އިހު އުޅުއްވި އިލްމުވެރިން ފިގުހު ފޮތްފޮތުގައި އަގީދާގެ ބާބާއި އަޅުކަމުގެ ބާބު ގެންނަވާ ފަދައިން އަދަބު އަހުލާގަށްވެސް ބާބެއް ހާއްސަކޮށްފައި އޮވެ އެވެ. އެބާބުގައި ހިމަނާފައި ހުންނަނީ އިސްލާމްދީނުގެ އަލީގައި ދިރިއުޅުމުގެ އާންމު އާދަކާދައާއި އުޅުންތެރިކަމުގައި ތަބާވާންޖެހޭ ރިވެތި ގޮތްތަކާއި ތަހުޒީބު ހަމަތަކެވެ. އެގޮތުން؛ ކެއިން ބުއިމުގެ އަދަބުތައް ފަދަ އަދި މަޖިލިސްކުރުމުގެ އަދަބުތަކާއި މަގުމަތީގެ އަދަބުތަކާއި މިބާވަތުގެ ދިރިއުޅުމުގެ ކަންކަމާ ގުޅޭ ރީތި ގޮތްތައް މިބާބުގައި ހިމަނާފައި ހުރެ އެވެ.
އަދަބު އަހުލާގާ ގުޅޭ މިބާވަތުގެ މުހިންމު ފޮތްފޮތް އިމާމް ޣަޒާލީ ފަދަ އިލްމުވެރިން ލިޔުއްވި ދުވަސްވަރު މަގުމަތީގައި ޓްރެފިކް ލައިޓެއް ނުހުރެ އެވެ. ގޭގެއަށް އަރާފައިބަން ލިފްޓެއް ނުހުރެ އެވެ. އެކަކު އަނެކަކަށް ގުޅާކަށް ފޯނެއް ނުހުރެ އެވެ. އެތަކެތި އެ ޒަމާނުގައި ހުރިނަމަ؛ ލިފްޓަށް ފޮޑިޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމާއި އެކަން ހަރާންކަމުގެ ދަލީލުތަކާއި ޓްރެފިކް ލައިޓަށް ތަބާވުމުގައި އެންމެ އައުލާވެގެންވަނީ ކޮން ގޮތަކަށްކަމާއި ރިންގު ހުސްވަންދެން އެއްފަހަރާ ތަކުރާރުކޮށް ގުޅުން ހުއްދަވާނީ ކޮން ހާލަތްތަކެއްގައިކަން ފަދަ ކަންކަމަށް އަލިއަޅުއްވާފައި ހުރީސްކަން އަޅުގަނޑަށް ހަމަގައިމެވެ.
ފޯނުކުރުމަކީ ތިމާ އަނެކާއަށް ގޮވާލާ ގޮވާލުމެކެވެ. އަނެކާއާ ބައްދަލުކުރުމަށް ތިމާ އަނެކާއަށް ދޭ ދައުވަތެކެވެ. އަނެކާގެ އިމުގެ ތެރެއަށް ވަނުމުގެ ހުއްދައަށް ތިމާ އެދޭ އެދުމެކެވެ. ފޯނު ކުރެވޭ މީހާ، ފޯނު ކުރާ މީހާގެ އެ ގޮވާލުން ނުވަތަ ދައުވަތު ގަބޫލުކުރުން ނުވަތަ އިޖާބަދިނުން އެއީ އެމީހާގެ ފުރިހަމަ އިހުތިޔާރާއި މިނިވަންކަމުގައި އޮތް ކަމެކެވެ. އެމީހާގެ ވަގުތުހުރި ގޮތުން ނުވަތަ ހާއްސަ ހާލަތެއް އޮތުމުގެ ސަބަބުން ނުވަތަ ވަކި ކަމެއްގައި ބުރަކޮށް އުޅެންޖެހުމުގެ ސަބަބުން ފޯނަށް އެވަގުތު ޖަވާބު ދެވެން ނެތިދާނެ އެވެ. ފޯނުކުރާ ފަރާތުގެ ވަގުތުތައް ހުސްކަމުން އޭނާ ކުރާނެ ކަމެއް ނެތީމާ ރިންގުހުސްވަންދެން ދިހަބާރަ ފަހަރަށް ގުޅުމަކީ އިސްލާމީ އަދަބުތަކާ ހަމަ އެއްގޮތަކަށް ވެސް ދިމާވާ ކަމެއް ނޫނެވެ. މިކަން ހިމެނެނީ އަނެކާގެ އަމިއްލަ އިމަށް ކުޑައިމީސްކުރުމުގެ ތެރޭގަ އެވެ.
މިކަމުގެ ދަލީލެއް ދޭހަކުރެވިދާނެ ކީރިތި ޤުރުއާނުގެ އެއް އާޔަތަކީ ގޭގެއަށް ވަނުމުގައި އަމަލުކުރުމަށް ނޫރުސޫރަތުގެ 28 ވަނަ އާޔަތުގައި އޮތް ބަސްފުޅެވެ. "ފަހެ، އެ ގެތަކުން ތިޔަބައިމީހުންނަށް އެކަކުވެސް ނުފެނުނުނަމަ، ތިޔަބައިމީހުންނަށް ހުއްދަ ދެވިއްޖައުމަށްދާނދެން އެ ގެތަކަށް ތިޔަބައިމީހުން ނުވަންނާށެވެ! އަދި ތިޔަބައިމީހުން އެނބުރި ހިނގައިދާށޭ ތިޔަބައިމީހުންނަށް ބުނެވިއްޖެނަމަ، ފަހެ، ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ! އެގޮތް ތިޔަބައިމީހުންނަށް ސާފުކަންބޮޑެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ." ރިންގުހުސްވަންދެން ދިހަ ބާރަ ފަހަރު ގުޅުމެކޭ ސަލާން ގޮވާލުމުން އިޖާބަ ނުލިބުނު ގެއެއްގެ ފުރާޅަށް އޮއްގާ އުކުމެކޭ އޮތީ ކޮން ތަފާތެއްތޯ އެވެ؟
އަނެކާގެ އަމިއްލައިމަށް ނުވަތަ ޕާރސަނަލް ސްޕޭސްއަށް އިހުތިރާމުކުރުމުގެ މުހިންމުކަން އިންސާނުންނަށް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ މިންވަރު ހާމަވާ އަނެއް އާޔަތަކީ ނޫރު ސޫރަތުގެ 58 ވަނަ އާޔަތެވެ. އެ އާޔަތުގައި ވެ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާއި، ތިޔަބައިމީހުންކުރެ ތަސައްރަފުނުފުދޭ ކުޑަކުދިންވެސް، ތިންވަގުތެއްގައި ތިޔަބައިމީހުންގެ ކިބައިން ހުއްދަ ލިބިގަންނަހުށިކަމެވެ! އެއީ ފަތިސްނަމާދުގެ ކުރިންނާއި، މެންދުރުވަގުތު ތިޔަބައިމީހުންގެ ފޭރާން ލުއިކޮށްގެންތިބޭ ވަގުތުގައްޔާއި، އިޝާ ނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިންވަގުތެކެވެ. އެވަގުތުތަކަށްފަހު، ތިޔަބައިމީހުންގެ މައްޗަކަށްވެސް، އަދި އެމީހުންގެ މައްޗަކަށްވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ..."
ނިކަން ވިސްނަވާށެވެ. ޕްރައިވެސީއަށް ހާއްސަ އަހަންމިއްޔަތުކަން ދެވޭ ވަގުތުތަކުގައި މީސްމީހުންގެ ޕާރސަނަލް ސްޕޭސްއަށް އިހުތިރާމުކުރުމަށް ޝަރުއީގޮތުން ފުރިހަމަ ތަކުލީފެއް ނުއޮންނަ ކުޑަކުދިންނަށާއި އަޅުންނަށްވެސް އެވަނީ އިރުޝާދު އައިސްފަ އެވެ. ވީއިރު ބޮޑެތި މީހުން އެކަކު އަނެކަކަށް މި އިހުތިރާމު އަދާކުރަންޖެހޭނެ މިންވަރު މިކަމުން ދެނެގަނެވެ އެވެ.
މިބާވަތުން ނަމޫނާ ލިބިގަންނަންޖެހޭ މާތް ނަބިއްޔާގެ ސުންނަތުން ފެންނަ އެއް ރިވާޔަތަކީ އަހުޒާބު ސޫރަތުގެ 53 ވަނަ އާޔަތް ބާވައިލެއްވުނު ސަބަބެވެ. މާތް ނަބިއްޔާ ޒައިނަބުގެފާނާ ކާވެނި ބައްލަވައިގެން ވަލީމާއަކަށް މާތް ނަބިއްޔާގެ ގެކޮޅަށް ސަހާބީންނަށް ދައުވަތު އެރުއްވި އެވެ. ފަހަރަކު ޖަމާއަތެއްގެ ބޭކަލުން ވަޑައިގަންނަވަމުން ގޮސް ހުރިހާ ބޭކަލުން އަވަދިވެގެން ވަޑައިގަތްއިރުވެސް، ތިން މީހަކު ހަމަ އޮލަ ވާހަކައިގައި މާތް ނަބިއްޔާގެ ގެކޮޅުން ނުކުތުމެއް ނެތި ތިބީ އެވެ.
އިތުރު އެކަލާގެފާނަކީ ނުހަނު ލަދުވެތި ބޭކަލެއްކަމުން މިކަމާ އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގެން، އެހެނަސް އެބައިމީހުންނަށް އިޝާރާތް ދެއްވުމުގެ ގޮތުން ގެކޮޅުން ނުކުމެވަޑައިގެންފައި ދެންވަޑައިގަތް އިރުވެސް އެތިން މީހުން ހަމަ ވާހަކައިގައި ތިބީ އެވެ. އަހުޒާބު ސޫރަތުގެ 53 ވަނަ އާޔަތުން ބައެއްގައިވެ އެވެ. "...އަދި ތިޔަބައިމީހުން ކައި އަވަދިވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ދާށެވެ! އަދި ވާހަކަ ދެއްކުމުން މުނިފޫހިފިލުވާ ގޮތުގައި ތިޔަބައިމީހުން ނުތިބޭށެވެ! (އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެކަމަކީ، ނަބިއްޔާއަށް އުނދަގޫދޭ ކަމެއްކަމުގައި ވެ އެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންދެކެ އެކަލޭގެފާނު ލަދުފުޅުގަނެ އެވެ. ހައްގުގޮތް ބަޔާންކުރެއްވުމަށް ﷲ ލަދުވެތިވެވޮޑިއެއްނުގަންނަވަ އެވެ..."
ދެމީހަކު ބައްދަލުވުމެއްގައި ތިއްބައި އެ ދެމީހުންގެ އިޒުނަޔާ ނުލައި އެބައްދަލުވުން މެދުކެނޑޭނެހެން އަމަލުނުކުރުމަށް ވެސް މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެ އެވެ.
އެކަކު އަނެކަކު އަދި އެއްބަޔަކު އަނެއް ބަޔަކު ތިމާ ނޫން އަނެކާގެ ޕާރސަނަލް ސްޕޭސް އަށް އިހުތިރާމުކުރުމާއި އަހަންމިއްޔަތުކަންދިނުން އިސްލާމްދީނުގެ މަސްދަރުތަކުގައި ހުރީ މިފަދައިންނެވެ. ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އިސްވެދިޔަ އާޔަތްތަކާއި ހަދީސްތަކުން ފެންނާންހުރި އިސްލާމީ ތަހުޒީބު ހަމަތަކާއި އުސޫލުތަކުން މިކަމަށް ދަލީލު ލިބެ އެވެ.
ދިވެހިރާއްޖޭގައި އިހުތިރާމު އާލާކޮށް ދިރުވުމަށް ސަރުކާރުން ދާދި މިދާކަށް ދުވަހު ފެއްޓެވި މަޝްރޫއަކީ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް ވަރަށް ކަމުދާ އަޅުގަނޑު އިންތިހާއަށް ތަރުހީބުދޭ ޕްރޮޖެކްޓެކެވެ. މި ލިޔުން އަޅުގަނޑު ތަޚްޞީޞް މިކޮށްލީ ސަރުކާރުގެ އެ މަޝްރޫއަށްވެސްމެ އެވެ. އިހުތިރާމު ފެތުރުމުގެ މަޝްރޫއުގެ ތެރެއިން އިހުތިރާމު ގެއްލިފައިވާ ރަސްމާލޭގޭ ފައްސަތޭކަ ހެކްޓަރުގެ ބިމާއި ވެރިންގެ ބޭއިހުތިރާމުން ރަށްމެދަށް ބަދުނާމުވެފައިވާ ރައްޔިތުންގެ ބައިތުލްމާލަށް ވެރިންގެ ފަރާތުން އިހުތިރާމު ލިބޭނޭ ގޮތެއްވުމުގެ މަތިވެރި އުންމީދާއި އެދުމާވެސް އެކުގައިމެ އެވެ.









