ޔޫއޭއީގެ ކުންފުންޏެއްކަމަށްވާ، އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިޔުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ހުށަހަޅައިފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުންނެވެ.
އެ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް މަޖިލީހަށް ފެންނަ ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހަށް ނިންމި ދާނެ ކަމަށެވެ.
އެ ގާނޫނުގެ ހަވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ކަމަކާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ފެންނަނުފެންނަ ވޯޓެއް ނެގޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށެވެ. އެހެންކަމުން، އެފަދަ ގަރާރެއް ފާސްކުރުމަށް އެންމެ މަދުވެގެން 47 މެންބަރުންގެ ވޯޓު ބޭނުންވާނެ އެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ އެގްރިމެންޓުގައި ސޮއި ނުކުރަން ގޮވާލައި އެމްޑީޕީގެ ގަރާރެއް
މިއަދު ފާސް ކުރި އެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްވެސް އެކުއިސިޝަން ކޮސްޓަކާ ނުލައި އަދި އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ދޫކުރުމަކީ ރައްޔިތުންގެ ފައިސާއަށް ވާ ބޮޑު ހިޔާނާތެކެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އާންމުންގެ ފެންނަނުފެންނަ ވޯޓަކަށް ދާން އެދި ހުށަހެޅި ސަބަބަކީ، ރަސްމާލެއަކީ ދައުލަތުގެ ފައިސާއިން ހިއްކާފައިވާ ބޮޑު ބިމަކަށްވެފައި އެ ބިން ދިގު މުއްދަތަކަށް ބޭރު މީހުން ވަޒަންވެރިވެގެން އުޅުެވޭ ގޮތަށް ދޫކުރުމަކީ ދިގު މުއްދަތުގައި ގައުމުގެ މަސްލަހަތަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަކަށް ވާތީ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

"ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއިން 500 ހެކްޓަރުގެ ބިމުގައި މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާގެ ނަމުގައި މަޝްރޫއުއެއް ހިންގުމަށާއި އެ ބިމުގައި ބިދޭސީންނަށް ވަޒަންވެރިވެ ތިބުމުގެ ހައްގު ލިބޭގޮތަށޤ އެ ބިން 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ފެނޭ ހެއްޔެވެ؟" ރައްޔިތުންގެ ފެންނަނުފެންނަ ވޯޓުގައި ހިމަނަން އެމްޑީޕީން އެދިފައިވާ އިބާރާތުގައިވެ އެވެ.
އެ ވޯޓު ނެގުމަށް އެމްޑީޕީން އެދިފައިވަނީ ފެންނަނުފެންނަ ވޯޓުގެ ގަރާރު މަޖިލީހުން ފާސްކުރާތާ 60 ދުވަހުގެ ތެރޭގަ އެވެ. އެހެންކަމުން، އެކަމާ ގުޅޭގޮތުން ފެންނަނުފެންނަ ވޯޓެއް ނަގަން ފާސްވެއްޖެ ނަމަ، އެ މަޝްރޫއުއާ ބެހޭ މައުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދޭން ދެ މަސްދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
އެމްޑީޕީން މަޖިލީހަށް ހުށާހެޅި ގަރާރުގައި ވަނީ ރަސްމާލެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާއި ދެކޮޅަށް ހުރި ހުއްޖަތުތައް ވެސް ހިމަނައިފަ އެވެ.
ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރަން ވަގުތު ކުޑަތަންވާއިރު، އެކަމާ ބެހޭ ބިލު އަދިވެސް މަޖިލީހަށް ނުފޮނުވާ
މި ނޫހާ ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވީ ރަސްމާލެ ވިއްކައިލުމުގެ ކުރިން ހަދާނެކަމަށް ބުނި ރިއަލް އެސްޓޭޓް ގާނޫނުގެ ބިލު މަޖިލީހަށް އަދި ނުފޮނުވާ ކަމަށް.އީގަލް ހިލްސް ކުންފުންޏާއެކު ސެޕްޓެމްބަރު 21، ގައި ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓު އެއްވެސް މީހަކަށް އަދި ހާމައެއް ނުކުރޭ.
ގައުމީ މުހިންމު ކަންކަން ނިންމުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލިބޭގޮތަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނު މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރެއްވީ މިދިޔަ އަހަރު ސެޕްޓެމްބަރު 18، ގަ އެވެ.
އެ ގާނޫނު ވުޖޫދުވިފަހުން، މިހައިތަނަށް ދެ ކަމެއްގައި ފެންނަނުފެންނަ ވޯޓެއް ވަނީ ނަގައިފަ އެވެ. ފުރަތަމަ ވޯޓު ނަގައިފައި ވަނީ އައްޑޫ ސިޓީން ފޭދޫ، މީދޫ އަދި، ހުޅުދޫ ވަކިވުމާ ގުޅޭގޮތުން އެ ރަށްރަށުގެ ރައްޔިތުން ދެކޭގޮތް ބެލުމަށެވެ.
އޭގެފަހުން، މި އަހަރުގެ އޭޕްރިލް މަހު ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ފެންނަނުފެންނަ ވޯޓެއް ނަގައިފަ އެވެ. އެ އިންތިހާބުގައި ނަތީޖާ ނުކުތީ ސަރުކާރުން ކެމްޕޭން ކުރި ގޮތާ ހިލާފަށެވެ.













