މަ ސުވާލުކޮށްލަން ބޭނުމީ ތިޔަ އުޅުއްވަނީ ކޮންދީނަކަށްތޯ އެވެ؟

އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީ އަދި ޕީއެންސީގެ ދިދަތަކެއް ދަމާފައި

އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީ އަދި ޕީއެންސީގެ ދިދަތަކެއް ދަމާފައި

އިންސާނުންގެ ބައްޕަ އާދަމުގެފާނު ހެއްދެވުނީ މަށިންނެވެ. އެޔަށްފަހު ރޫހުފުޅުން އެމަށިގަނޑުގައި ފުރާނަ އެޅުއްވުނެވެ. އިންސާނާގެ ތަބީއަތާއި ހަގީގަތް ފޮރުވިފައިވަނީ އިންސާނާ މި ހެއްދެވުނު ގޮތުގަ އެވެ. މަށިން ހެއްދެވުނުކަމަށްޓަކައި، އެއިންސާނާ ގައިގައި ލެއްވިފައިވާ އެކިފާޑުގެ އެދުންތަކާއި ބޭނުންތަކެވެ. ދުނިޔަވީ މަށިގަނޑަކަށް އެ މަށިގަނޑަށް ބޭނުންވާނެ ހާޖަތްތަކާއި ޒަރޫރަތްތަކެވެ. މި މަށިގަނޑެއް މާތްކުރެވިގެން ދިޔައީ މާތް ﷲ ގެ އަމުރުފުޅަށް ރޫޙުފުޅަކުން އެޔަށް ފުރާނަ އެޅުއްވުނު ގޮތުންނެވެ. އެހެންކަމަށްޓަކައި އިސްލާމްދީން ދެކޭ ފުރިހަމަ އިންސާނެއް ބިނާވަނީ އޭނާގެ ދުނިޔަވީ ބަޔާއި ރޫޙާނީ ބައި ތަރާދުވެ ހަމަހަމަވާހެން އޭނާގެ ޖިސްމާއި ނަފުސު ބައްޓަންކުރާ ގޮތެއްގެ މައްޗަށެވެ. ސުވާލުކޮށްލަން ބޭނުމެވެ. ތިޔަ އުޅުއްވަނީ ކޮން ދީނަކަށްތޯ އެވެ؟

ހަމައެކަނި ދުނިޔަވީ އުފާތަކާއި މަޖާތައް ހޯދުމަށް، ހަމަ އެކަނި ދިރިއުޅުމުގެ ހަޔާތުގެ އުފާވެރިކަން ހޯދުމަށް، މާދިއްޔަތަށް ހުސްވެގެން ތިބުން އިސްލާމްދީން މަނާކުރެ އެވެ. ހަމައެކަނި ރޫޙާނީ ދުނިޔެއެއްގައި ދުނިޔެ ދޫކޮށްފައި އަޅުކަމަށް ހާއްސަވެގެން ދުނިޔޭގެ ކުރިއެރުމާއި މާދިއްޔަތުން އެކީއެކަށް ލޯމަރާލައިގެން ތިބުން ވެސް އިސްލާމްދީން މަނާކުރެ އެވެ. އެހެނީ އިސްލާމްދީނުގައި ގެނެސްދޭ މުސްލިމް އިންސާނެއްގެ ފަލްސަފާއަކީ، މާތް ﷲ އަމުރުފުޅުން ރޫޙެއް ލެއްވި ފުރާނަ އެޅިފައިވާ މަށިގަނޑެކެވެ. ދުނިޔެއާއި އޭގެ ފަހަށް އަހަރެމެންގެ ބަހުންނަމަ އާޚިރަތަށް ވިސްނުން އޭގައި ހުންނަންޖެހެ އެވެ. މާއްދިއްޔަތާއި ރޫޙާނިއްޔަތު ގެ އެކުލެވުން އޭގައި ވާންޖެހެ އެވެ. ސުވާލުކޮށްލަން ބޭނުމެވެ. ތިޔަ އުޅުއްވަނީ ފަހެ ކޮން ދީނަކަށްތޯ އެވެ؟

