ރިޕޯޓު"ވަރަށް ހާލުގައި"، "ވަރަށް މާޔޫސް": ޓޫރިޒަމް ވިޔަފާރިތަކުން އެދެނީ މި އަޑުއަހަން

"ވަރަށް ހާލުގައި"، "ވަރަށް މާޔޫސް": ޓޫރިޒަމް ވިޔަފާރިތަކުން އެދެނީ މި އަޑުއަހަން

ސަރުކާރުން ޓެކްސްތައް ބޮޑުކޮށް، ޑޮލަރު މާރުކުރުމުގެ އާ ސިޔާސަތުތައް ތައާރަފުކުރުމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް، ހާއްސަކޮށް ގެސްޓްހައުސްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. މި ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ފައިދާ ދަށްވެ، މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ޕެނަލް ޑިސްކަޝަންގެ ތެރެއިން: އެންމެން ވެސް ބުނީ ވިޔަފާރި ކުރަން ވަރަށް އުނދަގޫ ވެއްޖެ ކަމަށް --- ފޮޓޯ: އިމްތިޔާޒު / އަދަދު
ގެސްޓްހައުސް ސިމްޕޯސިއަމް 2026 ގެ ޕެނަލް ޑިސްކަޝަންގެ ތެރެއިން: އެންމެން ވެސް ބުނީ ވިޔަފާރި ކުރަން ވަރަށް އުނދަގޫ ވެއްޖެ ކަމަށް --- ފޮޓޯ: އިމްތިޔާޒު / އަދަދު

ވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ޓޫރިޒަމް ވިޔަފާރިތަކަށް މަސައްކަތްކުރަން ވަރަށް ބޮޑަށް އުނދަގޫވެއްޖެ ކަމާ މެދު ޝައްކެއް ވެސް ނެތެވެ. ކުރީގެ އެމްޑީޕީ ސަރުކާރުން ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާގެ އެހެނިހެން ޓެކްސްތަކާއި ފީތައް މަތިކޮށްފައި ވަނިކޮށް، މި ސަރުކާރުން ވެސް ރޭޓުތައް އިތުރަށް މަތިކުރުމާއި ޑޮލަރު މާރުކުރުމުގެ އާ ސިޔާސަތު ތައާރަފުކުރުމަކީ ވިޔަފާރިތަކަށް އުފުލަން ޖެހިފައިވާ ބޮޑު ބުރައެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމް 2026 ގެ ތެރެއިން މިކަން ވަރަށް ރަނގަޅަށް ހާމަވި އެވެ. މި ސިމްޕޯޒިއަމްގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދެއްކި މީހުންގެ ޝުއޫރުތަކުން އެނގިގެން ދިޔައީ، ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރު މާރުކުރުމުގެ ސިޔާސަތު ކަމެވެ. 

މި ޕެނަލްގައި ބައިވެރިވި އެޗް78 ހޮޓާ ހިންގަވާ ޔޫލީ ނާޒިމް ބުނި ގޮތުގައި، ގެސްޓްހައުސް ވިޔަފާރީގައި އޭނާ ހޭދަކުރި 12 އަހަރުގެ ތެރޭގައި މިހާރު މިއީ އެންމެ އުނދަގޫ ދުވަސްތަކެވެ. އޭނާ ކިޔައިދިން ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ވިޔަފާރި ކުރިއަށް ގެންދިއުމަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ. 

"ސަރުކާރުން ގާނޫނެއް ފާސްކުރުމުން ވިޔަފާރިވެރިންގެ ހައިސިއްޔަތުން އަހަރަމެން އެއަށް ތަބާވާން ޖެހޭނެ. އަހަރަމެންނަށް ދިމާވާ ދަތިތަކުގެ ވާހަކަ ދައްކަންވާނެ. އެކަމަކު ތިބެންވާނީ ގާނޫނީ އިމުގެ ތެރޭގަ. ސަބަބަކީ އަހަރެންގެ ވިޔަފާރީގެ އުސޫލަކީ މީރާ އަދި އެމްއެމްއޭއިން ކަނޑައަޅާ ހުރިހާ ގަވާއިދުތަކަށް ބޯލެނބުން،" ޔޫލީ ބުންޏެވެ.

"އެކަމަކު، އޭގެ މާނައަކީ ވިޔަފާރިއެއްގެ ގޮތުގައި އަހަރަމެންގެ ޖުމްލަ ފައިދާއަށް މީގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއޭ."

މި ވާހަކަތަކަށް ބާރުދެއްވަމުން އޮޑިޓު ފާމް ކްރޯ މޯލްޑިވްސްގެ ހަސަން މުހައްމަދު ވިދާޅުވީ، ކުއްލި ބަދަލުތަކުގެ ސަބބަވުން ވިޔަފާރިތަކުން މިހާރު ދަނީ ބޮޑެތި ގެއްލުންތަކެއް ތަހައްމަލުކުރަމުން ކަމަށެވެ.

"[ޓޫރިޒަމް ވިޔަފާރިތަކަށް ވަނީ] މިހާރުގެ ކަސްޓަމަރުންނަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިގެން ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ. ކުއްލިއަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަންކަން މެނޭޖުކުރުން އިންތިހާއަށް އުނދަގޫވޭ. ވިޔަފާރިތަކުން މުއާމަލާތްތައް ހިންގަނީ ދިގު މުއްދަތުގެ ބޭނުންތަކަށް، އެއީ ވަގުތީ ކަންކަމަށް ކުރާ ކުރު މުއްދަތުގެ މުއާމަލާތްތަކެއް ނޫން ކަން ވިސްނަން ޖެހޭ،" ހަސަން ވިދާޅުވި އެވެ. 

"އަހަރެން ދެކޭ ގޮތުގައި ކޮންމެ ވިޔަފާރިއެއް ވެސް މި ވަގުތު އޮތީ މިފަދަ ދަތި ހާލަތެއްގައި."

އޭނާގެ ކްލަޔަންޓެއްގެ މިސާލު ދައްކަވަމުން ހަސަން ވިދާޅުވީ، މަހެއްގެ މައްޗަށް އެއް މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިވެރިޔަކު، ޑޮލަރު މާރުކުރަން ޖެހުމުން މަހެއްގެ މައްޗަށް އެއް މިލިއަން ރުފިޔާގެ ގެއްލުންވާ ކަމަށެވެ. މިހެން ދިމާވަނީ ބޭންކު ރޭޓުގައި ޑޮލަރު މާރުކުރުމަށް ފަހު، ވިޔަފާރީގެ ބޭނުންތަކަށް އަލުން ޑޮލަރު ހޯދަން ޖެހެނީ ބޭންކު ރޭޓަށް ވުރެ މާ ބޮޑު އަގުގައި ކަމަށް ވާތީ އެވެ.

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އޮޑިޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަސަން ވިދާޅުވި ގޮތުގައި، އެންމެ ރަނގަޅު ގޮތަކީ ފުރިހަމަ މާކެޓު އިކޮނޮމީއެއްގެ ގޮތުގައި ރާއްޖޭގެ އިގުތިސޯދު ހިންގަން ވިޔަފާރިތަކަށް ދޫކޮށްލުމެވެ. 

މިހާރުގެ ހާލަތު އެންމެ ސާފުކޮށް ސިފަކޮށްދެއްވީ ގެސްޓްހައުސް އެސޯސިއޭޝަނުގެ އެކްސްކޯ މެންބަރު ނިމާދު އިބްރާހިމް އެވެ. އޭނާ ވިދާޅުވީ މި ވަގުތު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި، މި "ފްލައިޓުގެ ޕައިލެޓު" ހުރީ އަނބުރައިގަނެފަ އެވެ. އަދި ފްލައިޓުގެ ފަސިންޖަރުން ކަމުގައިވާ ރައްޔިތުން ތިބީ ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި، މި ފްލައިޓު މިހާރު ދަނީ ވެއްޓެން ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ހުރިހާ މީހުންގެ ވެސް ކަންބޮޑުވުމަކީ، ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ވިޔަފާރިތަކުން އުފުލަން ޖެހޭ ބުރަ ދުވަހުން ދުވަހަށް ބޮޑުވަމުން ދިއުމެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވެސް ވަނީ މިކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ، މިފަދަ ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ރާއްޖޭގައި ވިޔަފާރިކުރުން މިހާރު ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށެވެ.

ވިޔަފާރިވެރިންގެ އަނެއް ޝަކުވާއަކީ، އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ވިޔަފާރިތަކަށް މަޖުބޫރުވާ ގޮތަށް ބޮޑެތި ބަދަލުތައް ގެނައުމެވެ. ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އަތުން ޓެކްސް ނަގަން ގެނައި ބަދަލަކީ މީގެ އެއް މިސާލެވެ.

ޔޫލީ ބުނި ގޮތުގައި، މި ބަދަލު ގެނައިއިރު ކުރިއަށް އޮތް އަހަރުގެ ހޫނު މޫސުމަށް ކޮޓަރިތައް ވިއްކުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށް ނިމިފަ އެވެ. މި ބަދަލާ ގުޅިގެން ބޭރުގެ އެޖެންޓުން ސުވާލުތައް ކުރަމުންދާއިރު، ކަންކަން ސާފުނުވާތީ ދޭނެ ޖަވާބެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ގެސްޓްހައުސް ސިމްޕޯޒިއަމްގެ ޕެނަލްގެ ބައިވެރިން ވަނީ ވިޔަފާރިތަކާ މަޝްވަރާކޮށްގެން މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލާފަ އެވެ. މިހާރު އޮތް ގޮތަށް ކުރިއަށް ދިއުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، މުސްތަގުބަލު ފެންނަނީ ވަރަށް އަނދިރިކޮށް ކަމަށް އެންމެން އިއްތިފާގުވި އެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި ކުޅަދާނަ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. އިގުތިސޯދާއި ވިޔަފާރީގެ ދާއިރާގެ އިތުރުން ސިޔާސީ ދާއިރާގެ ހަބަރުތަކުގައި ވެސް އޭނާ ގެ ގަލަން ހިނގަ އެވެ. ހާއްސަ ގޮތެއްގައި ރާއްޖެ އަދި ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއި މާލީ ކަންކަން ދިރާސާކޮށް މައްސަލަތައް ތިލަކޮށްދިނުމަށް އޭނާ މަސައްކަތްކުރެ އެވެ. އޭނާ ވަނީ މީގެކުރިން "ރާއްޖެ ޓީވީ" އަދި "ދައުރު" ނޫހުގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox