ ބޯރާ ވިޔަފާރިވެރިންގެ ފަރާތުން ކަމަށް ވެއެވެ. އަދި ބޯރާއިން ލަފާ ދިން ގޮތަށް އެ ދެ ބޯޓު ގިލްއާ ހަވާލުކުރިއެވެ. ދައުލަތަށް ލަފާ ދިން މީހުން ބޭނުންވީ ދިވެހިންގެ އަމިއްލަ މިނިވަން ދަތުރުފަތުރުގެ ވިޔަފާރި ފެއިލް ކޮށްލުމަށެވެ؛ އެއީ އެމީހުންގެ ވިޔަފާރީގެ ފައިދާއަށްޓަކައެވެ.
1957 ގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އިބްރާހިމް ނާޞިރު ވަނީ ދައުލަތުގެ ވިޔަފާރި ފުޅާކުރައްވައި، ޤައުމީ ޝިޕިންގ ލައިނެއް އުފައްދަވައި، ބޭރުގެ ވިޔަފާރިވެރިންނަށް ބަރޯސާވާ މިންވަރު މަޑުމަޑުން ކުޑަކުރައްވާފައެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން އަލުން ލިބުނީ 26 ޖުލައި 1965 ގައެވެ. 1978 ވަނަ އަހަރުގެ ނިޔަލަށް، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުން ޖުމްލަ 84،000 ގްރޮސް ރަޖިސްޓާޑް ޓަނުގެ 29 އުޅަނދު އޮޕަރޭޓްކުރަމުން ދިޔައެވެ. ބޭރުގެ ދަތުރުފަތުރަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ކްރެޑިޓް ވޯލްޑް ބޭންކުން ދިނީ މި ޤައުމީ ޝިޕިންގ ލައިނަށެވެ؛ އަދި އަސާސީ މުދަލުގެ ވިޔަފާރީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މުހިންމު ދައުރު ވެސް އެ ބޭންކުން ބަލައިގަތެވެ.
މިނިވަންކަމަކީ ހަމައެކަނި ވަޢުދުތަކަކުން ލިބުނު އެއްޗެއް ނޫނެވެ؛ އެއީ ދައުލަތުގެ ބާރު ހިނގާ މުއައްސަސާތައް މެދުވެރިކޮށް، ބޯޓަކަށް ފަހު ބޯޓެއް، ގުދަނަކަށް ފަހު ގުދަނެއް ހަދައިގެން ބިނާކުރި މިނިވަންކަމެކެވެ. އެންމެ ދަހިވެތި ނިންމުމަކުން ބީވެގެންދިޔަ މިނިވަންކަން އަލުން ހޯދައި، އިޤްތިޞާދީ ބާރު އަނބުރާ ޤާއިމުކުރަން 78 އަހަރު ނެގިއެވެ.
ރަސްމާލެ: މާލީ ދަތިކަމުގެ ތެރެއިން އައި އައު އިޤްތިޞާދީ އުންމީދެއް
2026ވަނަ އަހަރު ރާއްޖެ މިވަނީ މާލީ ގޮތުންނާއި ބޭރު ފައިސާގެ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި 2026 ގެ ޖޫން މަހު ގާތްގަނޑަކަށް 153 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ވޯލްޑް ބޭންކުގެ އަންދާސާތަކުން ދައްކަނީ އިޤްތިޞާދީ ދުވެލި މަޑުޖެހި، ތަކެތީގެ އަގު އުފުލުން ދެމިއޮންނާނެ ކަމަށެވެ. މިފަދަ ހާލަތެއްގައި އޮންނަ ސަރުކާރަކީ މަޝްވަރާގެ މޭޒުމަތީގައި ބާރު ދެރަ ފަރާތެކެވެ؛ އަދި އެ މޭޒު ދޮށަށް އަންނަ ކޮންމެ އިންވެސްޓަރަކަށް ވެސް އެކަން އެނގޭނެއެވެ. ޤައުމަކަށް ދިމާވާ މާލީ ދަތިކަމުގެ ވަގުތަކީ، ދިގު މުއްދަތުގެ ބޮޑެތި ލުއިތަކާއި އިމްތިޔާޒުތައް ހިމެނޭހެން ބިންބިމާއި ވަސީލަތްތައް އެންމެ އަގުހެޔޮކޮށް ހޯދޭނެ ވަގުތެވެ.
