ރިސޯޓުތަކުގެ ކުލީގެ މުއްދަތު ދިގު ދެމިގެންދިޔުމާއި ގައުމުގެ މުސްތަގުބަލު

ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނެވާފުށި ރިސޯޓު. -- ފޮޓޯ: ޓްރިޕްއެޑްވައިޒަރ

ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނެވާފުށި ރިސޯޓު. -- ފޮޓޯ: ޓްރިޕްއެޑްވައިޒަރ

ދިވެހިރާއްޖޭގެ ރިސޯޓު ވިޔަފާރިއަކީ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އެންމެ ބޮޑު މާލީ މަންފާއެއް ހޯދައިދޭ އެއް ދާއިރާއެވެ. ހަގީގަތަކީ، އެންމެ 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުރު މުއްދަތެއްގެ ތެރޭގައި 70 މިލިއަނާއި 190 މިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ ބޮޑު އާމްދަނީއެއް ހޯދައި، އިންވެސްޓަރުން ކުރި ހަރަދު ފުރިހަމައަށް އަނބުރާ ހޯދައިގަންނަ ކަމެވެ. އަދި އޭގެ ފަހުން އެތައް އަހަރަކަށް މެދުކެނޑުމެއްނެތި އެފަރާތްތަކަށް ބޮޑެތި ފައިދާތައް ލިބެމުންދެ އެވެ. ނަމަވެސް، މިފަދަ ބޮޑު މާލީ ނަފާއަކުން ގައުމުގެ ހަޒާނާއަށާއި އާންމު ރައްޔިތުމީހާގެ ދިރިއުޅުމަށް ލިބެނީ ކޮން މިންވަރެއް ހެއްޔެވެ؟

އިންވެސްޓަރުންގެ މުއްސަނދިކަން އިތުރުވަމުންދާއިރު ދައުލަތުގެ މާލިއްޔާ އަބަދުވެސް ދަތިކަމެއްގެ ތެރޭގައި އޮންނަން ޖެހެނީ، ބިމުގެ ކުލީގެ ސިޔާސަތުތައް ގައުމީ ދުރު ތަސައްވުރެއްގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި، އެކި ސަރުކާރުތަކުގެ ވަގުތީ މާލީ ބޭނުންތައް ފުއްދުމަށްޓަކައި އެކަށައަޅާފައިވާތީ އެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ފެށުމުގައި، ރަށްތައް ކުއްޔަށް ދޫކުރެވުނީ ވަރަށް ކުރު އަދި ހަމަޖެހޭ މުއްދަތުތަކަކަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި 5 އަހަރުގެ ކުރު މުއްދަތަކަށް ދޫކުރެވުނު ނަމަވެސް، ދެވަނަ މަރުހަލާގައި އެ މުއްދަތު 10 އަހަރަށް، 18 އަހަރަށް އަދި 22 އަހަރަށް ބަދަލުވެގެންދިޔަ އެވެ. އަދި އަރިއަތޮޅު ތަރައްގީކުރުމަށް ސަރުކާރުން މާލީ އެހީތެރިކަމާއި ޑިއުޓީ އިނާޔަތްތައް ދިނުމާއެކު ފުޅާވި މަރުހަލާގައި މި މުއްދަތު 35 އަހަރަށް، އޭގެ ފަހުން 50 އަހަރަށް އިތުރުވެ، މިއަދު މިވަނީ ގާތްގަނޑަކަށް ގަރުނެއް ނުވަތަ ޖީލުތަކެއް ފާއިތުވެދާނެ ފަދަ 99 އަހަރުގެ ދިގު މުއްދަތަކަށް ބަދަލުވެފަ އެވެ.

ހިތާމައަކީ، މިފަދައިން މުއްދަތުތައް އިތުރުކުރެވިފައިވަނީ ގައުމަށް ދެމެހެއްޓެނިވި އިގުތިސާދީ ފައިދާއެއް ހޯދައިދިނުމުގެ ބަދަލުގައި، ބަޖެޓުގެ ކުރު މުއްދަތުގެ ދަތިކަން ފިލުވައިލުމަށް ލިބޭ ވަގުތީ އެޑްވާންސް ފައިސާކޮޅަކަށް ވުމެވެ. މީގެ އިތުރުން، ދައުލަތަށް ލިބެންޖެހޭ ބޮޑެތި ފައިސާތައް ނުލިބި ދިގުލައިދިޔުމާއި، ޒިންމާދާރުކަމެއް ނެތި ޖޫރިމަނާތައް މާފުކޮށްދިނުމަކީ ގައުމީ މަސްލަހަތަށް އެޅޭ ވަރަށް ބޮޑު ހިޔަންޏެކެވެ.

ރިސޯޓު ކުލީގެ މުއްދަތު ދިގުކުރުމަކީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރުތަކުން އިހުތިޔާރުކުރާ އެންމެ ފަސޭހަ، ނަމަވެސް އެންމެ ނުރައްކާތެރި މަގެވެ. ވަގުތީ ގޮތުން ލިބޭ މަދު ފައިސާކޮޅެއްގެ ބަދަލުގައި، ދިވެހި ފަސްގަނޑުގެ އެންމެ އަގުބޮޑު މިލްކިއްޔާތުތައް އެތައް ޖީލަކަށް އިންވެސްޓަރުންގެ ފުރިހަމަ ބާރުގެ ދަށަށް ދޫކޮށްލުމަކީ ދައުލަތުގެ މާލީ ޖަވާބުދާރީވުން ގެއްލި، އަންނާން އޮތް ޖީލުތަކަށް އެކުދިންގެ އަމިއްލަ ފަސްގަނޑުން ލިބެންޖެހޭ މުއްސަނދިކަމާއި ހައްގުތަކުން މަހުރޫމުވެ، މުޅި ގައުމުގެ މުސްތަގުބަލު ރަހުނުވެގެންދާނެ ކަމެކެވެ.