މިދެންނެވުނު ވަޒަންހަމަ ގޮތުގެ މަތީން އާދަމުގެފާނާއި އޭނާގެ ދަރީން އުޅެންވީ ގޮތް އަންގަވައިދިނުމަށް މާތް ﷲ އެބައިމީހުންނަށް ދަރުމަކޮށްދެއްވި ގޮތަށް އަހަރެމެން ކިޔަނީ ދީނެވެ. ދީނަކީ އެއީ އިންސާނާއަށް އޭނާގެ މަންޒިލް މަގުސޫދަށް ވާސިލުވުމަށް ކުރާ ދަތުރުގައި ސީދަލަށް ދާން އޮތް މަގެވެ. ދީނަކީ މަގުފުރެދުމުގެ އަނދިރިކަމުން ތެދުމަގުގެ އަލިކަމަށް އިންސާނާ ގެންގޮސްދޭނެ ހަމައެކަނި ވަސީލަތްކަމުން ދީނުގައި، ދުނިޔޭގެ ދިރިއުޅުމުގެ ހުރިހާ ދިމާއެއް ހުރިހާ އަރިއަރިމައްޗެއް ތަންޒީމުކޮށް ތަރުތީބުކޮށްދީފައިވެ   އެވެ. ހެއްދެވި ފަރާތާއި ތިމާއާ އޮންނަންޖެހޭ ގުޅުމެވެ. ތިމާއާއި އަނެކުންނާ ދެމެދަށް އޮންނާންވީ ގުޅުންތަކެވެ. މިހެންގޮސް އިންސާނާ އޭނާގެ އަމިއްލަ ނަފުސާ އޮންނަންވީ ގުޅުންވެސް އިސްލާމްދީން އިހުމާލުކޮށްލާފައިނުވެ   އެވެ. ސުވާލުކޮށްލަން ބޭނުމެވެ. ބޭފުޅާ އެވެ! ތިޔަ އުޅުއްވަނީ ކޮން ދީނަކަށްތޯ އެވެ؟

Advertisement

ދީންވަނީ އިންސާނާއަށް އޭނާއަށް ފުރިހަމަ އަމާން ހަމަހަޖެހޭ ދިރިއުޅުމަށްކަށް ބޭނުންވާނެ އެންމެހާ އުސޫލުތަކަކާއި ހަމަތަކެއް ގެނެސްދީފަ އެވެ. ގަނެވިއްކުމާއި ވިޔަފާރިއެކޭ އެއްގޮތަށް އާއިލީ ގުޅުންތަކުގައި ހިމެނޭ ބައިތަކާ ހަމައަށެވެ. މިހެން މިކަން އޮއްވައި، ހަމަ ކޮންމެ ޒަމާނެއްގައި އުޅޭ އިންސާނުންގެ ބަޔަކު އެބައިމީހުންގެ އަމިއްލަ އެދުންތަކާއި ދުނިޔަވީ ބޭނުންތަކަށް ހަތިޔާރެއްގެ ގޮތުގައި ދީން ނަގައި، އެދީނުގެ ކަންކަން އެޔެއް މިޔެއް ބެލުމެއް ނެތި ބަދަލުކޮށްގަނެގެން ވާހަކަދައްކަ އެވެ. ތިމާމެން މިކުރަނީ އިސްލާމީ ވެރިކަމަކޭ ވެސް ބުނެއުޅެ އެވެ. ސުވާލުކޮށްލަން ބޭނުމެވެ. ތިޔަ އުޅުއްވަނީ ފަހެ ކޮން ދީނަކަށް ހެއްޔެވެ؟

ދީންތަކުގެ ތެރެއިން މާތް ﷲ މުޙައްމަދުގެފާނު މެދުވެރިކުރައްވައި، އިންސާނީ އުންމަތަށް ދަރުމަކުރެއްވި ނަބީކަމާއި ރަސޫލުކަން އެ ދީނަކާއެކު ޚަތިމްކުރެވިގެން ދިޔަ ދީނަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނެވެ. އެ ދީނުގައި އަހަރެމެން ދިރިއުޅެންވީ ހަމަ ހުރިހާ ރަނގަޅު ގޮތްތަކެއް ބަޔާންކޮށްދެއްވާފައިވެ އެވެ. އަހަރެމެން ނޫޅެންވީ ނުރަނގަޅު އެންމެހާ ގޮތްތަކެއްވެސް އޮޅުންފިލުވައިދީފައިވާ ފަދައިންނެވެ.

އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ބަދަލުނުކުރެވޭނެ ގަވާއިދުތަކެއް އެޔަށް ލޮޅުން އަރުވައިނުލެވޭ މުޑިތަކެއް ހިމެނިފައިވެ   އެވެ. އަހަރެމެންގެ އިސްލާމްދީނުގައި ދުނިޔޭގެ އެކި ތަންތަނާއި އެކި ޒަމާންތަކާއެކު އެތަނަކަށް އެޒަމާނަކަށް ފެތޭގޮތަށް ލާއިގުވާނޭހެން ބަދަލުވަމުންދާނެ ހުކުމްފުޅުތަކެއް ވެސް ލައްވާފައިވެ އެވެ. މުސްލިމުންނަކީ އެބައިމީހުންގެ ދީނުގެ މިދެންނެވުނު ބަދަލުވުމެއް ނެތް ސާބިތު މުޑިތަކަކީ ކޮބައިކަން ދެނެގެން އެޔަށް ތަޤްދީސްކޮށް، ހަމަ އެފަދައިން ބަދަލުވަމުންދާނެ ކަންކަމަކީ ކޮބައިކަމުގެ މައްޗަށް ސަމާލުކަންދީގެން ތިބެންޖެހޭނޭ ބުއްދިވެރި ބަޔެކެވެ.

ސާބިތު މުޑިތައް އެއީ ކޮންމެ ދުވަހަކަށް ބަދަލުވަމުންދާނެ އެއްޗަކަށް ހަދައި، ޒަމާނާއި ތަނާއި ގުޅިގެން ބަދަލު ގެންނަންޖޭހޭނޭ ކަންކަން އެއީ ބަދަލުވުމެއް ނެތް ބުދުތަކެއްކަމުގައި ހަދައިގެން އުޅެގެންފިނަމަ އިސްލާމްދީނެއް އެބަޔަކުގެ ތެރޭގައި ނޯންނާނެ އެވެ. އަދި އެބަޔަކަށް ލިބޭނެ ބާއްޖަވެރިކަމެއް އުފަލެއް ތިޔާގި ކަމެއް ނުމެ އޮންނާނޭ މެ އެވެ. ސުވާލުކޮށްލަން ބޭނުމެވެ. ތިޔަ އުޅެން އުޅެނީ ފަހެ ކޮން ދީނަކަށްހެއްޔެވެ؟

ހަމަ އެންމެ ކަމެއް ނަގާނަމެވެ. ދޮގުހެދުން ދޫކޮށްފައި ތެދުވެރިވުމެވެ. ތެދުބުނުމެވެ. ތެދުބަހުން ވާހަކަދެއްކުމެވެ. މިއީ ހަމަ އެއްވެސް ގޮތަކުން ބަދަލުވުމެއް މިޔަށް ނުގެނެވޭނެ ސާބިތު އިސްލާމީ މުޑިއެކެވެ. މުސްލިމަކަށް ތެދުބަހުން ވާހަކަދެއްކުން ދޫކޮށްލެވޭނެ ހަމަ އެއްވެސް ވަގުތެއް ޒަމާނެއް ތަނެއް މަކާނެއް މެދުވެރިއެއް ނުވާނެ އެވެ.

މުސްލިމުން ވާންޖެހޭނީ ތެދުވެރިންނަށެވެ. ތެދުބުނާ މީހުންނަށެވެ. ދޮގު ނަހަދާ މީހުންނަށެވެ. އެއީ ވެރިއެއް ރައްޔިތެއް ފިރިހެނެއް އަންހެނެއް ބައްޕައެއް ދަރިއެއް އަމަޔެއް ބަފަޔެއް ތަފާތެއް އޮންނާނެ ކަމެއް ވެސް ނޫނެވެ. މުއްސަންޖެއް ފަގީރެއް އިލްމުވެރިއެއް ޖާހިލެއް ވެސް އެކަމުގައި ތަފާތެއް ނުއޮންނާނެ އެވެ.

ބައެއް މީހުން ހީކުރަނީ އެންމެ މޮޅު ސިޔާސީ ލީޑަރަކީ އެންމެ ބޮޑު ދޮގުހެދޭ މީހާކަމަށެވެ. ބައެއް މީހުން ހީކުރަނީ ސިޔާސީގޮތުން ގައުމަށް އެންމެ ގިނަ ހިދުމަތްކުރި މީހަކަށްވާނީ، ރައްޔިތުންގެ ކުރިމަތީގައި އެންމެ ގިނަ ދޮގު މިހާތަނަށް ހެދޭ މީހެއްކަމަށެވެ. އަދި މި ވިސްނުމުގެ މައްޗަށް ބިނާކުރާ ސިޔާސީ ބައެއް ފިކުރުތަކުން އެބައިމީހުންގެ ސިޔާސީ ފިކުރަކީ އިސްލާމީ ފިކުރެއްކަމަށް ބުނެ ވަކާލާތުކޮށް ރައްޔިތުންގެ ލޮލުގައި އަނދުންއެޅުވުމަށް އެކުރާ މަސައްކަތްތަކަކީ ހަމަ ކަނޑައެޅިގެން އިސްލާމްދީނަށް ކުރާ ފުރައްސާރައެއްގެ ގޮތުގައި މެނުވީ އަހަންނަކަށް ނުފެނެ އެވެ. ސުވާލުކޮށްލަން ބޭނުމެވެ. ތިޔަ އުޅުއްވަނީ ކޮން ދީނަކަށްތޯ އެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox