ހުޅުމާލެ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލް އަންހެނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއްގައި ބަންގްލަދޭޝް މީހަކު 18 އަހަރަށް ޖަލަށްލުމަށް އިއްޔެ ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި މީހަކާމެދު ނުރައްކާތެރި މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުވެ ޖަލަށްލާން ހުކުމްކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖަހަންގިރު މިއާ އެވެ. ޖަލަށްލުމުގެ އިތުރުން އޭނާ ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ކްރިމިނަލް ކޯޓުން ހުކުމް ކުރި އެވެ.
ކްރިމިނަލް ކޯޓުން އޭނާ 20 އަހަރަށް ޖަލަށްލީ ނަމަވެސް، ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 18 އަހަރާއި 10 މަހާއި 29 ދުވަހެވެ.
މި މާރާމާރީގައި އަނިޔާވި ނޭޕަލް އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭރު ދޫކޮށްލި އެވެ. އޭނާގެ ފުރާނައަށް ނުރައްކާވާ ޒަހަމެއް ނުލިބެ އެވެ. ހަމަލާ ދިނީ އޭނާގެ ކަރަށެވެ.
މާރާމާރީ ހިންގީ ޖަހަންގިރުކަން ދެނެގަނެ، އޭނާ ހުރި ތަން ހޯދައިގެން ފުލުހުން ވަނީ 24 ގަޑިއިރު ތެރޭގައި ހައްޔަރުކޮށްފަ އެވެ.

މީގެކުރިން ރާއްޖޭގައި ހިނގި އެކި މާރާމާރީތަކުގެ މައްސަލައާ ގުޅިގެން ބިދޭސީންގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށް ލާފައިވެ އެވެ. އޭގެއިތުރުން މަރުގެ މައްސަލަތަކާ ގުޅިގެންވެސް ބިދޭސީންގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށް ލާފައިވެ އެވެ.













