ގެސްޓްހައުސް ސިނާއަތް އަނެއް ހަރުފަތަށް ގެންގޮސް، އެ ސިނާއަތުގެ ފައިދާ އެންމެ ފުރިހަމައަށް ހޯދަން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވެއްޖެ އެވެ.
ހުމްރީ މިހެން ވިދާޅުވީ ގެސްޓްހައުސް ސިމްޕޯސިއަމް 2026 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި، ހުމްރީ ވިދާޅުވީ ރާއްޖެއަށް ޒިޔާރާތްކުރާ ކޮންމެ ފަސް ޓޫރިސްޓުންގެ ތެރެއިން އެކަކު މިހާރު ހުންނަނީ ގެސްޓްހައުސްތަކުގައި ކަމަށެވެ. މިއީ ބޮޑު ކުރިއެރުމެއް ނަމަވެސް، ރިސޯޓުތަކުގެ އޮކިއުޕެންސީއާ އަޅާބަލާއިރު، މިއީ ވަރަށް ދަށް އަދަދެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެ ގޮތުން ރިސޯޓުތަކުގެ އެވަރެޖު އޮކިއުޕަންސީ 70 ޕަސެންޓުގައި ހުރި އިރު، ގެސްޓްހައުސްތަކުގެ އެވަރެޖު އޮކިއުޕަންސީ އުޅެނީ 41 ޕަސެންޓުގައި ކަމަށް ހުމްރީ ވިދާޅުވި އެވެ. މިހެންކަމުން ދެން އޮތް އަމާޒަކީ ހަމައެކަނި އެނދު އިތުރުކުރުމަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގެސްޓްހައުސް ސިނާއަތް ކުރިއެރުވުމަށް ޓަކައި، ހުމްރީ ވަނީ ހަ ކަމެއް ހުށަހަޅުއްވާފަ އެވެ. މި ކަންކަމުގެ ތެރޭގައި ގެސްޓްހައުސްތަކުގެ ފެންވަރު ދަރަޖަކުރާނެ ނުވަތަ ގެސްޓްހައުސްތަކުގެ ކްލެސިފިކޭޝަން ނިޒާމެއް ތައާރަފުކުރުމާއި، ރަށްތައް އިޝްތިހާރުކުރުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ގޮތަށް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، މާލެއާ ދުރު ރަށްރަށުގެ ޓޫރިޒަމް ތަރައްގީކުރަން ދަތުރުފަތުރާއި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް އިންވެސްޓުކުރުން އިތުރުކުރުމަށާއި މި ކަންކަމަށް ގްރީން ޓެކްސް އާމްދަނީން ބަޔެއް ހާއްސަކުރަން ވެސް އޭނާ ގޮވާލެއްވި އެވެ. އަދި، އިންޓަގްރޭޓަޑް ޑެސްޓިނޭޝަން މާކެޓިން މޮޑެލްއެއްގެ ދަށުން ޒަމާނީ ޑިޖިޓަލް މޮޑެލްއެއް ތައާރަފުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމައެކަނި އިތުރު ގެސްޓްހައުސްތަކެއް އެޅުމަކުން މި އުންމީދުތައް ހަގީގަތަކަށް ނުހެދޭނެ. އަތޮޅުތެރޭގެ ފަތުރުވެރިކަން ކާމިޔާބުކުރުމަށް ބޭނުންވަނީ އިންޓެގްރޭޓެޑް ޑެސްޓިނޭޝަން މޮޑެލްއެއް،" އޭނާ ވިދާޅުވި އެވެ.
"އެއީ ވައިގެ ބަނދަރުތަކާއި، ފެރީ އާއި ލޯންޗުފަހަރާއި، ހުރުމުގެ ހިދުމަތްތަކާއި، ތަޖުރިބާތަކާއި، އަސާސީ ހިދުމަތްތަކާއި، ކުނި މެނޭޖުކުރުމާއި އަދި ޑިޖިޓަލް މާކެޓިން އެއް ވިއުގައަކުން، މެދުކެނޑުމެއްނެތި ގުޅުވައިލަދޭ މޮޑެލްއެއް."
ޓޫރިޒަމް ސިނާއަތުގެ ދެމެހެއްޓެނިކަން ކަށަވަރުކުރުމުގެ ގޮތުން ކުރަން ޖެހޭ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހުމްރީ ފާހަގަކުރެއްވީ ތިމާވެށި ހިމާޔަތްކުރުމެވެ. ކުނި މެނޭޖުކުރުމާއި ނަރުދަމާގެ ނިޒާމުތަކަކީ ހަމައެކަނި ތިމާވެށީގެ ކަމެއް ނޫން ކަމަށާއި، އެއީ ޓޫރިޒަމް އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ގެސްޓްހައުސްތަކަށް ހާއްސަ ކްރެޑިޓް ގެރެންޓީ ފެސިލިޓީއެއް ގާއިމުކުރުމަށް ހުމްރީ ހުށަހެޅުއްވި އެވެ. އަދި ޝަރީއާ ހުއްދަކުރާ މާލީ ވަސީލަތްތައް މެދުވެރިކޮށް ގެސްޓްހައުސްތައް މަރާމާތުކުރުމަށް ބޭންކުތަކުން އެހީތެރިވުމަށް އޭނާ ބާރުއެޅުއްވި އެވެ.
ހުމްރީގެ ވާހަކަ ނިންމަވާލެއްވީ، މިހާރު ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި، ގެސްޓްހައުސްތަކުން އާ މާކެޓްތަކަށް ވާސިލުވުމަށް ގޮވާލައްވަމުންނެވެ.
"މި ގޮތުގައި ކުރިއަށް ގޮސްގެން، އަޅުގަނޑުމެންގެ ޓޫރިޒަމްގެ އިގުތިސޯދުގެ ބިންގާ ވަރުގަދަކުރެވި، ދިވެހި ރަށްފުށުގެ ދިރިއުޅުމުގެ ހިތްހެޔޮކަމާއި ހާއްސަ ސިފަތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ދަތުރުވެރިންގެ ހިތްތަކުގައި އަބަދުމެ ލޯތްބާއި ގަދަރު ލިބިގެންވާ ކަންކަން ކަމުގައި ދެމެހެއްޓޭނެ." ހުމްރީ ވިދާޅުވި އެވެ.
މިއީ ގެސްޓްހައުސް ސިމްޕޯސިއަމް ބާއްވާ ތިން ވަނަ ފަހަރެވެ. މި ސިމްޕޯސިއަމްގެ މަގުސަދަކީ، އެމްއައިބީން ބުނާ ގޮތުގައި، ގެސްޓްހައުސް ސިނާއަތް ކުރިއަރުވާ، ވިޔަފާރިތަކަށް އެހީތެރިވެދިނުމެވެ.







