ކުލި ނުދައްކާތާ ގިނަ ދުވަސްވުމުން، ހުޅުމާލޭގައި ރިވެލި ބީޗް ރެސްޓޯރެންޓު ހިންގާ ބިން ހުސްކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބިމުގައި ވިޔަފާރި ހިންގުމަށް ރިވެލި ރެސްޓޯރެންޓު ހިންގާ ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން މިއަދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށެވެ.
"ވީމާ މިއަދުން ފެށިގެން މި ބިން ނަގަން ނިންމާފައިވުމާ ގުޅިގެން ސޮލާރިސް ޕްރައިވެޓް ލިމިޓެޑަށް ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ހިދުމަތެއް ވެސް ނުދެވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.
ސޮލާރިސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރަން ނިންމީ ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ. އެ ނިންމުން ނިންމުމުގެ ކުރިން ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތު ދީފައިވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ރިވެލި ބީޗް ރެސްޓޯރެންޓަކީ ހުޅުމާލެ ރުއްގަނޑު އެކެއްގައި ހިންގާ ރެސްޓޯރެންޓެކެވެ. އެ ރެސްޓޯރެންޓު އެއީ، އެގޮތަށް އަތިރިމައްޗާ އެހައި ގާތުގައި އެގޮތަށް ހުޅުމާލޭގައި ހިންގުމުގެ ހުއްދަ އެޗްޑީސީން ދީފައި ހުންނަ ހަމަ އެކަނި ރެސްޓޯރެންޓެވެ.













