ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ދަރަންޏެއް އޮތް ނަމަ އެ ފައިސާ ކެނޑުމަށްފަހު ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން ސަރުކާރު ކުންފުނިތަކުގެ ބައި އުނިކޮށްފި އެވެ.
އިއްޔެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި އެންމެ ފުރަތަމަ ލިޔެފައި އޮތީ "ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ" މިހެންނެވެ. ނަމަވެސް އެ ނޫސް ބަޔާން އަލުން އިސްލާހުކޮށް ޝާއިއުކުރިއިރު ސަރުކާރު ކުންފުނިތަކުގެ ބައި ވަނީ އުނިކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެކަމަށްޓަކައި އެދި ހުށަހަޅަން ޖެހެނީ މީރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. އެ އުސޫލުގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެންޖެހޭ ފައިސާއެއްވާ ނަމަ އެ ފައިސާ އަޅައިކެނޑުމަށްފަހު ޓެކްސް ދެއްކިދާނެ އެވެ. ޓެކްސް އާއި މީރާއަށް ދައްކަންޖެހޭ އެ ނޫން ޖޫރިމަނާ ފަދަ ފައިސާ ވެސް އުސޫލުގެ ދަށުން ކެނޑޭނެ އެވެ.
އެކަމަކު އުސޫލުގައިވާ ގޮތުން އެއްވެސް ފައިސާއެއް އަޅައިކަނޑައިދެވޭނީ އަމިއްލަ ވިޔަފާރިއަށް ނުލިބިވާ ފައިސާ ސަރުކާރުގެ އިދާރާއިން ނުވަތަ ކުންފުނިން މީރާއަށް ޖަމާކޮށްދިނުމުންނެވެ.
އެހެންކަމުން، ޓެކްސް އަޅައިކެނޑުމަށް ވިޔަފާރިވެރިން ހުށަހެޅި ނަމަވެސް އެކަން ޕްރޮސެސް ވާނީ ވިޔަފާރިވެރިޔާއަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ސަރުކާރުން މީރާއަށް ޖަމާކޮށްދިން އިރަކުންނެވެ.

ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދައްކައި ހަލާސް ކުރުމަކީ މުއިއްޒުގެ ވަރަށް ބޮޑު ވައުދެކެވެ. އެ ފައިސާތައް ދައްކައި ހަލާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން މުއިއްޒު ހަ ތާރީހެއް ދެއްވި އެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު އެ ފައިސާ ދައްކާ ހަލާސްކޮށްފައެއްނުވެ އެވެ.








