ރާއްޖޭގެ ރިސޯޓުތަކަށް ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާގެ މަތިންދާ ބޯޓެއް މިއަދު ގެނެސްފި އެވެ.
އެ ބޯޓު ރާއްޖެ ގެނެސްފައި ވަނީ މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓާ ގުޅިގެންނެވެ. ނިލާ ކޮރަލް އައިލެންޑަކީ އިޓަކާ ހޯމް މޯލްޑިވްސް ކިޔާ ކުންފުންޏަކުން ގދ. ކޮޑެގަލާގައި ހިންގާ ރިސޯޓެކެވެ. 20 ކޮޓަރީގެ އެ ރިސޯޓު ހުޅުވީ އޮކްޓޫބަރު 12، ގަ އެވެ.
މޯލްޑިވިއަންއަށް މިއަދު ގެނައި ކިންގް އެއާ 360 މަރުކާގެ ބޯޓަކީ 2020 ވަނަ އަހަރު ޓެކްސްޓްރޮން އޭވިއޭޝަނުން ފަރުމާކޮށް މާކެޓަށް ނެރުނު ބޯޓެކެވެ. ރާއްޖެއަށް ގެނައި ބޯޓުގައި އުފުލޭނީ އަށް ފަސިންޖަރުންނެވެ.
އެ ބޯޓުގައި ފަސިންޖަރުން އުފުލޭ މިންވަރު، ރާއްޖޭގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުލަން ބޭނުންކުރާ ސީޕްލޭންތަކުގައި ފަސިންޖަރުން އުފުލޭ މިންވަރާ ދާދި އެއްވަރު ނަމަވެސް، އެ ދެ މަރުކާގެ ބޯޓަކީ މުޅީން ތަފާތު ދެ ބޯޓެވެ.
އެގޮތުން، އަލަށް ގެނައި ކިންގް އެއާ 360 ބޯޓަކީ އެތެރެ ކެބިން ޕްރެޝަރައިޒް ކޮށްފައި ހުންނަ، އަދި، ސީޕްލޭންއަށްވުރެ މަތިން، ރޭގަނޑު ވެސް ދަތުރުކުރެވޭ ބޯޓެކެވެ.

މޯލްޑިވިއަނުން ބުނީ އެ ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ނިލާ ކޮރަލް އައިލެންޑް ރިސޯޓަށް ފަސިންޖަރުން އުފުލުމަށް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށް ވެސް އެ ބޯޓު ބޭނުންކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.













