ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގައި، ރަށްވެހިކަމާއި، ގައުމިއްޔަތު (ސިޓިޒަންޝިޕް) އަދި އިގުތިސާދީ ފުރުސަތުތަކާ ގުޅޭ ސުވާލުތަކަކީ ހަމައެކަނި ނަޒަރީ ސިޔާސަތުތަކެއް ނޫނެވެ؛ އެއީ ވަގުތުން އެކަމުގެ އަސަރު ފެންނަ، ބޮޑެތި ކަންކަމެވެ. ސިނާއީ އުފެއްދުންތައް ކުރިއަރުވަން ބޭނުންވާ ބިމުގެ ޖާގަ ހިފެހެއްޓިފައިވުމާއި، މަސްވެރިކަމާއި ފަތުރުވެރިކަމަށް ބޮޑަށް ބަރޯސާވެފައިވާ އިގުތިސާދެއް އޮތް މި ގައުމުގައި، ދިރިއުޅެވޭ ކޮންމެ އަކަފޫޓެއްގެ ބިމަކީ އަލުން އުފެއްދެން ނެތް ނާޒުކު ތިމާވެއްޓެއްގެ އިސްތިރާތީޖީ ރައުސްމާލެކެވެ.
ދިގުމުއްދަތުގެ ގައުމީ ތަރައްގީގެ ތަސައްވުރެއް، ޕްލޭނެއް އަދި ރައްޔިތުމީހާއަށް، އަތޮޅަށް، ރަށަށް އޮންނަ ހައްގާއި ދައުލަތުގެ ގުދުރަތީ ވަސީލަތްތަކުގެ ހިއްސާގެ ބާރުވެރިކަމެއް ނެތެވެ. އަތޮޅު ބިންތަކުގެ އަގުކުރުމުގައި އަތޮޅު ރައްޔިތުންގެ ބަހެއް ނެތެވެ. ގުދުރަތީ ވަސީލަތްތައް ކަމަށްވާ އަތޮޅުގެ ފަޅުރަށްތަކާ، ފަޅު، ފަރު، ފިނޮޅުތައް ވަނީ މައިސަރުކާރުގެ އިސްތިއުމާރީ ބާރުގެ ދަށުގައެވެ. ނަތީޖާއެއްގެ ގޮތުން، ވަޒަންވެރިކަން ގަންނަ ބިދޭސީންނަށް ވިޔަފާރީގެ ހުއްދަ ދިނުމާއި، ވަޒީފާ އުފެއްދުމާއި، އިންވެސްޓްމަންޓް މެދުވެރިކޮށް ރަށްވެހިކަން ދިނުމުގެ ޕްރޮގްރާމްތަކާ ގުޅޭ ސިޔާސީ ބަހުސްތައް ގޮސް ހުއްޓެނީ ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ މައިގަނޑު ކަންބޮޑުވުމަކަށެވެ. އެއީ، ރައުސްމާލު ނުވަތަ ވިޔަފާރީގެ ހަރަކާތްތަކާ ގުޅުވައިގެން ބޭރުގެ ފަރާތްތަކަށް މަގުތައް ހުޅުވާލުމުން، ޒަމާނީ އިސްތިއުމާރީ ނުފޫޒެއްގެ ސިފައިގައި ދިވެހިންގެ ދިރިއުޅުމުގެ މަސައްކަތްތަކާއި ގައުމީ ސިޔާދަތަށް އުނިކަން އަތުވެދާނެތޯ އުފެދޭ ސުވާލެވެ.
ތާރީހީ ގޮތުން އިސްތިއުމާރުކުރުން ބިނާވެފައި އޮތީ ސީދާ ސިޔާސީ ގޮތުން އަޅުވެތިކުރުމާއި ބިންތައް ހިފުމުގެ މައްޗަށެވެ. ނަމަވެސް، އެކާވީސްވަނަ ގަރުނުގައި، އިންވެސްޓްމަންޓާ ގުޅުވައިގެން ބިދޭސީން ވަޒަންވެރިކުރުވުމާ ދެކޮޅަށް ވަކާލާތުކުރާ ފަރާތްތަކުން ދެކޭގޮތުގައި، އަސްކަރީ ބާރުގެ ބަދަލުގައި ގާނޫނީ، މާލީ އަދި މުދަލުގެ މިލްކުވެރިކަމުގެ ނިޒާމުތަކުގެ ތެރެއިން ބާރުގެ ނާޖާއިޒު ފައިދާ ނެގިދާނެއެވެ. ޒަމާނީ އިސްތިއުމާރު ކުރެވިދާނެއެވެ.
ބިމުގެ ޖާގަ ކުޑަ ގައުމުތަކުން ބިދޭސީން ވަޒަންވެރިކުރުވާ ވިޔަފާރިއަށް މަރުހަބާ ކިޔުމާއި އިގުތިސާދީ އަދި އިޖުތިމާއީ ކޮންޓްރޯލް ދޫކޮށްލުމުން، ގައުމުގެ އަސްލު އާބާދީއަށް ވިޔަފާރީގެ މިނިވަންކަމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދެއެވެ. މި ނުތަނަވަސްކަން ދެނެގަތުމަށްޓަކައި، ރަށްވެހިކަމާއި ސިޓިޒަންޝިޕް ލިބޭ މަގުތައް ހަގީގަތުގައި ހިނގާ ގޮތާއި، ދިގު މުއްދަތުގެ ބިމުގެ ހައްގުތަކުން ރަށްރަށުގެ އާބާދީގެ އޮނިގަނޑަށް އަންނަ ބަދަލުތަކާއި، ކޮންޓްރޯލެއް ނެތި ވަޒަންވެރިވާ ބިދޭސީންގެ ސަބަބުން ގައުމުގެ އެތެރޭގެ ތަފާތުކުރުންތައް ބޮޑުވާ ގޮތުގެ ދިރާސާއަކީ އިތުރަށް ކުރަންނުޖެހޭ، މިވަގުތުވެސް ރައްޔިތުން ތަޖުރިބާކުރަމުންދާ ކަމެކެވެ.
ދުނިޔޭގެ ފެންވަރުގައި ބަލާއިރު، ވިޔަފާރީގެ މަގުން ހިޖުރަކުރުމުގެ ފުރުސަތުތައް ގިނައިން ހިންގަނީ ސީދާ ސިޓިޒަންޝިޕް ދިނުމުގެ ބަދަލުގައި، އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި ފެށުމުގެ ތެރެއިން ރަށްވެހިކަން (ރެސިޑެންސީ) ދީގެންނެވެ. އެކަމަކު މިއީ ރާއްޖެއާ ގުޅޭ ކަމެއް ހެއްޔެވެ؟ ސަލާމަތީ ކަންކަމާއި، ޓެކުހަށް މަކަރުހެދުމާއި، ކަޅުފައިސާ ދޮވުމާއި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުން ފަދަ ސިޔާދަތާ ގުޅޭ ކަންބޮޑުވުންތަކާ ހެދި، ގިނަ ގައުމުތަކުގައި ހަމައެކަނި އިންވެސްޓްކޮށްގެން ސިޓިޒަންޝިޕް ދޭ ޕްރޮގްރާމްތަކަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ނުވަތަ އެއްކޮށް ހުއްޓާލާފައެވެ. ނަތީޖާއެއްގެ ގޮތުން، ގާނޫނީ ރަށްވެހިކަން ހޯދުމުގެ މައިގަނޑު ވިޔަފާރި މަގުސަދަކަށް ވެފައިވަނީ ކުންފުނި އުފެއްދުމާއި، ވިޔަފާރި ގަތުމާއި، ވަޒީފާ ހޯދުމެވެ. ސްޓާޓްއަޕް ވިސާ، ވަޒީފާ އުފައްދާ އިންވެސްޓްމަންޓް ހުއްދަ، ނުވަތަ ފްރީ-ޒޯން ކުންފުނިތަކުގެ ލައިސަންސް ފަދަ ވިޔަފާރިއާ ގުޅިފައިވާ ރަށްވެހިކަމުގެ ނިޒާމުތައް ހުރި ތަންތަނުގައިވެސް، އެފަދަ ނިޒާމުތަކުން އާންމުކޮށް ދެނީ ވަގުތުން ޕާސްޕޯޓެއް ވިއްކުމުގެ ބަދަލުގައި، ޝަރުތުތަކަކާއެކު ގިނަ އަހަރުތަކަކަށް ދެމިގެންދާ ރެސިޑެންސް ހުއްދައެކެވެ.
