މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތާ ހަވާލުވީ، އެ މަސައްކަތް ކުރިން ހަވާލުކޮށްފައި އޮތް ކުންފުންޏެކޭ އެއްގޮތަށް ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ބިން ލިބޭ ގޮތަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފި އެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ މެރިން އެންޑް އިންޓަގްރޭޓެޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް (އެމްއައިއައިޑީ) ގެ އޮޑިޓުން މިކަން ހާމަވީއިރު، މިއީ ކުރިން ސަރުކާރުން ވެސް އަދި އެމްއޭސީއެލްއިން ވެސް ހާމަކުރި މައުލޫމާތެއް ނޫނެވެ.
މި މަޝްރޫއަކީ ހުޅުމާލެ އާއި ތިލަފުށި އަދި ދިޔަނެރު ފަޅު ހިއްކުން ވެސް ހިމެނޭ ގޮތަށް ކުރިން އޮގަސްޓް 21، 2023 ގައި އޭރުގެ އާބަންކޯ (މިހާރު އެޗްޑީސީ) އިން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެކީ ސޮއިކުރި މަޝްރޫއެކެވެ. އޭރު އެޗްޑީސީން ބުނީ އެއްބަސްވުމުގެ އަގަކީ 259 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ) ކަމަށެވެ. ނަމަވެސް މި އަގު ދައްކާ ގޮތަށް އޭރު ނުބުނެ އެވެ.
ފަހުން ހާމަވީ ގޮތުގައި، އެޗްޑީސީން އެއްބަސްވެފައި އޮތީ ސީއެމްސީއަށް އެޑްވާންސުގެ ގޮތުގައި 20 މިލިއަން ޑޮލަރު ދިނުމަށާއި ހުޅުމާލެއިން 10 ހެކްޓަރު އަދި ތިލަފުށިން 9.6 ހެކްޓަރުގެ ބިން 99 އަހަރަށް ދީގެން އަގު ދައްކާށެވެ. އެ ދުވަސްވަރު ސީއެމްސީން ހުޅުމާލެ ހިއްކަން ފެށި ނަމަވެސް، ސަރުކާރު ބަދަލުވީތަނާހެން މަސައްކަތް ހުއްޓެނެވެ.
މި ޕްރޮޖެކްޓު ހުއްޓިފައި އޮންނަތާ ދެ އަހަރު ވާން ގާތްވެފައި ވަނިކޮށް، އެމްއޭސީއެލްގެ ހަވާލުގައި މި ޕްރޮޖެކްޓު ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މި ގޮތުން އެޗްޑީސީން ސީއެމްސީއާ ހަވާލުކޮށްގެން ކުރަމުން އައި ހުރިހާ މަސައްކަތުގެ ޒިންމާތަކާއި ހައްގުތައް އުފުލާ ގޮތަށް އެމްއައިއައިޑީން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 7، ގައި އެޗްޑީސީއާއެކީ ނޮވޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި އޮތް ކުންފުނި ބަދަލުވިޔަސް، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓު އުސޫލުން ހަވާލުކޮށްފައި ވަނީ ސީއެމްސީއާ ކަމަށް އޮޑިޓުން އެނގެ އެވެ.
މި ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެމްއައިއައިޑީގެ ވިއްކި މުދަލުގެ އަގު (ކޮސްޓް އޮފް ސޭލްސް) ގެ ގޮތުގައި ހިނގި 123.6 މިލިއަން ރުފިޔާއަކީ އެ ކުންފުނީގެ ސަބްކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ސީއެމްސީއަށް ދެއްކި ފައިސާ އެވެ. މީގެ އިތުރުން، ސީއެމްސީގެ ޑްރެޖަރުތަކަށް ބޭނުންވި 37.3 މިލިއަން ރުފިޔާގެ ތެޔޮ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދަރަންޏަށް ނަގައިގެން ހަމަޖައްސައިދިނީ ވެސް އެމްއައިއައިޑީންނެވެ.
އެޗްޑީސީއާއެކީ ސޮއިކުރި އެއްބަސްވުމުގެ އިތުރުން، އެމްއައިއައިޑީން ވަނީ މޯލްޑިވްސް ފަންޑް މެނޭޖުމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ސީއެމްސީއާއެކީ ސޮއިކުރި އެއްބަސްވުމާ ވެސް ހަވާލުވެފަ އެވެ. މި އެއްބަސްވުމުގައި ހިމެނޭ ބިން ހިއްކުމުގެ ބައި ވެސް ސަބްކޮންޓްރެކްޓްކޮށްފައި ވަނީ ސީއެމްސީއަށެވެ.
އޮޑިޓުން ހާމަވީ އަނެއް ކަމަކީ މި މަސައްކަތްތައް ކުރަމުން އަންނަނީ މަސައްކަތާ ހަވާލުވާން ސޮއިކުރި ނޮވޭޝަން އެއްބަސްވުމުގެ އިތުރުން ސެޓްލްމަންޓް އެއްބަސްވުމެއްގައި ވެސް ސޮއިކޮށްގެން ކަމެވެ. ނަމަވެސް މި ސެޓްލްމަންޓް އެއްބަސްވުމުގައި އެއްބަސްވީ ކޮން ކަމަކަށް ކަމެއް ނޭނގެ އެވެ.
