މިދިޔަ އޮކްޓޯބަރު މަހު ޕާކިސްތާނަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ފުރަތަމާނަ ދަތުރަށް ޗައިނާގެ ސަފީރު ކޯންގް ޝިއޭންހުއާ ތަހުނިޔާ ކިޔައިފި އެވެ.
ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު މިއަދު ވަނީ ފައިސަލް ރަސޫލް ލޯދިއާ ބައްދަލު ކުރެއްވުމަށް ޕާކިސްތާނުގެ ހައި ކޮމިޝަން ހުންނަ އޮފީހަށް ވަޑައިގެންފަ އެވެ.
ޕާކިސްތާނުގެ ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މުއިއްޒު ޕާކިސްތާނަށް ކުރެއްވި ކާމިޔާބު ދަތުރު ފާހަގަ ކުރައްވައި، އެ ދަތުރުގެ ތެރެއިން 20 އެއްބަސްވުމެއްގައި ސޮއިކޮށް، ވިޔަފާރީގެ ގުޅުން ބަދަހި ކުރަން ނިންމާފައިވާތީ ޗައިނާ ސަފީރު މަރުހަބާ ދެންނެވި ކަމަށެވެ.
ޗައިނާ އާއި ޕާކިސްތާނަކީ ރާއްޖެއާ އެކުވެރި އިންޑިއާގެ ދުޝްމަނުންނެވެ. މުއިއްޒު ޕާކިސްތާނަށް ވަޑައިގެން އެގްރިމެންޓުތަކެއްގައި ސޮއި ކުރުމުން އެކަމަށް އިންޑިއާއިން ވަނީ އެކަންކަން ގާތުން ބަލަމުންދާ ކަމަށް ބުނެ އެވެ.
"ދެ ގައުމެއްގެ މެދުގައި އެގްރިމެންޓުތަކެއްގައި ސޮއި ކުރި ވާހަކަ ބުނެފި. އެ ކަންކަން އަހަރުމެން މި ދަނީ ވަރަށް ގާތު ބަލަމުން އަދި އެކަމާ ގުޅިގެން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އަޅަންޖެހެންޏާ އަޅާނެ،" ހިންދީ ބަހުން ވާހަކަ ދައްކަވަމުން ޖައިސްވާލް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ޕާކިސްތާނަށް ފުރަމާނަ ދަތުރެއް ކުރެއްވީ އޮކްޓޯބަރު 20 އިން 23 އަށެވެ. އެ ދަތުރުގައި ރާއްޖެއިން ވަނީ ޕާކިސްތާނާއެކު 20 އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އަދި ޕާކިސްތާނުން ވަނީ ކަޝްމީރާ ގުޅޭ ގޮތުން އެ ގައުމުން ގެންގުޅޭ ސްޓޭންޑު ރައީސް މުއިއްޒަށް ސާފުކޮށްދެއްވައިފަ އެވެ.
ޕާކިސްތާނަށް ކުރެއްވި ދަތުރުގައި މުއިއްޒު ވަނީ އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ ބައްދަލުކުރައްވާފަ އެވެ. އަދި ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސް ފީލްޑް މާޝަލް ސައްޔިދު އަހުމަދު މުނީރުއާ ވެސް ރައީސް ބައްދަލު ކުރެއްވި އެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއިން ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނާއި ކްރެޑިޓް ފެސިލިޓީސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި އޭގެ އިތުރުން ރާއްޖެއިން ވިއްކި 200 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ އިންޓްރެސްޓަށްވާ 42.8 މިލިއަން ޑޮލަރު ދައްކައިދިނީ ވެސް އިންޑިއާއިންނެވެ.












