މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ތެލުގެ ސަބްސިޑީ ހަރަދު ވެސް ރެކޯޑު މިންވަރަކަށް އުފުލި، މި އަހަރު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ފިނޭންސުން ވަނީ މި އަހަރުގެ ބަޖެޓުގެ ތެލުގެ ސަބްސިޑީގެ ގޮތުގައި ފާސްކުރި 1.8 ބިލިއަން ރުފިޔާ ރިވައިޒްކޮށްފަ އެވެ. މިހާރު ސަރުކާރުން އަންދާޒާ ކުރާ އަދަދަކީ ބަޖެޓު ކުރި އަދަދަށް ވުރެ 2.7 ގުނަ ބޮޑު އަދަދެކެވެ.
ބަޖެޓު ފޮތުގައި ހުރި ތާވަލުތަކުން ދައްކާ ގޮތުގައި ތެލުގެ ސަބްސިޑީއަށް އެންމެ ގިނައިން ހަރަދު ވާނީ މި އަހަރެވެ. މީގެ އިތުރުން، 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ތެލުގެ ސަބްސިޑީއަށް ބަޖެޓު ކުރި ވަރަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ ނުވަތަ އެއަށް ވުރެ ގިނަ އަދަދެއް ހޭދަވެފައިވެ އެވެ.
މި ގޮތުން 2022 ގައި 881.4 މިލިއަން ރުފިޔާ ބަޖެޓުކުރިއިރު، 3.2 ބިލިއަން ރުފިޔާ ހަރަދުވި އެވެ. އަދި، 2023 ގައި 1.4 ބިލިއަން ރުފިޔާ ބަޖެޓުކުރުމަށް ފަހު، 2.8 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.
މި ސަރުކާރުގެ ތިން އަހަރަށް ބަލާއިރު، 2024 ގައި 1.3 ބިލިއަން ރުފިޔާ ބަޖެޓުކުރުމަށް ފަހު 2.6 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ. އަދި މިދިޔަ އަހަރު 813.2 މިލިއަން ރުފިޔާ ބަޖެޓުކުރުމަށް ފަހު 2.3 ބިލިއަން ރުފިޔާ ހަރަދުކުރި އެވެ.

މި ދެ އަހަރުގެ ތެރެއަށް މި އަހަރުގެ ނިޔަލަށް ހަރަދު ވާނެ ކަމަށް އަންދާޒާ ކުރާ އަދަދު އެއްކޮށްލުމުން، ތިން އަހަރުގެ ޖުމްލަ 9.8 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ މި މުއްދަތަށް ބަޖެޓު ކުރި ހަތަރު ބިލިއަން ރުފިޔާއަށް ވުރެ 5.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ސަރުކާރުން ވަނީ އަންނަ އަހަރު ވެސް ތެލުގެ ސަބްސިޑީ ހަރަދު ވަރަށް މަތީގައި ހުންނާނެ ކަމަށް ލަފާކޮށް، މި ކަމަށް 4.0 ބިލިއަން ރުފިޔާ ހަރަދުކުރަން ހުށަހަޅާފަ އެވެ. މިއީ ތާރީހުގައި ވެސް ތެލުގެ ސަބްސިޑީ ދޭން ބަޖެޓު ކުރި އެންމެ ބޮޑު އަދަދެވެ.
ތެލުގެ ސަބްސިޑީގެ އެންމެ ބޮޑު ހިއްސާއަކީ ކަރަންޓަށް ދޭ ތެލުގެ ސަބްސިޑީ އެވެ. މި އަހަރު މި ކަމަށް ބަޖެޓުކުރީ އެއް ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު ސަރުކާރުން ބުނަނީ މި ކަމަށް އެކަނި 3.75 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ. މިއީ ބަޖެޓަށް ވުރެ 3.5 ގުނަ ބޮޑު އަދަދެކެވެ.
މިހެން ނަމަވެސް އަންނަ އަހަރު ކޮންމެ ވެސް ވަރަކަށް އަގު ދަށް ވާނެ ކަމަށް ލަފާކޮށް، ފިނޭންސުން ބަޖެޓު ކުރީ 3.2 ބިލިއަން ރުފިޔާ އެވެ.
ތެލުގެ ސަބްސިޑީގެ ތެރޭގައި މަސް ދޯނިފަހަރަށް ފޯރުކޮށްދޭ ތެލުގެ ސަބްސިޑީ ވެސް ހިމެނެ އެވެ. މިއީ ތެލުގެ އަގު މައްޗަށް ދިޔުމުން މަސްވެރިކަމަށް ކުރާ އަސަރު ކުޑަކުރުމަށް ޓަކައި ފޯރުކޮށްދޭ ސަބްސިޑީއެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މުސްތަގުބަލުގައި މި ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ބުނީ، ޕަވާ ޕާޗޭސް އެގްރީމަންޓުތަކުގެ ދަށުން އެކި ރަށްރަށުގައި 150 މެގަވޮޓުގެ ސޯލާ މަޝްރޫއެއް މި އަހަރަށް ފަށާނެ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ކަރަންޓު އުފެއްދުމަށް އިންވެސްޓްމަންޓްތައް ކުރާނެ ކަމަށް ވެސް ބުންޏެވެ.
ބަޖެޓު ފޮތުގައި ބުނެފައި ވަނީ މި މަޝްރޫއުތައް ނިމުމުން، މެދު ރާސްތާގައި ތެލުގެ ސަބްސިޑީ ދަށްވާނެ ކަމަށެވެ.
ތެލުގެ ސަބްސިޑީ އާއި އެހެން ސަބްސިޑީތައް ހިމަނައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކުރަން ޖެހޭ ފައިސާ އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، މި ސަރުކާރުން ވަނީ ސަބްސިޑީ ހައްގުވާ މީހުންނަށް އެކަނި ދިނުމުގެ ޕްލޭން ދޫކޮށްލާފަ އެވެ













