ހަރުދަނާ ވެރިކަމެއްގެ އަސާސް: ގާބިލުކަމާއި އަމާނާތްތެރިކަން

ގާބިލުކަމާއި އަމާނާތްތެރިކަން ދޭހަކޮށްދޭ ސަރުކާރު އޮފީހު

ގާބިލުކަމާއި އަމާނާތްތެރިކަން ދޭހަކޮށްދޭ ސަރުކާރު އޮފީހު

އެމީހެއްގެ ތައުލީމާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ވަޒީފާ ދިނުމަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކަނޑައެޅިފައިވާ މިންގަނޑެކެވެ. އެއީ ކޮންމެ ވަޒީފާއެއް ކަމުގައި ވިޔަސް މެއެވެ. އެހެންކަމުން ގައުމެއް ހިންގުމަށް އިސްކުރެވޭ މީހަކީ، ތައުލީމާއި ތަޖުރިބާގެ ގޮތުންނާއި، ހިންގުމުގެ ހުނަރާއި، މީހުން ގޮވައިގެން އުޅެން އެނގުމުގެ ހުނަރު ފަދަ ކަންކަން ހުރުން މުހިންމު އަދި ލާޒިމު މީހެކެވެ. އަދި އެއީ އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް ދައްކުވައިދީފައިވާ މަގު ވެސް މެއެވެ.

ވެރިކަމަކީ ގައުމެއް ނުވަތަ މުޖުތަމައެއް ބަލަހައްޓައި، ހިންގައި، އަދި ކަންކަން ނިންމުމުގެ މަތީ ބާރެވެ. މީގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމެވެ. ވެރިކަމުގެ މުހިންމު ބޭނުމަކީ، ދާހިލީ އަދި ހާރިޖީ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމުގެ ގޮތުން އަމާން ވެއްޓެއް ގާއިމުކޮށްދިނުމާއި، ރައްޔިތުންނަށް ބޭނުންވާ ތައުލީމާއި، ސިއްހަތާއި، ދިރިއުޅުމުގެ އެހެނިހެން ޟަރޫރީ ހިދުމަތްތައް ގާއިމުކޮށްދިނުމާއި، ހަރުދަނާ އިގްތިސާދީ ނިޒާމެއް ގާއިމުކުރުމެވެ.

ގާބިލު ވެރިއަކު ހުރުމަކީ ގައުމެއްގެ މިސްރާބު ރަނގަޅު މަގުން ހިފަހައްޓައި، ހަމަޖެހުމާއި ތަރައްގީ ކަށަވަރުކޮށްދޭ އެންމެ މައިގަނޑު ބާރެވެ. ގާބިލުކަމަކީ ހަމައެކަނި ބާރު ހިންގުމެއް ނޫނެވެ؛ އެއީ އިލްމާއި، ހިކުމަތާއި، އަދި ހުނަރުގެ އެހީގައި ރައްޔިތުން ގޮވައިގެން ކުރިއަށްދިއުމެވެ.

ހަރުދަނާ ވެރިއަކު ހުރުމުގެ ބޭނުމަކީ، ގައުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތަކުގައި ސާބިތުކަމާއެކު އަވަސް ނިންމުންތައް ނިންމުމާއި، ވަކި ފަރާތަކަށް ނުޖެހި، ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކު އިންސާފު ގާއިމުކުރުމާއި، ދުރުވިސްނޭ، ހިކުމަތްތެރި ސިޔާސަތުތަކެއްގެ ދަށުން ގައުމުގެ މުސްތަގްބަލު ބައްޓަންކުރުމާއި، މުޖުތަމައުގެ ބައިބައިވުންތައް ނައްތާލައި، އެއްބައިވަންތަކަމާއި ސުލްހަމަސަލާސްކަން ދެމެހެއްޓުމާއި، ދައުލަތުގެ މުއައްސަސާތަކަށް ނަމޫނާ ދައްކުވައި، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނިޒާމެއް ހިންގުމެވެ.

