އާދައިގެ ވިޔަފާރި މުއާމަލާތަކުން 300 އަހަރުގެ އަޅުވެތިކަމަށް

އިނގިރޭސި ވިޔަފާރީގެ ބޯޓުތައް އިންޑިއާގައި ބަނދަރުކޮށްފައިވާ މަންޒަރު ދައްކުވައި ދިނުމަށް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރެއް

އިނގިރޭސި ވިޔަފާރީގެ ބޯޓުތައް އިންޑިއާގައި ބަނދަރުކޮށްފައިވާ މަންޒަރު ދައްކުވައި ދިނުމަށް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ މަންޒަރެއް

އިނގިރޭސި ވިޔަފާރިވެރިންގެ ގުރޫޕަކުން 1600 ގެ އަހަރުތަކުގައި އީސްޓް އިންޑިއާ ކޮމްޕެނީ އުފެއްދިއިރު، އެ މީހުންގެ އޮތީ ވަރަށް ސާދާ މަގުސަދެކެވެ. އެއީ ފައިދާ ހޯދުމެވެ. އެކުންފުނީގެ ވެރިންނަކީ ރަސްރަސްކަލުންނެއް ނޫނެވެ. އަދި އަސްކަރީ ކޮމާންޑަރުންނެއް ނުވަތަ އިމްޕީރިއަލް ސަރުކާރެއްގެ މަންދޫބުންނެއް ވެސް ނޫނެވެ. އެއީ އިރުމަތީ އިންޑިއާގެ ގައުމުތަކާއެކު ވިޔަފާރި ކުރުމަށް އިނގިރޭސި ރާނީގެ ފަރާތްޕުޅުން ޝާހީ ހުއްދައެއް ނުވަތަ "ރޯޔަލް ޗާޓަރެއް" ހޯދައިގެން ތިބި ވިޔަފާރިވެރި ބައެކެވެ.

އަމިއްލަ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ފެށި މި މަސައްކަތް، ފަހުން ބޮޑެތި ބިންތަކެއްގެ މައްޗަށް ވެރިކަން ހިންގައި، މިލިއަނުން މީހުންގެ އަތުން ޓެކްސް ނަގައި، އަމިއްލަ ލަޝްކަރެއް ބަލަހައްޓައި، ދުނިޔޭގައި އުފެދުނު އެންމެ ބާރުގަދަ ސިޔާސީ ބާރަށް ވެދާނެ ކަމަށް އޭރު ބަޔަކަށް ހީކުރެވިފައެއް ނެތެވެ. އިނގިރޭސިން ފުރަތަމަ އިންޑިއާއަށް ދިޔައީ އިސްތިއުމާރު ކުރާ ބައެއްގެ ގޮތުގައެއް ނޫނެވެ. އެ މީހުން ދިޔައީ އިންވެސްޓަރުންނާއި ވިޔަފާރިވެރިންގެ ގޮތުގަ އެވެ.

ސަތާރަވަނަ ގަރުނުގެ ކުރީކޮޅު، އީސްޓް އިންޑިއާ ކޮމްޕެނީން މަސައްކަތް ކުރީ އިންޑިއާގެ ވެރިންގެ ކިބައިން ހުއްދަ ހޯދައިގެން ވިޔަފާރި މަރުކަޒުތައް ގާއިމުކުރުމަށެވެ. އެ ކުންފުނިން އެކި އެއްބަސްވުންތަކުގައި ސޮއިކޮށް، ވިޔަފާރީގެ ހާއްސަ އިނާޔަތްތައް ހޯދައި، މަޑުމަޑުން އެ މީހުންގެ މަސައްކަތްތައް ފުޅާކުރި އެވެ. މި ގުޅުމަކީ ދެ ފަރާތަށް ވެސް ފައިދާހުރި ކަމެއްގެ ގޮތުގައި އޭރު ފެނުނެވެ. ކުންފުނިން ބޭނުންވީ އަގުބޮޑު މުދާ ހޯދުމުގެ ފުރުސަތެވެ. އަދި އިންޑިއާގެ އޭރުގެ ވެރިންނަށް ފެނުނީ ވިޔަފާރީގެ ތެރެއިން އިގުތިސާދީ ތަނަވަސްކަން ހޯދުމުގެ ފުރުސަތެކެވެ.

އިންޑިއާގައި ފައިތިލަ ސާބިތުކުރުމަށްޓަކައި، އެ ގައުމު ފަތަހަކުރުމުގެ ބޭނުމެއް ފުރަތަމަ އެ ކުންފުންޏަކަށް ނެތެވެ. އެ މީހުން ބޭނުންވީ އިންޑިއާގެ ވެރިކަމުގައި ތިބި މީހުންގެ އެއްބާރުލުމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް، ކުންފުނިން ބިންތައް މިލްކުކޮށް، ގުދަންތައް ބިނާކޮށް، މީހުން އާބާދުވާނެ ތަންތަން ހަދައި، ވިޔަފާރި މަރުކަޒުތައް ވަރުގަދަކުރި އެވެ. އަދި ވިޔަފާރީގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހަތިޔާރު އެޅި ލަޝްކަރުތައް ބަލަހައްޓަން ފެށި އެވެ. އިގުތިސާދީ ބާރުވެރިކަން ފުޅާވަމުން ދިޔަ ވަރަކަށް، އެ ސަރަހައްދުތަކުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވެސް އެ ކުންފުނިން ވަންނަން ޖެހިއްޖެ އެވެ. ބޭނުމަކަށްވީ އެ ކުންފުނީގެ އިގުތިސާދީ މަސްލަހަތުތައް ހިމާޔަތްކުރުމެވެ. ވިޔަފާރީގެ ގުޅުމެއްގެ ގޮތުގައި ފެށުނު ގުޅުން މަޑުމަޑުން ސިޔާސީ ގުޅުމަކަށް ބަދަލުވެގެން ދިޔައީ އެވެ.

މި ދުވަސްވަރު އައި އެންމެ ބޮޑު އެއް ބަދަލަކީ 1757 ވަނަ އަހަރު ކުރި "ބެޓްލް އޮފް ޕްލާސީ" ނުވަތަ ޕްލާސީ ހަނގުރާމަ އެވެ. އީސްޓް އިންޑިއާ ކޮމްޕެނީގެ ފަރާތުން ރޮބަޓް ކްލައިވް، ބެންގާލްގެ ނަވާބުގެ މައްޗަށް ކުރި ހޯދީ، އެ ނަވާބުގެ އަމިއްލަ ވެރިކަމާ ދެކޮޅުވި ނުފޫޒުގަދަ ބައެއްގެ އެހީތެރިކަމާއެކުގަ އެވެ. އޭގެ ފަހުން 1765 ވަނަ އަހަރު، ބެންގާލް، ބިހާރު އަދި އޮރިއްސާ އިން އާމްދަނީ ނުވަތަ ޓެކްސް ނެގުމުގެ ހައްގު މުގަލް ރަސްގެފާނުގެ އަތްޕުޅުން އެ ކުންފުންޏަށް ލިބުނެވެ. މިއާއެކު، ބޭރުގެ އަމިއްލަ ކުންފުންޏަކުން، ސަރުކާރެއްގެ އެންމެ އަސާސީ އެއް ބާރު ކަމުގައިވާ ޓެކްސް ނެގުމުގެ ބާރު ހޯދި އެވެ.

އޮނަވިހިވަނަ ގަރުނުގެ ކުރީކޮޅަށް ފެށިގެން އައިއިރު، އެ ކުންފުނީގެ ދަށުގައި 200،000 އަށް ވުރެ ގިނަ ސިފައިންގެ ލަޝްކަރެއް އޮތެވެ. އެ ކުންފުނިން ދިޔައީ ސަރަހައްދުތައް ބަލަހައްޓައި، ގައުމުތަކުގެ ވެރިން އައްޔަންކުރުމަށް ނުފޫޒު ފޯރުވައި، ކޯޓުތައް ހިންގައި، ސިޔާސީ ގޮތުން އިންތިހާއަށް ބާރުގަދަވަމުންނެވެ. މިއީ ގައުމެއްގެ ސިޔާސީ ތާރީހުގައި ފެންނާނޭ އެންމެ އާދަޔާ ހިލާފު އެއް ކަންތަކެވެ. ހިއްސާދާރުންނަށް ފައިދާ ހޯދައިދޭން އުފެއްދި ކުންފުންޏަކުން، އެ މީހުންގެ ވެރިކަމަށް ރުހުން ނުދޭ އެތައް މިލިއަން މީހުންގެ މައްޗަށް ވެރިކަން ހިންގަމުން ދިޔައީ އެވެ.

ކުންފުންޏަކުން ފައިދާ ހޯދަން މަސައްކަތް ކުރުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫނެވެ. ވިޔަފާރިތައް އުފައްދަނީ ވެސް އެ ބޭނުމުގަ އެވެ. ބޭރުގެ ވިޔަފާރިވެރިއަކު، އޭނާގެ އަމިއްލަ ވިޔަފާރީގެ ފައިދާއަށް ވުރެ ބޮޑަށް، އެހެން ގައުމެއްގެ މިނިވަންކަމާއި، ގައުމީ މަސްލަހަތާއި، އަންނަން އޮތް ޖީލުތަކުގެ ކުރިމަގަށް ވިސްނާނެ ކަމަށް އުންމީދު ކުރުމަކީ މޮޔަކަމެކެވެ. އެ މަސްލަހަތުތައް ހިމާޔަތްކުރުމުގެ ޒިންމާއަކީ އެ ގައުމެއްގެ ސަރުކާރާއި ރައްޔިތުންގެ މަސްއޫލިއްޔަތެކެވެ.

ބޭރުގެ ކުންފުންޏަކުން އިގްތިސާދީ އިނާޔަތްތަކާއި، ބިންތަކުގެ މައްޗަށް ބާރު ހޯދަން ނުވަތަ އެ މީހުންނަށް ފައިދާވާނެ ގޮތަށް އެއްބަސްވުންތައް ހަދަން މަސައްކަތް ކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ، އެފަދަ ކަންކަމުގެ ސަބަބުން ދުރު މުސްތަގުބަލުގައި ނުކުމެދާނެ ނަތީޖާއަކަށް ބެލުމެއް ނެތި، ސަރުކާރުތަކުން އެފަދަ ބޮޑެތި އިނާޔަތްތައް ދޫކޮށްލުމެވެ.

އީސްޓް އިންޑިއާ ކޮމްޕެނީއަށް އެ މީހުންގެ މަސްލަހަތު އޮތް ގޮތް ވަރަށް ރަނގަޅަށް އެނގެ އެވެ. ނަމަވެސް އެ ކުންފުންޏާއެކު އެއްބަސްވުންތައް ހެދި ގިނަ ވެރިންނަށް މުހިންމުވީ، އެ ވަގުތަކު އެ މީހުންގެ ވެރިކަން ދެމެހެއްޓުމާއި، އަމިއްލަ މުއްސަނދިކަން އިތުރުކުރުމާއި، އަވަށްޓެރި ވެރިންނާ އޮތް ވާދަވެރިކަމުގައި ކުރިހޯދުމެވެ. ކުންފުނިން ވިސްނީ ކުރިއަށް އޮތް އެތައް އަހަރަކަށެވެ. ނަމަވެސް އެ މީހުންނާއެކު މުއާމަލާތް ކުރި ބައެއް ވެރިންނަށް، އެ މީހުންގެ އަމިއްލަ ވެރިކަމުގެ ދައުރު ނިމުމުން ވާނެ ގޮތަކާ މެދު ވެސް ވިސްނައެއް ނުލެވުނެވެ. ނުވަތަ އެކަމާ އެއްވެސް ފަރުވާލެއް ނުބެހެއްޓި އެވެ.

