ރަސްމާލެ މަޝްރޫއު ކުރިއަށްގެންދިޔުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ސަރުކާރުން ފެންނަނުފެންނަ ވޯޓެއް ނަގައި، އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން އެއްބަސްވުމުގައި ސޮއިނުކުރުމަށް އެދި "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން އެ މަޝްރޫއު ހަވާލުކުރާ ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަށް ސިޓީއެއް ފޮނުވައިފި އެވެ.
އެ ހަރަކާތުގެ ސްޕޯކްސްޕާސަން އަލީ ހުސައިން ސޮއިކޮށް އަލައްބާރަށް ފޮނުވި ސިޓީގައި ވަނީ އެ މަޝްރޫއުއާ މެދު ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން އޮތްކަން އަންގާފަ އެވެ. އަދި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމަށް ވަނީ އެދިފަ އެވެ.
"މިހާރު ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު އަލުން ވިސްނުމަށާއި، މި މަޝްރޫއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދެނެގަތުމަށް ސަރުކާރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގަންދެން، މި މަޝްރޫއާ ގުޅޭ ގޮތުން މާލީ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކުން ވިޔަސް އެއްވެސް ޒިންމާއެއް ނުނެގުމަށް އެދެން،" އެ ސިޓީގައި ބުނެފައިވެ އެވެ.
ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
މި އެއްބަސްވުމުގެ ދިވެހިންގެ ހައްގުތަކާއި މަސްލަހަތުތަކަށް އުނިކަން އައުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އަމިއްލަ ގައުމުގައި ދިވެހީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ބެލެވިގެންދިއުމުގެ ބިރު ވެސް އޮތްކަމަށާއި އެއްބަސްވުމުގެ ނޭދެވޭ އަސަރުތައް ނުހަނު ދުރަށް ފޯރައި، ގައުމުގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވެގެން ހިނގައިދާނެކަން ވަނީ ފާހަގަކޮށްފަ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދިޔުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވާއިރު، ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި މުއާމަލާތް ކުރިއަށް ގެންދިޔުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށެވެ.
ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ރަސްމާލެއިން އެއްބައި ދޫކޮށްލުމާ ގުޅިގެން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހަޅައިގެން އެކަންކަން މަޖިލިސް ކޮމިޓީގައި ދަނީ ދިރާސާކުރަމުންނެވެ.








