އަދަދު ނޫހުން މާޗު 28، ގައި ގެނެސްދިން އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ކުރަން ފެށިކަމަށް ބުނި ތަހުގީގަށް މި އޮފީހުން ގެންދިޔަ އިލެކްޓްރޯނިކް ޑިވައިސްތަކުގެ ޕާސްވޯޑު ދިނުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ ފުލުހުން ގެންދިޔަ ތަކެތީގެ ތެރެއިން ހަތަރު ޑިވައިސްއެއްގެ ޕާސްވޯޑު ދިނުމަށެވެ. އެއީ އެޕަލް ބްރޭންޑުގެ ހަތަރު މެކްބުކް އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ އެ ތަކެތިން ޑޭޓާ އެކްސްޓްރެކްޓު ކުރަން ވާނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ ފަރާތެއްގެ ހާޒިރުގައި ކަމަށެވެ.
އަދި، ބަލައިފާސްކުރެވޭ ތަކެއްޗަކީ ނޫސްވެރިކަމާ ގުޅުންހުރި ތަނެއް ބަލައިފާސްކޮށް ގެންގޮސްފައިވާ ތަކެތި ކަމަށް ވާތީ، އެފަދަ ތަކެއްޗަކީ ގާނޫނުން އިމްތިޔާޒު ލިބިގެންވާ ތަކެތި ކަމަށް އެ އަމުރުގައި ބުންޏެވެ. އެހެންކަމުން، އެ ތަކެތިން ހޯދާ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށާއި އެކަމުގައި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުންޏެވެ.
އޭގެ އިތުރުން، އެ އަމުރުގެ ދަށުން ހޯދާ ހެކިގަރީނާ ބޭނުންކުރަން ވާނީ އެ އަމުރުގައި ބަޔާންކޮށްފައިވާ މައްސަލައިގައި އެކަނި ކަމަށް ވެސް އެ އަމުރުގައި ބުންޏެވެ.

އަދަދު ނޫހުން "އައިޝާ" ޑޮކިއުމެންޓްރީ ގެނެސްދިންތާ އެއް މަސްދުވަސްފަހުން ފުލުހުން އައިސް އަދަދު ނޫހަށް ވަދެގަތީ އޭޕްރިލް 27، ގައި، އެ ޑޮކިއުމެންޓްރީއާ ގުޅޭ ސުވާލެއް ކުރުމުން، އެ ރެ އެވެ.
ގާތްގަނޑަކަށް ހަތަރު ގަޑިިއިރު އޮފީހުގައި ހަރަކާތްތެރިވުމަށް ފަހު އަދަދު ނޫހުން ބޭނުންކުރާ ލެޕްޓޮޕްތަކާއި، ހާޑް ޑްރައިވްތަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ހިމެނޭހެން 20 ޑިވައިސްއެއް ފުލުހުން އެ ރޭ ގެންދިޔަ އެވެ.
މި ނޫހަށް ޖެހި ރެއިޑުގައި ގާތްގަނޑަކަށް 10 ފުލުހަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި ޓޭޒާ ބަޑި ހިފައިން ހުރި ފުލުހަކު ވެސް ހުއްޓެވެ.
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރި އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި މި ނޫހުގެ ދެ ނޫސްވެރިން ޖަލުގައި ވެސް ބަންދުކުރި އެވެ.
އަދި އެ މައްސަލައާ ގުޅިގެން އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އަންނަނީ ޝަރީއަތެއް ހިންގަމުންނެވެ.













