މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު މުވައްޒަފުންގެ އަދަދަށް 6،530 މީހުން އިތުރުވެފައިވާ ކަމަށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުން ދައްކައިފި އެވެ.
ބަޖެޓު ފޮތުގައި ހުރި ތަފުސީލުތަކަށް ބަލާއިރު، ކުރީ ސަރުކާރުގެ ދައުރު ނިމުނު އަހަރު ކަމުގައިވާ 2023 ގެ ނިޔަލަށް ސަރުކާރުގައި ތިބީ 48،936 މުވައްޒަފުންނެވެ. މިހާރު އެ އަދަދު ވަނީ 55،466 އަށް އަރާފަ އެވެ.
މީގެ އިތުރުން މި ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، އޭގެ ކުރީ ތިން އަހަރަށް ވުރެ މުވައްޒަފުން އިތުރުވާ ނިސްބަތް އަވަސްވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ފިނޭންސުން ބަޖެޓު ފޮތުގައި ހިމަނާފައިވާ އަދަދުތަކަށް ބަލާއިރު، 2020 ވަނަ އަހަރު ސަރުކާރުގައި ތިބީ 44،128 މުވައްޒަފުންނެވެ. އެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ގޮސް 2023 ގެ ނިޔަލަށް ހުރީ 48،936 ގައެވެ. އެހެންކަމުން 2020 އިން 2023 އަށް އޭގެ ކުރީ ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 4،808 މުވައްޒަފުން އިތުރުވި އިރު، އެއީ އަހަރަކު އެވަރެޖުކޮށް 1،603 މުވައްޒަފުންނެވެ.
މި އަދަދުތަކާ އަޅާބަލާއިރު، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އެކަނި ވެސް 6،530 މުވައްޒަފުން އިތުރުވެފައިވެ އެވެ. މިއީ އަހަރަކަށް ބަލާއިރު އެވަރެޖުކޮށް 2،177 މުވައްޒަފުންގެ އިތުރުވުމެކެވެ. މިގޮތުން 2024 ވަނަ އަހަރު 51،734 ގައި ހުރި މުވައްޒަފުންގެ އަދަދު މިދިޔަ އަހަރު 53،879 އަށް އަދި މި އަހަރު ވަނީ 55،466 އަށް އުފުލިފަ އެވެ.

މުވައްޒަފުންގެ އަދަދާ އެކު، މުސާރަ އާއި އިނާޔަތްތައް އެކުލެވޭ ވޭޖް ބިލް ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ޕެންޝަން ނުހިމަނައި ބަލާއިރު، 2023 ވަނަ އަހަރު 10.2 ބިލިއަން ރުފިޔާގައި ހުރި މުސާރައިގެ ހަރަދު 2024 ގައި ވަނީ 11.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި މިދިޔަ އަހަރު 12.5 ބިލިއަން ރުފިޔާ ހޭދަވި އިރު، މި އަހަރު އެ ހަރަދު 13.9 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިއާއެކު މި ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި މުސާރައިގެ ހަރަދަށް 3.7 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، މިއީ އަހަރަކު އެވަރެޖުކޮށް ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާގެ ބޮޑުވުމެކެވެ. އެކަމަކު، ސަރުކާރުން ވަނީ އަންނަ އަހަރު މި ވަރުގެ އިތުރުވުމެއް ނާންނާނެ ކަމަށް ބަޖެޓުގައި ބުނެފަ އެވެ.
އަންނަ އަހަރު މުސާރައިގެ ހަރަދަށް ބަޖެޓުކޮށްފައި ވަނީ 14.4 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ވުރެ 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މީގެ ތެރެއިން މުސާރައަށް 7.9 ބިލިއަން ރުފިޔާ ހޭދަވާއިރު، އިނާޔަތްތަކަށް 6.5 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.
މި ހިސާބުތަކަށް ބަލާއިރު، އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރާ 43.2 ބިލިއަން ރުފިޔާގެ އާމްދަނީގެ ތިންބައިކުޅަ އެއްބައި ހޭދަ ވާނީ މުސާރައަށެވެ. އަދި، ހިންގުމުގެ ހަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުސާރަ އާއި އިނާޔަތްތަކެވެ.
ފިނޭންސުން ބުނެފައިވާ ގޮތުގައި، މުސާރައިގެ ހަރަދު އިތުރުވާ މައިގަނޑު ސަބަބުތަކަކީ އާ އިދާރާތައް އުފެއްދުމާއި، އިދާރާތަކުގެ މަސްއޫލިއްޔަތުތައް ފުޅާވުމުގެ އިތުރުން 2022 ގައި ފެށި ޕޭ ހާމަނައިޒޭޝަންއާ (މުސާރަތައް އެއްހަމަކުރާ) ގުޅިގެން ގެނައި ބަދަލުތަކެވެ. ހާއްސަކޮށް އަންނަ އަހަރު މި ހަރަދު އިތުރުވާ މައިގަނޑު ސަބަބަކީ ޕޭ ހާމަނައިޒޭޝަން ކަމަށްވާއިރު، ދެވަނަ ސަބަބަކީ މި އަހަރު ނެގި އާ މުވައްޒަފުންނެވެ.
