ރާއްޖެއަށް އެތެރެކުރި ދާގީނާއެއްގައި ހުރި 6.75 ކިލޯގެ މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުނު ކަމުގެ ތުހުމަތުގައި، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން ބަންގްލަދޭޝްގެ ހަތަރު ފިރިހެނަކު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ އެމްޑީ ޖިހާދު ބިން އަރީފް (20އ) އާއި، އެމްޑީ މިޒަންނޫރު ރަހްމާން (41އ) އާއި، މިރްޒާ އަލް އަމީން (30އ) އަދި އެމްޑީ އަރްމާން އަލީ (21އ) އެވެ.
ފުލުހުން ބުނީ އެ މީހުން އަތުލައިގަތީ ވައިގެމަގުން އެތެރެކުރި ދާގީނާއެއްގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ކަސްޓަމްސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެ މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ވެސް ބައިވެރިވި އެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ދެން ތިބި ތިން މީހުންގެ ބަންދަށް ކޯޓުން ދިނީ 15 ދުވަހެވެ.
މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ސިންތެޓިކް ކެތިނޯންގެ ބާވަތެކެވެ. މިއީ ރާއްޖޭގައި އާންމުކޮށް "މިއައު" ނުވަތަ "މިއައު މިއައު" ގެ ނަމުން މަޝްހޫރުވެފައިވާ ބާވަތެކެވެ.

މި ބާވަތަކީ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސިއްހީ ގޮތުން ނުރައްކާތެރި އަސަރުތަކެއް ކުރާ ސިންތެޓިކް ޑްރަގެކެވެ. މި ފަހަކަށް އައިސް ރާއްޖޭގައި މި ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރުމާއި، އެތެރެކުރަން އުޅޭ މިންވަރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.
މީގެ އިތުރުން ފުލުހުން ދިން މައުލޫމާތަކާ ގުޅިގެން ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގުލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިއްޔެ ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ވ. ފުލިދޫ، އަހްމަދު ނަސީރު، 62، އެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑުން އޭނާގެ ހަށިގަނޑުން ނެގި 19 ބުލެޓުގައި ގުޅިގެން 427 ގްރާމުގެ މަސްތުވާތަކެތީ ހުރި ކަމަށެވެ. ނަމަވެސް އެއީ ކޮން ބާވަތެއް ކަމެއް ނުބުނެ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.












