ކ. ބޮލިދުއްފަރު ފަޅުގައި ތަރައްގީކުރަމުންދާ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންތަކެއް ގައުމަށް ފޮނުވާލަން އުޅުމާ ދެކޮޅު ހެދުމުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފި އެވެ.
އެމީހުން ގައުމަށް ފޮނުވާލަން އުޅުނީ މުސާރަ ނުލިބޭތީ އާއި އެހެން މުވައްޒަފުންގެ ވެލްފެއާއާ ގުޅޭ ބައެއް އެހެން ކަންކަމުގައި އިހުތިޖާޖު ކުރުމުންނެވެ. އެ އިހުތިޖާޖުގައި 100 އަށް ވުރެ ގިނަ މަސައްކަތްތެރިން ބައިވެރިވެވި ކަމަށް އަންދާޒާ ކުރެވެ އެވެ.
ފުލުހުން ބުނީ މުޒާހަރާގެ މައްސަލައިގައި ހިމެނޭ 22 ބިދޭސީއަކު އަނބުރާ ގައުމަށް ފޮނުވާލަން އެއާޕޯޓަށް ގެންދިޔުމުން އޭގެ ތެރެއިން 21 މީހުން ފުރަން ދެކޮޅު ހެދުމުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، އެކަކު ދެކޮޅު ހެދުމެއްނެތި ގައުމަށް ފުރާފައިވާ ކަމަށެވެ.
އެ ބިދޭސީ މުވައްޒަފުން ފުރުވާލަން އެއާޕޯޓަށް ގެންދިޔައީ އެ މުވައްޒަފުން މަސައްކަތްކުރާ ތަނުން އެ މުވައްޒަފުން ވަކިކުރަން ނިންމައި، އެ ހުރިހާ ޕްރޮސެސްއެއް ކުރިއަށްގެންދިޔުމުން ކަމަށް ފުލުހުން ބުންޏެވެ.
އިމިގްރޭޝަނުން މިކަމާ ގުޅިގެން ބުނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން، ފުލުހުންގެ ފަރާތުން 21 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި އެ މީހުންނާމެދު އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
"ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން 21 ބިދޭސީއަކު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި. ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާނެ،" އިމިގްރެޝަނުން ބުންޏެވެ.
ނަމަވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިކަމާ ގުޅިގެން ބުނީ ބިދޭސީ މުވައްޒަފުން އެއާޕޯޓަށް ގެންދިޔައީ ޑީޕޯޓުކުރުމަށް ކަމަށާއި ޑިޓެންޝަން ސެންޓަރުގައި ބަންދުކުރީ އެކަމަށް ދެކޮޅު ހެދި 21 ބިދޭސީން ކަމަށެވެ.
ޓްރާންސްޕޭރެންސީން ބުނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައި މުޒާހަރާކުރުމުން ޑީޕޯޓުކޮށް ގައުމަށް ފޮނުވާލަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މުޒާހަރާ ކުރުމަކީ ލިބިގެންވާ ހައްގެއް ކަމަށެވެ.
ގާނޫނުއަސާސީގެ ދަށުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މީހަކަށްމެ، މަސައްކަތް ހުއްޓާލުމާއި އިހުތިޖާޖު ކުރުމުގެ މިނިވަންކަން ލިބިދީފައިވޭ. މިފަދަ ހައްގުތަކުގެ ބޭނުން ހިފުމުގެ ސަބަބުން އެއްވެސް މަސައްކަތްތެރިއަކަށް ބިރުދެއްކުމާއި، ބަންދުކުރުމާއި ނުވަތަ ބަދަލު ހިފުމުގެ ގޮތުން ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިގެން ނުވާނެ. އެހެންކަމުން، މި ބިދޭސީ މަސައްކަތްތެރިން ޑީޕޯޓްކޮށްލުމަށް ނިންމާފައިވާ ނިންމުން ވަގުތުން ބާތިލުކުރުމަށް ގޮވާލަން،" ޓްރާންސްޕޭރެންސީން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީ މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ކަނޑައެޅުމަށް އެ ބިދޭސީން ގެނައި ކުންފުންޏާއި އިމިގްރޭޝަން ދަނީ މަޝްވަރާކުރަމުން ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.