21 ސެޕްޓެމްބަރު 2026 ގައި، ދައުލަތުގެ ޚަރަދުގައި ހިއްކާފައިވާ ރަސްމާލޭގެ ގާތްގަނޑަކަށް 500 ހެކްޓަރުގެ ބިމާ ގުޅޭގޮތުން ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ވިޔަފާރީގެ ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރިއެވެ. މި ހުށަހެޅުމުގައި 99 އަހަރަށް ކުއްޔަށް ދިނުމާއި، އެ ހައްގު އެހެން ފަރާތްތަކަށް ބަދަލުކުރުމާއި ވާރުތަވާ ގޮތަށް ދިނުން ހިމެނެއެވެ. އިޢުލާނުކޮށްފައިވާ ތަރައްޤީގެ އަގު އުޅެނީ 12 ބިލިއަން ޑޮލަރާއި 20 ބިލިއަން ޑޮލަރާ ދެމެދުގައެވެ. މިއިން އެއްވެސް އަދަދަކީ ކަށަވަރުވެފައިވާ ފައިނޭންސިންގެއް ނޫނެވެ. އަދި އެއީ ދިވެހި ދައުލަތަށް ލިބޭ އާމްދަނީއެއް ވެސް ނޫނެވެ. މިއީ އެންމެ މޮޅު ވާހަކައިގެ މަޅިއެވެ؛ ބަހުސް ފެށުމުގެ ކުރިން ބަހުސް ހުއްޓުވާލުމަށްޓަކައި ދައްކާ ބޮޑު އަދަދެކެވެ.
ސަރުކާރުން ބުނަނީ ބިމުގެ މިލްކުވެރިކަން އޮންނާނީ ދައުލަތަށް ކަމަށެވެ. ނަމަވެސް، ވިއްކައި ވާރުތަވާ ގޮތަށް 99 އަހަރަށް ދޫކުރެވޭ ބިމެއް ދައުލަތަށް މިލްކުވުމަކީ ހަމައެކަނި ނަމެއްގައެވެ. ކަރުދާހުގައި އޮންނަ މިލްކުވެރިކަމަކުން، ކުރިއަށް އޮތް ތިން ޖީލަށް އެތަނުގެ ވިޔަފާރީގެ ކޮންޓްރޯލް ކުރާނީ ކާކުކަމެއް، މިލްކުވެރިކަމުގެ ހައްގު ލިބޭނީ ކޮން ބަޔަކަށް ކަމެއް، ޑިވެލޮޕަރު ޚަރަދުކުރަންޖެހެނީ ހަގީގަތުގައި ކޮން އެއްޗެއް ކަމެއް، ނުވަތަ މި މަޝްރޫޢު ފެއިލްވެއްޖެނަމަ ދައުލަތުން ދައްކަންޖެހޭ ބަދަލަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ.
ޖުލައި 2025 ގައި، ހެންލީ އެންޑް ޕާޓްނާސްއާ ގުޅިގެން އިންވެސްޓްމަންޓް ރެސިޑެންސީ ޕްރޮގްރާމެއް ސަރުކާރުން އިޢުލާނުކުރިއެވެ. އެ ކުންފުނީގެ 2024 ގެ އަމިއްލަ ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރު އެ ފަރމުން އިސްރާއީލުގައި އޮފީހެއް ހުޅުވިފަހުން، އިސްރާއީލު މީހުންގެ އިންވެސްޓްމަންޓް ހިޖުރައާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުވި މިންވަރު ވަނީ %232 އިތުރުވެފައެވެ. ޖުލައި 2025 ގައި ހެންލީން ވަނީ އިސްރާއީލުގެ ޕީ.އާރ. ނިއުސްވަޔަރ މެދުވެރިކޮށް ރާއްޖޭގެ މި ޕްރޮގްރާމް އިޝްތިހާރުކޮށް، ރާއްޖެއިން ލިބޭނެ ލަގްޒަރީ ގެދޮރާއި ދިގު މުއްދަތުގެ ރެސިޑެންސީ ފާހަގަކޮށްފައެވެ. ޑިސެމްބަރު 2025 ގައި، އެ ކުންފުނީގެ ޗެއާމަން ކްރިސްޓިއަން ކެލިން އިސްރާއީލުގެ މީޑިއާއަށް ވިދާޅުވީ އިސްރާއީލު މީހުން ރާއްޖެއިން ގެދޮރު ގަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަމާޒުކުރާ އިންވެސްޓަރުންގެ މާކެޓު ވަރަށް ސާފެވެ. ދެ ޤައުމުގެ ރައްޔިތުކަން އޮތުމުގެ ސަބަބުން ނުވަތަ ކޯޕަރޭޓް މިލްކުވެރިކަމުގެ ތެރެއިން، ދިވެހިރާއްޖޭގެ އިމިގްރޭޝަން ހިފެހެއްޓުންތަކުން ރެކިގަތުން ހުއްޓުވާނެ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ރައްޔިތުންނަކަށް ފެންނާކަށް ނެތެވެ.
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރަކީ އިސްރާއީލުގެ ސިޔާސީ އަދި ވިޔަފާރީގެ ފަރާތްތަކާ ގުޅުން އޮންނަކަން ލިޔެކިޔުންތަކުން އެނގެން އޮތް ބޭފުޅެކެވެ. ފެބްރުއަރީ 2005 ގައި، ޣައްޒާގައި ވަޒަންވެރިވެގެން އުޅުނު އިސްރާއީލު މީހުން ދޫކޮށްދިޔަ ގެދޮރާއި މުދާ ގަތުމާ ބެހޭގޮތުން އޭނާ ވަނީ ބޮޑުވަޒީރު އާރިއަލް ޝެރޯން އަދި ޝިމޯން ޕެރޭޒްއާ ބައްދަލުކުރައްވާފައެވެ. ޔޫއޭއީ އާއި އިސްރާއީލާ ދެމެދު ގުޅުން ޤާއިމުކުރުމަށްފަހު، ޑިސެމްބަރު 2020 ގައި އޭނާ ވަނީ އިސްރާއީލާއި އެމިރޭޓްސްގެ މެދުގައި އިޖުތިމާޢީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފާޅުގައި ވަކާލާތު ކުރައްވާފައެވެ.
ލަފާކުރެވޭ ނަތީޖާތައް
ދިވެހިރާއްޖެއަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އިސްލާމީ ދައުލަތެކެވެ؛ އަދި ފަލަސްޠީނުގެ ޙައްޤުގައި ސާބިތުވެ އޮތް، ދީނީ، ޘަޤާފީ އަދި ސިޔާސީ ގޮތުން ފުން އަޤީދާތަކެއް ގެންގުޅޭ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމެކެވެ. ރާއްޖޭގެ ޤާނޫނުން އިޒްރޭލް ރައްޔިތުން އެތެރެވުން މަނާކުރަން ކަނޑައަޅާފައި އޮތް ނަމަވެސް، ދެ ޤައުމުގެ ރައްޔިތުކަން އޮންނަ މީހުން ހިމެނޭހެން، ބޭރުގެ މުއްސަނދި މަހުޖަނުންގެ ފަންތިއެއް ވެރިރަށުގެ ބުޑުގައި ވަޒަންވެރިކުރުވުމަކީ ހަމައެކަނި ވަކިފަރާތަކަށް ނުޖެހޭ އާދައިގެ ވިޔަފާރީގެ ނިންމުމެއް ނޫނެވެ. އެއީ ފިތުނައާއި ކޯޅުމުގެ އޮށް އިންދުމެވެ.
