28 ފެބްރުއަރީ 2026 ގެ ފަހުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 38 އިންސައްތައަށްވުރެ މައްޗަށް އުފުލުނެވެ. ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރަށް ކުރިމަތިވި ދަތިތަކާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދިން އިސްލާހީ ފިޔަވަޅުތައް އެޅުމަށް ފަސްޖެހުމުގެ ސަބަބުން، އިމްޕޯޓާއި އެކްސްޕޯޓާ ދެމެދު އޮތް ބޭރު ފައިސާގެ ފަރަގު އޮތީ ކުރިންވެސް ބޮޑުވެފައެވެ. އަދި ބޭރު ފައިސާ މާރުކުރާ ރޭޓްތައްވެސް މައްޗަށް ދިޔައެވެ. މިހާލަތުގައި، ދައުލަތުގައި ބޭނުންކުރެވޭ ގޮތަށް ހުރި ބޭރު ފައިސާގެ ރިޒާވް އެއް މަސްދުވަހުގެ އިމްޕޯޓަށްވުރެ ދަށަށް ވެއްޓުނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ އެންމެހާ ރަށްތަކާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކުގެ އިންޖީނުގެތަކާއި ދަތުރުފަތުރުގެ ނިޒާމު މުޅިންހެން ބަރޯސާވެފައިވަނީ އެތެރެކުރާ ޑީސަލާއި ޕެޓްރޯލަށެވެ. 2024 އަދި 2025 ގައި ތެޔޮ އެތެރެކުރުމަށް މަހަކު އެވްރެޖްކޮށް 64 މިލިއަން ޑޮލަރު ހަރަދުވަމުންދިޔަ ނަމަވެސް، ހަމަނުޖެހުންތައް ފެށުނު ފަހުން ތެލުގެ ހަރަދަށް މަހަކު ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިތުރުވެ، މެއި 2026 އާ ހަމައަށް ދިޔައިރު މަހަކު 116 މިލިއަން ޑޮލަރަށް ވަނީ އުފުލިފައެވެ. އެހެންކަމުން، ދައުލަތުގެ މާލީ ނިޒާމު ހަމަމަގަށް އަޅުވައި ހަރަދު ކުޑަކުރެވިފައި ނެތް ނަމަވެސް، އިގްތިސާދީ މަސައްކަތް ދެމިއޮތުމަށް ތެޔޮ ގަތުމަކީ ކޮންމެހެން ކުރަންޖެހުނު ކަމެކެވެ.
ތެލުގެ އަގު އުފުލުނު މިންވަރަށް އިތުރަށް ފައިސާ ދައްކަންޖެހޭ ހިނދު، އެތެރޭގެ އުފެއްދުންތެރިކަމުން ލިބޭ ބޭރު ފައިސާއިން އެ އަގު ހަމަޖެއްސޭނެ ވިސްނުމެއް ގެނެވިފައި ނެތުމުން، ތެޔޮ އެތެރެކުރުމަށް ފައިސާ ދެއްކުމަށްޓަކައި ސަރުކާރުން 90 މިލިއަން އެމެރިކާ ޑޮލަރު ހަމަކުރީ ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން (އޭޑީބީ) 50 މިލިއަން ޑޮލަރުންނެވެ. މިގޮތުން އޭޑީބީގެ ފައިސާއަކީ އަލަށް ނެގި ދަރަންޏެއް ކަމަށް ވީނަމަވެސް، ވޯލްޑް ބޭންކުގެ ފައިސާއަކީ މިހާރުވެސް ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުން އުނިކޮށްގެން ނެގި ފައިސާއެވެ.
ތެލުގެ ކުއްލި އެހީއަށް ވޯލްޑް ބޭންކުން ދިން ފައިސާ "މޯލްޑިވްސް އިމަޖެންސީ ސަޕޯޓް ފޯ ކްރިޓިކަލް ސާވިސަސް ޕްރޮޖެކްޓް" ނުވަތަ އެމް-ފިޔުލް އަށް 40 މިލިއަން ޑޮލަރު ވޯލްޑް ބޭންކުން ފާސްކޮށްދިނީ 4 މެއި 2026 ގައެވެ. އެ މަޝްރޫއުގެ ޕްރޮޖެކްޓް އިންފޮމޭޝަން ޑޮކިއުމަންޓް ގައި ބަޔާންކޮށްފައިވާ ގޮތުގައި، ޖުމްލަ 40 މިލިއަން ޑޮލަރު ދޫކުރުމަށް ފާސްކުރަނީ އައިޑީއޭ ގެ ތިން މަޝްރޫއަކުން ހަރަދުނުކޮށް ބާކީ ހުރި ފައިސާ އަލުން ކަނޑައެޅުމަށްފަހު ބަދަލުކުރި ފައިސާއިންނެވެ. ނަމަވެސް، އެ ލިޔުމުގައި އާންމުކުރި ތަފްސީލުތަކުގައި އޮތީ "ސެއިލްސް" މަޝްރޫއުން 20.70 މިލިއަން ޑޮލަރާއި، "ކޮމްޕެޓިޓިވްނަސް އެންޑް ގްރޯތް" ޕްރޮޖެކްޓުން 13.20 މިލިއަން ޑޮލަރު އަދި "އާބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއަންސް" ޕްރޮޖެކްޓުން 1.76 މިލިއަން ޑޮލަރު ޖުމްލަ 35.66 މިލިއަން ޑޮލަރާއި ވަކި ޕްރޮޖެކްޓެއް ބަޔާންކޮށްފައިނެތް 4.34 މިލިޔަން ޑޮލަރު ހިމަނައިގެން 40 މިލިޔަން ޑޮލަރު ކަމަށެވެ. ވޯލްޑް ބޭންކުގެ އައިޕީއެފް ސިޔާސަތުގެ ދަށުން މިކަމަށް ޖާގަ ލިބެއެވެ. އެ ސިޔާސަތުގެ 12 ވަނަ ޕެރެގްރާފްގެ ދަށުން، ކުއްލި ހާލަތްތަކުގައި އަވަސް އިޖުރާއަތުތައް ބޭނުންކޮށްގެން، ހިނގަމުންދާ މަޝްރޫއުތަކަށް ބަދަލު ގެނެސްގެން ފައިސާ ހަމަޖެއްސުމުގެ އިހްތިޔާރު ބޭންކަށް ލިބިގެންވެއެވެ.
މި 40 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓް އަކީ އައިޑީއޭ ކްރެޑިޓަކަށް ވާތީ، މި ހުރިހާ ފައިސާއަކީވެސް ހިލޭ އެހީއެއް ނޫނެވެ؛ މިއީ އަނބުރާ ދައްކަންޖެހޭ ލޯނެކެވެ.
ފައިސާ އުނިކުރި ތިން މަޝްރޫއު:
- ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސާވިސަސް މި މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް، މުވައްޒަފުންނާއި ވަޒީފާދޭ ފަރާތްތަކުން ފައިސާ ހިއްސާކޮށްގެން ހިންގާ، ވަޒީފާ ގެއްލޭ ހާލަތްތަކުގައި ރައްކާތެރިކަން ދޭ އިންޝުއަރެންސް ސްކީމަކާއި، ވަޒީފާއާ ބެހޭ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ގާއިމުކުރުމެވެ. 26 ސެޕްޓެމްބަރު 2022 ގައި ފަށައި، 30 ޖޫން 2027 ގައި ނިންމުމަށް ކަނޑައެޅި މި މަޝްރޫއުގެ އަސްލު ބަޖެޓަކީ 24 މިލިއަން ޑޮލަރެވެ. މި ބަޖެޓުން ތެލުގެ އަގު ދެއްކުމަށް 20.70 މިލިއަން ޑޮލަރު އުނިކުރުމުން ބާކީ އޮތީ ގާތްގަނޑަކަށް 3 މިލިއަން ޑޮލަރެވެ. މި މަޝްރޫއުގެ ކުރިއެރުން ހުރީ އެދެވޭ މިންވަރަށްވުރެ ދަށުގައި ކަމަށް އޮކްޓޯބަރު 2025 ގައި ވޯލްޑް ބޭންކުން ކަނޑައަޅާފައިވާއިރު، މި ބަދަލާއެކު ވަޒީފާ ގެއްލޭ މީހުންނަށް ދޭ އިންޝުއަރެންސް ސްކީމް ވަނީ އުވާލާފައެވެ. އަދި މީހުން ތަމްރީނުކުރުމުގެ އަމާޒު 1000 އިން 300 މީހުންނަށް ވަނީ ދަށްކޮށްފައެވެ.
- މޯލްޑިވްސް ކޮމްޕެޓިޓިވްނަސް އެންޑް ގްރޯތް ޕްރޮޖެކްޓް މި މަޝްރޫއުގެ މަގުސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވާދަވެރިކުރުމެވެ. ސަރުކާރު ކުންފުނިތައް ހިންގުމުގެ ނިޒާމު އިސްލާހުކުރުމަކީ، އަހަރުން އަހަރަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދުތަކާއި، ގެރެންޓީތަކާއި، ކުންފުނިތައް ސަލާމަތްކުރުމަށް ދޭ ފައިސާ ކުޑަވެގެންދާނެ ކަމެކެވެ. މެއި 2023 ގައި ފެށި މި މަޝްރޫއު އަދިވެސް ދަނީ ހިނގަމުންކަމަށް ރިކޯޑުތަކުން ދައްކައެވެ. މި މަޝްރޫއަށް ކަނޑައަޅާފައިވާ 15 މިލިއަން ޔޫއެސް ޑޮލަރުގެ ބަޖެޓުން 13.20 މިލިއަން ޑޮލަރު (%88) ވަނީ ތެޔޮ ގަތުމަށް ބަދަލުކޮށްފައެވެ. މި މަޝްރޫއު ކުރިއަށްގޮސްފައިވާ މިންވަރު ދައްކުވައިދޭ ރޭޓިންގއެއް ނުވަތަ އޮޑިޓެއް އާންމުކޮށް ފެންނާކަށް ނެތެވެ.
- މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއަންސް ޕްރޮޖެކްޓް މި މަޝްރޫއު މެއި 2020 ގައި ފެށިއިރު ބަޖެޓަކީ 16.50 މިލިއަން ޑޮލަރެވެ. އަދި މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ހޮވާލެވޭ ސިޓީތަކުގައި ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއާއި އާބަން ޕްލޭނިންގ ހަރުދަނާކުރުމެވެ. މި މަގުސަދުގައި އޮތީ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށް ވީނަމަވެސް، މި ސަރުކާރުން 9 ޑިސެމްބަރު 2024 ގައި މަގުސަދު އިސްލާހުކޮށްފައިވަނީ، ހަމައެކަނި ޕްލޭނިންގ މަރުހަލާއަށް ކުޑަކޮށް، ކާރިސާތަކަށް ހަރުދަނާ ގޮތެއްގައި އިޖާބަދިނުމަށް ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށާއި އާބަން ޕްލޭނިންގ ހަރުދަނާކުރުމަށެވެ. މަގުސަދުތަކަށް ގެނެވުނު ބަދަލާއެކު އިދާރާތަކުގެ މެދުގައި ކޯޑިނޭޝަން ދަށްވުމުގެ ސަބަބުން، މީގެ ކުރިންވެސް 9.85 މިލިއަން ޑޮލަރު (%60) ކެންސަލްކޮށްފައިވާކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. ކެންސަލްކުރި ބައިތަކުގެ ތެރޭގައި ފެން ހިންދާ ނިޒާމާއި، ނަރުދަމާ ސާފުކުރާ ނިޒާމާއި، އަލިފާން ނިއްވުމުގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން އެންޑީއެމްއޭ ގެ އައު އިމާރާތް އެޅުންވެސް ވަނީ ގެއްލިފައެވެ. މި މަޝްރޫއުގެ ބާކީ ހުރި ފައިސާއިން 1.76 މިލިއަން ޑޮލަރު ތެޔޮ ގަތުމަށް ވަނީ ބަދަލުކޮށްފައެވެ.
އޭޑީބީ ލޯނާއި އޭޑީބީން މިހާރު ހިންގާ މަޝްރޫއުތައް
އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓްގެ ދަށުން އޭޑީބީން 50 މިލިއަން ޑޮލަރު ފާސްކޮށްދީ، ސަރުކާރުން ވަނީ އެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ވޯލްޑް ބޭންކުގެ ޕެކޭޖާ ހިލާފަށް، މި ފައިސާއަކީ އޭޑީބީން މިހާރު ހިންގާ މަޝްރޫއުތަކުން އުނިކުރި ފައިސާއެއް ކަމަކަށް ނުބެލެވެއެވެ. އޭޑީބީގެ ޕްރޮޖެކްޓް ޑޭޓާ ޝީޓުގައިވާ ގޮތުން މިއީ "ކޮންސެޝަނަލް އޯޑިނަރީ ކެޕިޓަލް ރިސޯސަސް" ގެ ދަށުން ދޫކުރާ ލޯނެކެވެ. ހަކަތައާއި ކާބޯތަކެތީގެ އަގު އުފުލުމުގެ ލޮޅުންތައް ހިމެނޭގޮތަށް ޖުލައި 2026 ގައި އޭޑީބީގެ ކުއްލި އެހީގެ ލޯނު ދޫކުރުމުގެ އުސޫލުތަކަށް ގެނައި ބަދަލުގެ ދަށުން މިކަމަށް ހުއްދަ ލިބެއެވެ.
ރާއްޖޭގައި އޭޑީބީން މިހާރު ހިންގަމުންދާ މަޝްރޫއުތައް އޮތީ ވަރަށް ދަތި ހާލަތެއްގައެވެ. 2025 ވަނަ އަހަރު ނިމުނުއިރު، އޭޑީބީގެ 8 ލޯނަކާއި އޭޝިއަން ޑިވެލޮޕްމަންޓް ފަންޑުގެ 17 ހިލޭ އެހީގެ މަޝްރޫއުގެ ޖުމްލަ އަގު 277.3 މިލިއަން ޑޮލަރަށް އަރައެވެ. ނަމަވެސް ފައިސާ ދޫކުރެވިފައިވާ ނިސްބަތް ހުރީ އެންމެ 11.9 އިންސައްތައިގައެވެ. މީގެ މައިގަނޑު ސަބަބުތަކަކީ ސަރުކާރުން ދައްކަންޖެހޭ ކައުންޓަރޕާޓް ފައިސާ ލިބުން ލަސްވުމާއި، ޕްރޮކިއުމަންޓް މައްސަލަތަކާއި، އިދާރީ ގާބިލުކަން ކުޑަވުމެވެ. މިހާރު ހިނގަމުންދާ މައިގަނޑު މަޝްރޫއުތަކުގެ ތެރޭގައި ގްރޭޓަރ މާލެ ވޭސްޓް-ޓު-އެނާޖީ ޕްރޮޖެކްޓް (ޖުމްލަ 171.6 މިލިއަން ޑޮލަރު، އޭޑީބީން 73.9 މިލިއަން ޑޮލަރު) އާއި، ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އަދި ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް ހިމެނެއެވެ. މި މަޝްރޫއުތައް އަވަހަށް ތަންފީޒުކުރެވުނު ނަމަ، މިހާރުގެ ހާލަތުގެ އަސްލު ސަބަބު ކަމަށްވާ ޑީސަލަށް ބަރޯސާވުން ކުޑަކުރެވުނީހެވެ.
ލޯނެއް ހެއްޔެވެ ނުވަތަ ހިލޭ އެހީއެއް ހެއްޔެވެ؟
ތެޔޮގަތުމަށް ނެގި މި ދެ ޕެކޭޖަކީވެސް ލޯނެވެ. ވޯލްޑް ބޭންކުގެ ފައިސާއަކީ އައިޑީއޭ ކްރެޑިޓެކެވެ. އޭޑީބީގެ ފައިސާއަކީ ކޮންސެޝަނަލް ލޯނެކެވެ. އެހެންކަމުން މި ދެ ބައިވެސް އަނބުރާ ދައްކަންޖެހޭނެއެވެ. ދަރަނީގެ ނުރައްކާ ބޮޑު ގައުމަކަށް ވާތީ، ރާއްޖެއަކީ އޭޑީއެފް ހިލޭ އެހީއަށް ޝަރުތު ހަމަވާ ގައުމެކެވެ. އެހެންނަމަވެސް، މި ކުއްލި އެހީގެ ފައިސާ ރާއްޖެއިން ނަގާފައިވަނީ ދަރަނީގެ ގޮތުގައެވެ.
ނިންމުން
މި 90 މިލިއަން ޑޮލަރުން ގަނެވެނީ އެއް މަސްދުވަހަށްވެސް ނުވާހާ މަދު ތެލެވެ. މިއީ މުޅިންވެސް ދަރަންޏެވެ. މި ފައިސާ ހޯދުމަށްޓަކައި ގައުމުން ދޫކޮށްލަންޖެހުނީ މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ނިޒާމާއި، ސަރުކާރު ކުންފުނިތައް އިސްލާހުކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމުގެ މަޝްރޫއުތަކެވެ. މިއީ ކުއްލި ހާލަތްތަކުގައި ދަރަނި ނަގަންޖެހޭ މިންވަރު ކުޑަކޮށްދޭނެ އަސާސީ އިސްލާހުތަކެވެ. އާންމު ބޭނުންތަކަށް ހަރަދުކުރުމަށް ދަރަނި ނަގައިގެންނާއި، އެކަން ކުރުމަށްޓަކައި ގައުމުގެ އިސްލާހީ މަޝްރޫއުތައް ކެންސަލްކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ދިވެހިރާއްޖެއެއް ބިނައެއް ނުކުރެވޭނެއެވެ.








