ފުރަތަމަ ނަޒަރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ ކާމިޔާބީގެ ފުރިހަމަ ތަސްވީރެކެވެ. ލިބޭ އާމްދަނީން ދެކޮޅު ޖައްސައި، ޑޮލަރުން ފައިސާ ވަންނަ، ބޮޑު ފައިދާއެއް ނެރޭ ކުންފުންޏެކެވެ. ނިމުނު އަހަރު ވެސް އެ ކުންފުނިން ވަނީ ނަތީޖާ ދައްކައި، 1.46 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ނެރެފަ އެވެ. މިއީ އެ ކުންފުނީގެ ތަރީހުގައި ރެކޯޑެކެވެ.
ނަމަވެސް، އެމްއޭސީއެލްގެ ރެކޯޑު ހިސާބުތަކުގެ ފަރުދާ ކަހާލުމުން ފެންނަނީ، އަތްމަތި ހުސްވެ، ނަގުދު ފައިސާ ތާށިވެ، ހަރަދުތައް ހަމަޖައްސަން ދަރަނި ނަގަން މަޖުބޫރުވެފައިވާ ކުންފުންޏެކެވެ.
އޮޅުންބޮޅުން ބޮޑު އެކައުންޓިންގެ ލަފުޒުތައް އެއްފަރާތްކޮށް، ވަރަށް ފަސޭހައިން ކިޔައިދޭ ނަމަ ހަގީގަތަކީ މިއީ އެވެ. އޮޑިޓު ރިޕޯޓުތައް ބަލައިގެން "އަދަދު" އިން ހެދި ހިސާބުތަކުން ދައްކާ ގޮތުގައި، އެމްއޭސީއެލްއިން ދައްކަން ޖެހޭ ދަރަނި ހުރީ އެ ކުންފުނީގެ ތަނަވަސް ކަމަށް ވުރެ މާ މަތީގަ އެވެ. މި ހިނގާ އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ކޮންމެ 100 ރުފިޔާއަކަށް އަހަރެއްގެ ތެރޭގައި ފައިސާއަށް ބަދަލުކުރެވެނީ 45 ރުފިޔާ އެވެ.
ބުނަން މި އުޅެނީ އެމްއޭސީއެލް ބަނގުރޫޓުވާން އުޅޭ ވާހަކައެއް ނޫނެވެ. ނޫނީ ދަރަނިވެރިވެ ހުއްޓެން އުޅޭ ވާހަކައެއް ވެސް ނޫނެވެ. ރާއްޖޭގެ މައި ދޮރާށި އޮޕަރޭޓު ކުރާ ކުންފުންޏަށް ވުމުން، އެ ދޮރު ބަންދު ނުކުރާހާ ހިނދަކު، އެމްއޭސީއެލްއަށް ފައިސާ ވަންނާނެ އެވެ. މިދިޔަ އަހަރު ވެސް 9.3 ބިލިއަން ރުފިޔާ އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ވަނެވެ.
އެކަމަކު، ލިޔުމުގެ ފެށުމުގައި ވެސް ފާހަގަކުރި ފަދައިން އެމްއޭސީއެލްގައި ކުންފުންޏަށް ބޭނުންވާ ވަރަށް ފައިސާއެއް ނެތެވެ. ވޭތުވެ ދިޔަ އަހަރު ނިމުނުއިރު އެމްއޭސީއެލްގެ ބޭންކު އެކައުންޓުތަކާއި ތިޖޫރީގައި ހުރި ނަގުދު ފައިސާގެ އަދަދު ވަނީ އޭގެ ކުރީ އަހަރު ނިމުނުއިރު ހުރި 937 މިލިއަން ރުފިޔާއިން 493 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. މިއީ އަހަރެއްގެ ތެރޭގައި ދެބައިކުޅަ އެއްބައިގެ ބޮޑު ދަށްވުމެކެވެ.
