މާލޭގެ ބާޒާރުގައި ކެރެޓްގެ އަގު އުފުލުނު ވާހަކަ ނޫހެއްގައި ޖެހުމާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތެޅިފޮޅިގަތެވެ. އެ ވާހަކަ ދޮގުކުރުމަށްޓަކައި ބާޒާރުގައި ކެރެޓް ކިލޯއެއް 30ރ. އަށް އަދި 40ރ. އަށް ހުރިކަން ދެއްކުމަށްޓަކައި ސަރުކާރާ އެއްކީލި އެޑިޓޯރިއަލް ޕޮލިސީއެއް ގެންގުޅޭ ނޫސްތަކުން އެސްޓީއޯ ސުޕަމާޓަށް ގޮސް، ބާޒާރުގައި އެއްވެސް މައްސަލައެއް ނެތްކަމުގެ މެސެޖު ދޭން މަސައްކަތްކުރި އެވެ.
މިއީ ބޭކާރު ތަމްސީލެކެވެ. ނޫސް ލިޔާ މީހުންނާއި ނޫސް ކިޔާ މީހުންނަށް ވެސް މުދަލުގެ އަގު އުފުލިފައިވާކަން އެނގެ އެވެ. މައިގަނޑު ސަބަބަކީ ޑޮލަރު ތަދުވެ އަގުބޮޑުވުމެވެ. ނަތީޖާއަކީ ފިހާރައިގައި ހުރި ކޮންމެ އެއްޗެއްގެ އަގު އުފުލުމެވެ. ސައީދު ކެރެޓްގެ އަގު ތިރިކުރައްވަން ބޭނުންވާނަމަ، ހަގީގަތުގައި ތިރިކުރަންވީ ޑޮލަރުގެ އަގެވެ.
މި މައްސަލައިގެ ބޮޑުމިން އެނގިވަޑައިނުގަންނަވާ ކަމަށް ސައީދަށް ވިދާޅެއް ނުވެވޭނެ އެވެ. ޖަނަވަރީ 2024 ގައި ބޭއްވި "އަހާ" ފޯރަމްގައި ސައީދު ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަސްމީ ރޭޓުގައި ޑޮލަރު ނުލިބުން ކަމަށާއި، އެ އަހަރުގެ ތެރޭގައި އެކަން ހަމައަކަށް އަޅުވާނެ ކަމަށެވެ.
"ރަސްމީ މާކެޓުގައި 15.42ރ. އަށް ހުއްޓަސް ވަރަށް އެކްޓިވް ޑޮލަރު މާކެޓެއް އެބައޮތް. މި ހަގީގަތާ އެބަޖެހޭ ކުރިމަތިލާން. ރައީސްގެ މަސައްކަތުގައި ވަރަށް ޓާގެޓެޑް މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑު ޔަގީންކަން އަރުވަން މިއަހަރު ތެރޭގައި މި އެކްސްޗޭންޖު ރޭޓު ހަމަޔަކަށް އެޅުވުމުގެ މަސައްކަތް ކުރާނަން،" "އަހާ" ފޯރަމްގައި ސައީދު ވިދާޅުވި އެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ރައީސް މުހައްމަދު މުއިއްޒުގެ އަމުރަށް "ވަރަށް ހާއްސަ ފިޔަވަޅުތަކެއް" އަޅަން ފަށާފައިވާ ކަމުގެ ޔަގީންކަން ވެސް ސައީދު ދެއްވި އެވެ. އޭގެ ފަހުން ވައުދުތައް ދިޔައީ އިތުރަށް ވަރުގަދަވަމުންނެވެ. ދެތިން މަސް ތެރޭގައި ޑޮލަރުގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ސައީދު ވިދާޅުވި އެވެ. 2024 ގެ ކުރީކޮޅު ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކުޑަތަންކޮޅެއް ތިރިވެލުމާއެކު، އެއީ ރައީސްގެ ވިސްނުންތެރި ލީޑަޝިޕްގެ ނަތީޖާ ކަމަށް ވިދާޅުވެ އުފާ ފާޅުކުރެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ދެއްވީ ވަރަށް ސާދާ ފޯމިއުލާއެކެވެ؛ ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ދީފިނަމަ، ޑޮލަރުގެ އަގު ތިރިވާނެ ކަމަށެވެ.
ރައްޔިތުން ނުކުމެ ސަރުކާރަށް ސުޕާ މެޖޯރިޓީ ދިނެވެ. އެކަމަކު ޑޮލަރުގެ އަގަކަށް ހެޔޮ ބަދަލެއް ނަ އެވެ. ދެން ޑޮލަރުގެ އަގު މައްޗަށް ނާރާނޭ، ދާނީ ތިޔަށޭ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ފަހުން ވެސް ޑޮލަރުގެ އަގު ތިރިޔަށް ދިޔުމުގެ ބަދަލުގައި މައްޗަށް އަރަމުން އަރަމުން ގޮސް، މިހާރު ކަޅުބާޒާރުގައި ޑޮލަރެއް ލިބެނީ 24 ރުފިޔާ އަށް ކަމަށާއި އެއީ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.
ވައުދުވި ގޮތަށް ޑޮލަރުގެ އަގަށް ބަދަލެއް ނަޔަސް، ސައީދު ދައްކަވާ ބަހަނާތައް އައީ ބަދަލުކުރަމުންނެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ވެސް ޑޮލަރު ތިރިނުވީ ކީއްވެތޯ މާޗް މަހު ނޫސްވެރިން ސުވާލުކުރުމުން، ދެއްވާނެ ޖަވާބެއް އެނގިވަޑައެއް ނުގެންނެވި އެވެ. މެއި މަހު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމަކީ ވިޔަފާރިތައް ކުރިއަރާ ކަމުގެ ތަބީއީ ނިޝާނެއް ކަމަށެވެ. އަނެއްބައި ދުވަސްދުވަހު އެއީ ކުރީގެ ސަރުކާރުތަކުން ފައިސާ ޗާޕުކުރުމާއި ގެންގުޅުނު ސިޔާސަތުތަކުގެ ކުށެވެ.
އެއަށްފަހު އޮގަސްޓް މަހު އިވިގެންދިޔައީ އެންމެ އަޖައިބުކުރުވަނިވި ވާހަކަ އެވެ. ކަޅު ބާޒާރެއް އޮތް ކަމަށް އެއްބަސްވެވަޑައިގަތުމަށްފަހު ވިދާޅުވީ، ކޮންމެ ދުވަހަކު ޑޮލަރުގެ އަގު އުފުލެމުންދަނީ މީޑިއާގެ ފަލަ ސުރުހީތަކުގެ ސަބަބުން ކަމަށާއި، ނޫސްތަކުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަނީ ކަމަށެވެ.
އެކްސްޗޭންޖް ރޭޓް ކަނޑައަޅަނީ ނޫސްތަކަކުން ނޫނެވެ. ބޭންކުތަކުން ބޭނުންވާ މިންވަރަށް ޑޮލަރެއް ނުލިބެ އެވެ. ވިޔަފާރިވެރިން މަނީ އެކްސްޗޭންޖަރަށް ދިޔުމުން "ޑޮލަރެއް ނެތޭ" ނުވަތަ "ޑޮލަރެއް 22 ރުފިޔާއަށޭ، 23 ރުފިޔާއަށޭ" ބުނުމަކީ މީޑިއާއިން އުފައްދާ ހާސްކަމެއް ނޫނެވެ.
ޑޮލަރުގެ އަގު ބޮޑުވާކަން ސުރުހީތަކުގައި ލިޔުން މަނާކުރުމަށްޓަކައި ސަރުކާރުން އެޅީ ހަރުކަށި ފިޔަވަޅެކެވެ. ބޭރު ފައިސާއާބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، 15.42ރ. އަށްވުރެ މަތީ ރޭޓެއް އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރުން ބޮޑެތި ޖޫރިމަނާތަކާއެކު ވަނީ މަނާކޮށްފަ އެވެ. މިއީ ހަގީގަތް ފޮރުވުމަށާއި މުއިއްޒުގެ ދޯހަޅި ސިޔާސަތުން ގައުމަށް ލިބެމުންދާ ގެއްލުން ސިއްރުކުރުމަށް ގާނޫނު ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. ގާނޫނުއަސާސީ ނޫސްވެރިކަމުގެ ހައްގު ކަށަވަރުކޮށްދީފައިވާއިރު، އެކަމަށް ހުރަސްއެޅުމެވެ.
މި ހާލަތަށް ގައުމު ދަށަށް ދިޔައިރު، މި ސަރުކާރު ވެރިކަމަށް އައީ ފައިސާ ލިބޭނެކަމުގެ ފެހި ސިގްނަލްތަކާއެކު އެވެ. ނަމަވެސް ދައުރުގެ ބޮޑު ބައި ނިމުނުއިރު ވިޔަފާރިވެރިންނާއި އާންމުން ތިބެން މިޖެހުނީ ހާސްކަމުގައި ގޮތް ހުސްވާ ހިސާބުގަ އެވެ. އިމްޕޯޓަރުންނަށް ބޭނުންވާ ޑޮލަރުގެ ތެރެއިން ބޭންކުތަކުން ދޫކުރަނީ މަދު އެތިކޮޅެކެވެ. ބާކީ ބައި ހޯދަން ޖެހެނީ އިންތިހާއަށް އަގުބޮޑުކޮށް ކަޅު ބާޒާރުންނެވެ. އެއީ މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި މަނީލޯންޑާކުރުމެވެ. އެގޮތަށް ސަރުކާރުން ގަބޫލުކުރިޔަސް، ހަގީގަތަކީ އެންމެން މިއަދުވެސް ޑޮލަރު ހޯދަމުން އެދަނީ ބޮޑު އަގުގައި ކަޅު ބާޒާރުންނެވެ.
ޑޮލަރުގެ ތާށިކަމުގެ ސަބަބުން ދިރިއުޅުމުގެ މުހިއްމު ބޭނުންތަކަށް ކުދިކުދި މުއާމަލާތްތައް ވެސް ނުކުރެވެ އެވެ. ރުފިޔާ ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓް މަދުވުމުގެ ސަބަބުން، ބޭނުންވާ ސޮފްޓްވެއާއަކަށް ނުވަތަ އޮންލައިން ހިދުމަތަކަށް ފައިސާ ދެއްކޭނެ ގޮތެއް ނެތެވެ. ނިދި ނަގަލާފައި ހޭލައިގެން 7:01 ގައި ކާޑު ޖެހިޔަސް ގިނަ ފަހަރު ޑޮލަރެއް ނުކެނޑެ އެވެ.
ޑޮލަރުގެ ތަދުކަމާއި އަގުބޮޑުވުމުގެ ނަތީޖާގެ އެންމެ ފަހު މަންޒިލަކީ އާންމު ގޭބިސީތަކެވެ. ސަރުކާރުގެ އަމިއްލަ ތަފާސްހިސާބާބެހޭ އިދާރާ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މާލެ ސަރަހައްދުގައި ޒަރޫރީ ތަކެތީގެ އަގު ވަނީ ގާތްގަނޑަކަށް 10 ޕަސެންޓު އުފުލިފަ އެވެ. އަދި ބައެއް އުފެއްދުންތައް 50 ޕަސެންޓު ވެސް ބޮޑުވެފައި އެބަ ހުއްޓެވެ.
މި މައްސަލަ ހައްލުކުރުން ފަސޭހަ ކަމަކަށް ނުވަދާނެ އެވެ. ނަމަވެސް މިކަން ދިމާވި ސަބަބުތަކަށް ވިސްނާލަންޖެހެ އެވެ. މައިގަނޑު ސަބަބަކީ ދަރަނި ރިފައިނޭންސް ނުކުރެވުނުއިރު، ހަރަދު ވެސް ކުޑަކުރުމުގެ ނިޔަތެއް ވެސް ނެތުމެވެ. ބޭރު ފައިސާގެ ދަތިކަން ކުރިމަތިގައި އޮއްވައި ބަހައި ހުސްކޮށްލީ ޑޮލަރު ފޭދިގެންދާނެ ބޭކާރު މަޝްރޫއުތަކެވެ. އެ މަޝްރޫއުތަކުގެ ފަހަތުގައި އޮތީ ހިޔާނާތާއި ވައްކަން ކަމަށް ތުހުމަތު ކުރެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެހެންވެ، މިއަދު ކެރެޓުގެ އަގު ހެޔޮކުރިޔަސް ނުފުދެ އެވެ. އެއީ އަދި ދާއިމީ ހައްލެއް ވެސް ނޫނެވެ. ކެރެޓްގެ އަގު ހެޔޮވިއިރު، ހަރުގައި ހުރި އެހެން އެއްޗެހީގެ އަގުތައް އެ ހުރީ އިންތިހާއަށް އުފުލިފަ އެވެ.
ޑޮލަރުގެ އަގު ތިރިކުރުމުގެ ލަނޑުދަނޑި އެތައް ފަހަރަކު ކަނޑައެޅުއްވީ ސައީދެވެ. އެކަމަކު އެ ލަނޑުދަނޑިއަށް ވާސިލުނުވެވޭހާ ހިނދަކު، ކެރެޓްގެ އަގު ދާނީ އުފުލެމުންނެވެ. މިކަމަށް ބޭނުންވަނީ ތެދުވެރިކަމެވެ. ރައްޔިތުން ބޭނުންވަނީ އަނެއްކާވެސް "ދެތިން މަސް ތެރޭގައި ހައްލުވާނެ" ކަމަށް ބުނާ އާ މުއްދަތެއް ނޫނެވެ. އަދި ނޫސްތަކުގެ ބޮލުގައި އިލްޒާމް އެޅުވުމެއް ވެސް ނޫނެވެ.