މިކަންކަން ކުރުމަށްޓަކައި ހަރުދަނާ ވެރިއަކު ހުރުމަކީ ގައުމެއް ނުވަތަ މުޖުތަމައެއް ކުރިއަރައިދިއުމުގެ އެންމެ މުހިންމު ބިންގަލެވެ. ހަރުދަނާ ވެރިއެއްގެ ސަބަބުން މުޅި ނިޒާމު ސީދާވެ، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެއެވެ.

އިސްލާމީ ނަޒަރަކުން ވެރިކަމާއި ގާބިލިއްޔަތު

އިސްލާމްދީނުގައި ވެރިކަން ކުރުމުގެ ގާބިލުކަމާއި އަމާނާތްތެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު ވެރިކަމަކީ ބޮޑު މަސްއޫލިއްޔަތެކެވެ. 

އަލްބަޤަރާ ސޫރަތުގެ 247 ވަނަ އާޔަތުގައި ޠާލޫތުގެ ރަސްކަމާ ބެހޭ ގޮތުން ﷲ ވަޙީކުރައްވާފައިވާ އާޔަތުން ހާމަވެގެންދަނީ ވެރިއެއްގެ ކިބައިގައި ޢިލްމާއި ހުނަރު ހުރުމުގެ މުހިންމުކަމެވެ. އަދި ސޫރަތު ޔޫސުފްގެ 55 ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވާ ބަސްފުޅުން ހާމަވެގެންދަނީ ވެރިއެއްގެ ކިބައިގައި އިލްމާއި ހުނަރު އަދި އަމާނާތްތެރިކަން ހުރުމުގެ މުހިންމުކަމެވެ.

"އެކަލޭގެފާނު ވިދާޅުވިއެވެ. (މިޞްރުގެ) ބިމުގެ ހަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ." (ސޫރަތު ޔޫސުފް: 55)

މިއާޔަތުން މުހިންމު ތިން ކަމެއް ހާމަވެގެންދެއެވެ.

  • ގާބިލުކަމާއި އިތުބާރު ހުރުން: މަގާމުތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރަންވާނީ އެކަމެއްގެ އިލްމާއި، ތަޖުރިބާ އަދި ގާބިލުކަން ހުރި ތެދުވެރި އަމާނާތްތެރި މީހުންނަށެވެ.
  • ތިމާގެ ކިބައިގައި ހުރި ގާބިލުކަން ހާމަކުރުން: ގައުމަށް ނުވަތަ މުޖުތަމައަށް ބޮޑު ބޭނުމެއް ޖެހިފައިވާ ހިނދެއްގައި، އެކަމެއް ހައްލުކުރުމުގެ ގާބިލުކަން ތިމާގެ ކިބައިގައި ހުރިނަމަ، އެކަމަށް އިސްނަގައި ހިދުމަތަށް ކުރިމަތިލުމަކީ ކުރުން ހުއްދަ ކަމެކެވެ.
  • އަމާނާތްތެރިކަމާއި އިލްމުވެރިކަން: ވެރިކަމާއި އިގްތިސާދީ ކަންކަން ބެލެހެއްޓުމުގައި އެންމެ މުހިންމީ "ހަފީޒް" (ރައްކާތެރިވާ/އަމާނާތްތެރި) އަދި "އަލީމް" (އިލްމުވެރި/ކަންތައްތައް ދަންނަ) މީހަކަށް ވުމެވެ.

އަބޫޛައްރު ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. "އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު ތިމަންކަލޭގެފާނަށް (ވެރިކަމުގެ މަގާމެއް) ހަވާލުނުކުރައްވަނީތޯއެވެ؟" ކީރިތި ރަސޫލާ ﷺ ތިމަންކަލޭގެފާނުގެ ކޮނޑުފުޅުގައި އަތްޕުޅުން ޖައްސަވާލެއްވުމަށްފަހު ހަދީޘްކުރެއްވިއެވެ.

"އޭ އަބޫ ޛައްރެވެ! ހަމަކަށަވަރުން ކަލޭގެފާނަކީ (ވެރިކަމުގެ ކަންކަމުގައި) ބަލިކަށި ބޭފުޅެކެވެ. އަދި ހަމަކަށަވަރުން އެއީ (އުފުލަންޖެހޭ ބޮޑު) އަމާނާތެކެވެ. އަދި ގިޔާމަތްދުވަހުން އެއީ އިހާނެތިކަމާއި ހިތާމަހުރި ކަމެކެވެ. އެކަން އޭގެ ހައްގު ގޮތުގައި ހިފައި، އެކަމުގައި އޭނާގެ މައްޗަށްވާ ވާޖިބުތައް އަދާކޮށްފި މީހަކު މެނުވީއެވެ." (ޞަޙީޙު މުސްލިމް)

މިހަދީސުން ހާމަކޮށްދެނީ ވެރިކަން ހިންގުމާއި، ސިޔާސަތު ކަނޑައެޅުމާއި، އިދާރީ ހިންގުމަށް ބޭނުންވާ އިލްމާއި ތަޖުރިބާ ހުރުމަކީ ހަރުދަނާ ވެރިއެއްގެ ކިބައިގައި ހުރުން ލާޒިމު ސިފައެއް ކަމެވެ. ދައުލަތުގެ އިސްމަގާމުތަކަކީ ޝަރަފެއް ނުވަތަ މުދާ ހޯދާ ވަސީލަތެއް ނޫނެވެ. އެއީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ހަވާލުކުރެވޭ ބޮޑު އަމާނާތެކެވެ. ޒިންމާއެކެވެ. މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، އޭގެ ވާޖިބުތައް އަދާނުކޮށްފި މީހާއަށް ގިޔާމަތްދުވަހު ލިބޭނީ ހިތްތަދިކަމާއި ނިކަމެތިކަމެވެ. އެ މަގާމަކަށް އެންމެ އެކަށީގެންވާ، ގާބިލު އަދި އަމާނާތްތެރި މީހާ ނޫނީ މަގާމުތަކާ ހަވާލުވެގެންނުވާނެެވެ.

ކޮންމެ މީހަކަށް ވެސް ހަވާލުކުރެވޭ މަސްއޫލިއްޔަތަކާ މެދު ގިޔާމަތްދުވަހުން ޒިންމާ އުފުލަންޖެހޭނެއެވެ. މަގާމުތަކަށް ވެސް މީހުން އިސްކުރަންވާނީ އޭނާގެ އިލްމުވެރިކަމާއި، އެ މަސައްކަތަކަށް ގާބިލު މީހެއްތޯ ބެލުމަށް ފަހުގައެވެ. އިސްލާމްދީނުގައި ވެރިއެއްގެ ގާބިލިއްޔަތުކަމަކީ ހަވާލުކުރެވޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށް، ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ހޯދައިދިނުމުގެ ތޫނުފިލިކަމާއި، ހިތްވަރާއި، އިލްމާއި ކެރުންތެރިކަން ހުރުމެވެ.

ތާރީހަށް ބަލާއިރު، ދައުލަތް ހިންގުމުގެ އިދާރީ އޮނިގަނޑު އެންމެ ފުރަތަމަ ތަރައްގީކުރެއްވުމާއި، ރަށްރަށަށް ގާޒީންނާއި ގަވަރުނަރުން އައްޔަންކުރެއްވުމާއި، ބައިތުލްމާލު ތަރުތީބުކުރެއްވުމާއި، ސިފައިންގެ ރެޖިސްޓްރީއާއި ޕޯސްޓްގެ ނިޒާމު ތައާރަފުކުރެއްވުމަކީ އުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ އަންހު ދައުލަތް ހިންގެވުމުގައި މުއައްސަސާތައް އުފެއްދެވުމުގެ ގާބިލުކަން ހުންނެވި ބޭކަލެއްކަން ހާމަވެގެންދާ ކަންކަމެވެ.

