ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމާ ގުޅިގެން، ރާއްޖޭގެ ބާޒާރަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. ނަމަވެސް، މި ފިޔަވަޅުތަކުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ކާމިޔާބު ހޯދޭނެތޯ އަދި އޮތީ ބަލާށެވެ. މިއާއެކު އުފެދޭ ސުވާލަކީ، ދުންފަތް އަންދައިގެން ބޭނުންކުރާ ތަކެއްޗާއި، ދުންފަތް ނާންދާ ބޭނުންކުރާ ތަކެއްޗާ މެދު ތަފާތު އުސޫލުތަކެއް ގެންގުޅެގެން ޒުވާނުން ރައްކާތެރިކުރެވިދާނެތޯ ނުވަތަ އެފަދަ ބާވަތްތައް މުޅިން މަނާކުރުމަކީ އެންމެ އެކަށީގެންވާ ގޮތްތޯ އެވެ؟
ދުނިޔޭގެ އެހެން ގައުމުތަކުން މިކަމުގައި އަމަލުކުރަމުންދަނީ ތަފާތު ގަވާއިދުތަކެއްގެ އިންތަކެއް ކަނޑައަޅައިގެންނެވެ. މިސާލަކަށް، ނިއުޒީލެންޑުގައި ވޭޕްކުރާ ތަކެތި ކޮންޓްރޯލްކުރަނީ "ސްމޯކްފްރީ އެންވަޔަރަންމަންޓްސް އެންޑް ރެގިއުލޭޓަޑް ޕްރޮޑަކްޓްސް އެކްޓް" ގެ ދަށުންނެވެ. އެ ގައުމުން ހުރިހާ އެއްޗެއް އެއްކޮށް މަނާކުރުމުގެ ބަދަލުގައި، ދުންފަތް ނާންދާ ބޭނުންކުރާ ތަފާތު ބާވަތްތަކަށް ސަލާމަތީ އަދި އޮނިގަނޑުގެ ހަރުކަށި މިންގަނޑުތަކެއް ވަނީ ކަނޑައަޅާފަ އެވެ. އަދި 2025 ވަނަ އަހަރު ގެނައުމަށް ނިންމާފައިވާ އިސްލާހުތަކުގެ ދަށުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ވޭޕްތައް މަނާކޮށް، ޒުވާނުންނަށް އެފަދަ ތަކެތި ލިބުމާއި ވިޔަފާރިކުރުން ވަނީ އިތުރަށް ހަރުކަށިކޮށްފަ އެވެ.
ސްވިޑަންގައި ބޮޑެތި މީހުންނަށް "ނިކޮޓިން ޕައުޗް" ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އުމުރާއި ވިޔަފާރިކުރުމުގެ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ. ހަމައެއާއެކު، އެ ގައުމުން ވަނީ ސިނގިރޭޓުން ނަގާ ޓެކްސް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްވިޑަންގައި ދުވާލަކު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް މިހާރު ވަނީ 3.7 ޕަސެންޓަށް ދަށްވެފަ އެވެ. ނަމަވެސް، މިއީ ނިކޮޓިން ޕައުޗްގެ ސަބަބުން އައި ބަދަލެއްތޯ ނުވަތަ ޓެކްސް ބޮޑުކުރުމުގެ ނަތީޖާތޯ ނިންމުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ އެހެނިހެން ބާވަތްތަކާއި، ސަގާފީ ކަންކަމާއި، ދުންފަތް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ވަކިވަކިން ވަޒަންކުރަން ދަތިވުމެވެ.
ޖަޕާނުގައި "ހީޓަޑް ޓޮބެކޯ" ނުވަތަ ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ ބާވަތްތައް ކޮންޓްރޯލްކުރަނީ އެ ގައުމުގެ ދުންފަތާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެގޮތުން އުމުރުގެ ހުރަސްތައް ކަނޑައެޅުމާއި، ސިނގިރޭޓާއި އެފަދަ ތަކެއްޗާ ދެމެދު އޮތް ޓެކްސްގެ ފަރަގު ކުޑަކުރުން ހިމެނެއެވެ. މި ބާވަތްތަކަކީ ދުންފަތް އަންދާލުމުގެ ބަދަލުގައި ހޫނުކޮށްގެން ބޭނުންކުރާ ތަކެތި ކަމަށްވާތީ، ނިކޮޓިން އެކުލެވޭ އީ-ސިނގިރޭޓާ ތަފާތު އުސޫލުތަކެއް އެ ގައުމުން ގެންގުޅެއެވެ. މިއީ ދިވެހިރާއްޖޭގައި އަދި މަޝްވަރާކުރެވިފައި ނުވާ ތަފާތުކުރުމެކެވެ.
