މަގުމަތީ ހުރި އަންހެނަކާ ދިމާލަށް ފުލުހުން އެއްޗެހި ކިޔުމަށްފަހު ވަރަށް އަނިޔާވެރިކޮށް އޭނާ ރޭ ހައްޔަރުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ދެ ފުލުހަކު ވެގެން އެ އަންހެން މީހާ ހައްޔަރުކުރުމުގެ ކުރިން އޭނާއާ ވާހަކަ ދެއްކީ ވަރަށް ބޭއަދަބީ ގޮތުންނެވެ. އެ އަންހެން މީހާ ކުރާ ދުއާތައް ﷲ އިޖާބަ ނުކުރައްވާނެ ކަމަށް ވެސް ފުލުސް މީހަކު އެ އަންހެން މީހާއާ ދިމާލަށް ބުންޏެވެ.
އެއަށްފަހު އެ މީހާ ހައްޔަރުކުރީ ބާރުގެ ބޭނުންކޮށް ވަރަށް ބާރަށް ބިންމައްޗަށް ޖެހުމަށްފަހު، ފަހަތަށް ބިޑި އަޅުވައިގެންނެވެ. އޭނާ މަގުމަތީ ހުރީތީ ހައްޔަރު ކުރަންޖެހުނު ސަބަބެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހަކަށްވެފައި އޭނާ ބަލައިފާސްކުރަން ދެކޮޅު ހެދުމުން ހައްޔަރުކުރީ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކުރިއިރު ފުލުހުން މުއާމަލާތްކުރި ގޮތާއި އަމަލުކުރި ގޮތަށް ބަލައި ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
"މުއާމަލާތްކުރުމުގައި ފުލުހުންގެ އަމަލުތައް ހުރި ގޮތާއި ކަންކަން ރިވިއުކުރަން ވަނީ އަންގާފައި. އެކަންތައް ބަލާފައި އެ ފަރާތްތަކަށް އޮންނަ އުސޫލުން ބަލާފައި އަމަލުކުރާނެ،" ފުލުހުން ބުންޏެވެ.

"އުސޫލެއް ގޮތުން ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އޭނަ ހުއްޓުވައި ޗެކްްކުރަން އުޅުމުން ޗެކްކުރިޔަ ނުދޭން އުޅުމުގެ ތެރޭގައި ހިނގައިދިޔަ ކަމެއް ހިނގައިދިޔައީ. ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑުން އޭގައި އެއްވެސް އިޝޫއެއް އުޅެންޏާ އަޅަންޖެހޭ ފިޔަވަޅު އަޅާނެ."
ފުލުހުން މީހުންނާ މުއާމަލާތްކުރާ ގޮތާއި ހައްޔަރުކުރުމުގައި އަމަލުކުރާ ގޮތާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އެގޮތުން މި މައްސަލައިގައި ވެސް ފުލުހުން މުއާމަލާތްކޮށް އަމަލުކުރި ގޮތާ ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.