އަދި ހަމައެހެންމެ، ދައުލަތުގެ ހަރުދަނާ މާލީ ސިޔާސަތާއި، ނާޖާއިޒު ގޮތުގައި މީހުން ހޯދާފައިވާ މުދާތައް ދައުލަތަށް ނެންގެވުމުގެ ހިތްވަރާއި ކެރުންތެރިކަމުގެ ސަބަބުން އެންމެ ދެ އަހަރާއި ބައިގެ ތެރޭގައި މުޅި އިސްލާމީ ދައުލަތުން ފަގީރުކަން ނައްތާލެއްވި އުމަރު ބިން އަބްދުލްއަޒީޒު ރަހިމަހުﷲ ގެ ވެރިކަމުން ހާމަކޮށްދެއްވި މުހިންމު އެއްކަމަކީ، އިގްތިސާދީ ވިސްނުމުގެ ހުނަރުވެރިކަމަކީ ވެރިއެއްގެ ކިބައިގައި ހުރުން ލާޒިމު ސިފައެއް ކަމެވެ. މިއީ މާޒީގައި އިސްލާމީ ވެރިކަންތަކުގައި މުސްލިމު ލީޑަރުން ދައްކުވައިދީފައިވާ ނަމޫނާ ވެރިކަންތަކެވެ.

ވެރިކަމުގައި ގާބިލުކަން ހުރުން މުހިންމުވާ ސަބަބުތައް

ވެރިކަމާއި އިދާރީ މަގާމުތަކުގައި ގާބިލުކަން ހުރުން ކޮންމެހެން މުހިންމުވަނީ އެކަމުގެ ސަބަބުން މުޅި މުޖުތަމައުގެ މަސްލަހަތާއި ދައުލަތުގެ ކުރިއެރުން އެކަމަށް ބިނާވެފައިވާތީއެވެ. ހަމައެކަނި ހެޔޮލަފާ ނިޔަތެއް ނުވަތަ ތަގުވާވެރިކަމެއް ހުރުމަކުން މުއައްސަސާއެއް ނުވަތަ ގައުމެއް ނުހިންގޭނެއެވެ.

ގާބިލުކަން މުހިންމުވާ މައިގަނޑު ސަބަބުތައް:

  1. ރައްޔިތުންގެ ހައްގުތަކާއި އަމާނާތް ރައްކާތެރިކުރުން: ވެރިކަމަކީ ރައްޔިތުންގެ ފުރާނައާއި، މުދަލާއި، އަބުރާ ގުޅިފައިވާ ބޮޑު އަމާނާތެކެވެ. ގާބިލުކަން ނެތް މީހަކު އިސްވެއްޖެނަމަ، ނޭނގި ހުރެވެސް ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނާނެއެވެ. އަދި ބޭއިންސާފުން ކަންކަން ނިމި، އަމާނާތަށް ހިޔާނާތްތެރިވެވުން ގާތްވާނެއެވެ.
  2. ދަތި ވަގުތުތަކުގައި ރަނގަޅު ނިންމުން ނިންމުން: ގައުމުތަކަށް ދިމާވާ އިގްތިސާދީ ކާރިސާތަކާއި، ބަލިމަޑުކަމާއި، ނުވަތަ ހަނގުރާމައިގެ ވަގުތުތަކުގައި ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ތޫނުފިލިކަމާއި ދުރުވިސްނުމެވެ. ގާބިލު ވެރިންނަށް ނުރައްކާތެރި ދަނޑިވަޅުތަކުގައި ހާސްނުވެ، ގެއްލުން ކުޑަކުރެވޭނެ ހަރުދަނާ ސިޔާސީ އުކުލުތައް އެކަށައަޅަން އެނގޭނެއެވެ.
  3. އިސްރާފާއި ކޮރަޕްޝަން ހުއްޓުވުން: ހިންގުމުގެ ދާއިރާއަށް ނާގާބިލު މީހަކު އިސްކުރުމުން ދައުލަތުގެ މާލިއްޔަތުން ބޮޑެތި އިސްރާފުތައް ވާނެއެވެ. އެއީ ނާގާބިލުކަމުގެ ސަބަބުން ކަންކަމަށް ކުރަންޖެހޭ ހަރަދު މެނޭޖުކުރަން ނޭނގުމާއި، ނުހައްގު މީހުންނަށް މަގާމުތައް ދެވޭތީއެވެ. ގާބިލު ލީޑަރަކަށް ދައުލަތުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރަން އެނގޭނެއެވެ.
  4. މުޖުތަމައުގެ ބައިބައިވުން ނައްތާލައި ސަފުތައް ބަދަހިކުރުން: ވެރިކަން ކުރުމުގެ ހުނަރު ހުންނަ މީހަކަށް، ތަފާތު ހިޔާލުތަކުގެ މީހުން ގޮވައިގެން އުޅެން އެނގޭނެއެވެ. އޭނާ ކަންކަން ނިންމާނީ އަމިއްލަ ޖަޒުބާތުގައެއް ނޫނެވެ. ނަމަވެސް، ހިކުމަތްތެރިކަމާއެކު ދޫދޭންޖެހޭ ތަންތަނުގައި ދޫދީ، ހަރުކަށިވާންޖެހޭ ތަންތަނުގައި ހަރުކަށިވެގެން މުޖުތަމައުގެ ހަމަޖެހުން ހިފަހައްޓާނެ އެވެ.
  5. ގައުމުގެ ކުރިއެރުމާއި ތަރައްގީ މެދުނުކެނޑި ކުރިއަށްދިއުން: ދައުލަތެއްގެ ދާއިރާތައް (ތައުލީމީ، ސިއްހީ، އަދި އިގްތިސާދީ) ކުރިއާނީ އެ ދާއިރާތަކުގެ އިސްމަގާމުތަކަށް އެކަމުގެ އިލްމާއި ތަޖުރިބާ ހުރި ގާބިލު މީހުން އައްޔަންކޮށްގެންނެވެ. އެހެންނޫންނަމަ، މުޅި ނިޒާމު ފަހަތަށް ސިއްސައިގެންދާނެއެވެ.

