ކަންކަމުގައި އެންމެންގެ މެދުގައި މަޝްވަރާކުރުމަކީ މުއުނިމުންގެ ސިފައެއްކަމުގައި ކީރިތި ޤުރުއާނުގައި ބަޔާންވެފައިވާހިނދު، މަޝްވަރާކުރުން އެއީ އިސްލާމީ ފިގުހުގައި އެކަމަށް ތަފުސީލު ބާބުތައް އެކުލަވާލެވިފައިވާ އޭގެ ދަށުން އިލްމުވެރިން އެކި ބާވަތުން ފޮތް ލިޔުއްވާފައިވާ މައުލޫއެކެވެ. އިސްލާމީ ފިގުހުގައި އާންމު ރައްޔިތުންނާ ވެރިން މަޝްވަރާކުރުމުގެ ފުރިހަމަ ދިރާސާތައް ހައްދަވައި އެކަމަށް އެންމެ ފުރިހަމަ ފޮތެއް ލިޔުއްވި މި ފަހު ޒަމާނުގެ އިލްމުވެރިންގެ ތެރޭގައި އަޅުގަނޑަށް ފާހަގަވާ އެއް ބޭކަލަކީ ޑރ އަޙްމަދުއްރައިސޫނީ އެވެ.
މޮރޮކޯގެ ފުންނާބު އުސް އިލްމުވެރިޔާ ޑރ އަޙްމަދުއްރައިސޫނީ އަކީ އިސްލާމީ ފިގުހަށް އަރާ ހުންނެވި ފިގުހުވެރިއެކެވެ. ދުނިޔޭގެ އާޖުފާޖު އެނގިވަޑައިގެން ހުންނެވި މުފައްކިރެކެވެ. އިލްމުވެރިންގެ އާލަމީ ގުޅުން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބާނީ ވެސް މެ އެވެ.
އާންމުންގެ ހިޔާލު ހޯދައި ގިނަ މީހުންގެ ރައުޔަށް ކަންކަމުގައި ގޮތް ނިންމުމަކީ ހުޅަނގުގެ ފަލްސަފާއެއްކަމަށް ބުނާ މީހުންނަށް ޑރ ރައިސޫނީ ރައްދު ދެއްވަ އެވެ. އަދި އެއީ މާޒަމާންވީ އިސްލާމީ އުސޫލެއްކަމުގައި އޭނާ ފާހަގަކުރައްވަ އެވެ. ގިނަ މީހުންގެ ލަފަޔާއި މަޝްވަރާ ހޯދުމާއި ގިނަ މީހުންގެ ވިސްނުމާ އެއްގޮތަށް ކަންތައް ކުރުން އެއީ އިސްލާމްދީނުގައި އެކަމަށް އިރުޝާދު އައިސްފައިވާ އަދި މާތް ނަބިއްޔާގެ ސުންނަތުން އެކަމަށް ފިލާވަޅު ލިބެން ހުރި ކަމެއްކަމުގައި ރައިސޫނީ އެތައް ދަލީލެއް ގެންނަވަ އެވެ.
ޑރ ރައިސޫނީ ފާހަގަކުރައްވާ ގޮތުގައި ކުރީގެ ގިނަ ފިގުހު ފޮތްފޮތުގައި މަޝްވަރާއަކީ އެޔާ އެއްގޮތަށް އަމަލުކުރުން ލާޒިމް އެއްޗެއް ނޫންކަމަށް ބައެއް ފިގުހުވެރިން ވިދާޅުވެފައި އެ ހުންނަނީ މުޅިން އެހެން ކޮންޓެކްސްޓެއްގަ އެވެ. އަދި އެއީ އޭރު އެ ޒަމާނަށް ތަހުގީގީ ނަޒަރެއް އޮތުން މުހިންމު ކަމަކަށްވެފައި ނުވަނީ އެޒަމާނުގައި އިސްލާމީ ވެރިން މަޝްވަރާކުރުމަކީ އާންމު އާދަކާދައެއް ކަމުގައި ހަދާފައިވާތީ ވެސްމެ އެވެ.
