ހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރި ތިނަދޫ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖަރެއްގެ މަގާމުގައި ހުރި ހުޒާމް ސައީދަށް ފިޔަވަޅު އަޅާނީ އެ މައްސަލައިގައި އޭނާގެ މައްޗަށް ކުށެއް ސާބިތުވުމުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރޭޕްގެ މައްސަލަ ސާބިތުވާ ކަމަށް ތަހުގީގީ އިދާރާއަކުން ކަނޑައަޅައިފިނަމަ، އެ ކުންފުނީގެ ގަވާއިދާ އެއްގޮތަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
"ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކި ހުރެ އެ ފަދަ މައްސަލައެއް ތަހުގީގީ އިދާރާއަކުން މި ކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކަށް ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ، މި ކޯޕަރޭޝަނުގެ ގަވާއިދާ އެއްގޮތަށް އެ މުވައްޒަފަކާ މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެކަމުގެ ޔަގީންކަން އަރުވަން،" ވެމްކޯއިން ބުންޏެވެ.
ހުވަދޫ އަތޮޅުގައި 22 އަހަރުގެ އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހުޒާމް ހިމެނޭ ގޮތަށް ނުވަ މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހުޒާމް އާއި މުހައްމަދު ސާލިހް އަހްމަދުގެ ބަންދަށް 90 ދުވަސް ވަނީ ޖަހާފަ އެވެ. ބާކީ ތިބި މީހުންނަށް ޖެހީ 30 ދުވަހާއި 15 ދުވަހާއި 10 ދުވަސް އަދި ފަސް ދުވަހެވެ.
ހުޒާމްގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ޖަހާފައިވާއިރު، އޭނާގެ މައްޗަށް ކުންފުނިން އެއްވެސް ފިޔަވަޅެއް ނާޅާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވެމްކޯއިން ބުނީ މަސައްކަތުގެ މާހައުލުގައި އާއި، އެ މާހައުލުން ބޭރުގައިވެސް އެ ކުންފުނީގެ މުވައްޒަފުންގެ އަހްލާގީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ އެ ކުންފުނީގެ އެޗްއާރް ޕޮލިސީގެ އެންމެ އަސާސީ މަގްސަދު ކަމަށެވެ.
މީގެއިތުރުން އެ ޕޮލިސީ ފަރުމާ ކުރެވިފައިވަނީ އެފަދަ ރިވެތި އަހްލާގީ މިންގަނޑުން ބޭރުވެ، ނޭއްގާނީ އެކިއެކި ކުށްތައް ކުރާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެކަން ތަކުރާރު ނުވާނެފަދަ ގޮތަކަށް ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.