ނާގާބިލުކަމުގެ ސަބަބުން ދިމާވެދާނެ މައިގަނޑު ނުރައްކާތައް:

  1. އަދުލުއިންސާފު ގެއްލި، އަނިޔާވެރިކަން އާންމުވުން: ނާގާބިލު ވެރިއަކަށް ހެވާއި ނުބައި ވަކިކުރާކަށް ނޭނގޭނެއެވެ. އޭގެ ސަބަބުން ކުށްވެރިން ސަލާމަތްވެ، މައުސޫމް މީހުންނަށް އަދަބު ލިބޭނެއެވެ. ހައްގުވެރިންނަށް އެމީހުންގެ ހައްގުތައް ނުލިބި، މުޖުތަމައުގައި ބޭއިންސާފާއި އަނިޔާވެރިކަން ފެތުރިގެންދާނެއެވެ.
  2. އިގްތިސާދީ ހީނަރުކަމާއި ދައުލަތް ބަނގުރޫޓުވުން: މާލީ އަދި އިގްތިސާދީ ގާބިލުކަން ނެތް މީހުން ބޮޑެތި ޒިންމާތަކާ ހަވާލުވުމުން، ދައުލަތުގެ ބަޖެޓު ނާޖާއިޒު ގޮތުގައި އިސްރާފުވާނެއެވެ. ދުރުވިސްނޭ އިގްތިސާދީ ސިޔާސަތުތައް ނޭނގުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، ގައުމު ދަރަނިވެރިވެ، ރައްޔިތުން ފަގީރުކަމުގެ ތެރެއަށް ވެއްޓޭނެއެވެ.
  3. ކޮރަޕްޝަނާއި އާއިލީ ނުފޫޒު ފެތުރުން: ނާގާބިލު ލީޑަރެއްގެ ވަށައިގެން އަބަދުވެސް ތިބޭނީ އަމިއްލަ އެދުން ބޮޑު، މަކަރުވެރި މީހުންނެވެ. އޭނާއަށް މީހުން ވަޒަންކުރަން ނޭނގޭތީ، މަގާމުތަކަށް އިސްކުރާނީ ގާބިލު މީހުންގެ ބަދަލުގައި އޭނާގެ ގާތް ތިމާގެ މީހުންނާއި ސަނާކިޔާ މީހުންނެވެ. މީގެ ސަބަބުން މުޅި ދައުލަތުގެ ނިޒާމުގައި ކޮރަޕްޝަން ހަލުވިކަމާއެކު ފެތުރޭނެއެވެ.
  4. ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުން: ހާރިޖީ އަދި ދިފާއީ ސިޔާސަތުތަކަށް ނާގާބިލު މީހަކު އިސްވެއްޖެނަމަ، އެތެރޭގެ ހަމަޖެހުން ގެއްލި، ބޭރުގެ ނުފޫޒުތަކަށް ގައުމު ހީނަރުވާނެއެވެ. ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި (މިސާލަކަށް: ހަނގުރާމަ، ބަލިމަޑުކަން، ނުވަތަ ގުދުރަތީ ކާރިސާ) ރަނގަޅު ނިންމުން ނުނިންމުމުގެ ސަބަބުން ގިނަބައެއްގެ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތައް ވާނެއެވެ.
  5. ރައްޔިތުންގެ އިތުބާރު ގެއްލުން: ވެރިންގެ ނާގާބިލުކަމުގެ ސަބަބުން އަސާސީ ހިދުމަތްތައް (ސިއްހަތު، ތައުލީމު، ފެނާއި ނަރުދަމާ) ބުރޫއަރަން ފެށުމުން، ވެރިކަމުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު މުޅިން ގެއްލޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި ހަމަނުޖެހުމާއި، މުޒާހަރާތަކާއި، ދާހިލީ ހަމަނުޖެހުމަކަށް މަގުފަހިވެ، މުޅި ގައުމުގެ ސުލްހަމަސަލަސްކަން ގެއްލިގެންދާނެއެވެ.