ޑރ ރައިސޫނީ ދަލީލާއެކު ފާހަގަކުރައްވަނީ، މަޝްވަރާ ހޯދުމަކީ ލާޒިމް ކަމެއްކަމަށެވެ. ރައްޔިތުންނާ ގުޅުންހުރި ބޮޑެތި އާންމު ކަންކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމާއި ފަންނީ އަދި އިލްމީ ކަމެއްގައި ނަމަ އެކަމެއްގެ ތަޖުރިބާކާރުންގެ މަޝްވަރާ ހޯދުން ވެސް ލާޒިމްކަމަށެވެ. އަދި އެގޮތުން ލިބޭ މަޝްވަރާއަށް އަމަލުކުރުމަކީ ވެރިމީހާއަށް އޮތް އިހުތިޔާރެއް ނޫންކަމަށާއި އެއީ ވެރިމީހާގެ މައްޗަށް ޝަރުޢީ ގޮތުން ލާޒިމްކަމެއް ކަމުގަ އެވެ.
މާތް ނަބިއްޔާގެ ހަދީސް ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ކަމަކީ ތިޔަބައިމީހުންގެ މަޝްވަރާކުރާ ކަމެއްކަމުގައި ހަދާށެވެ! އަދި އެންމެ މީހެއްގެ ވިސްނުމަށް ތިޔަބައިމީހުން ކަމެއްގައި ގޮތް ނުނިންމާށެވެ!" މި ބަސްފުޅުން ސާފުކޮށް އެނގޭ ގޮތުގައި ދީނުގައި ވަކިގޮތަކަށް ކަނޑައެޅިފައި ނުވާ ކަމެއްގައި މީހުންގެ މަޝްވަރާއަށް އެހުމަކީ ލާޒިމް ކަމެކެވެ. އަދި ވެރިމީހާ އެކަނި އޭނާގެ ވިސްނުމަށް ކަން ނިންމުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
މައްކާގެ މުޝްރިކުން މުސްލިމުންނާ ހަނގުރާމައަށް ތައްޔާރުވަމުންދާކަމުގެ ޚަބަރު ލިބިވަޑައިގަތުމާއެކު މާތް ނަބިއްޔާ މުހާޖިރުންނާއި އަންސާރުންނާ ވެސް މަޝްވަރާކުރެއްވި އެވެ. މަތިން ވަޙީބާވާލައްވަމުންދާ މާތް ނަބީކަލޭގެފާނު އަމުރުކުރެއްވި ނަމަ އެކަލޭގެފާނުގެ އެންމެހާ ސަހާބީން ހަނގުރާމައަށް ނުކުންނަވާނެކަމާމެދަކު ޝައްކެތް ނެތެވެ. އެހެނަސް އިތުރު އެކަލޭގެފާނު ބަދުރު ހަނގުރާމައަށް ނުކުމެވަޑައިގަތީ، ސަހާބީންކުރެ ގިނަ އަދަދެއްގެ ބޭކަލުން އެކަމަށް ތާއީދުދެއްވައި މަޝްވަރާދެއްވުމުންނެވެ.
އުޙުދު ހަނގުރާމައަށް ނުކުންނެވުމުގައި ވެސް މާތް ނަބިއްޔާ ޞަޙާބީންނާ މަޝްވަރާކުރެއްވި އެވެ. މާތް ނަބިއްޔާގެ ވިސްނުންފުޅަކަށްވީ މައްކާގެ މުޝްރިކުން އައިސް ހަމަލާދެންދެން މަދީނާގައި މަޑުކޮށްގެން ތިބެފައި މަދީނާގެ ދިފާއުގައި ހަނގުރާމަކުރެއްވުމެވެ. އެހެނަސް ގިނަ ސަހާބީ ބޭކަލުން ލަފާއެރުއްވީ މަދީނާއިން ނުކުމެވަޑައިގެން މުޝްރިކުންނާ ކުރިމަތިލެއްވުމަށެވެ. މާތް ނަބިއްޔާ އަމަލުފުޅުކުރެއްވީ ޚުދު އެކަލޭގެފާނުގެ ރައުޔުފުޅާ ހިލާފަށް ގިނަ ބޭކަލުން އެރުވި މަޝްވަރާއާ އެއްގޮތަށެވެ.
މާތް ނަބިއްޔާގެ ސީރަތުން މިފަދަ އެތައް މިސާލެއް ފެންނާން އެބަހުއްޓެވެ. ވަޙީބާވާލެއްވޭ ލޮބުވެތި ނަބިއްޔާގެ ހައްގުގައި ކަނޑައެޅިގެން ވަކިގޮތަކަށް ދީނުގައި އަންގަވާފައި ނެތް ކަންކަމުގައި މަޝްވަރާކުރުން މިދަރަޖައިގައި ހުރިހިނދު އާދައިގެ އަހަރެމެންފަދަ އިންސާނުންނަށް އެކަމުގެ ވާޖިބުކަމާއި ލާޒިމްކަން ބޮޑުވާނެ ކަމާމެދު ޝައްކެތް ނެތެވެ. އިތުރު އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ މަންހަޖުން ކުރިޔަށް ހިންގެވި މާތް ޚަލީފާއިންނާއި ހުރިހާ ބޭކަލުންވެސް އަމަލުފުޅުކުރެއްވީ ހަމަ މިގޮތަށެވެ.
