ޔޫއޭއީގެ އީގަލް ހިލްސްއަށް ދީގެން، ރަސްމާލޭގައި ކުރިއަށް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުންދާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޕްރޮޕާޓީތައް ގަނެ، އެ ތަނުގައި ވަޒަންވެރިވާ މީހުންނަށް ދޫކުރާނީ ވަކި މުއްދަތަކުން އައު ކުރަންޖެހޭ ހާއްސަ ވިސާއެއް ކަމަށް ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަަލުވުމެއްގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެ ބައްދަލުވުމުގެ އޯޑިއޯތައް ލީކުވެގެން އުޅޭއިރު، އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ރަސްމާލޭގައި ވަޒަންވެރިވާ މީހުންނަށް ދޫކުރާނީ މެލޭޝިޔާގެ މައި ސެކަންޑް ހޯމް ޕްރޮޖެކްޓުގެ ދަށުން ވެސް ދޫކުރާ ފަދަ ހާއްސަ ވިސާއެއް ކަމަށެވެ.
"[މެލޭޝިޔާގެ ޕްރޮގްރާމްގައި] އެ މީހުން އެ ބުނާ އަަދަދަކަށް އިންވެސްޓްކުރީމާ ނޫނީ އެ މީހުން ބުނާ އަދަދަކަށް ފައިސާ އެކައުންޓެއްގައި އެއް އަހަރުދުވަސް ވަންދެން ބެހެއްޓީމާ އެ މީހުން މި ދެނީ 10 އަހަރުދުވަހުގެ ވިސާއެއް އިނގޭތޯ؟ 10 އަހަރުދުވަހުގެ ވިސާއެއް، 10 އަހަރުދުވަސް ވަންދެން އެ ރިނިއުކުރާކަށް ނުޖެހޭނެޔޭ، 10 އަހަރުގެ ވިސާއެކޭ އެ އޮންނަންޖެހެނީ. 10 އަހަރު ވީމަ އަނެއްކާ ވެސް އެ އައު ކުރަން މިޖެހެނީ، އެ މީހުން އެ ބުނާ ޝަރުތުތައް ހަމަވާކަމަށް ވަނީނަމަ،" އުޝާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގެންނަންޏާ ވެސް ގެންނާނީ ހަމަ އެކަހަލަ ޕްރޮގްރާމެއް."
އުޝާމް ވިދާޅުވީ ރަސްމާލޭގައި ވަޒަންވެރިވާ މީހުންނަށް ހާއްސަ ވިސާއެއް ދޭން ސަރުކާރުން ވިސްނަނީ، ރާއްޖޭގައި އިންވެސްޓް ކުރުމުން ރެޒިޑެންސީ ވިސާ ލިބޭ ގޮތަށް ހެންލީ އެންޑް ޕާޓްނާސްއާ އެކު ކުރިއަށް ގެންދަން ނިންމާފައިވާ ޕާލް ރެޒިޑެންސީ ޕްރޮގްރާމްގެ ތެރެއަށް ވަންނަން އީގަލް ހިލްސްއިން ބޭނުން ނުވާތީ ކަމަށެވެ.
ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ ދަށުން މިހާރު ދެމުން އަންނަ ކޯޕަރޭޓު ރެސިޑެންސީ ވިސާ އިތުރަށް ފުޅާކޮށް އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ހިންގަން ހެންލީ އެންޑް ޕާޓްނާސްއާއެކު ދިވެހި ސަރުކާރުން ސޮއިކުރީ ޖުލައި 1، 2025 ގަ އެވެ. ނަމަވެސް، މިއަދާ ހަމައަށް އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ފާހެއް ނުކުރެ އެވެ.
"މީތި ނުނިމިގެން ވެސް މިއުޅެނީ މިކަމަކާ ހެދި، މި ޕާލް ވިސާ އެތި ނުނިމިގެން ވެސް މިއުޅެނީ މި ރަސްމާލޭގައި އިންވެސްޓުކުރަން މި އުޅޭ މީހުން އެއްގޮތަކަށް ވެސް އެއްބަހެއް ނުވޭ މި ހެންލީ އެންޑް ޕާޓްނާސް މީހުން ކުރަން މިއުޅޭ ކަމަކީ މިއީ ރަނގަޅުކަމެއް ކަމަކަށެއް،" އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ހެންލީ އެންޑް ޕާޓްނާސްއިން ބޭނުންވަނީ ރާއްޖޭގައި ހިންގާ ހުރިހާ ރެސިޑެންސީ ޕްރޮގްރާމްތަކެއް ވެސް އެމީހުން މެދުވެރިކޮށް ނޫނީ ނުހިންގޭ ގޮތަށް ހަދަން ކަމަށެވެ. އަދި، އެ ގޮތަށް ގާނޫނުގައި ލިޔެދޭން ވެސް އެ ކުންފުނިން އެދިފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
ނަމަވެސް، ރިއަލް އެސްޓޭޓުގެ ވިޔަފާރިކުރާ އެހެން ކުންފުނިތަކުން އެކަމަށް އެއްބަސްނުވާކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.
"ޕާލް ރެސިޑެންސް ވިސާގެ ދަށުންނެއް ނޫން ރަސްމާލޭގައި ރިއަލް އެސްޓޭޓުގެ ވިޔަފާރިކުރާ މީހުންނަށް އަޅުގަނޑުމެން ވިސާއެއް ދޭނީކީއެއް، އެ ދެން އަޅުގަނޑުމެން މި ގާނޫނު ހެދުމުގެ ޕްރޮސެސްގައި އުޅޭތީވެ އަދި، ވަކި ގޮތަކަށް ނުވެސް ނިންމިގެން މިއުޅެނީ،" އުޝާމް ވިދާޅުވި އެވެ.
"ޔަގީނުން ވެސް މި ހެންލީ އެންޑް ޕާޓްނާސްއިން މި ހަދާ ޕާލް ރެސިޑެންސްގެ ތެރެއަކަށް މި ނުވަންނާނެ."
ރާއްޖޭގެ އިމިގްރޭޝަން ގާނޫނަށް ވެސް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުޝާމް އެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަސްމާލޭގައި ވަޒަންވެރިވާ މީހުންނަށް ދޫކުރަން ވިސްނަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންސް ވިސާއެއް ކަމަށެވެ.







