ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟ ރަނގަޅު އެއްބަސްވުމެއް ނަމަ، ވޯޓު ކާމިޔާބުވާނެ

ރައީސް މުހައްމަދު މުއިއްޒު

ރައީސް މުހައްމަދު މުއިއްޒު

ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އެޕްރީލް 4، 2026 ގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލީ މީހުންގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ 10 މީހަކުން ހަތް މީހަކު ރައީސްގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމާއި، ފަސް ސިޓީގެ މޭޔަރުކަން އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރުމާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒު ވަނީ ބަލި ގަބޫލުކުރައްވައި "ރައްޔިތުންގެ ވިންދާ އެއްގޮތަށް" ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ އޭރު ވަރަށް އުންމީދީ ވާހަކަފުޅެކެވެ. ނަމަވެސް، ހަތް މަސް ފަހުން އެކަންވީ "ހޮޅި ވާހަކަ" އަކަށެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވަނީ ރަސްމާލެއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ސާފުކޮށް ވިދާޅުވެފަ އެވެ. އިންތިހާބުތައް ބާއްވާ ތާރީހާމެދު ރައްޔިތުންގެ ލަފާ ހޯދުމަށް ރިޔާސީ ގަރާރެއް ނެރުއްވި ރައީސް މިއަދު މިވަނީ، ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ގާތުގައި އަހަންޖެހޭ ކަމެއް ނޫން ކަމަށް ނިންމަވާފަ އެވެ.

އެ ބިޔަ ސަހަރު ހިއްކާފައި އެވަނީ ރައްޔިތުންގެ އެތައް ބިލިއަން ރުފިޔާއެއް ހަރަދުކޮށްގެންނެވެ. އެތަނާ ގުޅޭ ފޮނި އެތައް އުއްމީދެއް މުއިއްޒު ދެއްވިއިރު، ދައުލަތުގެ އަސްލު ވެރިން (ރައްޔިތުން)ގެ ގާތު ހޭވެސް އަހާ ނުލައި ބިދޭސީއަކަށް ރަސްމާލެ ވިއްކާލުމަކީ ވީ އަހުދާ ހިލާފު ކަމެކެވެ. ގާނޫނުއަސާސީގެ ރޫހާ ވެސް ހިލާފު އަމަލެކެވެ. މި ފުށުއެރުމުން އެކަނިވެސް، ރަސްމާލެ މުއާމަލާތް ކުރިއަށްދާ ގޮތުގެ ހަގީގަތް ހާމަވެ އެވެ.

Advertisement

ރަސްމާލެ މަޝްރޫއު ތައާރަފުކުރީ ދިވެހިންގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ގޮތުގަ އެވެ. މާލޭގެ ތޮއްޖެހުމުގައި އުޅޭ އާއިލާތަކާއި، ވެރިރަށުގައި ކުއްޔަށް އުޅޭތާ 15 އަހަރުވެފައިވާ އަތޮޅުތެރޭގެ ރައްޔިތުންނަށް އޮތް ހައްލެއްގެ ގޮތުގަ އެވެ. ޒަމާނީ ސަހަރެއްގެ ގޮތުގަ އެވެ. ދިވެހިންނަށް ތަރައްގިކުރަން ވައުދުވި ރަސްމާލެއިން އެންމެ ދުވަހަކަށްވެސް، ކުއްޔަށް ނުވަތަ ހިލޭވެސް ބޭރުގެ އެއްވެސް ފަރާތަކަށް ބިން ނުދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.

ނަމަވެސް، 21 ސެޕްޓެމްބަރުގައި ދުބާއީގައި ބޭއްވި ރަސްމިއްޔާތެއްގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ވަނީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އިޒްރޭލާ އިންތިހާއަށް ގާތް ގުޅުމެއް ބާއްވާ އަލައްބާރަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކުރަން އެއްބަސްވީ "ރަސްމާލެ ވޯޓާފްރަންޓް އެންޑް މެރީނާ" ނަމުގައި ރާއްޖޭގެ މަލަމައްޗާއި އިގުތިސާދު ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް ހިންގުމަށެވެ. 

މާލޭގެ ދެކުނުން 16 ކިލޯމީޓަރު ދުރުގައި އޮތް ރަސްމާލެގައި ތަރައްގީކުރާ އެ މަޝްރޫއުގައި  8،800 ގެދޮރާއި، ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން ބޭރުގެ ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ބްރޭންޑެޑް ރެސިޑެންސްތަކާއި ފިހާރަތައް ހިމެނެއެވެ. ޝޮޕިން މޯލްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހުރެ އެވެ. 

ނަމަވެސް ސުވާލަކީ މިއެވެ. ކުއްޔަށްވެސް އަދި ހިލޭވެސް ނުދޭނެ ކަމަށް ވިދާޅުވި ބިން ދޫކުރީ ކޮން އުސޫލަކުން ހެއްޔެވެ؟ އީގަލް ހިލްސްއިން ބިމުގެ އަގުގެ ގޮތުގައި ކުރިއާލާ އެއްވެސް ފައިސާއެއް ނުވަތަ ބިމު ކުއްޔެއް ދައްކާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ދައުލަތަށް ލިބެނީ ފުރަތަމަ ވިއްކާ އަގާއި ކުލީގެ އާމްދަނީގެ 10 ޕަސެންޓާއި، މިލްކުވެރިކަން ބަދަލުކުރާ ކޮންމެ ފަހަރަކު ލިބޭ 4 ޕަސެންޓުގެ ފީއެއްގެ އިތުރުން ޓޫރިޒަމް ޖީއެސްޓީ އެވެ. އަދި ހުޅުމާލެއިން ދޭން ނިންމާފައިވާ 5،000 ފްލެޓުގެ އަގުވެސް އުނިކުރަނީ ދައުލަތަށް ލިބޭ 10 ޕަސެންޓުގެ އާމްދަނީގެ ތެރެއިންނެވެ. ސާފު ބަހުން ބުނާނަމަ، ރައްޔިތުންގެ ފައިސާއިން ކަނޑުން ހިއްކި ބިން، އަމިއްލަ ޑިވެލޮޕަރަކަށް ވިއްކުމަށް މި ދޫކޮށްލަނީ ކުރިއާލާ އެންމެ ލާރިއެއްވެސް ދައުލަތަށް ނުލިބޭ ގޮތަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއްވެސް ރައީސަކު ކުރި ކަމެއް ނޫނެވެ. ހާދަހާވާ ބޮޑު ޖަރީމާއެކެވެ. 

އަލައްބާރާއެކު އެއްބަސްވުމުގައި ސޮއިކުރިތާ ހަތް ހަފުތާ ވެގެންދިޔައިރުވެސް، އޭގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެޓާނީ ޖެނެރަލް އުޝާމް ވިދާޅުވަނީ އެއީ "ލެޓާ އޮފް އިންޓެންޓް" އެއް ކަމަށެވެ. ނަމަވެސް އީގަލް ހިލްސްއިން ބުނަނީ އެއީ 12 ބިލިއަން ޑޮލަރުގެ މުއާމަލާތެއް ކަމަށެވެ. ސަރުކާރުން އެކި ފަހަރު މަތިން 11 ބިލިއަނުން ފެށިގެން 30 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދުތަކެއް ވަނީ ބުނެފަ އެވެ. ސަރުކާރުގެ މަދު ބަޔަކު ފިޔަވައި އެއްބަސްވުމުގައި އޮތް އެއްޗެއް އެނގޭ އެކަކުވެސް ނެތެވެ. ކެބިނެޓަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް އޭގައި އޮތް އެއްޗެއް ނެތް އެއްޗެއް ނޭނގެ އެވެ. 

މުއިއްޒުގެ ޖަވާބަކީ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވާނެ ކަމަށާއި، އެއީ ރައްޔިތުންނަށް ފޮނުވުން ފަދަ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ސަރުކާރު ހިންގާ ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހެއްގެ ކޮމިޓީއަކީ އާންމު ރައްޔިތުންނެއް ނޫނެވެ.  ނޮވެމްބަރު 17 ކުރިން ދާއިމީ އެއްބަސްވުމުގައި ސޮއިކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވާއިރު، މި މުއާމަލާތުގައި އެހެން މައްސަލަތައް ވެސް އެބަހުއްޓެވެ. ރަސްމާލޭގެ ބިމުގެ އަގު ވަޒަންކުރި ހެއްޔެވެ؟ އެފަދަ މިނިވަން ރިޕޯޓެއް އެބަ އޮތް ހެއްޔެވެ؟ އެފަދަ އެއްވެސް ކަމެއް ކުރިކަމަށް ނުވަތަ އެފަދަ ރިޕޯޓެއް އޮތް ކަމަށް މުއިއްޒު ވިދާޅުވެފައި ނެތެވެ. 

ބިމުގެ އަގަކީ އަކަފޫޓެއް 2000ރ. ކަމަށް ބަލާނަމަ ވެސް ހިއްކާފައިވާ ރައްސަމާލޭގެ 500 ހެކްޓަރުގެ ބިމުގެ އަގަކީ 107 ބިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް ދައުލަތުގެ ދެ އަހަރުގެ ބަޖެޓެވެ. މިވަރުގެ އަގުހުރި ތަނެއް އިއުލާނު ކުރުމެއް ނެތި ދޫކޮށްލެވޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަށްވީތީވެ މުއިއްޒަށް ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މި އަގުބޮޑު މުދާ ހިލޭ ދޫކޮށްލަން އެއްބަސްވުމުގައި ސޮއިކުރި ހިސާބުން ފެށިގެން މުއިއްޒު އާއި މުއްތޮލިބް އަދި އުޝާމް އެވަނީ ކުށްވެރިވެފަ އެވެ. ދައުލަތަށް ގައްދާރުވެފަ އެވެ. 

ރަސްމާލެ މަޝްރޫއުއަކީ ވިޔަފާރި މުއާމަލާތެއް ނަމަ އޭގެ އަދުލްވެރި ފައިދާ ދެފަރާތަށް ވެސް ކުރާނެ އެވެ. ނަަމަވެސް އެކަމެއް ރާއްޖެއިން ފެންނާކަށް ނެތެވެ.  ޖޯޖިއާ، ސާބިއާ އަދި އަލްބޭނިއާގައި އީގަލް ހިލްސްގެ މަޝްރޫއުތަކުގެ ތިންބައިކުޅަ އެއްބައި ހިއްސާ އެ ގައުމުތަކުގެ ސަރުކާރުތަކަށް އޮވެ އެވެ. ނަމަވެސް ހިލޭ ބިމެއް ދޫކޮށްލައިގެން ދިވެހި ރައްޔިތުންނަށް ލިބުނީ ބޮޅެކެވެ. 

ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށާއި، ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށެވެ. މި އުސޫލު އޮންނަނީ ސަބަބެއް އޮވެގެންނެވެ. އެއީ ކުއްޔަށް ދޫކުރާ ބިން ކޮންމެވެސް ދުވަހަކުން އަނބުރާ ދައުލަތަށް ލިބޭނެކަން ކަށަވަރު ކުރުމަށެވެ.

އީގަލް ހިލްސްއިން ފުރަތަމަ ބުނީ ކޮންމެ ފަހަރަކު ބިން ވިއްކާއިރު ނުވަތަ ވާރުތަވާއިރު، އަލުން 99 އަހަރުގެ މުއްދަތެއް ފެށޭނެ ކަމަށެވެ. ފަހުން އެ ލިޔުން ބަދަލުކުރި ނަމަވެސް،  މުއްތޮލިބު ވަނީ ބިން ބަދަލުކުރާ ކޮންމެ ފަހަރަކު 4 ޕަސެންޓުގެ ފީއަކާއެކު އާ ލީޒެއް ދޫކުރާނެކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަލަށް ހުށަހެޅި ރިއަލް އެސްޓޭޓް ބިލުން މިކަން ގާނޫނީ އޮނިގަނޑުގެ ތެރެއަށް މިވަނީ ވައްދާފަ އެވެ. މީގެ މާނައަކީ ބިން ގަންނަ ކޮންމެ މީހަކަށް އާ 99 އަހަރު ލިބި، މައި ޑިވެލޮޕަރުގެ މުއްދަތު ހަމަވިޔަސް އެމީހުންނަށް އޭގެ އަސަރެއް ނުކުރާނެ ކަމެވެ.

ބިން ބަދަލުވާ ކޮންމެ ފަހަރަކު މުއްދަތު އާވާނަމަ، އެއީ ދުވަހަކުވެސް ނިމުމެއް ނެތް ކުއްޔެކެވެ. މިގޮތަށް ބަޔަކަށް ބިން ދޫނުލުރެވޭނެ ކަމަށް ގަބޫލުކޮށް ކުރީގެ މެންބަރު އަލީ ހުސައިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ނަމަވެސް، ކޯޓުގެ ރެޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ. އެހެންކަމުން ގާނޫނުއަސާސީއާ ގުޅޭ މި ބޮޑު ސުވާލަށް ޖަވާބެއް ނުލިބި، އެކަން އޮތީ އެއްފަރާތް ކުރެވިފަ އެވެ.

މުސްތަގުބަލުގެ ސަރުކާރަކުން މި ނިންމުން ބަދަލުކުރަން ބޭނުންވި ނަމަވެސް، އެ ބިން އަނބުރާ ހޯދޭނީ ބާޒާރުގެ ފުރިހަމަ އަގު ދައްކައިގެންނެވެ. މީގެ ކުރިންވެސް އަޅުގަނޑުމެން މިފަދަ ތަޖުރިބާއެއް ކޮށްފީމެވެ. ޖީއެމްއާރު އެއްބަސްވުން އުވާލުމުން 271 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ. ޔޫއޭއީއާއެކު ވެފައިވާ އިންވެސްޓްމަންޓް ރައްކާތެރިކުރުމުގެ އެއްބަސްވުމާއި ބައިނަލްއަގުވާމީ އުސޫލުތަކުގެ ސަބަބުން، މުސްތަގުބަލުގައި މި އެއްބަސްވުމުން ސަލާމަތްވާން އޮތް ހަމައެކަނި މަގަކީ ރައްޔިތުންނަށް ނުއުފުލޭވަރުގެ ބޮޑު ބަދަލެއް ދިނުން ކަމުގައި ވެދާނެ އެވެ.

ރަސްމާލޭގައި އޫރުމަހާއި ރާ ނުހުންނާނެ ކަމަށާއި، ކެސީނޯ ނާޅާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގަންނަވާފައެވެ. މިއަދު ހުށަހެޅި ބިލުގައިވެސް ރިއަލް އެސްޓޭޓް ޒޯންތަކުގައި އެތަކެތި މަނާކޮށްފައިވެ އެވެ. ނަމަވެސް، އެ ބިލުގެ އެހެން މާއްދާއެއްގައި ބުނަނީ އެ ޒޯންތަކުގެ ތެރޭގައި ވަކި ފަތުރުވެރިކަމުގެ ވަސީލަތްތައް ގާއިމުކުރެވިދާނެ ކަމަށާއި، އެތަންތަން ހިނގާނީ ޓޫރިޒަމް ގާނޫނުގެ ދަށުން ކަމަށެވެ. ޓޫރިޒަމް ގާނޫނަކީ ރާއްޖެއަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަދޭ ގާނޫނެވެ. މާނައަކީ މުޅި ރަށު (ރަސްމާލެ) ގައި އެތަކެތި މަނާވިޔަސް، އޭގެ ތެރެއިން ވަކިކުރެވޭ ތަންތަނުގައި އެ ހުއްދަ އޮންނާނެއެވެ. މިއީ ރާއްޖޭގެ އިޖުތިމާއީ ފޭރާމަށް އަންނާނެ ބޮޑު ބަދަލެކެވެ. 

މި ފެށުން ދެން ވެގެން ދާނެ ގޮތަކީ މާލެ އާއި ރަށްރަށުގެ މަގުމަތީގައި ނޮން-ހަލާލު ރެސްޓޯރަންޓުތައް ހުޅުވި ރާބޯން ހާއްސަ ތަންތަން އެއީ މައްސަލައަކަށް ނުވާނެ ހިސާބަށް ގޮސްގެންނެވެ. 

މީގެ އިތުރުން، ރެސިޑެންސީ ވިސާގެ މައްސަލައަކީ ވެސް ކަންބޮޑުވުމެކެވެ. 250،000 ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ފަސް އަހަރުގެ ވިސާ ލިބޭނެ ކަމަށް އީގަލް ހިލްސްއިން އިޝްތިހާރު ކުރެ އެވެ. ސަރުކާރުން ބުނަނީ އިޒްރޭލުގެ ރައްޔިތުންނަށް ބިން ނުގަނެވޭނެ ކަމަށާއި، އެއް ގައުމަކަށް ނިސްބަތްވާ މީހުންނަށް ވިއްކޭނީ 25 ޕަސެންޓު ކަމަށެވެ. ނަމަވެސް މިފަދަ މާއްދާތައް ގާނޫނުގައި ހިމަނަން ޖެހުމުންވެސް އެނގެނީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މިންވަރެވެ. ގާނޫނަކަށް ގެންނަ ބަދަލެއް ދެން އަންނަ މަޖިލީހަކުން ބަދަލުކުރެވިދާނެ އެވެ. ނަމަވެސް ޖީލުތަކަކަށް ދޫކޮށްލާ ބިން އަނބުރާ ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މި ރަސްމާލެ މަޝްރޫއުއާ ދެކޮޅު ވުމަކީ، ދިވެހިން ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ވުމެއް ނޫނެވެ. ޓްރަމްޕް އޯގަނައިޒޭޝަނުން މާލެ ކައިރީގައި ހަދާ ހޮޓަލާ މެދު އެއްވެސް މީހަކު މުޒާހަރާއެއް ނުކުރެއެވެ. ނަމަވެސް ރަސްމާލެ ތަފާތެވެ. އެއީ ރައްޔިތުންގެ ފައިސާއިން ހިއްކި ބިމެކެވެ. އެއީ މާލޭގެ ބޯހިޔާވަހިކަމުގެ ހައްލުގެ ގޮތުގައި ދެއްކި ބިމެކެވެ. އެ ބިން ތަރައްގީކުރަން މިހާރު ރާވާފައިވާ ގޮތަށް ތަރައްގީކޮށްފި ނަމަ ދިވެހިރާއްޖޭގެ 900 އަހަރުވީ އިސްލާމީ ސިފައަށް ބަދަލު އަންނާނެކަން ޔަގީނެވެ. 

އެހެންކަމުން، އެމްޑީޕީއާއި، ކުރީގެ ރައީސް ޔާމީނާއި، މާލޭގެ މޭޔަރާއި، އިލްމުވެރިންގެ ގުޅުމުންވެސް ގޮވާލަމުންދަނީ އެއް ކަމަކަށެވެ. އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. މިހާ ތަފާތު ފިކުރުތަކުގެ މީހުން އެއް ކަމަކަށް ގޮވާލުމަކީ އެއީ ސިޔާސީ ކަމެއް ނޫން ކަމުގެ ހެއްކެކެވެ. އެއީ ރައްޔިތުންގެ ކަންބޮޑުވުމެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ގާނޫނު އެބައޮތެވެ. ރައީސް ވަނީ އޭޕްރީލް މަހު އެ ގާނޫނުގެ ބޭނުން ކުރައްވާފަ އެވެ. ރަސްމާލެއަކީ ރައީސްގެ އިހުލާސްތެރިކަން ވަޒަންކުރެވޭނެ އިމްތިހާނެކެވެ.

އެއްބަސްވުން ފުރިހަމައަށް ހާމަކުރާށެވެ. ބިމުގެ އަގު ވަޒަންކުރި ރިޕޯޓު އާންމުކުރާށެވެ. މައި އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލާށެވެ. މި ބިން ހިއްކަން ޓެކްސް ފައިސާ ދެއްކި ރައްޔިތުންގެ ގާތުގައި މިކަމާ މެދު ސުވާލުކުރާށެވެ. ސަރުކާރުން ބުނާހާ ރަނގަޅު އެއްބަސްވުމެއް ނަމަ، ވޯޓުން އެކަން ކާމިޔާބުވާނެ އެވެ. ވޯޓަކުން ކާމިޔާބު ނުވާނެ ކަމެއް ނަމަ، އެކަމުގައި ސޮއިކޮށްގެން ނުވާނެއެވެ. ރަސްމާލެއަކީ މުއިއްޒުގެ މިލްކިއްޔާތެއް ނޫނެވެ. އެއީ ދިވެހިރައްޔިތުންގެ މުދަލެކެވެ. އެތަން ހިއްކީ މުއިއްޒުގެ ފައިސާއަކުން ނޫނެވެ. ދިވެހިރައްޔިތުންގެ ފައިސާއިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox