ބިންވެރިޔާ ސްކީމުގެ ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅު ހިއްކުމުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އެއާޕޯޓުތައް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ދައުލަތުގެ ބަޖެޓުން މި އަހަރު 650.7 މިލިއަން ރުފިޔާގެ ބޮޑު ލޯނެއް ދީފައިވާ ކަން ހާމަވެއްޖެ އެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ހިސާބުތަކުން މިކަން ހާމަވީއިރު، މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ހިމެނޭ ހަރަދެއް ނޫނެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުން ޓްރެޒަރީ ލޯނުގެ ގޮތުގައި ދިނުމަށް ރާވާފައި އޮތީ އެސްއެމްއީ އިމްޕެކްޓް ފަންޑަކަށް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އަށް ދޭން ކަނޑައެޅި 231.3 މިލިއަން ރުފިޔާގެ ލޯނެކެވެ.
ނަމަވެސް މުރާޖާކޮށްްފައިވާ މި އަހަރުގެ ބަޖެޓު ހިސާބުތަކުގައި ވަނީ މި ލޯނު އެއްކޮށް އުނިކުރުމަށް ފަހު، ޓްރެޒަރީ ލޯނުގެ އަދަދު 840.2 މިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ. އެމްއޭސީއެލްގެ އިތުރުން ލޯނު ދިން އަނެއް ކުންފުންޏަކީ ފެނަކަ އެވެ. ފިނޭންސުން ބުނީ މި ކުންފުންޏަށް ދިން 189.5 މިލިއަން ރުފިޔާއަކީ ސަޕްލަޔަރުންނަށް ފައިސާ ދައްކަން ދިން ފައިސާ ކަމަށެވެ.
ގިރާވަރުފަޅަކީ ކުރީ ސަރުކާރުގައި މޯލްޑިވްސް ފަންްޑް މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ޕްރޮޖެކްޓެއްގެ ގޮތުގައި މެއި، 2023 ގައި ފެށި މަސައްކަތެކެވެ. އޭރު މި ތަނުގެ ބިން ހިއްކަން ކޮންޓްރެކްޓުކުރީ ކެޕިޓަލް މެރިން އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ.
ނަމަވެސް ސަރުކާރު ބަދަލުވީތަނާހެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުނެވެ. ބިން ހިއްކުން ހުއްޓުނުއިރު ހިއްކާ ނިންމާފައި އޮތީ އޭރު ހިއްކަން ޕްލޭންކޮށްފައި އޮތް 120 ހެކްޓަރުގެ ތެރެއިން 56 ހެކްޓަރެވެ.
މިހެން އޮންނަތާ ދެ އަހަރު ފަހުން އެމްއޭސީއެލްއިން މި ޕްރޮޖެކްޓާ ހަވާލުވެ، ބިން ހިއްކަން ފެށީ މި އަހަރުގެ ޖެނުއަރީގައި އެވެ. އެމްއޭސީއެލްއިން ހަވާލުވީއިރު ސަރުކާރުން ވަނީ ގިރާވަރު ފަޅަށް އެކުލަވާލި އާ ލޭންޑް ޔޫސް ޕްލޭންގެ ހިއްކަ ސަރަހައްދު 169 ހެކްޓަރަށް ބޮޑުކޮށްފަ އެވެ.
ގިރާވަރު ފަޅު ހިއްކަން އަލުން ފެށިއިރު، ސަރުކާރުން ބުނީ މި އަހަރުގެ މާޗުގެ ނިޔަލަށް ބިން ހިއްކުމުގެ ބައި ނިންމާ، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރާނެ ކަމަށެވެ. ފަހުން ބުނީ އޭޕްރިލްއަށް ނިންމާނެ ކަމަށެވެ. އޭގެ ފަހުން ބުނީ މެއި މަހުގެ ނިޔަލަށް ނިންމާނެ ކަމަށެވެ.
މި ތިން ތާރީހުތައް ފަހަނައަޅާ، ފަސް މަސް ވޭތުވެގެން ދިޔައިރު، އަދިވެސް ގިރާވަރު ފަޅުގެ ބިން ހިއްކާ ނުނިމެ އެވެ.
އަދަދު ނޫހުން ބެލި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި މި އަހަރުގެ އޭޕްރިލް މަހުގައި ހުއްޓުނު ގޮތަށް ގިރާވަރު ފަޅުގެ ބިން ހިއްކުމުގެ މަސައްކަތެއް ނުކުރެ އެވެ. މި މަސައްކަތް ހުއްޓުނުއިރު، އެމްއޭސީއެލްއިން ހިއްކި 44 ހެކްޓަރު ހިމަނައިގެން، 98 ހެކްޓަރު ނިމިފައިވާއިރު، ބާކީ އަދިވެސް 71 ހެކްޓަރުގެ ބިން އެބައޮތެވެ.








