ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދޭން ފީފާ އަށް ޔުއެފާ އާއި ކޮންކަކަފް އިން ގޮވާލައިފި

Sep 19, 2026, 11:15 AM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސަކަށް ހުންނެވުމަށް އޭނާ އަންނަނީ މަސައްކަތް ކުރައްވަމުން،

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސަކަށް ހުންނެވުމަށް އޭނާ އަންނަނީ މަސައްކަތް ކުރައްވަމުން،

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 19) - ޔޫރަޕްގެ ފުޓްބޯޅަ އިދާރާ، ޔުއެފާ އާއި އުތުރު އެމެރިކާ އާއި ކެރީބިއަން އައިލެންޑްސްގެ ގައުމުތައް ތަމްސީލްކުރާ ފުޓްބޯޅަ ޖަމިއްޔާ، ކޮންކަކަޕް އިން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އަށް ބޮޑު ޑިމާންޑެއް ކޮށްފި އެވެ. 

އެ ގޮތުން، ޔުއެފާގެ ރައީސް، އަލެކްސަންޑަ ކެފެރިން އާއި ކޮންކަކަފްގެ ރައީސް، ވިކްޓަ މޮންޓަގްލިއާނީ ސޮއިކުރައްވައި، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ އަށް އެޑްރެސްކުރައްވައި، ފޮނުއްވި ސިޓީގައިވާ ގޮތުން، ފީފާގެ ރިޒާވް ފަންޑުގައި މި ވަގުުތު އޮތް ބަޖެޓަށް ބަލައި، ފީފާގައި އޮތް 211 މެމްބަރު ކޮންމެ ގައުމަކަށް 10 މިލިއަން ޑޮލަރު ދޭން ވަނީ ގޮވާލައިފަ އެވެ. 

ޔޫރަޕް، އުތުރު އެމެރިކާ، އަދި އޭޝިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ބަޔާނާ އެކު އިންފަންޓީނޯ ޕްރެޝަރަށް

ފީފާގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލަން އުޅުނު މައްސަލައިގައި، ޔޫރަޕާއި އޭޝިއާ އަދި އުތުރު އެމެރިކާގެ ފުޓްބޯޅަ އިދާރާތަކުން ގުޅިގެން ނެރުނު ބަޔާނަކާ އެކު ފީފާގެ ރައީސް އިންފަންޓީނޯ އަށް ބޮޑު ޕްރެޝަރެއް ވަނީ ކުރިމަތިވެފައި. މި ބަޔާނުގައި ގޮވާލާފައިވަނީ ފީފާގެ ނިންމުންތަކުގެ ސަބަބުން ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް.

އެ ސިޓީގައި ހިމަނާފައިވާ ގޮތުން، ފީފާގެ ރިޒާވް ބަޖެޓުގައި މި ވަގުތުގައި ވެސް ގައުމުތަކުގެ އިންފްރާސްޓްރަކްޗާ އާއި ޑިވެލޮޕްމަންޓަށް ސަޕޯޓް ދިނުމަށްޓަކައި، ހާއްސަކޮށްފައިވާ، 2.1 ބިލިއަން ޑޮލަރު އެބަހުއްޓެވެ. 

ފީފާ އިން އަންނަނީ، ކޮންމެ ގައުމަކަށް 8.1 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓެއް ދިނުމަށް މަޝްވަރާ ކުރަމުންނެވެ. މި ބަޖެޓް ސަޕޯޓަކީ 2027-2030 އާ ދެމެެދު އެކި ޕޭމަންޓްތަކެއްގެ ސިފައިގައި ބަހާލައިގެން، ގައުމުތަކަށް  ދޭން ނިންމާފައިވާ ބަޖެޓެއް ކަމަށްވާއިރު، އޭގެއިން ހަރަދުކުރަން ހަމަޖެހިފައިވަނީ، އިންފްރާސްޓްރަކްޗާ އާއި ކޯޗިން އެޑިއުކޭޝަން އާއި ގައުމީ ޓީމުތަކާއި ގްރާސް ރޫޓަށެވެ. 

ފީފާ އިން 2022 އިން 2026 ގެ ވޯލްޑް ކަޕުގެ އެކި ކަންކަމުގައި ކުރި މަސައްކަތުން ފައިދާގެ ގޮތުގައި ލިބޭ އާމްދަނީ، ހަ ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފީފާގެ ރައީސް އިންފަންޓީނޯ މީގެ ކުރިން ހާމަކުރައްވާފައިވާކަން، ފީފާގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި، ކެފެރިން އާއި މޮންޓަގްލިއާނީ ވަނީ ސިޓީގައި ފާހަގަކުރައްވައިފަ އެވެ. 

އެހެން ކަމުން، މި ވަގުތު ފީފާގެ ރިޒާވް ފަންޑްގައި ހުރި ފައިސާ އަށް ބަލާއިރު، ކޮންމެ މެމްބަރު ގައުމަކަށް 10 މިލިއަން ޑޮލަރު ދިނުމަކީ ފީފާ އަށް އެއްވެސް މާލީ ބުރައެއް އަންނާނެ ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ކެފެރިން އާއި މޮންޓަގްލިއާނީ ވަނީ ވިދާޅުވެފަ އެވެ. 

ކޮންކަކަފް އާއި ޔުއެފާ އިން އިންފަންޓީނޯގެ ލީޑަޝިޕަށް އެކި ގޮތްގޮތުން އަންނަނީ ޕްރެޝަރު ބޮޑު ކުރަމުންނެވެ. 

ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި، ޕްރައިވެޓް އިންވެސްޓަރުންނަށް ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާ މުބާރާތްތަކުގެ، 21 ޕަސެންޓް ހިއްސާ، 20 ބިލިއަން ޑޮލަރަށް އަގު އަރާ ޑީލެއްގައި ވިއްކާލަން ކުރި މަސައްކަތާ  ހެދި ދުނިޔޭގެ ފުޓްބޯޅައިގެ ޕޮލިޓިކްްސްގެ ތެރޭގައި ފީފާގެ ރައީސް، އިންފަންޓީނޯ އަށް ދުވަހުން ދުވަހަށް އެކި ކަހަލަ ގޮންޖެހުންތައް އަންނަނީ ކުރިމަތިވަމުންނެވެ. 

ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސަކަށް ހުންނެވުމަށް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައިވާ އިންފަންޓީނޯ އިސްވެ ހުންނަވައި ފަށަން އުޅުނު އެފްއެފްއީ ޑީލަކީ، އެތައް ބިލިއަން ޑޮލަރުގެ ފައިދާއެއް އެކުލެވޭ އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވެ، އިސްތިހާރުތަކެއް ކުރެއްވި ނަމަވެސް ފަހުން، ގައުމުުތަކުގެ ޕްރެޝަރާ ހެދި އެ ޑީލް އަނބުރާ ގެންގޮސް ފީފާ ލީޑަޝިޕުން މާފަށް އެދުނެވެ. 

ފީފާގެ މައްސަލަ ބޮޑުވި ހުރިހާ ލިޔެކިއުމެއް އާންމުކުރަން އިންފަންޓީނޯ އަށް ގޮވާލައިިފި

ފީފާގެ މުބާރާތްތަކުގެ ރައިޓްސް ވިއްކާލަން އުޅުނު މައްސަލައާއި ބައެއް ނިންމުންތަކާ ގުޅޭ ލިޔެކިޔުންތައް އާންމުކުރުމަށް އިނގިރޭސި އެފްއޭގެ ޗެއާމަން ޑެބީ ހެވިޓް، ފީފާގެ ރައީސް އިންފަންޓީނޯއަށް ގޮވާލައްވައިފި. ޔޫއެފާއިން ވެސް އަންނަނީ އިންފަންޓީނޯއާ ދެކޮޅަށް އެމެރިކާގެ ތިން ކޯޓެއްގައި މައްސަލަތައް ކުރިއަށްގެންދަމުން.

ފީފާ އަށް ދާދި ފަހުން، އިނގިރޭސި އެފްއޭގެ ޗެއާމަން، ޑެބީ ހެވިޓް ފޮނުއްވި ސިޓީގައި ވަނީ، އަންނަ މަހު 15 ގައި އޮންނަ ފީފާ ކައުންސިލް ބައްދަލުވުމުގެ ކުރިން، އެފްއެފްއީ އާއި އެ ނޫން ވެސް ފީފާގެ މުހިންމު ލިޔެކިޔުންތައް އާންމުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެެވެ. އެ ސިޓީގައި ހެވިޓް ވަނީ، ފީފާގައި މިހާރު އޮތް ކަންކަން ސިއްރު ކުރުމުގެ ސަގާފަތް ނައްތާލައި، މެމްބަރުންނަށް ދެފުށްފެންނަ ގޮތަށް އެ ފެޑެރޭޝަން ހިންގަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވެސް އަންނަނީ އެފްއެފްއީ ޑީލުގެ މައްސަލައިގައި އިންފަންޓީނޯއާ ދެކޮޅަށް އެމެރިކާގެ ތިން ކޯޓެއްގައި މައްސަލަ ކުރިއަށްގެންދަމުންނެވެ. އެ އަށް ރައްދުދީ ފީފާ އިން ބުނެފައިވަނީ، ޔުއެފާ އިން އިސްވެ މަސައްކަތް ފަށާފައިވަނީ، އިންފަންޓީނޯ އާއި ފީފާގެ ލީޑަޝިޕްގެ އަގުވައްޓާލުމަށް ކަމަށެވެ.

އަންނަ އަހަރުގެ މާޗް މަހު ފީފާގެ އާ އިންތިހާބު އޮތްއިރު، ރަސްމީކޮށް ކެންޑިޑެސީ އިއުލާނުކުރެއްވީ، 2016 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްގެ މަގާމު ފުރުއްވަމުން އަންނަ އިންފަންޓީނޯ އެކަންޏެވެ. ނޮވެމްބަަރު މަހު، 18 ވަނަ ދުވަހު އިންްތިހާބަށް ކުރިމަަތިލުމުގެ މުއްދަތް ހަމަވާނެ އެވެ. 

ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox