ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލި ނަމަވެސް އެ ތަނުގައި ކްރިސްމަސް ފާހަގަކުރުން މަނާވާނެ ކަމަށާއި، އެކަން އެއްބަސްވުމުގައި ސީދާ ބަޔާންކުރައްވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ވިއްކާލުގެ ފުރަތަމަ އެއްބަސްވުމުގައި ސެޕްޓެމްބަރު 21 ގައި ސޮއިކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި ބައެއް ދީނީ އިލްމުވެރިންނާއެކު ސެޕްޓެމްބަރު މަހު ފަހުކޮޅު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ވަނީ ލީކްވެފަ އެވެ. ލީކްވި އޯޑިއޯތައް ސައްހަކަމަށް އިތުބާރު ކުރެވޭ މަސްދަރުތަކުން ކަށަވަރު ކުރެވިފައިވެ އެވެ.
ދީނީ އިލްމުވެރިންނާއެކު ބޭއްވި އެ ބައްދަލުވުމުގައި މުއްތޮލިބު ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފަށް އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުމަކީ ފުރުސަތު ދެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމުގައި ސީދާ ހާއްސަ މާއްދާއެއް ހިމަނުއްވާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"މިތާނގަ ނުކުރެވޭނެ. އަޅުގަނޑުމެން ސީދާ ސްޕެސިފިކަލީ މާސްޓަރ ޑިވެލޮޕަރާ އެގްރީމެންޓުގައި ބުނެވޭނެ މިތަނުގައި އެހެން ދީންތަކުގެ އިވެންޓްތަކެއް ފާހަގަ ނުކުރަން. އެއީކީ، އެ އެއްޗެއްސަކީ ކުރެވޭ ކަންތައްތަކެއް ނޫން،" މުއްތޮލިބު ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނުގައިވާ ގޮތުގެ މަތިން އެހެން ދީންތަކުގެ ހަފްލާތައް ފާހަގަނުކުރެވޭނެ ކަން ބަޔާންކޮށް، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ކަމަކަށް ޖާގަ ނުދިނުމަށް ގާނޫނީ ގޮތުން ކަންކަން ތަރުތީބުކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލޭގައި ރަލެއް ނުބޮވޭނެ، އޫރުމަހެއް ނުކުވޭނެ، މުޅީންހެން އުޅޭނީ މުސްލިމުން: މުއިއްޒު
"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.
ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލި ނަމަވެސް އެތަނުގައި ރަލެއް ނުބޮވޭނެ ކަމަށާއި އޫރުމަސް ވެސް ނުކެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އަދި އެތަނަށް އަންނާނީ މުސްލިމުން ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، މުއްތޮލިބްގެ ވާހަކައިން އެހެން ދީންތަކުގެ މީހުން ވެސް ރަސްމާލެއަށް އަންނާނެކަން ފާހަގަ ކުރެވެ އެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.