ގިނަ މީހުން ދެކޭގޮތަށް ތަބާވުމަކީ ދީނާ ދުރު ގޮތެއް ކަމުގައި މިހާރުގެ މިއުޅޭ ބައެއް މީހުން ހީކުރަނީ ދީން ނޭނގޭތީ އެވެ. ގިނަ ފިގުހުވެރިން ދެކޭގޮތް އެއީ ވަރުގަދަ ފިގުހީ ރައުޔެއްކަމުގައި ވެގެންދާ ގޮތާއި، ގިނަ ފިގުހުވެރިންނާ ހިލާފަށް އެންމެ ބޭކަލަކު ވަކިން ވިދާޅުވެފައި އޮންނަ ރައުޔަކީ ޝާއްޒު ރައުޔެއްކަމުގައި އިލްމުވެރިން ވިދާޅުވަނީ ގިނަ މީހުންނަށް ފެންނަ ގޮތަށް ރިއާޔަތްކޮށްގެންނެވެ. ގިނަ ބޭކަލުން ރިވާކުރެއްވީމާ ހަދީސްގެ ސަނަދުން ވަރުގަދަވެގެންދާ ކަމަށް އިލްމުވެރިން ކަނޑައަޅުއްވަނީ، ގިނަ މީހުން އެހަދީސް ރިވާކުރެއްވީމާ އެކަމަށް ކުރެވޭ ރިއާޔަތެއްގެ ބޮޑުކަމުންނެވެ. ގިނަ މީހުންގެ މަޝްވަރާއަށް ތަބާވުން ލާޒިމްވުމަކީ އިސްލާމީ އުސޫލެއްކަމުގެ ހެކި ދައްކަވަމުން ޑރ ރައިސޫނީ މިފަދަ އެތައް ހުއްޖަތެއް ގެންނަވަ އެވެ.
އެހެންކަމުން ކީރިތި ގުރުއާނާއި ސުންނަތުން ސާފު ދަލީލެއް ފެންނާން ނެތް، ކަންކަމުގައި މަޝްވަރާކުރުމަކީ ދީނީ ގޮތުން ލާޒިމް ކަމެކެވެ. އަދި ދެވޭ މަޝްވަރާގައި ހިފުމަކީ ދީނީ ގޮތުން ލާޒިމް ކަމެކެވެ. ވަކީން ހާއްސަކޮށް ވަކި ކަމަކީ އާންމު އެންމެންގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ނަމަ އެކަމެއްގައި އެންމެހާ މީހުންގެ މަޝްވަރާ އަހާބެލުމަކީ ދީނީގޮތުން ކަނޑައެޅިގެން ވެރިންގެ ޝަރުޢީ ވާޖިބެކެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުން ފައްސަތޭކަ ހެކްޓަރު (ހުޅުމާލެ ފޭސް 1 އަދި 2 އަށްވުރެ ވެސް ބޮޑު) ސަރަހައްދެއް، ޑިވެލޮޕްކުރަން ޔަހޫދީންނާ ގާތް ގުޅުމެއް އޮތް ފަރާތަކަށް ދޭ ގޮތަށް ހަމަޖެހިފައިވާ ރަސްމާލެ ޕްރޮޖެކްޓުގައި އެސަރަހައްދުން ބޭރު މީހުންނަށް ދިރިއުޅުމަށް 99 އަހަރަށް ތަންތަން ކުއްޔަށް ދޫކުރުން ހުއްދަކުރެ އެވެ. އަދި އެ މުއްދަތު ނިމުމެއް ނެތް ގޮތަށް އިތުރުކުރެވެމުން ގެންދެވެ އެވެ. މިހެން މިކަން ނިންމާލުމަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ސިޔާސީ ބޮޑު ނިންމުމެކެވެ. މިކަމުގައި އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް އާންމުންގެ ހިޔާލު ހުރި ގޮތް ބެލުމަކީ ސަރުކާރުގެ މައްޗަށް ދީނީގޮތުން އޮތް ޝަރުޢީ ވާޖިބެކެވެ. އެކަމާ ހިލާފުވުމަކީ ވެރިން ފާފަވެރިވެގެންދާނެ ކަމެކެވެ.