ކީރިތި ރަސޫލާ ﷺ އަބޫ ޛައްރު ރަޟިޔަﷲ އަންހަށް ދެއްވި ނަބަވީ އިރުޝާދުގެ އަލީގައި ހާމަވެގެންދަނީ، ވެރިކަމާއި އިދާރީ މަގާމުތަކަކީ އަމިއްލަ ޝަރަފާއި ލައްޒަތު ހޯދުމުގެ "ތަހުތެއް" ނޫން ކަމާއި، އެއީ ގިޔާމަތްދުވަހުން އެއާމެދު ބޮޑުވެގެންވާ ހިސާބު ބެއްލެވޭނެ "އަމާނާތެއް" ކަން ކަށަވަރުވެއެވެ. އިސްލާމީ ސިޔާސަތުގައި ވެރިކަމުގެ އަސާސަކީ، މަސްއޫލިއްޔަތަކީ އުފުލަންޖެހޭ ބުރައެއް ކަމާއި، އެއީ ހަމައެކަނި ލިބޭ ޝަރަފެއް ނޫން ކަމެވެ.

ފަހުގެ ޚަބަރު

ޒުވާނުންނާއި ޒަމާނީ މަސައްކަތުގެ މާހައުލު

ދިވެހި ޒުވާނުން މަސައްކަތްތަކާ ދުރުވަނީ ކަންނެތްކަމުން ކަމަށް ބުނާ ބުނުމަކީ ހަގީގީ ދިރާސާއެއްގެ މައްޗަށް ބިނާވެފައިވާ ވާހަކައެއް ނޫނެވެ. ޒުވާނުން ވަޒީފާއަށް ނުކުތުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދިރިއުޅުމުގެ ހަރަދުތަކާ ނުބައްދަލު ދަށް އުޖޫރައާއި، މަސައްކަތުގެ މާހައުލުގައި ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ނެތުމެވެ. އެހެންކަމުން، ވަޒީފާގެ ބާޒާރުން ދިވެހިން އެކަހެރިވާ ސަބަބުތައް ދެނެގަތުމަށް އިލްމީ ދިރާސާތަކެއް ކުރުން މުހިންމެވެ.