ސަރުކާރުތަކަކީ ވަގުތީ މުއައްސަސާތަކެކެވެ. ރައީސުންނާއި، ވަޒީރުންނާއި، މަޖިލިސް މެންބަރުން އަންނާނެއެވެ. އަދި ދާނެއެވެ. ނަމަވެސް ކުންފުނިތަކަކީ އެތައް ގަރުނަކަށް ދެމިގެންދާ އެއްޗެކެވެ. ހަމައެހެންމެ، ސަރުކާރުތަކުން ސޮއިކުރާ އެއްބަސްވުންތަކުގެ ސަބަބުން އުފެދޭ ގާނޫނީ ހައްގުތަކާއި އިލްތިޒާމުތަކަކީ ވެސް ދެމިގެންދާނެ ކަންކަމެވެ.

ވެރިއަކު އޭނާ ސޮއިކުރާ އެއްބަސްވުމަކީ އިގްތިސާދީ ގޮތުން ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ބުނެ އުފާފާޅުކޮށްފާނެ އެވެ. އޭނާގެ ދަށުން ބުނީމާ ބުނިހައި ގޮތެއް ހަދަން ތިބި ވަޒީރުން އެއީ ތާރީހީ ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފާނެ އެވެ. އަދި އެކަމާ ސުވާލު އުފައްދާ މީހުންނަކީ ތަރައްގީގެ ދުޝްމަނުންގެ ގޮތުގައި ވެސް ސިފަކޮށްފާނެ އެވެ. ނަމަވެސް އެފަދަ އެއްބަސްވުމެއްގެ ހަގީގީ އަގު ހާމަވެ ވަޒަންކުރެވޭނީ، އެ އެއްބަސްވުމުގައި ސޮއިކުރި ސަރުކާރުގެ ދައުރުގެ ތެރޭގައެއް ނޫނެވެ. އޭގެ ނަތީޖާ ފެންނަން ފަށާއިރު، އެ އެއްބަސްވުން ހެދި މީހުން ދުނިޔޭގައި ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި އެކަމުގެ ހިތްދަތިކަން ތަހައްމަލު ކުރަން ޖެހޭ މީހުންނަކީ، އެ އެއްބަސްވުމުގައި ސޮއިކުރި އިރު އުފަންވެސް ނުވާ މީހުންނަށް ވެދާނެއެވެ.

 

މިއީ ބިން ކުޑަ ގައުމުތަކަށް ވަރަށް މުހިންމު ފިލާވަޅެކެވެ. ފައިސާއަކީ އަލުން ހޯދިދާނެ އެއްޗެކެވެ. އިމާރާތްތަކަކީ ތަޅާލައި އަލުން ބިނާކުރެވިދާނެ ތަންތަނެވެ. ނަމަވެސް ބިމަކީ އުފެއްދޭނެ އެއްޗެއް ނޫނެވެ. އަދި ބިމުގެ މައްޗަށް އޮތް ބާރު ދޫކޮށްލުމަށް ފަހު، އެ ބާރު އަލުން ހޯދުމަކީ ދޫކޮށްލުމަށް ވުރެ އެތައް ގުނައެއް އުނދަގޫ ކަމެކެވެ.

އީސްޓް އިންޑިއާ ކޮމްޕެނީގެ ތާރީހުން ލިބޭ ފިލާވަޅަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ނުދިނުމެއް ނޫނެވެ. އެ ފިލާވަޅަކީ، ބޭރުގެ ފައިސާ ގައުމަށް ގެނައުމާއި، ގައުމުގެ މިލްކިއްޔާތުގެ މައްޗަށް އޮތް ބާރު ދޫކޮށްލުމާ ހުރި ތަފާތު ސަރުކާރުތަކަށް އެނގެން ޖެހޭނެ ކަމެވެ. ގައުމަކީ އެ ވަގުތަކު ވެރިކަމުގައި ތިބޭ ބައެއްގެ އަމިއްލަ އެއްޗެއް ނޫނެވެ. އެއީ މިއަދު އެ ގައުމުގައި ދިރިއުޅޭ މީހުންނާއި، މާދަމާ އެ ގައުމާ ހަވާލުވާން ތިބި ޖީލުތަކުގެ ހަމަހަމަ ހައްގެކެވެ.

ތާރީހުން ދަސްކޮށްދެނީ، ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު އަބަދުވެސް ގެއްލެނީ ހަނގުރާމައިގެ މައިދާނަކުން ނޫން ކަމެވެ. ބައެއް ފަހަރު އެ ބާރުތައް ދޫވެގެން ދަނީ މަޝްވަރާގެ މޭޒުތަކުގެ މަތިން، ސޮއިކުރާ ސޮއިތަކާއި، އަތާ އަތް ޖޯޑުކޮށްލާ ކުރާ ސަލާމްތަކާއި، ނުރަސްމީ ދަތުރުފުޅުތަކުގައި ހެދޭ ސިއްރު ޑީލުތަކާއި، ތަނަވަސްކަމުގެ ނަމުގައި ވާ ވައުދުތަކުގެ ތެރެއިން މަޑުމަޑުންނެވެ.

ފަހުގެ ޚަބަރު

މަޝްރޫއުތައް ގުރުބާންކޮށް، ތެލަށް ބަދަލުކުރި 90 މިލިއަން ޑޮލަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ވޯލްޑް ބޭންކާއި އޭޑީބީ މެދުވެރިކޮށް 90 މިލިއަން ޑޮލަރު ހޯދައިފިއެވެ. މީގެ ތެރެއިން ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ އުނިކޮށްގެން ހަމަޖެއްސި ފައިސާއެކެވެ. މި ފިޔަވަޅު އަޅަންޖެހުނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މައްސަލައަކީ ކެރެޓެއް ނޫން، ޑޮލަރު

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ޑޮލަރުގެ އަގުބޮޑުވެ ތަދުވުމުގެ ސަބަބުން ކަމަށްވާއިރު، ސަރުކާރުން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތް ހަގީގީ ހައްލަކީ ޑޮލަރުގެ އަގު ތިރިކުރުން ކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

އިންވެސްޓްމަންޓުގެ ނިވަލުގައި ޒަމާނީ އިސްތިއުމާރު

ރާއްޖޭގައި އިންވެސްޓްމަންޓް ރެސިޑެންސީ ތައާރަފްކުރުމަކީ، ގައުމުގެ ސިޔާދަތާއި ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު ގެއްލި، ޒަމާނީ އިސްތިއުމާރީ ދަންތުރައެއްގައި ޖެހިދާނެ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގެ ކޮރަޕްޝަނާއި ނާޒުކު ތިމާވެށީގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުންފަތް މަނާކުރުން: ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް

ރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުންފަތުގެ ބާވަތްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ހަރުކަށި އުސޫލުތަކަކާއެކު ކޮންޓްރޯލްކޮށްގެން ބޭނުންކުރުމުގެ ނަތީޖާ ބައެއް ގައުމުތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ނިއުޒީލެންޑް، ސްވިޑަން އަދި ޖަޕާން ފަދަ ގައުމުތަކުން ވަނީ ޓެކްސް ބޮޑުކުރުމާއި ވިޔަފާރިކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން، ރާއްޖެއަށް ވެސް ދުނިޔޭގެ މިފަދަ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވިދާނެ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

Newsletter

Get the latest news delivered straight to your inbox