އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ މިސްރާބު ހުރީ އެ ޕާޓީ އުފެއްދި އަސާސްތަކާ ދުރަށް ކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި ރަސްމާލޭގެ ބިމުން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު އެ ޕާޓީގެ ތެރޭގައި ދެބަސްވުންތަކެއް އެބައޮތެވެ. އެކާމާ ގުޅޭގޮތުން އެ ޕާޓީގެ ސްޓޭންޑު ކަނޑައެޅުމަށް މިރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިރު ނަޝީދު އެނަޝީދު އެކްސް ގައި ވިދާޅުވީ އެ ޕާޓީއަކީ އަބަދުވެސް ހުޅުވާލެވިފައިވާ، ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ.
ނަމަވެސް، ފަހަކަށް އައިސް އެ ޕާޓީން ހަރުކަށި ގައުމީ ފިކުރާއި ބޭރު މީހުންނަށް ނަފުރަތު އުފެއްދުމުގެ ރޫހެއް ގެންގުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީން މިހާރު ގެންގުޅޭ މިފަދަ ވިސްނުންތަކަކީ އެ ޕާޓީ އުފެދުނު މަގުސަދުތަކާއި، ޕާޓީއަށް އެންމެ ކުރީއްސުރެ ތާއީދުކުރި މީހުން ގަބޫލުކުރާ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
"މި ޕާޓީގެ ތެރޭގައި ގިނަ ބަޔަކަށް ގަބޫލުކުރެވިފައިވަނީ، އިންތިހާބީ ކާމިޔާބީ ގުޅިފައިވަނީ އާންމުންގެ ތެރޭގައި ރުޅިވެރިކަން އުފައްދައި، ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން ކަމަށް. ނަމަވެސް، މި ކަމުގެ ސަބަބުން ތާރީހީ ގޮތުން އެމްޑީޕީ ދަމަހައްޓައިދީފައިވާ އާންމު މެންބަރުންގެ ތާއީދު ގެއްލިގެންދިއުމުގެ ނުރައްކާ އެބައޮތް،" ނަޝީދު ލިޔުއްވި އެވެ.
ހާއްސަކޮށް، ތައުލީމީ، ހުޅުވާލެވިފައިވާ ފިކުރުގެ މީހުންނާއި، ލިބަރަލް ވިސްނުމުގެ މީހުން އެމްޑީޕީއާ ދުރަށް ދިއުމަކީ ސިޔާސީ ގޮތުން ޕާޓީއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ "ބިރަކާ ނުލާ މަޖާކުރުން" ފަދަ ކެމްޕޭންތަކުގެ ހަނދާން އާކުރައްވާ ނަޝީދު ވިދާޅުވީ އެފަދަ ކެމްޕޭންތަކުގެ ސަބަބުން ޕާޓީއަށް އިތުރު 20،000 ވޯޓު ލިބިގެންދިޔަ ކަމަށާއި، އެއީ އެއްވެސް ބަޔަކު ބާކީ ނުކޮށް ހިންގި ކާމިޔާބު ހަރަކާތްތަކެއް ކަމަށެވެ.
ނަމަވެސް އެއާ ހިލާފަށް، މިހާރު ފެންނަނީ ދީން ސިޔާސީ ހަތިޔާރަކަށް ހަދައިގެން، "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފަތުރައިގެން ސިޔާސީ މަންފާ ހޯދަން އުޅޭ މަންޒަރު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރަސްމާލެއިން އެއްބައި ޔޫއޭއީގެ އީގަލް ހިލްސްއަށް ސަރުކާރުން ދޫކޮށްލުމާ އެމްޑީޕީގެ ތެރެއިން ގިނަ ބަޔަކު ދެކޮޅު ހަދާތީ އެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ރަސްމާލެއިން އެއްބައި އީގަލް ހިލްސްއަށް ދިނުމާ އެމަނިކުފާނު އެއްބަހެވެ. ނަމަވެސް އެމަނިކުފާނު އެދެނީ މިހާރަށްވުރެ ހާމަކަން ބޮޑުކޮށް އެކަން ކުރިއަށް ގެންދިޔުމަށެވެ.
ރަސްމާލޭގެ މައްސަލައިގައި އެމްޑީޕީން އަމަލުކުރާނެ ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ބައްދަލުވުން ބޭއްވުމަށް ހުށަހެޅީ ގައުމީ މަޖިލީހުގެ 60 އަށްވުރެ ގިނަ މެންބަރުންގެ ތާއީދާއެކުގަ އެވެ.