އެގާރަސަތޭކަ ނަވާރަ މީހުންގެ އެއްބަސްވުމާ ދެކޮޅު، 1120 ވަނަ މީހާ

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުމަށް، އެ ޕާޓީގެ ކޮންގްރެސްގެ 1،119 މަންދޫބުން އިއްތިފާގުން ވަނީ ނިންމާފައެވެ. އެއްވެސް މީހެއްގެ އިއުތިރާޒެއް ނެތި މި ނިންމުން ނިންމި ނަމަވެސް، މިއީ ސިޔާސީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ފަދަ ތަފާތު ނަތީޖާއެކެވެ.

އަހަރެމެން ދިވެހިންނާ ހެދި ކިހާ ބަޔަކު އިސްލާމްވެދާނެބާ؟

މުސްލިމުން އިސްލާމްދީން އުގެނި ދަސްކުރީ މާތް ނަބިއްޔާ މުހައްމަދުގެފާނުގެ އަރިހުންނެވެ. މުސްލިމުން އިތުރު އެކަލޭގެފާނުގެ އަރިހުން ދަސްކުރި އަމަލީ އިސްލާމްދީން އިސްލާމީ އުންމަތް އޭގެ ކުރިބޯއްޓަށް އަރާފައި ދުޝްމަނުންގެ އަތުން ބަލިވެ ބަގުދާދު ފުނޑި ސުންނާފަތިވީއިރުވެސް މުސްލިމުންގެ މެދުގައި ދިރިދިރި އޮތެވެ. މީގެ އެތައް މިސާލެއް ތާރީހުން ފެނެ އެވެ.

ގައުމީ އިގުތިސާދު ނާޒުކު ފައްތަރެއްގައި!

ރާއްޖޭގެ އިގުތިސާދީ ހާލަތު ނާޒުކުވެ، ޑޮލަރު ލިބުމުގެ ދަތިކަމާއި ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ އެތެރެކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރިތައް ހުއްޓުމުގެ ބިރު ހީވެ، ބާޒާރުގައި ތަކެތީގެ އަގު އުފުލި އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ.

އާގުބޯޓު ފަހަރު ބަނދަރުކުރާ ސަރަހައްދު ގައުމީ ސަލާމަތަށް ނުރައްކާ

މާލޭގެ 'ސޭފް އެންކަރޭޖް' ސަރަހައްދުގައި ބޮޑެތި އުޅަނދުފަހަރު އެޅުމަކީ ބްރިޖާއި އެއާޕޯޓް ފަދަ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން އުޅަނދުތައް ކަހައިގެން ގޮސް ހިނގާ ހާދިސާތައް އިތުރުވަމުންދާތީ، މި ސަރަހައްދު ބޭނުންކުރުމުގެ އުސޫލުތައް އަލުން މުރާޖައާކޮށް ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ.

ޕީއެންސީގެ "އެލީޓުން" ރައީސަށް މިދެއްވާ މެސެޖަކީ ކޮބާ؟

ޕީއެންސީގެ އެތެރޭގެ އިންތިޚާބުތަކަކީ އެމްޑީޕީއާ ޚިލާފަށް ކޮންގްރެސްގެ ތެރެއިން ސިއްރު ވޯޓަކުން މަގާމުތައް ކަނޑައަޅާ އިންތިޚާބުތަކެކެވެ. ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީގެ ރައީސްކަން އެމަނިކުފާނަށް ލިބިވަޑައިގަތުމާއެކު، ޕާޓީގެ އެތެރޭގެ މަސްލަހަތަށާއި އިންތިޚާބީ ނިޒާމަށް ބަދަލުތަކެއް އަންނަމުންދާކަން މި ލިޔުމުން ފާހަގަކުރެއެވެ.

ދަރިވަރުންނަށް ރާއްޖެ އިސްލާމް ވީދުވަސް ބުނެދިނުން

ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚާއި އެކަމާ ގުޅޭ މުހިންމު ހާދިސާތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން އިސްލާމްދީނުގެ މާތްކަމާއި، އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީގެ މަސައްކަތްޕުޅުން ރަންނަމާރީގެ ބިރުވެރިކަމުން ދިވެހިން ސަލާމަތްވި ގޮތުގެ މައުލޫމާތު ކުދިންގެ އުމުރާ ގުޅޭގޮތަށް ބުނެދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox