ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ޕްރޮޖެކްޓަށް ތާއީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓެއް ނެގުމުގެ ކުރިން ޕްރޮޖެކްޓުގެ އެއްބަސްވުމުގައި ސޮއި ނުކުރަން ގޮވާލާ ހުށަހެޅި ގަރާރަށް ބަހުސް ކުރަން މިހާރު ކުރިއަށްގެންދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ އެންމެންނަކީ ވެސް ކޮންމެވެސް އެހެން ތަނަކުން އައިސް މި ރާއްޖޭގައި ވަޒަންވެރިވި މީހުން ކަމަށެވެ. އަދި އެފަދަ ނިންމުންތަކުން ނުކުންނާނީ ރަނގަޅު ނަތީޖާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"މީގެ 300 އަހަރު ކުރީގައި އައި ތިން ނާ. އޭގެތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރީ. އަނެއް ނާ ދިޔައީ ދުވާފަރަށް. ދެން އިއްޒަތްތެރި ރައީސް ހޯރަފުށީ ދާއިރާގެ ރައީސް ތިއީ އެ ނާ އިން ވަޑައިގެންނެވި އެއް ބޭފުޅުން ތެރެއިން އެ އާއިލާގެ އެއް ބޭފުޅެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އެހެންވީމަ އަޅުގަނޑު 100 އަހަރުވީމަ ވެގެން ގޮސްދާނެ ގޮތަކަށް އަޅުގަނޑަށް މި ވިސްނާލެވުނީ،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން. ހަމަ ފުރިހަމައަށް."

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.
އެ ހުށަހެޅުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަސަން ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް ވަނީ މިރޭ ތާއީދުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އެ ގަރާރާ ދެކޮޅަށް މިހާތަނަށް އެއްޗެއް ވިދާޅުވީ ނަޝީދު އެކަންޏެވެ.