ފުރަތަމަ ނަތީޖާ ލަފާކުރަން ވަރަށް ފަސޭހައެވެ: ދީނާއި، ޘަޤާފީ އާދަކާދަތަކާއި، މުދަލުގެ މިލްކުވެރިކަމާއި، އިމިގްރޭޝަންގެ ޙާލަތާ ގުޅޭގޮތުން ދިވެހިންނާއި ބޭރުގެ ވަޒަންވެރިންނާ ދެމެދު އުފެދޭ މައްސަލަތަކެވެ. ދެވަނަ ކަމަކީ ފުރަތަމަ ކަމުގެ ސަބަބުން އުފަންވާނެ ނަތީޖާއެވެ: ޢާންމުންގެ ހިތްހަމަނުޖެހުންތައް ބޮޑުވެ ކުރިމަތިލުންތަކަކަށް ބަދަލުވެ، ބޭރުގެ ވަޒަންވެރިންގެ ރައްކާތެރިކަމަށާއި މުދަލަށް ނުރައްކާ ކުރިމަތިވުމެވެ. ތިންވަނަ ކަމަކީ ތާރީޚު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް އިންޒާރުދޭ ކަންތަކެވެ: ރާއްޖޭގެ ފަސްގަނޑުގައި ތިބި އެމީހުންގެ ރައްޔިތުންނާއި، އިންވެސްޓްމަންޓްތަކާއި، އިސްތިރާޖީ މަސްލަހަތުތައް ޙިމާޔަތްކުރުމަކީ އެމީހުންގެ ވާޖިބެއް ކަމަށް ބުނެ ބޭރުގެ ސަރުކާރުތަކުން ކުރާނެ ދަޢުވާތަކާއި އަޅަންފަށާނެ ފިޔަވަޅުތަކެވެ.
މިއީ ހަމަ ސީދާ 1880 ގެ އަހަރުތަކުގައި ކަން ހިނގައިދިޔަ މަގެވެ. ބޭރުގެ ވިޔަފާރިވެރިން ހިމެނޭ ދެބަސްވުންތައް އެތެރޭގެ ސިޔާސީ ކަންކަމާއި ބޮޑު ބާރެއްގެ މަސްލަހަތާ ގުޅި، މަދު މަސްކޮޅެއްގެ ތެރޭގައި ރާއްޖެ ޙިމާޔަތުގެ ދަށަށް ދިޔައެވެ. މިއަދުގެ ހާލަތު ތަފާތެވެ؛ އަދި ބޭރުގެ އަސްކަރީ ނުފޫޒެއް ފޯރުވުމަކީ އިޢުލާނުކޮށްފައިވާ ނިޔަތެއް ނޫނެވެ. އަދި އެއީ ކޮންމެހެން ވާނެ ގޮތެއް ވެސް ނޫނެވެ. ނަމަވެސް އެއީ އެއްކޮށް ނުވާނެ ކަމެކޭ ވެސް ބުނެވޭކަށް ނެތެވެ. އަދި އޭގެ ސަބަބުން ކުރިމަތިވާނެ ސީދާ ނަތީޖާތައް މިހާރުވެސް މިދަނީ ފެންނަމުންނެވެ: ބައިނަލްއަޤްވާމީ އާބިޓްރޭޝަން މައްސަލަތަކާއި، ކުރިއަށް އަންނަން އޮތް ކޮންމެ ސަރުކާރަކަށް ކުރިމަތިވާނެ ޚާރިޖީ ފިއްތުންތަކާއި، ރާއްޖެއިން އަމިއްލަ ފައިދާއަށް ފިޔަވަޅު އަޅަން ބިރުގަންނަ މިންވަރަށް އިޤްތިޞާދު ކަސްތޮޅު އެޅުމެވެ. މިއިން އެއްވެސް ކަމަކަށް ހަނގުރާމަމަތީ ބޯޓެއް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހަމައެކަނި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.
ހަގީގީ ނުރައްކަލަކީ ކަރުދާހުގައި ހިއްކި ބިމުގެ މިލްކުވެރިކަން އޮތީ ކާކަށްތޯ ބެލުމެއް ނޫނެވެ. އެއީ މިހާރާއި ކުރިޔަށް އަންނަން އޮތް ސަރުކާރުތަކުގެ ނިންމުންތަކުން އުފެދިގެންދާނެފަދަ އިޤްތިޞާދީ އަދި ސިޔާސީ ބާރެއް، ބޭރުގެ ދިގު މުއްދަތުގެ ވިޔަފާރި މަސްލަހަތުތަކެއް ބީވެ ހިނގައިދާނެތޯ އުފެދޭ ސުވާލެވެ. 99 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްލަން ނަގާނީ އެންމެ ހިނދުކޮޅެކެވެ. ނަމަވެސް އެކަން ބާތިލުކުރަން މި ޤަރުނުގެ ބާކީ އޮތް ބައި ހޭދަވެދާނެއެވެ؛ އަދި މިކަމުގެ ތަކުލީފު އުފުލަންޖެހޭ އަންނަން އޮތް ޖީލުތަކަކާ މިކަމުގައި ދުވަހަކުވެސް މަޝްވަރާއެއް ނުކުރެވޭނެއެވެ.
އޭރުވެސް އަދި މިހާރުވެސް: ހަމަ އެއް ޢަމަލުތަކެއް
1886 އާއި 2026 އަޅާކިޔާލުމުން ބަދަލުވަނީ ހަމައެކަނި ނަންތަކެވެ.
އޭރު، މާލޭގެ ވާދަވެރި ސިޔާސީ ފެކްޝަންތަކުން އެއްބަޔަކު އަނެއްބަޔަކަށް ވުރެ ކުރިހޯދުމަށް ބޭރުގެ ވިޔަފާރިވެރިން ރާއްޖެ ވެއްދިއެވެ. މިހާރު، މާލީ ގޮތުންނާއި އިންތިޚާބީ ގޮތުން ޕްރެޝަރު އޮތް ސަރުކާރަކުން، އޭގެ ހިސާބުތަކާއި ނޫސްތަކުގެ ފަލަސުރުޚީތައް ސަލާމަތްކުރުމަށް ބޭރުގެ ޑިވެލޮޕަރަކު ގެންނަނީއެވެ.
އޭރު، ބޯރާ ވިޔަފާރިވެރިއަކު ރަދުންގެ ޚަރަދުތައް ފައިނޭންސްކޮށް، ދަރަންޏަކީ ނުފޫޒު ފޯރުވާ ބާރަކަށް ހެދިއެވެ. މިހާރު، 150 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ދަރަންޏެއް އޮތް ދައުލަތަކުން، ދަރަނި ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ބަދަލުގައި، އެ ނިކަމެތި ހާލަތުގައި ތިބެ އިސްތިރާޖީ ވަސީލަތްތައް ދޫކުރުމުގެ މަޝްވަރާ ކުރަނީއެވެ.
އޭރު، އަމިއްލަ ވިޔަފާރީގެ މަސްލަހަތު އޮތް ބިދޭސީ ވިޔަފާރިވެރިން ސަރުކާރަށް ލަފާދީގެން ދިވެހިންގެ އުޅަނދުތައް ހަވާލުކުރިއެވެ. މިހާރު، ރެސިޑެންސީ ވިއްކައިގެން ފައިދާ ހޯދާ ބޭރުގެ ވިޔަފާރިއަކުން މި ޕްރޮގްރާމް އިޝްތިހާރުކޮށް، ޒަޔަނިސްޓުންނާއި ގުޅުންތައް އޮތް ޑިވެލޮޕަރަކު މި މުޢާމަލާތް ބައްޓަންކުރަނީއެވެ. ސަރުކާރަށް ލަފާދޭ ބިދޭސީމީހާއާއި މީގެ މަންފާ ލިބޭ ބިދޭސީ ފަރާތަކީ އަނެއްކާވެސް އެއް ބައެކެވެ.
އޭރު، ވަޒަންވެރިވި ބޭރުގެ ރަށްވެހިންނާއި ދިވެހިންގެ ދެބަސްވުންތައް، ދުނިޔޭގެ ބާރުގަދަ އިސްތިޢުމާރީ ޤައުމެއްގެ ކަމަކަށް ބަދަލުވިއެވެ. މިހާރު، އަޅުގަނޑުމެންނާ އަދާވާތްތެރި ބަޔަކާ ގުޅުންހުރި ބޭރުގެ މަހުޖަނުންތަކަކާ އެކު އާބާދުކުރުމުގެ ނާޒުކު ވިޔަފާރި ފެށުމުން، އަޅުގަނޑުމެންގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ހަމަ އެފަދަ ޖާގައެއް އެ ފަރާތްތަކާ ގުޅުންހުރި ބޭރުގެ ސަރުކާރުތަކަށް ލިބިގެންދާނެއެވެ.
އޭރު، އެއްބަސްވުމުގެ ތަފްސީލުތައް ރައްޔިތުންނަކަށް ނުފެނެއެވެ. ޤައުމު އަލުން އަމިއްލަ ފައިމައްޗަށް ތެދުވަން 78 އަހަރު އިންތިޒާރު ކުރަންޖެހުނުއިރު، މަސްވެރިންނަށް ލިބުނީ ޙައްޤު މިންވަރުގެ ހަތަރުބައިކުޅަ އެއްބައެވެ. މިހާރު، އެއްބަސްވުންތައް އަނެއްކާވެސް ވަނީ ސިއްރުކުރެވިފައެވެ؛ އަދި މީގެ އަގު ދައްކަން ޖެހޭނީ ދުވަހަކުވެސް އެމީހުންގެ ޚިޔާލެއް ނުހޯދާ ތިބި މުސްތަޤްބަލުގެ ޖީލުތަކެވެ.
އަޅުގަނޑުމެން ޤަބޫލުކުރަން މި އެދެނީ ކޮން ކަމެއް ހެއްޔެވެ؟
މިއީ މުސްތަޤްބަލުގެ ޖީލުތަކަކާ ގުޅިފައިވާ ބޮޑު މަޝްރޫޢެއް ނަމަވެސް، އޭގެ ފައިނޭންސިންގ، ބިމުގެ އަގު، މާލީ މަންފާ، އިންވެސްޓަރުންގެ މިލްކުވެރިކަން، ރެސިޑެންސީގެ ޝަރުޠުތައް، ޑިވެލޮޕަރުގެ ޒިންމާތައް ނުވަތަ މައްސަލަތައް ޙައްލުކުރާނެ އުސޫލުތައް ވަޒަންކުރާނެ މަޢުލޫމާތެއް ނެތި، އަދި ބިން ހިއްކުމަށް މިހާތަނަށް ހޭދަކުރި ރައްޔިތުންގެ ފައިސާގެ އެއްވެސް ހިސާބުކިތާބެއް ނެތި މި މަޝްރޫޢު ބަލައިގަތުމަށް އަޅުގަނޑުމެންގެ ކިބައިން މިދަނީ އެދެމުންނެވެ.
20 ބިލިއަން ޑޮލަރުގެ އިޢުލާނަކީ ދައުލަތަށް ލިބޭ 20 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނޫނެވެ. 99 އަހަރަށް ވާރުތަވާ ގޮތަށް ދޭ މިލްކުވެރިކަމުގެ ޙައްޤަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫނެވެ. އަދި ވަޒީފާތަކާއި ތަނަވަސްކަމާ ބެހޭގޮތުން ދައްކާ ފޮނި ވާހަކައަކީ ދިވެހިންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭ ޤާނޫނީ ބާރުހުރި އެއްބަސްވުމެއްގެ ބަދަލުގައި ފުދޭނެ އެއްޗެއް ނޫނެވެ.
މި ލިޔުން ފެށުމުގައި ފާހަގަކުރި ފޮތުގައި ހައުސެލް ދެއްވާ ފިލާވަޅަކީ މީހުން ދުވަހަކުވެސް ބަދަލުނުވާ ކަމެވެ. 1880ގެ އަހަރުތަކުގައި ޤައުމުގެ މިނިވަންކަން ގަސްތުގައި ދޫކޮށްލަން ނުކުތް އެކަކުވެސް ނެތެވެ. އެ ވެރިންގެ ކޮންމެ މީހަކުވެސް އުޅުނީ ކުރު މުއްދަތުގެ މަންފާއެއްގެ ފަހަތުންނެވެ. ފަސޭހަ ވާހަކައެއް ޤަބޫލުކޮށްލައިގެން، ހުށަހެޅެމުންދިޔަ ނުރައްކަލަށް ލޯމަރާލީއެވެ. އެ ގެއްލުން ލިބުނީ ކުއްލިއަކަށެވެ؛ އެކަމުން އަރައިގަންނަން ޖީލުތަކެއް ނެގިއެވެ.
ހަމަ އެ އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައެވެ. 2026 ގެ ދިވެހިރާއްޖެއަކީ 1887 ގެ ދިވެހިރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރިންވެސް ނުކުތް ގޮތަށެވެ.