އެހެން ބައެއް ގައުމުތަކުގެ ރެގިއުލޭޓަރުން މި ސުވާލަށް ޖަވާބު ހޯދަނީ ކޮންމެ އުފެއްދުމަކަށް ވަކިވަކިން ބަލައިގެންނެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފް.ޑީ.އޭ) އިން ގަބޫލުކުރާ ގޮތުގައި ދުންފަތް އަންދައިގެން ބޭނުންކުރާ ތަކެއްޗާއި ނާންދާ ބޭނުންކުރާ ތަކެތީގެ ނުރައްކާ ތަފާތެވެ. އެހެންކަމުން، ކޮންމެ އުފެއްދުމެއް ބާޒާރަށް ނެރުމުގެ ކުރިން ވަކި ހުއްދައެއް ހޯދަންޖެހޭއިރު، އޭގެ ނުރައްކާ ކުޑަކަމަށް ބުނެ އިޝްތިހާރުކުރުމަށް ވެސް ވަކި ހުއްދައެއް ހޯދުން ލާޒިމުކުރެ އެވެ.
ދިވެހިރާއްޖެއިން އިހުތިޔާރުކޮށްފައިވަނީ މިއާ ތަފާތު އުސޫލެކެވެ. ރާއްޖޭގައި އީ-ސިނގިރޭޓާއި ވޭޕްކުރާ ތަކެތި ވަނީ މުޅިން މަނާކޮށްފައެވެ. އަދި ޖެނުއަރީ 1، 2007 ގެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާ "ޖެނެރޭޝަނަލް ބޭން" އެއް ވަނީ ތައާރަފުކޮށްފަ އެވެ. މިހާރު އުފެދޭ ސިޔާސީ ސުވާލަކީ، މި ބާވަތްތައް މަނާކޮށްފައި އޮތް އޮތުން އެގޮތުގައި ބާއްވާނީތޯ ނުވަތަ އަންނަން އޮތް ޖީލުތައް ރައްކާތެރިކުރުމުގެ އޮނިގަނޑު ދަމަހައްޓަމުން، މުސްތަގުބަލުގައި މިކަން މުރާޖާކުރާނީތޯ އެވެ.
ހަރުކަށިކޮށް ކޮންޓްރޯލްކުރެވޭ އޮނިގަނޑެއްގެ ދަށުން، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވަކިވަކި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅިދާނެ އެވެ. ނަމަވެސް، އެފަދަ މޮޑެލްއެއްގެ ސަބަބުން ޒުވާނުން ދުންފަތަށް ހުށަހެޅުން އިތުރުނުވެ، ނުވަތަ ވަގަށް ތަކެތި އެތެރެކުރުން އިތުރުނުވެ، ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރެވޭނީ އެކަން ފަރުމާކުރާ ގޮތަކާއި، ތަންފީޒުކުރާ މިންވަރާއި، މިނިވަންކަމާއެކު ވަޒަންކުރާ ގޮތެއްގެ މައްޗަށެވެ.
ބައިނަލްއަގުވާމީ ތަޖުރިބާތަކުން ދައްކާ ގޮތުގައި، މަނާކުރުން ނުވަތަ ގަވާއިދުން ކޮންޓްރޯލްކުރުމަކީ އެކަނި އޮތް ހައްލެއް ނޫނެވެ. އުފެއްދުންތަކުގެ މިންގަނޑުތަކާއި، އުމުރު ބެލުމާއި، ވިޔަފާރިކުރާ ތަންތަން މޮނިޓަރުކުރުމާއި، އާންމުން ހޭލުންތެރިކުރުވުން ފަދަ ކަންކަމަކީ ނަތީޖާއަށް އަސަރުކުރާނެ ކަންކަމެވެ. ރާއްޖެއަށް އޮތް ސުވާލަކީ ހަމައެކަނި މި ތަކެތި މަނާކުރުން ނުވަތަ ނުކުރުމެއް ނޫނެވެ. އެއީ މިހާރު އޮތް އޮނިގަނޑު މުރާޖާކުރުމުގެ ކުރިން ބޭނުންވާނީ ކޮން ކަހަލަ ހެކިތަކެއްތޯ ބެލުމެވެ. މުސްތަގުބަލުގައި ކުރެވޭ ކޮންމެ މުރާޖާއެއްގައި ވެސް، ބޮޑެތި މީހުން ދުންފަތުގެ އިސްތިއުމާލުކުރުމާއި، ޒުވާނުން އަލަށް ދުންފަތަށް ހުށަހެޅުމާއި، ވަގަށް ތަކެތި އެތެރެކުރުމާއި، ތަންފީޒީ އިދާރާތަކުގެ ގާބިލުކަމަށް ބަލަންޖެހޭނެ އެވެ. އަދި މި ހުރިހާ ކަމެއް ކުރަންވާނީ އަންނަން އޮތް ޖީލުތަކަށް ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ އޮނިގަނޑު ނުގެއްލޭނެ ގޮތެއްގެ މަތިންނެވެ.
--
އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ ވިޔަފާރީގެ އުސޫލުން ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ހިމެނޭ މައުލޫމާތާއި ހިޔާލުތަކަކީ ލިޔުން ހުށަހެޅި ފަރާތުގެ އަމިއްލަ ހިޔާލެވެ.








