ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދަން ވޯޓެއް ނުނަގައިފި ނަމަ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާ ކުރަން އިދިކޮޅު އެމްޑީޕީ އިން މިރޭ ފާސްކޮށްފި އެވެ.
ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.
އެ ގަރާރުގައި ގޮވާލާފައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިޔުމަށެވެ. އެމްޑީޕީގެ އެ ޑިމާންޑަށް ސަރުކާރުން އަމަލުނުކޮށްފި ނަމަ، އެހެން ޕާޓީތަކާއި ޖަމިއްޔަތަކާ ގުޅިގެން މުޒާހަރާ ކުރަން ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.
މަހްފޫޒް ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ތާއީދު ކުރެއްވި އެވެ. ޝާހިދު ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ފުށިދިއްގަރުފަޅުގެ މުޅި މަޝްރޫއަކީ އޮޅުވާލުމެއް. ފުރަތަމަ ފުށިދިއްގަރުފަޅު، އެތަނުގެ ނަން ވެސް އޮޅުވާލީ. އެތަނަށް ފައިސާ ހަރަދުކުރަމުންދިޔަ ގޮތް ވެސް އޮޅުވާލައި އޮތީ. ބަޖެޓު ފާސްކުރިއިރު ބަޖެޓުގައި ނެތް ހަރަދުތަކެއް އޮޅުވާލުމުގެ ތެރޭގައި ހަރަދު ކުރަމުން ގޮސް 800 މިލިއަން ޑޮލަރާ ހަމައަށް ރައްޔިތުންގެ ފައިސާ އެ ހުރީ އެތަނަށް އަޅާފައި،"ޝާހިދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރަސްމާލެއާ ގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް އަހަން ވޯޓެއް ނުބާއްވައިފި ނަމަ "މަގުތައް ފުރާލަންޖެހޭ" ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނީ މީގައި ގަރާރަށް އަޅުގަނޑު ތާއީދުކުރަން. އަދި ރިފަރެންޑަމް ނުބާއްވާ ކަމަށްވާކަމަށްވަންޏާމުން މި މަހުގެ 15 އާ ހިސާބަށްދާއިރު ރިފަރެންޑަމް ނުބާއްވާ ކަމަށްވަންޏާމުން އަޅުގަނޑު ހަމަ މިކަމައިގެން އެމްޑީޕީން އުޅޭ ބޭފުޅުންނަށް ދަންނަވާލަން 17 ނޮވެމްބަރާ ހިސާބަށް ކޮންމެ ރެޔަކު އެމީހަކު ހުރިތާކުން މަގުތައް ފުރާލަން. ފައިބާ އަޅުގަނޑުމެން މިކަމާ އިހުތިޖާޖު ކުރަންޖެހޭނެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް އަރައި މިކަމުގައި ރިފަރެންޑަމަކަށް އަޅުގަނޑުމެން ގޮވަންޖެހޭނީ،" ފައްޔާޒް ވިދާޅުވި އެވެ.