ފަހަރެއްގައި 493 މިލިއަން ރުފިޔާއަކީ ފުދޭ ވަރެކޭ ހިތަށް އަރާފާނެ އެވެ. ނަމަވެސް، އެމްއޭސީއެލް ސައިޒުގެ ބިޔަ ކުންފުންޏެއް ހިންގަން މިއީ ފުދޭ ވަރެއް ނޫނެވެ. އެމްއޭސީއެލްގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތަކަށް އެކަނި ވެސް ދުވާލަކު 17.9 މިލިއަން ރުފިޔާ ބޭނުންވެ އެވެ. މިހެންކަމުން، ކުންފުންޏަށް ފައިސާ ނުވަންނަ ހާލަތެއް މެދުވެރިވެއްޖެއްޔާ، ހުރިހާ އެކައުންޓުތަކާއި ތިޖޫރީތައް އެއްކޮށް ހުސްކޮށްލައިގެން ވެސް އެމްއޭސީއެލްއަށް ހިފަހައްޓައިލެވެނީ އެންމެ 27 ދުވަހެވެ.
އެމްއޭސީއެލްގެ ހިންގުމަށް ވުރެ ވެސް އުނދަގޫކޮށް ފެންނަނީ އެމްއޭސީއެލްއިން އަހަރު ދުވަހުގެ ތެރޭގައި އަދާކުރަން ޖެހޭ ދަރަންޏާއި ދައްކަން ޖެހޭ ބިލުތަކެވެ. މި އަދަދު 8.8 ބިލިއަން ރުފިޔާއަށް އަރާއިރު، ލޯނުތަކަށް އެކަނި ވެސް 4.75 ބިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. އިތުރު 1.4 ބިލިއަން ރުފިޔާ ސީއެމްސީއަށް ދައްކަން ޖެހެ އެވެ. މިއީ ހުސް މި އަހަރުގެ ތެރޭގައި ދައްކަން ޖެހޭ ފައިސާ އެވެ.
ސީއެމްސީން ހިއްކި ބިމަށް އެމްއޭސީއެލްއިން 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް!
ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.
މި އޮތް ބޮޑު ދަރަނި އޮތް އިރު، އެއް އަހަރުގެ ތެރޭގައި އެމްއޭސީއެލްއަށް ފައިސާއަށް ބަދަލުކުރެވެން އޮތީ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އެވެ. މިއާއެކު، ދައްކަން ޖެހޭ އަދަދާއި އަތުގައި ހުރި ވަސީލަތްތަކުގެ ދެމެދުގައި އޮތް ފައިސާގެ ދަތިކަން (ޝޯޓްފޯލް) ވަނީ އެންމެ އަހަރެއްގެ ތެރޭގައި 1.3 ބިލިއަނުން 4.86 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ސުވާލަކީ، ވިޔަފާރި ކުރިއަރައި ރެކޯޑު ފައިދާއެއް ހޯދި ކުންފުންޏެއްގެ އެކައުންޓުތަކަށް މި ވަރަށް ވާންކޮށްގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޖަވާބު އޮތީ ކުންފުނީގެ އޮޕަރޭޝަންތަކުން އާމްދަނީ ވަރަށް ވުރެ އިތުރަށް ހަރަދުކުރުމެވެ. މި ފައިސާތަކުގެ ބޮޑު ބަޔެއް އޮއްސަމުން ދަނީ ކުންފުނީގެ އަސްލު މަސައްކަތުގެ ދާއިރާގައި ނުހިމެނޭ، ރަސްމާލެ އާއި ރަށްރަށުގެ ބިން ހިއްކުމަށެވެ.
އެމްއޭސީއެލްގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުނިން ވަނީ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އޮއްސާލާފަ އެވެ. މިދިޔަ އަހަރު ބިން ހިއްކުމަށް ހޭދަކުރި ފައިސާއާއި، ސީއެމްސީއަށް މި އަހަރު ދައްކަން ބާކީ އޮތް 1.43 ބިލިއަން ރުފިޔާ ހިމަނައިފިނަމަ، ބިން ހިއްކުމަށް ހޭދަކުރި ނުވަތަ ދައްކަން ޖެހޭ ޖުމްލަ އަދަދު 2.94 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ލިބުނު ފައިދާ އެއްކޮށް މިކަމަށް ހުސްކޮށްލިޔަސް، ފޫނުބެއްދޭ ވަރުގެ ބޮޑު އަދަދެކެވެ.
މިދިޔަ އަހަރު އެމްއޭސީއެލްގެ އޮޕަރޭޝަންތަކުގެ ނަގުދު ފައިސާގެ ގޮތުގައި 2.05 ބިލިއަން ރުފިޔާ ވަންއިރު، އެ ކުންފުނިން ވަނީ ބިން ހިއްކުމާއި އެ ކުންފުނީގެ އަސްލު މަސައްކަތްތަކާ ގުޅޭ މަޝްރޫއުތައް ހިމެނޭހެން މަޝްރޫއުތަކަށް 5.5 ބިލިއަން ރުފިޔާ އޮއްސާލާފަ އެވެ. އެ ދެމެދުގައި އުފެދުނު 3.5 ބިލިއަން ރުފިޔާގެ ފަރަގު އެ ކުންފުނިން ފޫބެއްދީ އަލަށް ނެގި ލޯނުތަކުންނާއި ސަރުކާރުގެ ޓްރެޒަރީ ބިލުތައް މާރުކޮށްގެންނެވެ.
އެ ކުންފުނިން މިދިޔަ އަހަރު ނެގި ލޯނުތަކުގެ ތެރޭގައި، "ވާކިން ކެޕިޓަލް" ހަމަޖައްސަން ކަމަށް ބުނެ، ހުޅުލޭގެ ބިމާއި ރަންވޭ އަދި ޓެކްސީވޭގެ ލީސްހޯލްޑް ހައްގުތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ރަހުނުކޮށްގެން ނެގި 56 މިލިއަން ޑޮލަރާއި 400 މިލިއަން ރުފިޔާ ހިމެނެ އެވެ.
އާ އިންވެސްޓްމަންޓްތަކަށް ލޯނު ނެގުން އާދައަކަށް ހެދުމުގެ ނަތީޖާއަކީ، 2024 ވަނަ އަހަރު ނިމުނުއިރު 13.4 ބިލިއަން ރުފިޔާގައި ހުރި އެމްއޭސީއެލްގެ ޖުމްލަ ދަރަނި، ރާސްލާފައި އަރައިގެން ގޮސް 16.6 ބިލިއަން ރުފިޔާއަށް އުފުލުމެވެ. މިއީ އެންމެ އަހަރަކުން 3.2 ބިލިއަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ.
އެމްއޭސީއެލްއަށް މިދިޔަ އަހަރު ލިބުނު ކޮންމެ ރުފިޔާއަކަށް 1.78ރ. ގެ ދަރަނި އެބައޮތެވެ. އެ ކުންފުނީގެ ހިންގުމުން ލިބޭ ހުރިހާ ނަގުދު ފައިސާއެއް އެހެން އެއްވެސް ކަމަކަށް ހޭދަނުކޮށް ހަމައެކަނި ދަރަނި ދައްކަން ހުސްކުރިޔަސް، ދަރަނިތައް ހަލާސްކުރަން އަށް އަހަރު ދުވަސް ނަގާނެ އެވެ.
މި ދަރަނީގެ 97 ޕަސެންޓަކީ ބޭރު ފައިސާއިން ދައްކަން ޖެހޭ ދަރަންޏެވެ. މިދިޔަ އަހަރު ނިމުނުއިރު އެމްއޭސީއެލްގެ ބޭރު ފައިސާ ދަރަނި އެއް ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ބޭރު ފައިސާގެ ނަގުދުގެ ގޮތުގައި އެ އޮތް ބިޔަ ކުންފުނީގައި އޮތީ އެންމެ 13.5 މިލިއަން ޑޮލަރެވެ. މިހެންކަމުން، ދައްކަން ޖެހޭ ކޮންމެ 100 ޑޮލަރުގެ ދަރަންޏަކަށް އެ ކުންފުނީގައި އޮތީ ގާތްގަނޑަކަށް ޑޮލަރެކެވެ.
ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށް އެމްއޭސީއެލްއިން 56 މިލިއަން ޑޮލަރުގެ ލޯނު ނަގައިފި
ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.
މާލީ މި ދަތިކަމުގެ ތެރޭގައި އެމްއޭސީއެލް އިން ދައްކަން ޖެހޭ ބިލުތައް ވެސް އަންނަނީ ފުނިޖެހުމުންނެވެ. އެ ކުންފުނިން ނަގާފައިވާ ބިޔަ ލޯނުތަކަށް އެރި އިންޓްރެސްޓަށް އެރި ކޮންމެ 100 ރުފިޔާއަކަށް އެ ކުންފުނިން ދެއްކީ އެންމެ 39 ރުފިޔާ އެވެ. މީގެ ނަތީޖާއަކީ، ނުދެއްކި ހުރި އިންޓްރެސްޓު އަހަރެއްގެ ތެރޭގައި 307 މިލިއަނުން 693 މިލިއަން ރުފިޔާއަށް އުފުލި، ދެގުނައަށް ވުރެ ބޮޑުވުމެވެ.
އެމްއޭސީއެލްގެ ފައިސާގެ މައްސަލަތައް އެމްއޭސީއެލްހާ ހިސާބުން ނުނިމެ އެވެ. ކުންފުނީގެ މައިގަނޑު އާމްދަނީ ކަމަށްވާ މަތިންދާބޯޓުތަކަށް ތެޔޮ ވިއްކުމަށް ބޭނުންވާ ތެޔޮ ގަންނަ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް އެމްއޭސީއެލުން ނުދައްކައި ހުރި ފައިސާ ވަނީ އަހަރެއްގެ ތެރޭގައި 137 މިލިއަނުން 418 މިލިއަން ރުފިޔާއަށް، ތިން ގުނަ އިތުރުވެފަ އެވެ. މިއީ ސަރުކާރުގެ އެހެން ކުންފުންޏަކަށް އެމްއޭސީއެލްގެ ދަތިކަމުގެ ބުރަ އަރަމުންދާ ކަމުގެ އިޝާރާތެކެވެ.
އެމްއޭސީއެލްއިން ސަރުކާރަށް ގަވާއިދުން ހިއްސާގެ ފައިދާ ވެސް ނުލިބެ އެވެ. މިދިޔަ އަހަރު ވެސް އެ ކުންފުނިން ނިންމީ ސަރުކާރަށް ފައިސާ ދިނުމުގެ ބަދަލުގައި "އެމްއެންޑީއެފްގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވާ" 81.6 މިލިއަން ރުފިޔާއަކީ އެ އަހަރުގެ ޑިވިޑެންޑު ކަމަށް ކަނޑައަޅާފަ އެވެ. މިއާއެކީ ވެސް އަހަރު ނިމުނުއިރު ނުދައްކައިހުރި ޑިވިޑެންޑުގެ ގޮތުގައި 261.6 މިލިއަން ރުފިޔާ ހުއްޓެވެ.
ބިލުތައް ނުދައްކާ، ޑިވިޑެންޑު ނުދައްކާ އެމްއޭސީއެލްއިން މިދިޔަ އަހަރު އޮއްސައިލީ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުތަކަށެވެ. މިކަމަށް ޓަކައި ދެ ކުންފުނި އުފައްދައިގެން ރަސްމާލެ ހިއްކުމަށް 435.3 މިލިއަން، ދިއްދޫއަށް 262.4 މިލިއަން އަދި ވިލުފުއްޓަށް 248.2 މިލިއަން ރުފިޔާ ހިމެނޭހެން 1.05 ބިލިއަން ރުފިޔާ ވަނީ އޮއްސައިލައިފަ އެވެ.
