ރާއްޖޭގެ ސްކޫލުތަކުގެ މާލީ ހާލަތު ގޯސްވެ، އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުން ލައްވައި މަސައްކަތް ކުރުވައިގެން ފަންޑު ހޯދަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ތައުލީމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ, މިހާރު ސްކޫލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބަޖެޓު ނެތުމުގެ ސަބަބުން ކިޔަވައިދިނުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ވެސް ލިބުން ދަތިވުން ކަމަށެވެ.
"ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން. ސްކޫލުތަކަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ނުލިބި، ސްކޫލުތަކުން މަސައްކަތު ދުވަސް ފާހަގަކޮށްގެން، ޕޭރަންޓުންނާއި ޓީޗަރުން ލައްވާ މަސައްކަތް ކުރުވައިގެން، ޕީޓީއޭ ލައްވާ މަސައްކަތް ކުރުވައިގެން، ފަންޑް ރައިސްކޮށްގެން ނޫނީ ސްކޫލެއްގެ އެންމެ އިތުރު ހަރަކާތެއް ވެސް ބޭއްވޭތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ," އޭނާ ވިދާޅުވި އެވެ.
އެގޮތުން މި ސަރުކާރުން ކޮންމެ ގާނޫނަކަށް އިސްލާހު ހުށަހަޅައިގެން ހަރަދު ކުޑަކުރަން އުޅެނީ ރައްޔިތުންގެ ލާބަޔަކަށް ނޫން ކަމަށާއި, އޭގެ ބަދަލުގައި ތައުލީމާއި އެހެނިހެން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކޮށްގެން ސަރުކާރުން ފައިސާ ބޭނުންކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަފުޅު ކަންކަމަށް ހަރަދު ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލާގައި މައުރޫފް އިތުރަށް ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ދޭ ބޮޑު ބަޖެޓުން ކުރާ ކަމެއް ނޭނގޭ ކަމަށާއި, ކޮންމެ ސްކޫލަކުން ވެސް އަޅުގަނޑުމެންނަށް [މެންބަރުންނަށް] ގުޅަމުން ދަނީ ސްޕޮންސަރ އެއް ހޯދަން ކަމަށެވެ.

"ސްކޫލުތަކުގެ އަހަރީ ދުވަހާއި، އިނާމު ދިނުމުގެ ޖަލްސާތަކާއި ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ސަރުކާރުގެ ބަޖެޓަށް ބަރޯސާނުވެވޭތީ، ބޮޑެތި ކުންފުނިތަކުގެ ސްޕޮންސާޝިޕް ހޯދަން ސްކޫލުތަކަށް ވަނީ މަޖުބޫރުވެފަ،" މައުރޫފް ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާކަން ވަނީ އިއުލާނުކޮށްފަ އެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކާއި ރާއްޖޭގެ ސްކޫލުތަކުގެ އިދާރީ އަދި ހިންގުމުގެ ހަރަދުތައް ކުޑަކުރުން ހިމެނޭއިރު، މީގެ ކުރިންވެސް ބައެއް ރަށްރަށުގެ ސްކޫލުތަކުން އެކަށީގެންވާ ވަރަށް ބަޖެޓު ނުލިބޭކަމުގެ ޝަކުވާ ކޮށްފައިވެ އެވެ.