ސުވާލަކީ ރާއްޖޭގައި މިގޮތަށް މިކަން ތަންފީޒުކުރެވޭނެތޯ ކުރެވޭ ސުވާލެވެ. އެއީ ތަންފީޒީ އިދާރާތަކުގެ ކޮރަޕްޝަނުގެ ދަރަޖަ އިންތިހާއަށް މަތިވެފައިވުމުގެ ކަންބޮޑުވުމެވެ. ރާއްޖޭގައި ވިޔަފާރީގައި ބައިވެރިވުމާއި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ރަށްވެހިކަމާއި ސިޓިޒަންޝިޕާ ދެމެދު އޮންނަ ގާނޫނީ ތަފާތު ސާފުކޮށް ބިދޭސީން އާބާދުކުރާ އެސްއީޒެޑް ސަރަހައްދުތަކުގައި ކަނޑަނޭޅި އޮތުމަކީ، ބިމުގެ ނާޒުކުކަމާ މެދު ސަރުކާރުގެ ސަމާލުކަމެއް ނެތްކަން ދައްކުވައިދޭ އިސްތިއުމާރީ ސިފައެކެވެ.
ދިވެހި ރައްޔިތުކަން (ސިޓިޒަންޝިޕް) ކަނޑައެޅިފައިވަނީ ގާނޫނުއަސާސީގައި ވަރަށް ހަރުކަށި އުސޫލުތަކަކުން ކަމަށްވީނަމަވެސް، ދައުލަތެއްގެ ތެރޭގައި އިތުރު ދައުލަތަކަށް ޖާގަދެވި ގެދޮރުއިމާރާތުގެ ވިޔަފާރި، ރިއަލް އެސްޓޭޓް ނުވަތަ ވިޔަފާރި އިންވެސްޓްމަންޓް ސްކީމްތަކުގެ ތެރެއިން ސިޓިޒަންޝިޕަށް އަޑީދައުލަތުގެ ސިއްރު އެއްބަސްވުންތަކުން އަދި ގާނޫނުއަސާސީއާ ހިލާފު ގާނޫނުތަކުން ފުރުސަތު ވަނީ ހުޅުވިފައެވެ. ގާނޫނާ ހިލާފަށް ވިސާނެތި އުޅޭ ބިދޭސީ އާބާދީއަކީ މިކަމުގެ މިސާލެކެވެ. ގަވާއިދު ތަންފީޒުކޮށް މިކަން ހުއްޓުވަން ތިބި މުއައްސަސާތައް ވަނީ ބަލިކަށިކޮށްފައެވެ.
ބޭރުގެ އިންވެސްޓަރުންނަށް ދާއިމީކޮށް ވަޒަންވެރިވުން ވިއްކުމުގެ ބަދަލުގައި ރިސޯޓް ހޮޓާ ގަނެވިއްކުން ނުވަތަ ބޮޑެތި ރިއަލް އެސްޓޭޓް މަޝްރޫއުތައް ފަދަ، ސަރުކާރުން ހުއްދަދީފައިވާ ބޮޑެތި އިންވެސްޓްމަންޓް މަޝްރޫއުތަކާ ގުޅިފައިވާ ކޮންމެ 5 އަހަރަކުން އާކުރާ ކޯޕަރޭޓް ރެސިޑެންސް ވިސާ ކުރިންވެސް ދޫކުރެއެވެ. މީގެ އިތުރުން، ވިޔަފާރީގެ އިންތައްވެސް ގަސްތުގައި ވަނީ ހިފެހެއްޓިފައެވެ. ފެންވަރު ރަނގަޅު ފަތުރުވެރިކަމާއި ގައުމީ އުމްރާނީ ތަރައްގީ ފަދަ ބޮޑެތި ދާއިރާތަކަށް ބޭރުގެ ރައުސްމާލަށް ހޫނު މަރުހަބާއެއް ކީ ނަމަވެސް، ކުދި ރީޓެއިލް ވިޔަފާރިތަކާއި، ރަށު ފެންވަރުގެ ވިޔަފާރިއާއި، އާންމު ދިރިއުޅުމުގެ މަސައްކަތްތަކުގެ ބޮޑުބައެއް ރައްކާތެރިކުރެވިފައިވަނީ ދިވެހި ރައްޔިތުންނަށެވެ.
ގާނޫނީ ގޮތުން މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި ރިއަލް އެސްޓޭޓް ރެސިޑެންސީ ޕްރޮގްރާމްތަކުގެ ސަބަބުން ޒަމާނުއްސުރެ އޮންނަ ރައްކާތެރިކަމުން ރެކިގަނެވޭ ފަދަ ޒަމާނީ ވަޒަންވެރިވުމުގެ އޮއިވަރެއް އުފެދެއެވެ. ބޭރުގެ ރައްޔިތުން އަގުބޮޑު އެޕާޓްމަންޓްތައް ގަތުމުން ނުވަތަ ޖީލުތަކަށް ވާރުތަކުރެވޭ ގޮތަށް 99 އަހަރަށް ބިން ކުއްޔަށް ނެގުމުން، އެކަން ވެގެންދަނީ ވަގުތީ އިގުތިސާދީ މުއާމަލާތަކަށް ވުރެ ބޮޑު ކަމަކަށެވެ. ގައުމަށް ޒިޔާރަތްކޮށް، ހަރަދުކޮށްފައި އެނބުރި ދާ އާދައިގެ ފަތުރުވެރިންނާ ހިލާފަށް، ދިގު މުއްދަތަށް ވަޒަންވެރިވާ އިންވެސްޓަރުން ގައުމުގައި އަޅާ ދާއިމީ ފިޔަވަޅުތަކުން، އެ މުޖުތަމައުތަކުގެ އާބާދީއާއި، ސަގާފަތާއި، ބިމުގެ ބޭނުންކުރެވޭ ގޮތަށް ބަދަލުތައް ގެނުވައެވެ.
ބިމުގެ ދަތިކަން އޮތް ޖަޒީރާ ގައުމުތަކުގައި، ހިއްކާފައިވާ ނުވަތަ ގުދުރަތީ ގޮތުން އޮތް އެންމެ މުހިންމު ބިންތައް މުއްސަނދި ބޭރުގެ ގަންނަ ފަރާތްތަކަށް ހާއްސަކުރުމުން އޮނިގަނޑުގެ ތެރެއިން ބޮޑެތި ނަތީޖާތަކެއް ނުކުމެއެވެ. ފުރަތަމަ ކަމަކަށް، މުޅި އުމުރަށް ނުވަތަ އެތައް ދަހަރަކަށް ދެމިގެންދާ ބިމުގެ ހައްގުތަކުގެ ސަބަބުން ޖީލުތަކަށް ދެމިގެންދާ ގޮތަށް ރައްޔިތުން ބިމުން މަހުރޫމުވުމަށް މަގުފަހިވެއެވެ. މީގެ ސަބަބުން ވަގުތު ފާއިތުވަމުންދާ ވަރަކަށް ބިމުގެ ކޮންޓްރޯލާއި މުއްސަނދިކަން ބޭރުގެ އާއިލާތަކުގެ އަތްމައްޗަށް ޖަމާވެ، އެތެރޭގެ ބޯހިޔާވަހިކަމުގެ ބާޒާރުން އެ ޖާގަތައް ދާއިމީކޮށް ގެއްލިގެންދެއެވެ. ދެވަނަ ކަމަކަށް، ކުދި ވިޔަފާރިތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރުން ގާނޫނީ ގޮތުން މަނާކޮށްފައި އޮތް ނަމަވެސް، ނޮމިނީ ނުވަތަ ނިވާފަތްގަނޑަކަށް ދިވެހިން ބޭނުންކޮށްގެންނާއި، މެނޭޖްމަންޓް ކޮންޓްރެކްޓްތަކުގެ ތެރެއިންނާއި، ނުވަތަ މާލީ ބާރުވެރިކަމުގެ ސަބަބުން، ދިގު މުއްދަތަށް ވަޒަންވެރިވާ ފަރާތްތަކުން ރަށު ފެންވަރުގެ ވިޔަފާރިއާއި، ފަތުރުވެރިކަމާ ގުޅުންހުރި، ހިދުމަތް ދިނުމުގެ ދާއިރާތަކުގައި ނުސީދާކޮށް ފައި ހަރުކުރެއެވެ. ދުނިޔޭގެ ބާޒާރުގައި މަތީ އަގުލިބޭ ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުން ދޮށީގެ މަސްވެރިކަމަށް ހުރަސްނާޅާނެކަމަށް ބެލެވޭކަށެއް ނެތެވެ.