މި ވަރުން ނިމުނީކީއެއް ނޫނެވެ. މި ދެ ކުންފުނީގެ ހިއްސާގެ ގޮތުގައިލީ 459 މިލިއަން ރުފިޔާ އާއި، ސީއެމްސީއަށް މި އަހަރު ދައްކަން ޖެހޭ 1.43 ބިލިއަން ރުފިޔާ ހިމަނައިފިނަމަ، ބިން ހިއްކުމަށް ހޭދަކުރި ނުވަތަ ދައްކަން ޖެހޭ ޖުމްލަ އަދަދު 2.94 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މިގޮތަށް ހިއްކި ބިންތަކާއި އެތައް ރަށެއްގައި އާ އެއާޕޯޓުތައް ތަރައްގީކޮށްގެން، ހިންގުމުގެ ބުރަ ވެސް ސަރުކާރުން އެޅުވީ އެމްއޭސީއެލްގެ ބޮލުގަ އެވެ. މިއީ އަދި މުސްތަގުބަލުގައި ކުރަން ޖެހޭ، އަންދާޒާ ނުކުރެވޭ ހަރަދެކެވެ.
ނަމަވެސް ރާއްޖޭގައި މިހާރު ހުރި ގިނަ ޑޮމެސްޓިކް އެއާޕޯޓުތަކަކީ ގެއްލުމުގައި ހިންގާ ތަންތަނެވެ. މީގެ ގިނަ އެއާޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ފޮތްތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު އެކަނި އެ ކުންފުނީގެ ދަށުގައި ހުރި އެއާޕޯޓުތަކުން 110.7 މިލިއަން ރުފިޔާ ގެއްލުންވެ، ޖުމްލަ ގެއްލުން ވަނީ 241.9 މިލިއަން ރުފިޔާއަށް އަރައިފަ އެވެ.
މި އެއާޕޯޓުތަކުން ތަނުގައި އުޅޭ މުވައްޒަފުންގެ މުސާރަ ދެއްކޭ ވަރަށް ވެސް އާމްދަނީ ނުލިބެ އެވެ. އެ އެއާޕޯޓުތަކަށް 24.1 މިލިއަން ރުފިޔާ ލިބުނުއިރު، މުވައްޒަފުންނަށް ކުރާ ހަރަދަށް އެކަނި ވެސް 79.7 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުނެވެ.
މުސްތަގުބަލަށް ބަލާއިރު ވެސް އުޖާލާ މަންޒަރެއް ނުފެނެ އެވެ. އެތައް ބިލިއަން ރުފިޔާއެއް އޮއްސައިގެން ހިއްކާ ބިންތަކުން އެއްވެސް ފައިސާއެއް ނުލިބެ އެވެ. ބަދަލުގައި ލިބެނީ ބިމެވެ.
ހުޅުމާލޭ ފޭސް ތިނެއް ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ދެނީ ބިން: އޮޑިޓު
ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.
ސަރުކާރުން ބުނަނީ އާ އެއާޕޯޓުތަކާއި ހިއްކާ ބިންތަކުގެ ސަބަބުން އަތޮޅުތަކަށް ފަތުރުވެރިކަމާއި އިގުތިސޯދީ ދިރުން އަންނާނެ ކަމަށެވެ. ނަމަވެސް މި ކަން ކުރަން އަދި އެތައް ބިލިއަން ރުފިޔާއެއްގެ އިންވެސްޓްމަންޓް ބޭނުންވާއިރު، ހުރިހާ ކަމެއް ނިމޭއިރު ކުންފުނި އޮންނާނީ ކޮން ހާލަތެއްގައިތޯ ހިތަށް އަރަ އެވެ.