މިހެން ނަމަވެސް މި އެއްބަސްވުމާއި އެ ކުންފުނިން ކުރިން ހިއްކާފައިވާ ބިމުގެ އަގު ހިމެނޭހެން އެމްއައިއައިޑީން ސީއެމްސީއަށް 1.76 ބިލިއަން ރުފިޔާ (113.18 މިލިއަން ޑޮލަރު) ދޭން ޖެހޭ ކަމަށް އޮޑިޓުގައި އެބަ އޮތެވެ. މި ފައިސާގެ ތެރެއިން މިދިޔަ އަހަރު ދެއްކީ 323.8 މިލިއަން ރުފިޔާ (20.9 މިލިއަން ޑޮލަރެވެ. ބާކީ އޮތް 1.43 ބިލިއަން ރުފިޔާ (92.5 މިލިއަން ޑޮލަރު) އަކީ ކުރިއަށް އޮތް މި އަހަރު ދައްކަން ޖެހޭ އަދަދެކެވެ.
މި އަދަދު އެނގުނު ނަމަވެސް، މުސްތަގުބަލުގައި ބިން ހިއްކައިގެން ސީއެމްސީއަށް ދައްކަން ޖެހޭ ފައިސާ ހިމަނައިގެން، މުޅި ޖުމްލަ ކޮންޓްރެކްޓުގެ އަގު އެނގޭނެ މައުލޫމާތެއް އޮޑިޓުގައި ނެތެވެ.
އޮޑިޓު ރިޕޯޓުގައ ބަޔާންކޮށްފައިވާ ގޮތުގައި، މި ބިންތަކާ އެމްއައިއައިޑީން ހަވާލުވެފައި ވަނީ "ކުރިމަގުގައި އެ ބިންތައް ވިއްކާލުމުގެ ބޭނުމުގަ" އެވެ. ނަމަވެސް، އެ ކުންފުންޏަށް ލިބެން ޖެހޭ ބިމުގެ ސައިޒާއި، ހުންނާނެ ސީދާ ލޮކޭޝަން އަދި މިލްކުވެރިކަމުގެ ޝަރުތުތައް އަދިވެސް ފައިނަލް ކުރެވިފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެމްއައިއައިޑީ އުފައްދައިގެން މިދިޔަ އަހަރުގެ ތެރޭގައި ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް އެއްވެސް ނަގުދު ފައިސާއެއް ނުވަދެ އެވެ. މިހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އާމްދަނިގެ ގޮތުގައި 161.2 މިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 31.9 މިލިއަން ރުފިޔާ ލިބުނު ކަމަށް އެ ކުންފުނިން ވަނީ ހިސާބުތަކުގައި ހިމަނައިފަ އެވެ.
އެ ކުންފުނިން އޮޑިޓުގައި ބަޔާންކޮށްފައި ވަނީ މިއީ މަސައްކަތް ނިމުމުން ލިބޭނެ ކަމަށް ލަފާކުރާ ބިމުގެ އަގަށް ބަލައިގެން ހިސާބުކޮށްފައިވާ ކަރުދާސް ފައިދާއެއް ކަމަށެވެ. އަދި ބިމުގެ އަގު ކަނޑައެޅުމުގައި މަގުތަކާއި ޕާކުތައް ފަދަ ނުވިއްކޭ ސަރަހައްދުތަކަށް ބަލައި ބިމުގެ އަގުން 30 އިންސައްތަ އުނިކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެ ބިން އަގުކުރި އަކަފޫޓެއްގެ ރޭޓާއި ވަޒަންކުރީ ކާކު ކަމެއް އޮޑިޓުގައި ނެތެވެ.
މިދިޔަ އަހަރު ނިމުނުއިރު އެމްއައިއައިޑީގެ ބޭންކު އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތްއިރު، މި އަހަރު ވެސް އެއްވެސް ފައިސާއެއް ނުވަންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި ހަރަދުތަކަށް މުޅިން ހެން ބަރޯސާވަނީ އެމްއޭސީއެލްއަށް ކަމަށް ބުނެފައިވެ އެވެ. އެމްއޭސީއެލްއިން މިހާތަނަށް ހިއްސާގެ ރައުސުލްމާލުގެ ގޮތުގައި 447.4 މިލިއަން ރުފިޔާ އެމްއައިއައިޑީއަށް ޖަމާކޮށްދީފަ އެވެ.
މި ހުރިހާ ޒިންމާތަކަކާ އެމްއޭސީއެލްއިން ހަވާލުވެގެން އުޅޭއިރު، އެ ކުންފުނީގެ މާލީ ހާލަތު ވެސް ރަނގަޅެއް ނޫނެވެ. އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ އޮޑިޓުން ދައްކާ ގޮތުގައި އެ ކުންފުނީގެ ދަރަނި 13.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. މީގެ ބޮޑު ބަޔަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ނެގި ލޯނުތަކެވެ.
ރާއްޖޭގެ މައި އެއާޕޯޓު ހިންގާތީ އެމްއޭސީއެލްއަކީ ތަނަވަސް، އަދި ގަވާއިދުން ބޭރު ފައިސާ ވަންނަ ކުންފުންޏެކެވެ. މިހެން ނަމަވެސް މި ސަރުކާރުގައި އެއާޕޯޓު ހިންގުމުގެ ބޭރުން ވިޔަފާރި ހަރަކާތްތައް ހިންގަން ހަދައިގެން އެ ކުންފުނީގެ މާލީ ހާލަތަށް އަސަރުކުރާ ކަމުގެ ނިޝާންތައް ވަނީ ފެންނަށް ފަށާފަ އެވެ.
މި ގޮތުން އެމްއޭސީއެލްއިން ވަނީ އެއާޕޯޓު ތަރައްގީކުރަން ނެގި ލޯންތައް ދައްކަން ވެގެން ބޭރުގެ ބޭންކުތަކަކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފަ އެވެ. މީގެ އިތުރުން ސަރުކާރުން ވެސް ވަނީ އެ ކުންފުންޏަށް 650 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފަ އެވެ. މި ލޯނަކީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަަށް ދޫކުރި ލޯނެކެވެ.