މި ސިޔާސަތު ކުރީ ސަރުކާރުގައި ފެށި އަހަރު، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރި އެވެ. ޖެހިގެން އައި އަހަރު ސިއްހީ ދާއިރާގެ މުސާރަތައް ބޮޑުކޮށް، ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް 35 ޕަސެންޓުގެ އެލަވަންސެއް ދޭން ފެށި އެވެ.
މި ސަރުކާރުން ވެސް މި ސިޔާސަތު ދަމަހައްޓަން ނިންމައި، މިދިޔަ އަހަރު ޓީޗަރުން އާ ޕޭ ފްރޭމްވޯކަށް ބަދަލުކުރި އެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރުގައި ތައުލީމީ ދާއިރާގެ އެހެން މުވައްޒަފުންނާއި، ސިވިލް ސާވިސް، ޝަރުއީ ދާއިރާ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރި އެވެ.
މީގެ އިތުރުން ސިފައިންނާއި ފުލުހުންގެ މުސާރަ ވެސް މިދިޔަ އަހަރު ބޮޑުކުރިއިރު، ސަލާމަތީ ހިދުމަތްތަކަށް މުވައްޒަފުން އިތުރުކުރަން މިދިޔަ އަހަރު ވަނީ ގައުމީ ހިދުމަތުގެ ޕްރޮގްރާމެއް ފަށާފަ އެވެ. މީގެ ސަބަބުން ވެސް މުސާރަތައް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފިނޭންސުން ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕޭ ހާމަނައިޒޭޝަނަށް ފަހު ރިޓަޔަރކުރާ މުވައްޒަފުންނަށް ލިބޭ އިނާޔަތްތައް ބޮޑުވުމާ ގުޅިގެން، ދައުލަތުން ޕެންޝަނަށް ކުރަން ޖެހޭ ހަރަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.
ބަޖެޓު ފޮތުގެ ފިސްކަލް ރިސްކް ބައިގައި މިކަމާ ގުޅޭގޮތުން ބުނެފައިވަނީ ޕޭ ހާމަނައިޒޭޝަންގެ ދަށުން މުވައްޒަފުންގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، މުސާރައިގެ ހަރަދުތައް ދެމެހެއްޓެނިވި މިންވަރަށް ވުރެ މައްޗަށް ހިނގައިދާނެ ކަމަށެވެ. އަދި މުވައްޒަފުންގެ އަދަދު އިތުރުވާ މިންވަރު މަޑުޖައްސާނުލެވިއްޖެ ނަމަ، މުސާރައިގެ ހަރަދު ބޮޑުވުމުގެ ނުރައްކާ އިތުރުވާނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް ސަރުކާރުން ބުނަނީ މި އަހަރު ޕޭ ހާމަނައިޒޭޝަން މުޅިން ނިމުމުން، މެދު ރާސްތާގައި މުވައްޒަފުންގެ ހަރަދުތައް ހުންނާނީ އަންނަ އަހަރު ލަފާކުރާ މިންވަރުގައި ހިފެހެއްޓިފައި ކަމަށެވެ. ބަޖެޓުގައި އޮތް ގޮތުން އަންނަ އަހަރު ހުރިހާ މުވައްޒަފުންނަށް ހިނގާނީ ޕޭ ހާމަނައިޒޭޝަންގެ މުސާރަތަކެވެ.
ސަރުކާރުން ވަނީ މުވައްޒަފުންގެ ހަރަދުތައް ކޮންޓްރޯލް ކުރަން އަޅާނެ ކަމަށް ބުނާ ފިޔަވަޅުތަކެއް ވެސް ބަޖެޓުގައި ހިމަނާފަ އެވެ.
މީގެ ތެރޭގައި އިތުރުގަޑީގެ ފައިސާ ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައެޅުމާއި، ވަޒީފާއަށް މީހުން ނެގުމާއި މަސައްކަތްތައް ރޭވިފައިވާ ގޮތް ކޮންޓްރޯލްކޮށް ހިފެހެއްޓުން ހިމެނެ އެވެ. އަދި މަސައްކަތްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓް ކުރުމަކީ މުވައްޒަފުން އިތުރުވާ މިންވަރު ދެމެހެއްޓެނިވި ހަމައެއްގައި ހިފެހެއްޓުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް ސަރުކާރުން ދެކެ އެވެ.
މުވައްޒަފުން އިތުރުވާ މައްސަލައިގައި މި ސަރުކާރަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވުމެވެ. ސަރުކާރުން އެންމެ ފަހުން މި އަދަދުތައް ހާމަކުރިއިރު، އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ތިބި ކަމަށް ބުނި 922 ސިޔާސީ މުވައްޒަފުންނެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ އެ އަދަދު އެތައް ހާހަކަށް އަރާ ކަމަށެވެ.
މި މައުލޫމާތަކީ ބަޖެޓުން ވެސް ސާފުކުރެވެން އޮތް މައުލޫމާތެއް ނޫނެވެ. ސަބަބަކީ އެއްކޮޅުން ޕޭ ހާމަނައިޒޭޝަން ކުރިއަށްދާތީ، މުސާރައިގެ ހަރަދު އިތުރުވަނީ ކޮން ކަމަކުން ކިހިނެއް ކަމެއް ހިސާބުކުރެވޭނެ ގޮތެއް ނެތުމެވެ.












