ރަސްމާލޭ ވޯޓާފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓު ފެށުމުގެ ކުރިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކޮށްދޭން ޖެހޭ ކަމަށް ބުނާ 5000 ހައުސިން ޔުނިޓު ތަރައްގީކުރަނީ ހުޅުމާލޭ އާބަން އައިލްގައި ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު ހިއްސާކުރެއްވި ވީޑިއޯއަކުން ފެންނަ ގޮތުގައި އީގަލް ހިލްސްއިން ހިންގަން ޖެހޭ ހައުސިން ކޮމްޕޯނަންޓް ހިނގަނީ މި ސަރަހައްދުގަ އެވެ.
މިހާތަނަށް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ހައުސިން ޔުނިޓުތައް ތަރައްގީކުރުމަކީ ރަސްމާލޭގެ އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން ފަށަން ޖެހޭ މަސައްކަތެކެވެ. ގާތްގަނޑަކަށް 400 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ މި ޕްރޮޖެކްޓުގެ ދަށުން ތަރައްގީކުރަނީ ތިން ކޮޓަރީގެ ފްލެޓުތަކެވެ.
މި ފްލެޓުތަކުގެ އަގު ކަނޑަނީ އީގަލް ހިލްސްއިން އިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ 10 ޕަސެންޓު އާމްދަނީންނެވެ. މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން އަންދާޒާ ކުރަނީ މި ގޮތުން ތިން ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ.
އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން، އަގު ދައްކަނީ މުސްތަގުބަލުގެ އާމްދަނީން
އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.
މުއްަތަލިބު ހިއްސާކުރެއްވި ވީޑިއޯގައި އެ ސަރަހައްދަށް ހުޅުމާލޭ ފޭސް ތިނެއްގެ ގޮތުގައި ރިއާޔަތްކޮށްފައި އޮތް ނަމަވެސް، މިއީ އޭގެ މާ ކުރިން ހުޅުމާލޭ ޓޫރިޒަމް ޒޯނުގެ ގޮތުގައި، ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއެކީ ހިއްކާފަ އޮތް ބިމެކެވެ.

މި ވީޑިއޯއިން ދޭހަވާ ގޮތުގައި މި ހައުސިން ޔުނިޓުތަކާ އެކީ މުޅި އާބަން އައިލް ތަރައްގީކުރަނީ އީގަލް ހިލްސްއިންނެވެ. ނަމަވެސް ސަރުކާރުން އަދި މި ޕްރޮޖެކްޓުގެ އެހެން ތަފުސީލެއް ހާމަނުކުރާތީ މި މައުލޫމާތު ކަށަވަރެއް ނޫނެވެ.
ހުޅުމާލޭ އާބަން އައިލްއަކީ މި ސަރުކާރުން އަށް ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރު ތަރައްގީކުރަން ވެގެން އުޅުނު ބިން ވެސް މެ އެވެ. އޭރު އެ ބޭނުމަށް އެ ތަނުގައި މީސްމީހުން އަތުން ފައިސާ ނަގާފައި، ހޮޓާ ތަރައްގީކުރަން ދޫކޮށްފައި ހުރި ބިންތައް ވެސް އަތުލި އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއުއަށް ބަދަލުތަކެއް
ހުޅުމާލޭގައި ތަރައްގީކުރާ 8.8 ބިލިއަން ޑޮލަރުގެ ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއުގެ ސްކޯޕަށް ބަދަލުތަކެއް ގެނައުމަށް، އެ މަސައްކަތް ހަވާލުކުރި ކުންފުނިން ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަދަލުތަކާ ގުޅިގެން މަޝްރޫއުގެ ފީސިބިލިޓީ އާއި ހުއްދަތައް މުރާޖައާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަޝްރޫއު ކުރިއަށްދާނެ ގޮތުގެ ތާވަލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.
ނަމަވެސް ބޮޑު ރަސްމިއްޔާތެއް ބާއްވާ، އޭގެ ފަހުން ގިނަ ކުރެހުންތަކެއް ދައްކާލި ނަމަވެސް މިކަން ހަވާލުކުރި ގަތަރުގެ ވަރަށް ބިޔަ، ވަރަށް ގާބިލު ކަމަށް ބުނި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއަށް އެ ޕްރޮޖެކްޓު ކުރިއަކަށް ނުގެންދެވުނެވެ.
އެންމެ ފަހުން ސަރުކާރުން ބުނީ އެ ޕްރޮޖެކްޓުގެ ސްކޯޕަށް ބައެއް ބަދަލުތައް ގެންނަން ބޭނުން ވެގެން މިހާރު ކުރަމުން ދަނީ އެ މަސައްކަތް ކަމަށެވެ.
އޭގެ އިތުރުން، މި ސަރަހައްދުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ކޮމާޝަލް ސްޕައިންގެ ނަމުގައި ވިޔަފާރި ޒޯނެއް ވެސް ތަރައްގީކުރަން އުޅުނެވެ. މި ތަން ތަރައްގީކުރަން ޗައިނާ ކުންފުންޏަކަށް 7.6 މިލިއަން ޑޮލަރު އެޑްވާންސުގެ ގޮތުގައި ދިނެވެ.
ސޮއިކުރިތާ 20 މަސް ފާއިތުވީއިރު ހުޅުމާލޭ ކޮމާޝަލް ސްޕައިންގެ އެއް 'ބަދަ' ވެސް ނުބޭއްވޭ
ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު ހަރަދުކުރާ މި ޕްރޮޖެކްޓަށް އެޗްޑީސީން ވަނީ އެޑްވާންސްގެ ގޮތުގައި 7.6 މިލިއަން ޑޮލަރު ދޫކޮށްފައި. އެފަހުން ދޮޅު އަހަރު ވީއިރު މަސައްކަތް ނުފެށޭ.
އެ ފަހުން މި އެއްވެސް ޕްރޮޖެކްޓަކަށް ވީ ގޮތެއް، އަދި ހަރަދުކުރި ފައިސާއަށް ވީ ގޮތެއް ވެސް ނޭނގެ އެވެ. އެ ސަރަހައްދުގައި އެ ކުންފުނިން އެއްވެސް މަސައްކަތެއް ވެސް ނުކުރެ އެވެ.












