ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫއުގެ ހުރިހާ ތަފްސީލުތަކެއް ފުރިހަމައަށް ހާމަކޮށް، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.
ފައިސަލްގެ ކެމްޕޭން ޓީމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، މިހާތަނަށް ސަރުކާރުން އަމަލުކުރަމުންދަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި، މި މަޝްރޫއުގެ ތަފްސީލުތައް އާންމުންނަށް ހާމަކުރުމުގެ ބަދަލުގައި ގެންގުޅެނީ ސިއްރު އެޖެންޑާއެއް ކަމަށެވެ.
"މި މައްސަލަތައް އޮޅުންފިލުވުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި މިނިވަން ނޫސްވެރިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށް ސަރުކާރުން ދަނީ އަމަލީ ގޮތުން މަސައްކަތް ކުރަމުން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ މަޖިލީހެއްގެ އެހީތެރިކަމާއެކު މިކަން ފަހިކުރަން އުޅުމަކީ މައްސަލައިގެ ސީރިއަސްކަން ހާމަވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ދީނީ ވަހުދަތަށާއި އިޖުތިމާއީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި, އަދި މި މަޝްރޫއު ސަރުކާރުން ގެންގުޅޭ ގޮތާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކާއި ނުރުހުންތަކެއް ހުރިކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ.

"ރައްޔިތުންގެ ހިތްހަމަނުޖެހުމާ ދެކޮޅަށް، މިފަދަ ބޮޑު ނުރައްކަލެއް އެކުލެވޭ މަޝްރޫއަކާއިގެން ކުރިއަށް ދިއުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން. މި މަޝްރޫއު މިގޮތަށް ކުރިއަށް ގެންގޮސްފި ނަމަ، ދިވެހި ރައްޔިތުންނަށް މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުން އިއާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ." ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހުއެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.













