ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލަން ރާވާފައިވާ ވިސްނުން ދޫކޮށްލައި، އެ ޕްރޮޖެކްޓު ހުއްޓާލުމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ފުށިދިއްގަރުފަޅުގެ މުޅި މަޝްރޫއަކީ އޮޅުވާލުމެއް. ފުރަތަމަ ފުށިދިއްގަރުފަޅު، އެތަނުގެ ނަން ވެސް އޮޅުވާލީ. އެތަނަށް ފައިސާ ހަރަދުކުރަމުންދިޔަ ގޮތް ވެސް އޮޅުވާލައި އޮތީ. ބަޖެޓު ފާސްކުރިއިރު ބަޖެޓުގައި ނެތް ހަރަދުތަކެއް އޮޅުވާލުމުގެ ތެރޭގައި ހަރަދު ކުރަމުން ގޮސް 800 މިލިއަން ޑޮލަރާ ހަމައަށް ރައްޔިތުންގެ ފައިސާ އެ ހުރީ އެތަނަށް އަޅާފައި،"ޝާހިދު ވިދާޅުވި އެވެ.
ރަސްމާލެ ހިއްކަމުންދިޔައީ ރައްޔިތުންގެ ބޯހިޔާވަހިކަން ދިނުމުގެ ނަމުގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"އެތަނަށް އެ ފައިސާ އަޅުއްވަމުން ވިދާޅުވީ އަޅުގަނޑުމެންގެ ބޯހިޔާވަހިކަމަށް މަގުފަހި ކުރަންވެގެންނޭ. އެހެންވިދާޅުވެ އެކަން ކުރެއްވީ ދެން ވިދާޅުވީ މާލެއާ އެތަނާ ގުޅުވާލާނީ ބިއްލޫރި ޓަނަލަކުންނޭ. އެ ޓަނަލްގެ ވާހަކަ ދެއްކީމާ ދެބުރަށް ޖަލްސާގައި ތިބި ބޭފުޅުން ތެދުވެވަޑައިގެން އަތްޖަހަމުންދިޔައީ ކޮނޑުހުޅުން ނެއްޓޭ ވަރަށް،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ގޮވާލެއްވީ، ރަސްމާލޭ މަޝްރޫއު ވަގުތުން ހުއްޓާލުމަށެވެ.
"އަޅުގަނޑު ސަރުކާރަށް ގޮވާލަނީ ހަމަ މިހާރުން މިހާރަށް ރަސްމާލޭގައި ހިންގަން އުޅުއްވާ ފުށުދިއްގަރުފަޅުގައި ހިންގަން އުޅުއްވާ މަސައްކަތް ހުއްޓާލެއްވުމަށް،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މިރޭ މި ބާއްވަނީ ރަސްމާލޭ މަޝްރޫއު ކުރިއަށްގެންދިޔުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށެވެ.
ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.