ޔަގީންވާ ކަމަކީ، އާ އެއާޕޯޓުތަކުންނާއި ބިންތަކުން އާމްދަނީ ނުލިބިއްޖެ ހާލަތެއްގައި، އެމްއޭސީއެލްއިން ނަގާފައިވާ ބޮޑެތި ލޯނުތައް އަދާކުރަން ސަރުކާރުގެ އެހީތެރިކަން ބޭނުންވާނެ ކަމެވެ. އެމްއޭސީއެލްގެ އޮޑިޓުގައިވާ ގޮއިންގް-ކޮންސާންގެ ބައި ކިޔައިލުމުން، އެ ކުންފުނީގެ ޑިރެކްޓަރުން ވެސް ތިބީ ސަރުކާރުގެ މާލީ އެހީތެރިކަން މެދުނުކެނޑި ލިބޭނެ ކަމަަށް ކުރާ އުއްމީދެއްގެ މައްޗަށް ކަމަށް ދޭހަވެ އެވެ.
އެމްއޭސީއެލްގެ މާލީ ތޫފާނުގެ އަސަރު މިހާރު ވެސް ދަނީ މިދަނީ ފެންނަމުންނެވެ. އެ ކުންފުނިން ވަނީ މި އަހަރު ސްރީލަންކާގެ ބޭންކުތަކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ. އަދި، ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްތަކަށް ސަރުކާރުން ލޯން ނަގާފަ އެވެ. އިހަކަށް ދުވަހު ސަރުކާރުން ވަނީ އެ ކުންފުނިން ތެޔޮ ގަންނަން 28 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް ނަގަން ސޮވްރިން ގެރެންޓީ ދީފަ އެވެ.
މި ހުރިހާ ހިސާބުތަކަކުން ދައްކައިދެނީ އެއް ހަގީގަތެކެވެ. އެއީ ރާއްޖޭގެ އެންމެ ފައިދާހުރި ދައުލަތުގެ ކުންފުނި، ދުވަހުން ދުވަހަށް ބޮޑުވަމުންދާ ދަރަންޏާއެކު، ސަރުކާރުގެ ލޯނާއި ގެރެންޓީތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމެވެ.
އެމްއޭސީއެލްއަކީ ރާއްޖޭގެ މައި ދޮރާށި އަދި އިގުތިސޯދުގެ މުހިންމު ތަނބެކެވެ. ނަމަވެސް މިއަދު ފެންނަނީ، ކުންފުނީގެ މާލީ ކެރިފޯރުންތެރިކަމަށް ނުބަލައި، ސަރުކާރުގެ ބިޔަ ތަރައްގީގެ ތަސައްވުރުގެ ބުރަ އެ ކުންފުނީގެ ބޮލުގައި އަޅުވައިގެން، އެ ތަނބު ބަލިކަށިކޮށްލަމުންދާ މަންޒަރެވެ.
އަސްލު ވިޔަފާރީގެ ބޭރުން ކުންފުނީގެ ފައިސާ ބޭކާރުކޮށް، ދަރަންޏަށް ދަރަނި ނަގަމުންދާ ނަމަ، ދެން ވެއްޓޭނީ ހަމައެކަނި އެމްއޭސީއެލްއެއް ނޫނެވެ. މުޅި ނިޒާމަށް މީގެ ލޮޅުން އަރާނެ އެވެ.
އެމްއޭސީއެލް ސަލާމަތް ކުރެވެން އޮތީ، ސިޔާސީ އެދުންތަކުން އެ ކުންފުނި މިނިވަންކޮށް، ކުންފުނީގެ ފައިސާ އޭގެ ހަގީގީ ލަނޑުދަނޑިތަކަށް ހޭދަކުރަން ފުރުސަތު ދީގެންނެވެ. ހަމައެކަނި ކަރުދާހުގައި ދައްކާ ފައިދާއަކުން ކުންފުންޏެއް އަދި ގައުމެއް ވެސް ނުހިންގޭނެ އެވެ. ހަގީގަތާ ކުރިމަތިލާންވީ ވަގުތަކީ މިއީ އެވެ.








