އޭޝިއަން ގޭމްސް އަށް ތައްޔާރުވާން ސާފިން ގައުމީ ޓީމު ޖަޕާނަށް

Sep 13, 2026, 10:31 AM
އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސާފިން ޓީމުގައި ހިމެނޭ ހަތަރު އެތުލީޓުން.--- ފޮޓޯ: މޯލްޑިވްސް ސާފިން އެސޯސިއޭޝަން

އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ސާފިން ޓީމުގައި ހިމެނޭ ހަތަރު އެތުލީޓުން.--- ފޮޓޯ: މޯލްޑިވްސް ސާފިން އެސޯސިއޭޝަން

މި މަހު ޖަޕާނުގެ އައިޗީ-ނަގޯޔާގައި ފަށާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސާފިން ޓީމުގައި ހިމެނޭ މަރިޔަމް ރާހިލް ނަސީމް (އާޔާ)، ޔާސިން އަހުމަދު ނާޝިދު، ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އަދި އަައިމިނަތު ތާނީސް ޝިރަން، މުބާރާތަށް ތައްޔާރުވުމަށްޓަކައި ޖަޕާނަށް ގޮސްފި އެވެ. 

ޖަޕާނުގައި މި އަހަރު ބާއްވާ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމެނޭ ފުރަތަމަ އޭޝިއަން ގޭމްސް އެެވެ. އެ ތާރީހީ ގޭމްސްގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ސްލޮޓް ރާއްޖެ އަށް ފުރަތަަމަ ކަށަވަރުވީ، 2024 ވަނަ އަހަރު ކ. ތުލުސްދޫގައި، ކުރިއަށްދިޔަ އޭޝިއާގެ ސާފިން މުބާރާތުގެ ނަތީޖާތަކަށް ފަހު އެވެ. ރާއްޖެ އަށް، އޭޝިއަން ގޭމްސް އިން އިތުރު ދެ ޖާގަ ލިބިގެންދިޔައީ، އިންޑިއާގެ ޓަމިލް ނާޑޫގައި ކުރިއަށްދިޔަ މިދިޔަ އަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުންގެ ނަތީޖާ ރަނގަޅުވުމާއެކު އެވެ. އެ ގޮތުން، ޖެހިޖެހިގެން ދެ އަހަރު އޭޝިއާ މުބާރާތުގައި ގައުމީ ސާފިން ޓީމުން ނެރުނު ނަތީޖާތަކަށް ބަލައި، ރާއްޖޭގެ ހަތަރު ސާފަރުން (އަންހެން ދެ އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުން) މި  މަހު 22 ގައި ފަށާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގައި ވާދަކުރާނެ އެވެ. 

ގައުމީ ސާފިން ޓީމުގެ ކޯޗު ހުސެއިން އަރީފް (އިބޫ)ގެ އިރުޝާދުގެ ދަށުން އޭޝިއަން ގޭމްސް އަށް ސާފިން ޓީމު ތައްޔާރުވާއިރު، ދުރާލައި، ޖަޕާނަށް ގޮސް މުބާރާތަށް ތައްޔާރުވުމުގެ ވިސްނުމަކީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ އިސްނެގުމެކެވެ. އެ ގޮތުން، މި މަހު 22 ވަނަ ދުވަހު، އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގެ ކަންކަން ފެށުމާ ހަމައަށް ހުރިހާ ކަމެއް ހަމަޖައްސަނީ ސާފިން އެސީސިއެޝަނުންނެެވެ. 

އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ތާރީހީ ސާފިން އިވެންޓުގައި ރާއްޖެ ތަމްސީލް ކުރާ އެތުލީޓުންގެ ތެރޭގައި ހިމެނެނީ، މުސްތަގުބަލާއި ތަޖުރިބާ އަށް ބަލާއިރު، ހުނަރުވެރި ސާފަރުންނެވެ. އަދި، ގައުމީ ލެވަލްގެ ތަޖުރިބާ އާއި ބައިނަލްއަގުވާމީ ކުރިއެރުން ވެސް ރަނގަޅު އެތުލީޓުންނެވެ. 

ދާދި ފަހުން، ލ. މާބައިދޫގައި ކުރިއަށްދިޔަ، ދިވެހި ސާފް ލީގުގެ މުބާރާތެއް ކަމަށްވާ ކެރަންޑޫ މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން، ޔާސިން ވަނީ ހޯދައިފަ އެވެ. 

ސާފިން ހިމެނޭހެން، އޭޝިއަން ގޭމްސްގައި ރާއްޖޭން ޖުމްލަ އެކު، ހަތް ކުޅިވަރަކުން ވާދަކުރެ އެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ސްވިމިން، ޝޫޓިން އަދި ޓޭބަލް ޓެނިސް (ޓީޓީ) އެވެ.

ސާފިން ޓީމުގެ އެކޮމަޑޭޝަން ރާއްޖޭގެ ގިނަ ކުޅިވަރުތަކެއްގެ ގައުމީ ޓީމުތަކެކޭ އެއްގޮތަށް، ނަގޯޔާގައި ތިބޭ ގޮތަށް ހަމަޖެހިފައިވާއިރު، އެ ޓީމު ތިބޭނީ މެއިން އެކޮމަޑޭޝަނަށް ވުރެން 1 ގަޑިއިރާއި 30 މިނިޓުން ދެވޭ ދުރުމިނުގަ އެވެ. ރާއްޖޭގެ ސްވިމިން ޓީމުގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ، އެ އެތުލީޓުންގެ އިވެންޓް ވެސް ކުރިއަށްދާ ސިޓީ ކަމަށްވާ ޓޯކިޔޯގަ އެވެ.

އޭޝިއަން ގޭމްސް އަށް ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ރައީސް، އަހުމަދު ނާސިފް އެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ. އޭޝިއަން ގޭމްސްގައި، ފެނިގެންދާނެ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޖުމްލަ އަދަދަކީ 81 މެމްބަރުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ބުނެފަ އެވެ. ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ، ޓޭބަލް ޓެނިސް ތަރި، މޫސާ މުންސިފް އަހުމަދު އާއި ޝޫޓިން އެތުލީޓު، މަރިޔަމް އީޝަލް އައްބާސް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox