ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކަމަށް ބުނެ ހިއްކަމުންދާ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުން ހުއްޓުވުމުގައި އިންޑިއާ އާއި ޓޫރިޒަމް ދާއިރާގައި ހިމެނޭ ބޭފުޅުންގެ އަތެއްވާ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ވިއްކާލުގެ ފުރަތަމަ އެއްބަސްވުމުގައި ސެޕްޓެމްބަރު 21، ގައި ސޮއިކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި ބައެއް ދީނީ އިލްމުވެރިންނާއެކު ސެޕްޓެމްބަރު މަހު ފަހުކޮޅު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ވަނީ ލީކްވެފަ އެވެ. ލީކްވި އޯޑިއޯތައް ސައްހަކަމަށް އިތުބާރު ކުރެވޭ މަސްދަރުތަކުން ކަށަވަރު ކުރެވިފައިވެ އެވެ.
އެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރަސްމާލެ ޑީލާ ޓޫރިޒަމް އިންޑަސްޓްރީން ދެކޮޅު ހަދަނީ އެ އިންޑަސްޓްރީއަށް ބަރޯސާވުން ކުޑަވާނެތީ ކަމަށެވެ.
"މިކަމުގައި [ރަސްމާލެ ޑީލާ ދެކޮޅަށް] އުޅެނީ ދެ ބަޔަކުން. އެއީ އިންޑިއާ ސަރުކާރު އެއްބައި. އަނެއް ބަޔަކީ ޓޫރިޒަމް އިންޑަސްޓްރީ. ޓޫރިޒަމް އިންޑަސްޓްރީން މި ގަބޫލުކުރަނީ އެ މީހުންނަށް ބަރޯސާވުން ކުޑަވާނެއޭ،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އިންޑިއާއަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު ފަސްކުރަން ސަރުކާރުން އެދުމުން އެކަން ނުކޮށްދިން ކަމަށާއި އޭގެ ސަބަބުން ސަރުކާރުން އެ ފައިސާ ދައްކަން ޖެހުނު ކަމަށެވެ. ނިމިދިޔަ ކައުންސިލް އިންތިހާބަށް ބޯމަތިވެފައި އޮއްވާ އިންޑިއާއަށް ދައްކަން އޮތް 500 މިލިއަން ޑޮލަރު ދައްކަން މަޖުބޫރުކުރިކަމަށް ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން ދައްކަންޖެހޭ ދަރަނިތައް ދެއްކުމާއެކު ކުރިއަށް އޮތް ދެ އަހަރު އިންޑިއާއަށް ދެން ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އިންޑިއާއަށް ފަހުން ދައްކަން އޮތް ދަރަނިތައް އެބަހުރި ކަމަށާއި އެ ދަރަނިތަކުން ސަލާމަތްވާން ޖެހޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެގެން ފުރަތަމަ އަހަރު ތެރޭގައި 50 މިލިއަން ޑޮލަރު ދަައްކަން ޖެހުމުން، އެ ދަރަނި ރޯލްއޯވާ ކުރަން އެދުމުން ޖަވާބެއް ނުދީ އެންމެ ފަހު ދުވަހާ ޖެހެންދެން ތިބި ތިބުމުން ވަރަށް ލަދުގަތް ކަމަށާއި އޭގެއިން ދޭހަކޮށްދިނީ ރާއްޖެ އިންްޑިއާ ކައިރީ ކުޑަވެފައި އޮތް މިންވަރު ކަމަށެވެ.
"އަޅުގަނޑުމެން ޑީފޯލްޓްވުމުގެ ތުންފަތްމަތީގައި ތިބީ. އަޅުގަނޑުމެންނަށް އިންޑިއާ ސަރުކާރުން ހަމަ އެއްވެސް ޖަވާބެއް ނުދީ ތިބީ އެންމެ ފަހު ދުވަހާ ހަމައަށް އެނގޭތޯ. އަޅުގަނޑުމެން ދައުލަތެއްގެ ހައިސިއްޔަތުން، ދައުލަތުގެ ވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެެން ކުޑަވި މިންވަރު. އަޅުގަނޑުމެން އާދޭސް މިކުރަނީ ކާކު ކައިރީގައި،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އާދޭސް މިކުރަނީ މިތާގައި ހުންނަ އިންޑިއާ އެމްބެސެޑަރު ކައިރީގައި. އަޅުގަނޑުމެން އާދޭސް މިކުރަނީ މިތާގައި ހުރި ކުޑަކުޑަ ބޭންކެއްގެ އެމްޕްލޮޔަރެއް ކައިރީގައި. އަޅުގަނޑުމެން މިއީ ދައުލަތުގެ ވެރިން. އަޅުގަނޑު ނެތިން ޑީޓެއިލްސްއަށް ދާކަށް. އެންމެ 50 މިލިއަން ޑޮލަރަކަށްޓަކާ އަޅުގަނޑުމެން ކުޑަވި މިންވަރު މިއީ."
ލީކުވި އޯޑިއޯގައި ނާޒިމް ވަނީ އިންޑިއާއަށް ފާޑުވިދާޅުވެ ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ރަސްމާލެ އިންވެސްޓްމަންޓް ކާމިޔާބު ވެއްޖެނަމަ އިންޑިޔާގެ ދަރަނިން އެއްކޮށް ސަލާމަތްވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ކަމަށެވެ.
ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސްއަށް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ.
ރަސްމާލޭގެ އެއްބައި އީގަލް ހިލްސްއަށް ދޫކޮށްލާތީ އާއި އެ ކުންފުނީގެ ވެރިޔާ އަލައްބާރު އަކީ އިޒްރޭލްގެ އެކުވެރިއެއް އަދި މަދަދުވެރިއަކަށް ވުމުން ދީނީ އިލްމުވެރިންނާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ފުރުސަތު ހުޅުވިގެންދާތީވެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، މި މަޝްރޫއުއާ ދެކޮޅަށް މަސައްކަތްކުރާ "ގައުމީ ހަރަކާތުން" އަދި އިދިކޮޅު އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.







