ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކަން މަސައްކަތްކުރަމުން އަންނަ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީއެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކޮށް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ފިނޭންސް މިނިސްޓްރީން ބުނީ މި ސުކޫކަށް ގެރެންޓީ ދިނުމުން ދައުލަތުގެ ގެރެންޓީ ދީފައިވާ ދަރަނި އިތުރުވެގެން ދާނެ ކަމަށެވެ. މި ބަދަލާ ގުޅިގެން ފިނޭންސުން ވަނީ ގެރެންޓީ ދީފައިވާ ދަރަނީގެ ޓާގެޓު ވެސް މުރާޖައާކޮށްފަ އެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ 2028 ވަނަ އަހަރުގެ ނިޔަލަށް ގެރެންޓީ ދީފައިވާ ދަރަނި ޖީޑީޕީގެ ނިސްބަތުން 10 ޕަސެންޓަށް ތިރިކުރުމަށެވެ. ނަަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި މި ޓާގެޓު މުރާޖާކޮށް، އާ ޓާގެޓަކީ ގެރެންޓީ ދީފައިވާ ދަރަނި ޖީޑީޕީގެ ނިސްބަތުން 15 ޕަސެންޓަށް ދަށްކުރުމެވެ.
ބަޖެޓު ފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މުހިންމު ފިސްކަލް އަމާޒަކަށް ބަދަލު ގެނައީ، ބޭންކިން ދާއިރާއަށް ސަރުކާރުން އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ.
މި ގޮތުން ބީއެމްއެލްގެ ސުކޫކުގެ ސަބަބުން، ބޭންކިން ދާއިރާ ފުޅާވެ، އިގުތިސޯދުގައި ފައިދާ ހުރި ޓޫރިޒަމް އިންވެސްޓްމަންޓުތަކަށް ފުރުސަތު ހުޅުވިގެން ދާނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި، މެދު ރާސްތާގައި ދައުލަތުގެ އާމްދަނީއަށް އެހީތެރިވެދޭނެ ކަަމަށް ވެސް ބުންޏެވެ.

ބަޖެޓު ފޮތުގައިވާ ގޮތުގައި، ބީއެމްއެލް ސުކޫކާ ނުލައި އަންނަ އަހަރު ގެރެންޓީ ދަރަނި ހުންނާނެ ކަމަށް ފިނޭންސުން ލަފާކުރީ 7.5 ޕަސެންޓުގައި އެވެ. ނަމަވެސް މި ސުކޫކާއެކު މި ނިސްބަތް އަންނަ އަހަރު 13.5 ޕަސެންޓަށް އުފުލޭނެ އެވެ.
ސަރުކާރުން ބުނަނީ މި ފައިސާ ހަރަދުކުރުމަށް ރާވާފައި ވަނީ ރާއްޖޭގެ އުތުރުގައި ރިސޯޓު ތަރައްގީކުރުމަށް ފައިނޭންސް ކުރުމަށް ކަމަށެވެ. މި ފައިސާ ބޭނުންކޮށްގެން، އެ ސަރަހައްދުގައި އެނދު އިތުރުކުރެވި، އުތުރުގައި އިގުތިސޯދީ ހަރަކާތްތަކާއި ވަޒީފާގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް ބަޖެޓު ފޮތުގައި ބުނެފައިވެ އެވެ.
ބީއެމްއެލްއިން ސުކޫކެއް ވިއްކަން އުޅޭކަން އިއުލާންކުރިއިރު ބުނީ، އެ ބޭންކުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބާޒާރުން ފައިސާ ހޯދަން ނިންމީ، އީރާނު ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ކަމަށެވެ. އަދި، މި ފައިސާގެ ބޭންކުގެ ޑޮލަރު ތާށިކަމުގެ މައްސަލަތަކަށް "ނުސީދާ ހައްލެއް" ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެފައިވެ އެވެ.
ސަރުކާރުން ވަނީ މި ސުކޫކު ވިއްކައިގެން ލިބޭ އެއްވެސް ފައިސާއެއް ދައުލަތުގެ ބަޖެޓަށް ނުވަތަ ސަރުކާރުގެ ކޭޝްފްލޯ ހަމަޖައްސަން ބޭނުން ނުކުރާނެ ކަމަށް ބުނެފަ އެވެ. ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޓޫރިޒަމް ކުރިއަރުވަން ބީއެމްއެލްއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
އޭރު ޒަމީރު މިހެން ވިދާޅުވިޔަސް، ބަޖެޓު ފޮތުގައި ސުކޫކުގެ ފައިސާ ދެކުނުގައި ޓޫރިޒަމް ތަރައްގީކުރުމަށް ބޭނުންކުރާނެ ވާހަކައެއް ބަޔާންކޮށްފައި ނެތެވެ.
ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދޭއިރު، ގެރެންޓީ ދީފައިވާ ދަރަންޏަކީ ދައުލަތުގެ މާލިއްޔަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ބަޖެޓު ފޮތުގައި ބަޔާންކޮށްފައި އެބައޮތެވެ. އަދި، މި ނުރައްކާ އަހަރުން އަހަރަށް ބޮޑު ވަމުންދާ ކަމަށް އިންޒާރުދީފައިވެ އެވެ.
ފިނޭންސުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ގެރެންޓީ ދީފައިވާ ދަރަނި ހުރީ، 19.1 ބިލިއަން ރުފިޔާގައި އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 15.4 ޕަސެންޓެވެ. އަދި، މީގެ 97 ޕަސެންޓަކީ ބޭރު ފައިސާއިން ނަގާފައިވާ ދަރަންޏެވެ.












