ސީއެމްސީން ހިއްކި ބިމަށް އެމްއޭސީއެލްއިން 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް!

ކަވާ އިމޭޖު: އަދަދު

ކަވާ އިމޭޖު: އަދަދު

ހުޅުމާލެ ފޭސް ތިނެކާއި ގިރާވަރުފަޅާއި ތިލަފުށީގައި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އިން ކުރި ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން 1.76 ބިލިއަން ރުފިޔާ (114 މިލިއަން ޑޮލަރު) ދައްކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވެފައިވާ ކަން އޮޑިޓު ރިޕޯޓުތަކުން ހާމަވެއްޖެ އެވެ.

މިއީ ސަރުކާރާއި މި މުއާމަލާތުގައި ދެން ހިމެނޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަރަށް ސިއްރިއްޔާތުގައި ކުރިއަށް ގެންދިޔަ މުއާމަލާތްތަކެވެ. އަދި ރާއްޖޭގެ މައި އެއާޕޯޓް ހިންގާ ކުންފުނިން މި ބިންތައް ހިއްކުމުގެ މަޝްރޫއުތަކާ ހަވާލުވި ގޮތާއި، އެއްބަސްވި ކަންކަމުގެ ތަފުސީލުތަކެއް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، އަދަދު ނޫހުން ބެލި އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެމްއޭސީއެލް، މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) އަދި ޕެނިންސިއުލާ އިންފްރާސްޓްރަކްޗާގެ މާލީ ހިސާބުތަކުގެ އޮޑިޓުތަކުން މި މުޅި މުއާމަލާތުގެ މަންޒަރު ވަނީ ސާފު ވާން ފަށާފަ އެވެ.

އޮޑިޓު ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އެމްއޭސީއެލްއިން މި ފައިސާ ދޭން އެއްބަސްވެފައި ވަނީ، އެ ކުންފުނީގެ ސަބްސިޑަރީ އެމްއައިއައިޑީ މެދުވެރިކޮށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ސީއެމްސީން ބުނީ، ފައިސާ ނުދައްކާތީ އާއި، ހަރަދުތައް އަނބުރާ ހޯދޭނެ ގޮތް ސާފު ނުވާތީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އޭގެ ދެ މަސް ފަހުން، ސެޕްޓެމްބަރު 18 ގައި އެމްއައިއައިޑީ އުފައްދައިފި އެވެ. މި ތާރީހުތަކާއި ރަސްމީ ހިސާބުތަކުން ބުރަވެވެނީ، އެމްއައިއައިޑީއަކީ އެޗްޑީސީ އަދި އެމްއެފްއެމްސީން ސީއެމްސީއާ އެކު ސޮއިކޮށްފައި ހުރި އެއްބަސްވުންތަކުގެ މައްސަލަ ހައްލުކުރުމަށް އުފެއްދި ވަސީލަތެއް ކަމަށެވެ.

މި ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ވެވުނު ޑީޑް އޮފް ނޮވޭޝަން (އިލްތިޒާމްތައް ބަދަލުކުރުމުގެ އިގުރާރު) ގެ ދަށުން، ސީއެމްސީގެ ކުރީގެ ޒިންމާތަކާއި ހައްގުތަކާއި މަސައްކަތްތައް އެމްއައިއައިޑީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

އޮޑިޓުގައި މި މުއާމަލާތް ބަޔާންކޮށްފައި ވަނީ ހަދަމުންދާ އެސެޓެއް ގަތުމުގެ (އެކުއިޒިޝަން އޮފް އެސެޓްސް އަންޑާ ކޮންސްޓްރަކްޝަން) ގޮތުގަ އެވެ. މިގޮތުން މަޝްރޫއުތައް ބަދަލުކުރުމުގެ ކުރިން ސީއެމްސީން ކޮށްފައިވާ މަސައްކަތްތަކަށް އެއްބަސްވި ޖުމްލަ އަގުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް ދައްކާފައި ވަނީ 323.8 މިލިއަން ރުފިޔާ (21 މިލިއަން ޑޮލަރު) އެވެ. ބާކީ އޮތް 1.43 ބިލިއަން ރުފިޔާ (93 މިލިއަން ޑޮލަރު) އަކީ މި ހިނގާ އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ފައިސާ އެވެ.

ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ދެނީ ބިން: އޮޑިޓު

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

މި މުއާމަލާތުގެ ސަބަބުން، 2023 ގައި ހެދި އަސްލު އެއްބަސްވުންތަކުގެ އޮނިގަނޑު ވަނީ މުޅިން ބަދަލުވެފަ އެވެ. އޭރު ސީއެމްސީއަށް މަސައްކަތުގެ އަގުގެ ގޮތުގައި ދޭން ނިންމާފައި އޮތީ ބިމާއި ތަރައްގީގެ ހައްގުތަކެވެ. ނަމަވެސް މިހާރު ސީއެމްސީއަށް ދައްކަން ޖެހެނީ ފައިސާ އެވެ. ބިންތައް ލިބެނީ އެމްއޭސީއެލްގެ ސަބްސިޑަރީ އެމްއައިއައިޑީއަށެވެ.

މި ހުރިހާ ކަމެއް ބަދަލުވެގެން ދިޔަޔަސް، ސަބްކޮންޓްރެކްޓަރެއްގެ ގޮތުން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރަނީ ސީއެމްސީންނެވެ. މި ގޮތުން މިދިޔަ އަހަރު ކުރި މަސައްކަތްތަކަށް އެމްއައިއައިޑީން 123.6 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި ސީއެމްސީގެ ޑްރެޖަރުތަކަށް 37.3 މިލިއަން ރުފިޔާގެ ތެޔޮ އަޅައިދީފައި ވަނީ ވެސް އެމްއައިއައިޑީންނެވެ.

އެމްއައިއައިޑީން މި ތެޔޮ ނަގާފައި ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދަރަންޏަށެވެ. މިދިޔަ އަހަރު ނިމުނުއިރު މި ފައިސާ އެސްޓީއޯއަށް ދައްކާފައި ނުވާ ކަމަށް އޮޑިޓުގައި ވެ އެވެ.

އޮޑިޓުގައިވާ ގޮތުގައި، ސެޓްލްމަންޓް އެއްބަސްވުމާ ގުޅިގެން ހެދި ސައިޑް ލެޓާއެއްގެ ދަށުން، ތެލުގެ ހަރަދު އުނިކުރަނީ މުސްތަގުބަލުގައި ސީއެމްސީއަށް ދައްކަން ޖެހޭ ފައިސާއިންނެވެ.

އެމްއޭސީއެލް އާއި ސަބްސިޑަރީތަކުގެ އޮޑިޓުތަކުން ދައްކަނީ، މި 1.76 ބިލިއަން ރުފިޔާއަކީ މަޝްރޫއުތައް ބަދަލުކުރުމުގެ ކުރިން ސީއެމްސީން ކުރި މަސައްކަތަށް ދައްކާ ފައިސާ ކަމަށެވެ. ނަމަވެސް، އެ ފައިސާ ކޮންމެ މަޝްރޫއަކަށް ބަހާލާފައިވާ ގޮތެއް އޮޑިޓުތަކުން ނޭނގެ އެވެ. އަދި މި ފައިސާ ދެނީ ސީދާ ސީއެމްސީއަށް ކަމެއް ނޫނީ އެޗްޑީސީ މެދުވެރިކޮށް ކަމެއް ވެސް ސާފެއް ނުވެ އެވެ.

ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ، ސީއެމްސީއަށް އެއްވެސް ބަދަލެއް ނުދީ އެއްބަސްވުން ބާތިލުކުރަން މަސައްކަތްކުރަމުންދާ ކަމަށް މިދިޔަ އަހަރުގެ ޖުލައި 14، ގައި ވިދާޅުވެފަ އެވެ. އެ ފަހަރު އޭނާ ވިދާޅުވީ، ގިރާވަރުފަޅުގެ މަސައްކަތްތަކަށް ކޮންޓްރެކްޓަރަށް 35 މިލިއަން ޑޮލަރު ދީފައިވާއިރު، އަސްލު ކޮށްފައި ހުރީ 20 މިލިއަން ޑޮލަރުގެ މަސައްކަތް ކަމަށެވެ.

ނަމަވެސް، އޮޑިޓުތަކުން ހާމަވާ ސެޓްލްމަންޓް އެއްބަސްވުމުގައި ސީއެމްސީން ކޮށްފައި ހުރި މަސައްކަތްތަކަށް ބޮޑު އަގެއް ދަށްކަން އެއްބަސްވެފައިވާތީ، މުއްތަލިބު ދެއްކެވި ވާހަކަތައް ދިމާ ނުވެ އެވެ.

މީގެ އިތުރުން، ފަހުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރިން ދެއްކި މި 35 މިލިއަން ޑޮލަރާއި، ހުޅުމާލެ ފޭސް ތިނުގެ އެޑްވާންސްގެ ގޮތުގައި ދިން ކަމަށް މައުލޫމާތު ލިބިފައިވާ 20 މިލިއަން ޑޮލަރު ކަނޑާ ކަމެއް ވެސް ނޭނގެ އެވެ. 

އޮޑިޓުން ހާމަވީ އަނެއް ކަމަކީ، ބިން ހިއްކުމުގެ މަޝްރޫއުތަކާ ހަވާލުވި އަހަރު، އެމްއޭސީއެލްއިން ހުޅުލޭގެ ބިމާއި ރަންވޭގެ ލީސް ހައްގު ރަހުނުކޮށްގެން "ވާކިން ކެޕިޓަލް" ގެ ގޮތުގައި ބޮޑެތި ލޯނުތައް ނެގި ކަމެވެ. މިގޮތުން 1.26 ބިލިއަން ރުފިޔާގެ އާ ލޯނު ނެގިއިރު، އެ ކުންފުނިން ގަނެފައި ހުރި ދައުލަތުގެ ސެކިއުރިޓީތައް ރަހުނުކޮށްގެން ވެސް 15 މިލިއަން ޑޮލަރުގެ ލޯނެއް ނެގި އެވެ.

މިއާއެކު، 2025 ނިމުނުއިރު އެމްއޭސީއެލް އާއި ސަބްސިޑަރީތައް ހިމެނޭހެން ނަގާފައިވާ ލޯނުތައް ވަނީ 16.64 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ އަހަރެއްގެ ތެރޭގައި 3.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި މި އަހަރު، ގިރާވަރުފަޅުގެ މަސައްކަތަށް ސަރުކާރުން އެމްއޭސީއެލްއަށް 650.7 މިލިއަން ރުފިޔާގެ ލޯނެއް ދީފައިވާ ކަން އަންނަ އަހަރުގެ ބަޖެޓު ލިޔެކިޔުންތަކުން ދައްކަ އެވެ.

އެމްއޭސީއެލްގެ ދަރަންޏާއި ދައްކަން ޖެހޭ ބިލުތައް އެތައް ބިލިއަން ރުފިޔާއިން އިތުރުވެފައިވާއިރު، މި މުއާމަލާތުން އެމްއޭސީއެލްއަށް އެއްވެސް ފައިސާއެއް ނުލިބެ އެވެ. ލިބެނީ އެޗްޑީސީ އާއި އެމްއެފްއެމްސީން ދޭ ބިމެވެ. ނަމަވެސް މި ބިމުގެ ސައިޒަކީ ކޮބައި ކަމެއް، ލިބެނީ ކޮން ތަނަކުން ކަމެއް، އަދި ލިބޭނީ ކޮން ދުވަހަކު ކަމެއް އޮޑިޓުގެ އެއްވެސް ހިސާބެއްގައި އެމްއޭސީއެލްއިން ބުނެދީފައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox