ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ހިލޭ ދޫކޮށްލައިގެން ރާއްޖޭގައި ޔަހޫދީން އާބާދުކުރަން އުޅޭ ކަމަށް ވިދާޅުވެ، ރައީސް މުހައްމަދު މުއިއްޒަކީ އިޒްރޭލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ އެޖެންޓެއް ކަމަށް ޝައްކުވާކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
އިޒްރޭލާއި ޒަޔަނިސްޓުންނާ ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާލެ ވިއްކާލުމާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި މައުރޫފް ވިދާޅުވީ ދިވެހިންގެ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލު ގެއްލުވާލަނީ ޔަހޫދީން ދިވެހިރާއްޖޭގައި އާބާދުކުރުމުގެ ހީލަތްތެރި ވިސްނުމެއްގެ ދަށުން ކަމަށެވެ.
"މި ހާލަތުގައި ކަންކަން ހުރީމައި އަޅުގަނޑަށް ހަމަ ގަބޫލުކުރަން އުނދަގޫ ވަނީ މުއިއްޒު މިއީ އިޒްރޭލުގެ މޮސާޑު މީހެއް ނޫންބާއޭ. އަދި އޭގެ މީހަކަށް ވެއްޖެ ކަމުގައި ވާނަމަ، އޭނާގެ އެޖެންޑާ އަކަށް ވެގެންދާނީ ދިވެހިރާއްޖެ ކަހަލަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އިޒްރޭލުގެ މީހުން ވަޒަންވެރިވުމަށް ބިން ކަނޑައަޅައި އެކަން ކާމިޔާބު ކޮށްދިނުން،" މައުރޫފް ވިދާޅުވި އެވެ.
މީގެ އިތުރުން މާލިއްޔަތުން ބޮޑު ހަރަދެއް ކޮށްގެން ހިއްކާފައިވާ ފުށިދިއްގަރު ފަޅުގެ ބިންތައް "ޔަހޫދީންނަށް" އެއްވެސް އަގަކާ ނުލައި ދޭތީ އެކަމުގެ ކަންބޮޑުވުން މައުރޫފް ފާޅުކޮށްފައި ވެ އެވެ.
"ދިވެހި ރައްޔިތުންގެ މާލިއްޔަތުން ހިއްކާފަ އޮތް 1 ބިލިއަން ޑޮލަރުގެ އެ ފުށިދިއްގަރު ފަޅު، މިހާރު ގެ ނަމުން އެ ކިޔާ ރަސްމާލެ ހިލޭ ސާބަހަށް ބޭރުގެ ބަޔަކަށް އެ ދޫކޮށްލާނީ 500 ހެކްޓަރު ހިލޭ ސާބަހަށް. މާހިރުންވެސް އެ ވިދާޅުވަނީ 400 ބިލިއަން ރުފިޔާގެ އަގުހުރި ތަނަކަށް އެ ތަން އެބަ ވެޔޭ."

މައުރޫފްގެ ވިދާޅުވީ، އެވަރުގެ ބޮޑު އަގުހުރި ތަނެއް ހިލޭ ސާބަހަށް ބޭރުގެ ބަޔަކަށް ދޫކޮށްލާއިރު ދިވެހި ރައްޔިތުން ހިމޭނުން ބަލަން ތިބެއްޖެ ނަމަ، މި ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން, މާލޭގައި ނޮވެމްބަރު 6، ގައި ބާއްވާ ބޮޑު މުޒާހަރާއަށް, ދިވެހި ބިމަށާއި, ދިވެހި ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކުގެ ހައްގުގައި ވީހާވެސް ގިނަ ބަޔަކު ނުކުތުމަށް މައުރޫފް ގޮވާލައްވާފައި ވެ އެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.
ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.












