ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން މެންބަރުން ވައްދާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުން ދަނިކޮށް، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ ގޮތުގައި ލައްކައެއް ހަމަކުރިތާ 24 ގަޑިއިރު ނުވަނީސް އެ އަދަދަށްވުރެ މެންބަރުން މަދުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން މިރޭ 10:37 ގެ ނިޔަލަށް ޕީއެންސީގައި ތިބީ 100،083 މެންބަރުންނެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ޕާޓީގައި 74،048 މެންބަރުން ތިބިއިރު، މިއީ 26،035 މެންބަރުންގެ އިތުރުވުމެކެވެ.
ނަމަވެސް، މިއަދު ހެނދުނު 10:48 ގައި އީސީގެ ޕޯޓަލްއިން ދައްކާ ގޮތުގައި ޕީއެންސީގައި ތިބީ 99,930 މެންބަރުންނެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޕީއެންސީން އެއްލައްކަ މެންބަރުން ހަމަކުރީ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުން އެ ޕާޓީއަށް ސޮއިނުކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ ބިރު ދައްކައިގެންނެވެ.
މީގެ އިތުރުން ޕީއެންސީން ވަނީ މެންބަރުން އިތުރުކުރުމުގެ ގޮތުން ބައެއް މީހުންނަށް އެކި އަދަދުތަކުން ފައިސާދީފައިކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ. އެގޮތުން ބައެއް މީހުންނަށް 500ރ. އަދި ބައެއް މީހުންނަށް 2،000ރ. ވެސް ދީފައިވެ އެވެ.
ޕީއެންސީން އެންމެ ފުރަތަމަ އަމާޒު ހިފީ މިދިޔަ ހޮނިހިރު ދުވަހު ސަރުކާރުން ލޯންޗުކުރި އިހުތިރާމު އަދާކުރުމުގެ ކެމްޕެއިން ލޯންޗިން ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަކުރާށެވެ. އެކަމަކު އެ އަމާޒަށް ވާސިލުނުވެވި އެ ޕާޓީއަށް އެއްލައްކަ މެންބަރުން ހަމަކުރެވުނީ އޭގެ ފަސް ދުވަސް ފަހުންނެވެ. ނަމަވެސް، އެ އަދަދުގައި 24 ގަޑިއިރު ވެސް ހިފަހައްޓާލެވިފައި ނުވެ އެވެ.






