މާލޭ ރައްޔިތުންނަށް ބިން ދޫކުރަން ވެގެން ހިއްކަން ފެށި ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ފަހުން އަލުން ބިން ހިއްކަން ފަށައި، މިހާތަނަށް 115 ހެކްޓަރުގެ ބިން ހިއްކާފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިއްޔެ ބުނެފި އެވެ.
މި މައުލޫމާތު އެމްއޭސީއެލްއިން އާންމުކުރީ ގިރާވަރު ފަޅު ހިއްކުމާ ގުޅޭ އެެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގައި އެވެ.
މި ޕޯސްޓުގައި އެ ކުންފުނިން ބުނީ ޕްލޭންކޮށްފައިވާ ސަރަހައްދުގެ "167.15 ހެކްޓަރުގެ ތެރެއިން 68.8 ޕަސެންޓު" ބިން ހިއްކާ ނިމިއްޖެ ކަަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ރަނގަޅު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް ބުންޏެވެ. ނަމަވެސް މަސައްކަތް ނިމޭނެ ތާރީހެއް ނުބުނެ އެވެ.
އެމްއޭސީއެލްއިން މި މައުލޫމާތު ހާމަކުރިއިރު، ގިރާވަރު ފަޅު ހިއްކުމުގެ ހަރަދުތަކަށް އެ ކުންފުންޏަށް 650.7 މިލިއަން ރުފިޔާގެ ލޯނެއް ސަރުކާރުން ދިން ކަން ހާމަވެފައި ވަނިކޮށެވެ. އަންނަ އަހަރުގެ ބަޖެޓު ހިސާބުތަކުގައި މި އަހަރު ކުރާ ހަރަދެއްގެ ގޮތުގައި މި ލޯނު ހިމަނާފައިވާއިރު، މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމެނި ހަރަދެއް ނޫނެވެ.
އެ ކުންފުނިން މި ޕްރޮޖެކްޓު ހިންގަމުން އަންނަނީ ބިން ހިއްކުމާއި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގަން އުފައްދަައިގެން އުޅޭ ދެ ސަބްސިޑަރީގެ ތެރެއިން، މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓުންނެވެ.
ގިރާވަރުފަޅަކީ ކުރީ ސަރުކާރުގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މަޝްރޫއެއްގެ ގޮތުގައި މެއި 2023 ގައި ފެށި މަސައްކަތެކެވެ. އޭރު މި ތަނުގެ ބިން ހިއްކަން ކޮންޓްރެކްޓު ކުރީ ކެޕިޓަލް މެރިން އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ.
ސީއެމްސީއިން ނެދަލެންޑްސްގެ ބޮސްކާލިސްގެ ޑްރެޖަރުތައް ބޭނުންކޮށްގެން ހިނގަމުން އައި މި މަޝްރޫއު ހުއްޓުނީ ވެރިކަން ބަދަލުވީ ދުވަސްވަރުގައި އެވެ. އެހާތަނަށް ހިއްކުނީ އޭރު ޕްލޭންކޮށްފައި އޮތް 120 ހެކްޓަރުގެ ތެރެއިން 56 ހެކްޓަރެވެ.
ގާތްގަނޑަކަށް ދެ އަހަރު ވަންދެން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އެމްއޭސީއެލްއިން މި މަޝްރޫއާ ހަވާލުވެ އަލުން ބިން ހިއްކަން ފެށީ މި އަހަރުގެ ޖެނުއަރީގައި އެވެ. އެމްއޭސީއެލްއިން ހަވާލުވީ، މި ސަރުކާރުން ޕްލޭންކުރި ގޮތަށް އެ ފަޅުގެ ފުން ސަރަހައްދު ވެސް ހިމެނޭ ގޮތަށް، އަދި މިހާރު އެމްއޭސީއެލްއިން އެ ބުނާ ގޮތާ ހިލާފަށް، 169 ހެކްޓަރު ހިއްކާށެވެ.
އަލުން ބިން ހިއްކުމުގެ ފެށުމަށް ފަހު ފަހު މާޗު، އޭޕްރިލް އަދި މެއި މަހުގެ ނިޔަލަށް ހިއްކުން ނިންމާނެ ކަމަށް އެކި ފަހަރު މަތިން ތާރީހުތައް ދިނެވެ. އަދި ޖޫންގައި ގޯތިތައް ހަވާލުކުރާނެ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެ ތާރީހުތަކަށް މަސައްކަތް ނުނިމި، މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބިން ހިއްކުން އަނެއްކާ ވެސް މުޅިން ހުއްޓުނެވެ. ދެ ވަނަ ފަހަރަށް މަސައްކަތް ހުއްޓުނުއިރި، އެމްއޭސީއެލް އިން ހިއްކި 44 ހެކްޓަރާ އެކު ނިމިފައި އޮތީ 100 ހެކްޓަރެވެ.
ގިރާވަރު ފަޅު ހިއްކަށްނ ފެށިތާ ތިން އަހަރު ފަހުން ބިން ހިއްކުމުގެ މަސައްކަތް ތިން ވަނަ ފަހަރަށް ފެށިއިރު، ބިންވެރިޔާ ސްކީމުގެ ދަށުން މި ފަޅުން ގޯތި ލިބުނު 4،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ހަވާލުކޮށް، އެ ތަނުގައި ދިރިއުޅެވޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ.








