މި އަހަރުގެ ބަޖެޓުން ހަރަދުވާ އަދަދު ހިމަނައިގެން، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައްޔާއި ލޯނުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން 12.6 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓު ފޮތުން ދައްކައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ބަޖެޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި 2024 އިން 2026 އަށް ތިން އަހަރު ކުންފުނިތަކަށް ދޭން ބަޖެޓުކުރީ 5.4 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ބަޖެޓު ކުރި އަދަދަށް ވުރެ އިތުރަށް 7.1 ބިލިއަން ރުފިޔާ ކުންފުނިތަކަށް ހަރަދުވެ އެވެ.
މީގެ ތެރެއިން ބަޖެޓަށް ވުރެ އެންމެ ބޮޑަށް ހަރަދު އިތުރުވީ މިދިޔަ އަހަރުގަ އެވެ. އެ އަހަރު ބަޖެޓުކުރި 1.8 ބިލިއަން ރުފިޔާ ނަމަވެސް ކުންފުނިތަކަށް 6.2 ބިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއީ ކަނޑައެޅި އަދަދަށް ވުރެ 3.5 ގުނަ ބޮޑު އަދަދެކެވެ.
އަހަރުން އަހަރަށް ބަލާއިރު، 2023 އިން ފެށިގެން 2025 ގެ ނިޔަލަށް މި އަދަދު ކޮންމެ އަހަރަކު ވެސް ދިޔައީ މަތިވަމުންނެވެ. އެގޮތުން 2023 ގައި 2.9 ބިލިއަން ރުފިޔާ ދިންއިރު، 2024 ގައި 4.1 ބިލިއަން ރުފިޔާ ވަނީ ދީފަ އެވެ. މިދިޔަ އަހަރު މި އަދަދު ހަ ބިލިއަން ރުފިޔާއަށް ވުރެ މަތިވީ ނަމަވެސް މި އަހަރު މި އަދަދު 2.2 ބިލިއަން ރުފިޔާއަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި މި އަދަދު ވަނީ އިތުރަށް ދަށްކޮށްފަ އެވެ. ފިނޭންސުން އަންދާޒާކުރަނީ މި އަދަދު 1.98 ބިލިއަން ރުފިޔާއަށް ތިރިކުރެވޭނެ ކަމަށެވެ. މިހެން ވެއްޖެ ނަމަ، 2022 އަށް ފަހު ކުންފުނިތަކަށް އެންމެ މަދުން ފައިސާ ދޭ އަހަރަށް އަންނަ އަހަރު ވާނެ އެވެ.

ކުންފުނިތަކަށް ފައިސާ ދޭން ޖެހޭ ސަބަބެއް ކަމަށް ބަޖެޓު ފޮތުގައި ބަޔާންކޮށްފައި ވަނީ، އާންމުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އަގުހެޔޮކޮށް ފޯރުކޮށްދިނުމެވެ. އެހެންކަމުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިތަކަށް ކެޕިޓަލް އާއި ލޯނު ދޭން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ތަފާތު ސަބަބުތަކާ ހުރެ، ކޮންމެ އަހަރަކު ވެސް ބަޖެޓު ކުރި އަދަަދަށް ވުރެ އިތުރަށް ކުންފުނިތަކަށް ފައިސާ ދޭން ޖެހޭ ކަމަށް ވެސް ސަރުކާރުން އެއްބަސްވެފައިވެ އެވެ. މިހެން ނަމަވެސް، އެ ސަބަބުތަކަކީ ކޮބައި ކަމެއް ބަޖެޓުގައި ނެތެވެ.
ފިނޭންސް މިނިސްޓްރީން ބުނަނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ގަވަނަންސް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. މިހެން ނަމަވެސް، ވޭތުވެދިޔަ އަހަރުތަކެކޭ އެއް ފަދައިން ބަޖެޓުކުރި އަދަދަށް ވުރެ އިތުރަށް ކެޕިޓަލް އަދި ޓްރެޒަރީ ލޯނު ދޭން ޖެހިދާނެ ކަމަށް ބުނެފައިވެ އެވެ.
ކުންފުނިތަކަށް ކުރާ ހަރަދުތައް ކުޑަކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކެއްގެ ތެރޭގައި، ފިނޭންސުން ފާހަގަކުރީ، އެއް ހިދުމަތެއް ދޭ ކުންފުނިތައް އެއްކޮށްލުމާއި، އިނާޔަތްތައް ދީގެން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމެވެ.
މީގެ އިތުރުން ކަރަންޓު ކުންފުނިތަކުގެ އެންމެ ބޮޑު ހަރަދެއް ހިނގާ ތެލުގެ ހަރަދު ކުޑަކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ހިމެނޭ ކަމަށް ފިނޭންސުން ބުންޏެވެ.
ސަރުކާރުން މި ވަރަށް ފައިސާދޭ އިރު ވެސް، މި ކުންފުނިތަކުން މީރާއަށް ދައްކަން ޖެހޭ ޓެކްސް ނުދައްކާ ކަމަށް ހިސާބުތަކުުން ދަައްކަ އެވެ. މީރާގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުން ދައްކާ ގޮތުގައި ޖޫން މަހުގެ ނިޔަލަށް މި އަދަދު ވަނީ 3.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ އެހާތަނަށް ދައުލަތަށް ނުލިބިވާ ޕްރިންސިޕަލް އަދަދުގެ ހަތަރު ބައި ކުޅަ އެއް ބަޔެވެ.
އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި އުފައްދާ ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރަން އިތުރުވާ މައްސަލައަކީ ބައިނަލްއަގުވާމި މާލީ އިދާރާތަކުން ކަންބޮޑުވުން ހުރި ކަަމެކެވެ. އަދި މި ގޮތަށް ފައިސާ ދޫކުރުން ހުއްޓާލައި، ކުންފުނިތައް ދެކޮޅު ޖައްސަން ލަފާ ދޭތާ އަހަރުތަކެއް ވެއްޖެ އެވެ.
ސަރުކާރު ކުންފުނިތަކަށް މިގޮތަށް ފައިސާ ދިނުމަކީ ދައުލަތުގެ މާލިއްޔަތަށް އޮތް ހިރާހެއް (ރިސްކެއް) ކަމަށް ވާލްޑް ބޭންކުން އެންމެ ފަހުން ނެރުނު ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އަދި، ސަރުކާރުން 2024 ގައި އިއުލާންކުރި އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުން ކުރިއަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށް ވެސް ވާލްޑް ބޭންކުން ބުނެފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ ސަބަބުން މާލިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކަލީ ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ ބޮޑު ބައެއް ތަރައްގީގެ މަޝްރޫއުތައް ހިންގަން މި ކުންފުނިތަކުން ނަގާފައިވާ ދަރަންޏަށް ވުމެވެ. ވޭތުވި އަހަރުތަކުގައި ދަރަނި ދައްކަން އުނދަގޫ ވެގެން އެ ދަރަނި ސަރުކާރުން ދައްކާފައި އެބަހުއްޓެވެ.