ވަގުތު ފާއިތުވަމުންދާ ވަރަކަށް، މިކަމުގެ ސަބަބުން ގައުމުގެ ރައްޔިތުންގެ އިގުތިސާދީ ބާރުވެރިކަން ނެތިދެއެވެ. ވިޔަފާރިއާއި ދިރިއުޅުމަށް އެންމެ އެކަށީގެންވާ ސަރަހައްދުތައް ބޭރުގެ ރައުސްމާލުން އަތްގަދަކުރަމުންދާ ވަރަކަށް، ދިވެހި ވިޔަފާރިވެރިންނަށް އެ ދާއިރާތަކަށް ވަނުމަށް އަރައިނުގަނެވޭ ފަދަ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެއެވެ. މީގެ ނަތީޖާއަކަށް ވެގެންދަނީ، ރައްޔިތުންނަކީ އަމިއްލަ އިގުތިސާދުގެ ވެރިންގެ ބަދަލުގައި، އެ އިގުތިސާދުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނުވަތަ ކުއްޔަށް އުޅޭ ބަޔަކަށް ބަދަލުވެގެންދާ ފަދަ އޮނިގަނޑުގެ ބަދަލެއް އައުމުގެ ނުރައްކާ އުފެދުމެވެ.
ގެދޮރު އިމާރާތުގެ ވިޔަފާރި އިންވެސްޓްމަންޓް މެދުވެރިކޮށް ރަށްވެހިކަން ވިއްކުމަށް ވަކާލާތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ޕްރޮގްރާމްތަކުން ގައުމަށް ކޮންމެހެން ބޭނުންވާ ބޭރު ފައިސާ ލިބި، އިމާރާތްކުރުމުގެ ދާއިރާ ކުރިއަރައި، ދައުލަތުގެ އާމްދަނީ އިތުރުވެއެވެ. އެހެންނަމަވެސް، މިކަމުން ރައްޔިތުންގެ ވިޔަފާރިތަކަށް ބިދޭސީން ވެރިވާ އިގުތިސާދީ އޮއިވަރުތަކުގެ ސަބަބުން ގިނަ ފަހަރަށް ގައުމުގެ މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައި އޮންނަ ފަރަގު ބޮޑުވެއެވެ. ގައުމަށް ގިނަ ބަޔަކު އައިސް ވަޒަންވެރިވުމުން، ވަކި ސަރަހައްދުތަކެއްގައި އިންފްލޭޝަން މަތިވެ، ބިމާއި އިމާރާތްތަކުގެ އަގާއި، ގޭގޭގެ ކުއްޔާއި، އާންމު މުދަލާއި ހިދުމަތްތަކުގެ އަގު އުފުލި، މެދުފަންތިއާއި އާމްދަނީ ދަށް ރައްޔިތުންނަށް އެ ތަންތަނުގައި އުޅެން ދަތިވާ ހިސާބަށް ކަންކަން ދެއެވެ. ފަގީރުން އިތުރަށް ފަގީރުވެއެވެ.
ހަމައެއާއެކު، ސިޓީތައް ރޭވުމާއި އާންމު އުމްރާނީ ތަރައްގީ ދެ ފަންތިއަކަށް ބެހިގެންދެއެވެ. އެއީ މުއްސަނދިންނަށް ހާއްސަ ސަރަހައްދުތަކާއި، ޕްރައިވެޓް މެރީނާތަކާއި، ބޭރު މީހުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކަށް އިސްކަންދޭއިރު، އާންމު ބޯހިޔާވަހިކަމާއި، ސިއްހީ ހިދުމަތާއި، މުޖުތަމައަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަހަތަށް ޖެހިގެންދިއުމެވެ. ބޮޑެތި ރިއަލް އެސްޓޭޓް މަޝްރޫއުތަކުން ލިބޭ މާލީ ފައިދާ ބޮޑެތި ޑިވެލޮޕަރުންނާއި ދައުލަތުގެ ހަޒާނާއަށް ޖަމާވުމުގެ ބަދަލުގައި ދިގުމުއްދަތުގައި ދައްކަންޖެހޭ އިންވެސްޓްމަންޓް ދަރަނީން، އާދައިގެ މަސައްކަތްތެރި އާއިލާތަކުން އުފުލަންޖެހޭ ދިރިއުޅުމުގެ ހަރަދު ބޮޑުވުމުގެ ބުރަ ލުއިކޮށްދެވޭހާ އަވަހަކަށް އެ ފައިދާ އާންމު ރައްޔިތުންނާ ހަމައަށް ފޯރާލެއް މަދެވެ.
ނިންމާލަމުން ދަންނަވާނަމަ، ރިއަލް އެސްޓޭޓާއި ވިޔަފާރިއާ ގުޅިފައިވާ ރަށްވެހިކަމުގެ ޕްރޮގްރާމްތައް އޮތީ އިގުތިސާދީ ބޭނުންތެރިކަމާއި ގައުމުގެ އަމިއްލަ އިހުތިޔާރާ ދެމެދު އޮތް ވަރަށް ނާޒުކު ހަތަރުއަނގޮޅިއެއްގައެވެ. އިންޑިއާ ކަނޑުގެ އެންމެ މުހިންމު ސަރަހައްދަށް ފެތުރިފައިވާ ތަރައްގީވަމުން އަންނަ ދިވެހިރާއްޖޭގެ އުމްރާނީ ވަސީލަތްތައް ޒަމާނީ ކުރުމަށާއި، އެއް ދާއިރާއަކަށް ބަރޯސާވެފައިވާ އިގުތިސާދު ސިންދަފާތުކުރުމަށް ބޭރުގެ ރައުސްމާލުން ގައުމުގެ ވިޔަފާރި ބިދޭސީންނަށް ނަގުލުކުރުމަކީ ހުރިހާ މާނައެއްގައި ވެސް އަޅުވެތި ދަންތުރައެކެވެ.
އިގުތިސާދީ ފަންތިކުރުމަކަށް އަދި އަޅުވެތިކަމަށް ބަދަލުވިޔަ ނުދިނުމަށްޓަކައި ހޭލުންތެރި، ދެފުށްފެންނަ، ނަޒާހަތްތެރި ވެރިކަމެއް ބޭނުންވެއެވެ. ދިވެހިންގެ ދިރިއުޅުމުގެ މަސައްކަތްތަކާއި ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި، ގައުމުގެ މިނިވަންކަމަށް ލޮޅުންއަރާފަދަ އިންވެސްޓްމަންޓްތަކަކީ ހަރުކަށި ޝަރުތުތަކަކާއެކު، ދެފުށް ފެންނަ ގޮތަށް، ފަހަތުގައި އޮންނަ ކަންކަމަށް ހަދަން ޖެހެއެވެ.









