އެއާޕޯޓުތައް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އާއި ހުޅުލޭގެ ބިން ރަހުނުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 56 މިލިއަން ޑޮލަރުގެ އާ ލޯނު ނަގާފައިވާ ކަން އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
އެމްއޭސީއެލްގެ 2025 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުނިން ވަނީ "ވާކިން ކެޕިޓަލް" ގެ ނަމުގައި ބީއެމްއެލްއިން ހަތަރު ލޯނެއް ނަގާފަ އެވެ. އެއީ މެއި މަހު ނެގި 30 މިލިއަން ޑޮލަރާއި، އޮގަސްޓު މަހު ނެގި 10 މިލިއަން ޑޮލަރާއި، އޮކްޓޫބަރު މަހު ނެގި 10 މިލިއަން ޑޮލަރުގެ އިތުރުން ނޮވެމްބަރު މަހު ނެގި ހަ މިލިއަން ޑޮލަރެވެ.
މީގެ ތެރެއިން ފުރަތަމަ ލޯނު ނަގާފައިވަނީ ހުޅުލޭގެ ބިމުގެ ލީސްހޯލްޑް ރަހުނުކޮށްފަ އެވެ. އަނެއް ތިން ލޯނު ނަގާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 1، ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އާއި އޭޕްރަންގެ ލީސްހޯލްޑް ހައްގުތައް ބޭންކަށް ރަހުނުކޮށްގެންނެވެ.
ރަންވޭ ރަހުނުކޮށްގެން ނެގި ފަހު ތިން ލޯނަކީ ފަސް އަހަރުގެ މުއްދަތަށް ނެގި ނަމަވެސް ބޭންކުން ބޭނުންވެއްޖެ ހިނދެއްގައި އެއްކޮށް އަނބުރާ ހޯދޭ ގޮތަށް ހުރި ޑިމާންޑު ލޯނުތަކެކެވެ. މި އާ ލޯނުތަކާ އެކު، އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަން ޖެހޭ ޑޮލަރު ދަރަނި ވަނީ 92 ޕަސެންޓު އިތުރުވެ، 112 މިލިއަން ޑޮލަރަށް އަރާފަ އެވެ. މީގެ ތެރެއިން 104 މިލިއަން ޑޮލަރަކީ މި ސަރުކާރުގެ ދައުރު ފެށުނު ފަހުން ނަގާފައި ހުރި ލޯނުތަކެވެ.
ބީއެމްއެލްއިން ނެގި 56 މިލިއަން ޑޮލަރުގެ އިތުރުން، އެމްއޭސީއެލްއިން ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވެސް 15 މިލިއަން ޑޮލަރުގެ ލޯނު ނަގާފަ އެވެ. މި ލޯނު ނެގީ އެ ކުންފުނިން ގަނެފައި ހުރި ސަރުކާރުގެ ބޮންޑުތަކެއް ރަހުނުކޮށްފަ އެވެ.
މި ބޮޑެތި ލޯނުތަކާ އެކު އެމްއޭސީއެލްގެ މާލީ ހާލަތު މިހާރު ވަނީ އިންތިހާއަށް ނާޒުކު ފައްތަރަކަށް ވެއްޓިފަ އެވެ. އެ ކުންފުނީގެ ޖުމްލަ ދަރަނި 16.6 ބިލިއަން ރުފިޔާ (1.08 ބިލިއަން ޑޮލަރު) އަށް އަރާފައިވާއިރު، އޭގެ 97 ޕަސެންޓަކީ ޑޮލަރުން ދައްކަން ޖެހޭ ދަރަންޏެވެ.
މީގެ ތެރެއިން 1.46 ބިލިއަން ރުފިޔާގެ ދަރަނި މި އަހަރު އެ ކުންފުނިން ދައްކަން ޖެހެ އެވެ. އަދި އިތުރު 693.3 މިލިއަން ރުފިޔާ އިންޓްރެސްޓުގެ ގޮތުގައި ދައްކަން ޖެހެެ އެވެ.
ދަރަނި ދައްކާށާއި ދަރަނީގެ ހިދުމަތުގެ ހަރަދު ހިމެނޭހެން އަހަރަކު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އެމްއޭސީއެލްއަށް ބޭނުންވާއިރު، އެ ކުންފުނީގެ އަތުގައި ހުރި ޑޮލަރު ފައިސާގެ ނަގުދަކީ 13.5 މިލިއަން ޑޮލަރެވެ. މިކަންކަމަށް ރިއާޔަތްކޮށް އޮޑިޓުގައި ފާހަގަކޮށްފައި ވަނީ ކުންފުނި ހިންގުމުގައި ކުރިއަށް ދެވެނޭ ހަމައެކަނި ސަރުކާރުގެ އެހީތެރިކަން އޮވެގެން ކަމަށެވެ.
ގިނަ އަދަދަކަށް ޑޮލަރު ވަންނަ އަދި މުވައްޒަފުންގެ މުސާރައިގެ އެއް ބައި ވެސް ޑޮލަރުން ދެމުން އަންނަ އެމްއޭސީއެލްއިން ބޮޑު އިންޓްރެސްޓުގައި ޑޮލަރު ލޯނު ނަގަން ޖެހުނު ސަބަބާ މެދު ސުވާލު އުފެދެ އެވެ.