އެހެންކަމުން، ރިސޯޓު އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ވަކި ބަޔަކު މުއްސަނދިކުރާ ވަސީލަތަކަށް ވުމުގެ ބަދަލުގައި، ދިވެހި އެންމެހައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭ އަދި އިންވެސްޓަރުންނަށްވެސް އިންސާފުވެރި މާހައުލެއް ފަހިކޮށްދޭ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކުރަން ޖެހެއެވެ. މިގޮތުން، އިންވެސްޓަރު ކުރި މައިގަނޑު ހަރަދު އަނބުރާ ހޯދޭ މުއްދަތަށްފަހު ނުވަތަ އެންމެ ގިނަވެގެން 10 އަހަރު ފަހުން، އެ ރިސޯޓެއް ހިންގާ ކުންފުނީގެ މަދުވެގެން 40 ޕަސެންޓު ހިއްސާ ރާއްޖޭގެ ހިއްސާގެ ބާޒާރު މެދުވެރިކޮށް ދިވެހި އާންމު ރައްޔިތުންނަށް ވިއްކުން ގާނޫނުން ލާޒިމުކުރަންޖެހެ އެވެ. އަދި ކޮންމެ 20 ނުވަތަ 25 އަހަރަކުން، އެ ރިސޯޓަކުން ހޯދި ޖުމްލަ އާމްދަނީއާއި ފައިދާއަށް ރިއާޔަތްކޮށް ދައުލަތަށް ހާއްސަ އިގުތިސާދީ ލެވީއެއް ދައްކަންޖެހޭ ގޮތް ހަމަޖައްސައި، ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޓެކްސްގެ މައުލޫމާތުތައް ދެފުށް ފެންނަ ގޮތަށް ހާމަކޮށް، ސިޔާސީ ނުފޫޒުން ޖޫރިމަނާތަކާއި ކުލިތައް މާފުކޮށްދިނުން މުޅިން ހުއްޓުވަންޖެހެ އެވެ. މީގެއިތުރުން، އެ ރިސޯޓެއް ނިސްބަތްވާ ސަރަހައްދުގެ ރަށްރަށުގެ ތައުލީމީ، ސިއްހީ އަދި ތިމާވެށީގެ ތަރައްގީއަށް އެ ރިސޯޓެއްގެ ސާފު ފައިދާގެ ވަކި މިންވަރެއް ސީދާ ހަރަދުކުރުން ލާޒިމުކުރަންޖެހެ އެވެ.

ދައުލަތުގެ އިސްވެރިންނާއި ސިޔާސަތު އެކުލަވައިލާ ފަރާތްތަކަކީ ހަމައެކަނި 5 އަހަރުގެ ދައުރެއް ފުރިހަމަކުރާ ބައެއް ނޫނެވެ؛ އެއީ މުޅި ގައުމުގެ އަގުހުރި މިލްކިއްޔާތުތަކުގެ އަމާނާތްތެރި ބަލަދުވެރިންނެވެ. މި ބަލަދުވެރިކަން ދެމެހެއްޓުމަށްޓަކައި، ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ބޭނުންހައި ގޮތަކަށް ގާނޫނުތަކަށް ބަދަލުގެނެސްގެން ބިމުގެ މުއްދަތު އިތުރުނުކުރެވޭނެ ފަދަ ވަރުގަދަ ދުސްތޫރީ ރައްކާތެރިކަމެއް ގާއިމުކުރަންޖެހެއެވެ. އަދި ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީން އަންނާން އޮތް ޖީލުތަކަށް ހާއްސަކޮށްގެން ސޮވަރިން ވެލްތު ފަންޑެއް ބިނާކޮށް، ގައުމުގެ ދަރަނިތައް ހަލާސްކުރުމަށް އިސްކަންދޭންޖެހެއެވެ.

ދިވެހިރާއްޖޭގެ ފަޅުތަކާއި ފަރުތަކަކީ މާތް ﷲ މި ގައުމުގެ އަހުލުވެރިންނަށް ދެއްވާފައިވާ އަގުނުކުރެވޭ މަތިވެރި ނިއުމަތެކެވެ. އިންވެސްޓަރުންނަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ނަމަވެސް، އެ ފުރުސަތުގެ އަގަކަށް ދިވެހި ރައްޔިތުންގެ މުސްތަގުބަލު ވެގެން ނުވާނެ އެވެ. ގައުމުގެ ސިޔާސަތުތައް ވަގުތީ ފައިދާއިން އެއްކިބާކޮށް، ރައްޔިތުންގެ ބައިވެރިވުމާއި ހާމަކަން ބޮޑު ގޮތެއްގައި ބައްޓަންކޮށްގެން މެނުވީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހަގީގީ މަންފާ ގައުމަށް ފުރިހަމަ ގޮތުގައި ލިބިގެން ނުދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox